އަދަބީއްޔާތަކީ ކޮބައިތޯއެވެ؟

ކުރޮޅި އާދަމް ޒާހިރު
 
 [އަދަބޭ] ދުލުން ލުއިކޮށް ކިޔަސް ރަންވަންނި ހިލިދާ ލަފުޒެކޭ
މަދަދާ  އެހީ  ލިބިދާ   އެއީ   ވޭނުން    ނިވާވާ   ލަފުޒެކޭ
ބަހަކީ ހިތާ މޭ  ޗިސްކުރާ   ބުނެވޭގޮތުން   ރުޅި އިސްކުރާ
ސަހަނާ ފުރަން  ރޮއްވައި ކަރުނަ  ގަބަރާ ކުރާ  ބާރެއް މެއޭ
ބަހަކުން އަސަރު ލިބިދޭނެނީ  ބަހުގައި ހިނގާ [ޚިޖަމާއު]ނޭ
ފަހަކުން އަސަރު  ނުފިލާގޮތީ [ވަހުގައި] ލަފުޒު  ގެތުނީމައޭ

އެއްވެސް ޝައްކެއް ނެތެވެ. އަދަބިއްޔާތަކީ ބަހެއްގެ އަހުލުވެރިން އަބަދުވެސް އޭގެ އަސަރުގެ ވާހަކަ ދައްކަދައްކާ އުޅޭ ބަހުގެ އަސަރެކެވެ. ބަހެއް އޮންނަ ނަމަ އެއާއެކު ދިރިދާ ފުރާނައެކެވެ. ޚާއްސަކޮށް މަދަރީ ބަހެއްގައިނަމަ އެ ބަހެއްގެ އަހުލުވެރިން އެ އިހުސާސް ވަރަށް ރަނގަޅަށް ހިމާޔަތްކުރާ އިހުސާސެކެވެ. އެއާއެކު އުފެދޭ އެންމެހާ ލިޔުންތަކާއި ފާޅުކުރުންތަކާއި ތަރުޖަމާތަކެވެ. މިއީ އަޅުގަނޑު ފިކުރުކުރާގޮތެވެ.
އާދޭހެވެ. [އަދަބު] މިއީ ވަރަށް ލުއި ލަފުޒެކެވެ. އަޑުގައި ހިމެނޭ [ބާ] ނޫނީ އެވަރަށްވެސް ހިފައިލަންޖެހޭ އަޑެއް އެ ލަފުޒުގައި ނެތެވެ. ނަމަވެސް ދަންނަވައިލަންޖެހެނީ [އަދަބު] މިއީ އޭގެ ރަންވަންނި ނުވަތަ ވިދާ ބެބުޅުމާއި ރަންވަންތަ ކަމުގެ އަގު ބޮޑޭއެވެ. އަސާރު ގަދަކަމުގެ ވާހަކައެވެ. ބަހުން މީހުން ރޮއްވައެވެ. ހެއްވައެވެ. ލަދު ގަންނުވައި ރާޑިކުރެއެވެ. މީހާގެ ހިތުން އުފައްދާ އެތައްއެތައް އިހުސާސެއް އަޑުތަކަކުން އަތުރައިލައިގެން އެހެން ހިތްތަކަށް ފޯރުކޮށްދެއެވެ. އެހިސާބުން އެމީހާވެސް އަސަރެއްގައި ޖެހެއެވެ. އެހެންކަމުން މިއީ ވަރަށް ބަރު ލަފުޒެކެވެ.
އަދަބު، މި ލަފުޒުން ނުލިބެނީ ކޯޗެއްތޯއެވެ؟ ފަރުވާއެއްކަމުގައިވެއެވެ. [އޯރަލް ތެރަޕީ] އޮންނަނީ އެހެންވީމަތާއެވެ. [އޯރަލް ކައުންސެލިން] އޮންނަނީވެސް އެހެންވެތާއެވެ. [ނަސޭޙަތް] އޮންނަނީވެސް ހަމަ އެހެންވެ ނޫންތޯއެވެ. ވީމާ މިއީ ލިބޭ އެތައް ވޭނަކާއި އުދާހުގެ ފަރުވާއެވެ. ނުއެނގުމާއި މުހުތާދުތަކުގެ ފަރުވާއެވެ. ލިބޭ ޖަޒުބާތީ ވޭންތަކުގެ ފަރުވާއެވެ. ކީއްވެތޯއެވެ؟ ބަހުގައި އަސަރު އުފެދި ބޮޑުވެއެވެ. އެކަން ވުމަށް މެދުވެރިވާ ޝަރުތަށް އަޅުގަނޑު ކިޔަނީ [ޚިޖަމާއު] އެވެ. ޚިޔާލާއި ޖަޒުބާތާއި މާނައާއި އުސްލޫބެވެ. ފާޅުކުރާ ލަފުޒުން އިހުސާސްކުރެވުނު ބިރު، ފަކުރު، ލޯބި، ރުޅި ހިތުން ނުފިލައި އެ ހުންނަނީ މި ދެންނެވި އަދަބީ ލަފުޒުތައް ގެތި އެމުނިފައިވާގޮތުންނެވެ. އެހެންކަމުން އަދަބަކީ މިދެންނެވި އެންމެހާކަމެއްގެ އަސްލުން އުފެދޭ ބަހަވީ މޮޅު ގޮތްތަކެވެ.
1- އަދަބިއްޔާތުގެ މާނަ:
[އަދަބިއްޔާތު] މި ލަފުޒު ހެދިފައި މި ވަނީ [އަދަބު] އިންނެވެ. [އަދަބު] ގެ ޙަޤީޤީ މާނަ މިއަދާހަމައަށްވެސް ބަހުގެ ގޮތުން ނުހޯދެއެވެ. ނަމަވެސް އަދަބު، ގެމާމައާމެދު  ޑރ. ރޯހީ ބާލް ބޭކީ (2009) ހާމަކުރާގޮތުގައި މިއީ މާނައިގެ ގޮތުގައި ރީތި، ރަނގަޅު، މޮޅު، ކަމުދާ، މި ދާއިރާގެ ތެރޭގެ ހުރިހާ މާނައެއް ހިމެނޭ ލަފުޒެކެވެ. މީގެ އިތުރަށް މި ލަފުޒުގެ މާނައިގައި ތަޢުލީމާއި އުނގެނުން ވެއެވެ. ތަންދޮރު އޮޅުންފިލުމާއި ޤާބިލުގެ މާނަ ހިމެނެއެވެ. އަޚްލާޤާއި އުސޫލީ ވައްޓަފާޅިވެސް ހިމެނެއެވެ. ރަނގަޅާއި ފައިދާއާއި އޮފްދާރުކަމާއި ނަލަކަންވެސް މީގެ މާނައިގައި ހިމެނެއެވެ. ކިޔަމަންތެރިކަންވެސް މި ބަހުން ފާޅުކޮށްދެއެވެ. ޖުމުލަކޮށް ބަހަވީ މާނައެއްކަމަށް ބެލެވެނީ ބަހަވީއެވެ. ނުވަތަ ލިޓްރޭޗަރއެވެ.
[އަދަބު] މިލަފުޒު އިސްލާމީ ލިޔުންތަކުގައި ބޭނުންކޮށްފައިހުންނަ މާނައިގައި ތިލަކުރެވެނީ ކިޔަމަންތެރިކަން، ބޯ ލެނބުން، ނަލަ ރިވެތި އުސޫލު، އުޅުން، ޤާނޫނާއި ޤަވައިދުގެ ބަލައިގަތުން އެވެ. ވީމާ އަދަބުގެ ބަހަވީ މާނައެއްކަމުގައި، ބަހުގެ ރީތިކަމާއި އަނެކުން ބަލައިގަތުމާއި މީހުންގެ ހިތްތައް އެއަށް ލެންބުމާއި އެތުރުމުގެ އުސޫލާޢި ބޭނުންކުރުމުގެ ފަށުވިކަމާއި މާނައިގެ ޢިބުރަތް ހިމެނޭކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އާންމުން ބޭނުންކުރާ ޢިބާރާތްކޮޅަކަށް ބަލައިލާށެވެ. [އަދަބުވެރި ކުއްޖެއް] [އުޅުމުގައި އަދަބުވެރިކަމެއް ނެތް] [ކޮންމެ ކަމެއްގައިވެސް އަދަބެއް ސަދަބެއް އޮންނަންވާނެ] [އަދަބީ ޢިބާރާތްތަކެއް އޭގައި ހުރީމާ ވަރަށް ބޮޑަށް އަސަރުކުރި] މި ނިންމުންތަކަށް ބަލާއިރު އަދަބަކީ ބަހުގެ ރީތިކަމާއި ހަމަ ހިފެހެއްޓުމާއި އެއިން އުފެދޭ ރިވެތި ފުރިހަމަ އަސަރުގެ މާނަ ނެރެވޭ ލަފުޒެކެވެ. މި ސިފަތައް ބަހުގައި ހުރި ނަމަ ކިޔޭނީ އަދަބިއްޔާތުއެވެ.
ބަހެއްގެ އަދަބަކީ އެބަހެއްގެ އަދީބުންގެ އަދަބީ އުފެއްދުންތަކުގައި އެ ހުންނަ އަސަރެވެ. ލިޔާ ލިޔުންތަކުގައި ހުންނަ އަޖައިބު ރީތި ގޮތެވެ. ޢާންމު ބަހުރުވަޔާ ތަފާތު ބަހުރުވައަކުން ޢާންމު ޚިޔާލާ ތަފާތު ޚިޔާލެއް ކިޔާމީހާއަށް އަސަރު ކުރާކަހަލަ ރީތި ގޮތަކަށް ހުށަހަޅައިފައިވާ ލިޔުންތަކަށްވެސް އަދަބޭ ކިޔެއެވެ. ނުވަތަ އެއީ އަދަބީ ލިޔުމެވެ. އޭގައި އެ ވާ އަސަރާޢި ގޮތްފޮތަކީ އަދަބިއްޔާތެވެ. މި ދެންނެވި އަދަބިއްޔާތު އަމާޒު ކުރެވެނީ ރީތި ލިޔުމަށެވެ. ލިޔުމެއް މޮޅު ލިޔުމަކަށްވަނީ އަދަބިއްޔާތުގެ ގޮތުން ފެންވަރު ރަނަގަޅު އެއްޗަކަށް ވުމުންނެވެ. އަދަބިއްޔާތުގެ ތެރޭގައި ލިޔުންތެރިކަމުގެ ބަލާޣާތްތެރިކަމާއި އަސަރުގެ ގަދަކަން ހިމެނެއެވެ. މި އަދަބު އުފެދި ބަލާޣާތް ތިލަވުމަށް، އަދަބުގެ ރަހަ ތިލަވުމަށް ލިޔުން ޚިޖަމާއުވަންތަކުރުން މުހިންމެވެ.
ދިވެހިބަހުން ގިނަ ޢަދަދަކަށް ދިރާސާކުރައްވައި ލިޔުއްވައިފައިވާ އަލްފާޟިލް އަޙުމަދު ޝަފީޤު ( ޝަފީޤުގޭ ޝަފީޤު) ހާމަކުރައްވާ ގޮތުގައި [އަދަބަކީ އެއްޗެއް އޮންނަންވީ ގޮތަށް ހަމައަށް އެޅުމެވެ. ބަހުގެ އަދަބަކީ ބަހުގެ ބަސްމަގު ހަމައަށް ސަލާމަތުން އޮތުމެވެ.]  ވީއިރު ބަހުގެ ހަމައާޢި ޤަވައިދާއި ހަމައަކީ ވެސް މުހިންމު ބައެކެވެ.
މަޝްހޫރު އުސްތާޒުއްޖީލު އަދި ދިވެހި ބަހަށް އަރާހުންނެވި އަދީބު، ބަހުގެ އެދުރުންނާ ޙަވާލާދެއްވައި ބަޔާންކުރައްވާ ގޮތުގައި (1993) [އަދަބަކީ މީހާ ކުރާކަންތައްތަކާ ބުނާ ބަސްތައް ކުށުން ސަލާމަތްކުރާނެ މަގު އުނގެނިގަތުމެވެ. އަދި އެފަދަ ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓެވުމަށް މެދުވެރި ކުރާ ކަންތަކެވެ.] މި ސިފައަކީ އަދަބިއްޔާތެވެ.
މިޒަމާނުގެ ބައެއް މީހުން އަދަބިއްޔާތު މާނަކުރަނީ އެބަހެއް ބޭނުންކޮށްގެން މީހަކު ނުވަތަ ބަޔަކު ލިޔެފައިވާ އެއްޗެއްގެ ގޮތަށެވެ. ނަމަވެސް އިނގިރޭސި ބަހުގައި މާނަކުރެވޭ ގޮތް ކުޑަކޮށް ތަފާތެވެ. އެ ބަހުން އަދަބިއްޔާތަކީ [ލިޓްރޭޗަރ] އެވެ. މިބަސް އުފެދިފައިވަނީ ލެޓިންބަހެއްކަމުގައިވާ [ލެޓަރ] މިބަހުންނެވެ. މިބަހުގެ މާނައަކީ ލިޔާ އަކުރެވެ. ލަފުޒު އޮތްގޮތުން އަކުރު ވަންތަކަން މާނަކުރަނީ ލިޓްރޭޗަރ އަށެވެ. އެހެންކަމުގައިވާނަމަ އަކުރަކުން ބަސް ލިޔެވުމަކީވެސް ލިޓްރޭޗަރއެވެ. ނުވަތަ އަދަބިއްޔާތަށެވެ.
ޤަދީމީ ފާޑުކިޔުންތެރިންނާއި އަދި މިހާރުގެވެސް ބައެއް ފާޑުކިޔުންތެރިން ހާމަކުރާ ގޮތުގައި އަދަބިއްޔާތުގެ މަޤްޞަދަކީ މީހުންނަށް އޮޅުންފިލުވައި ދިނުމާއި އުފާ ލިއްބައިދިނުމެވެ. ނަމަވެސް އެންމެ މިޒަމާނުގެ ފާޑުކިޔުންތެރިން އެއްބަސްވާ ގޮތުގައި އަދަބިއްޔާތުގެ މަޤްޞަދަކީ އުފާލިއްބައިދިނުމެވެ. މިއީ އަދަބަށް ހީނަރުކަން އައުމަށް އުފަންވި ޚިޔާލެކެވެ. ބަހުގެ ހައިބަތާޢި ޢިލްމީ ފަލްސަފާއަށް ނުވިސްނަންފެށުމަށް މެދުވެރިވި ޚިޔާލެވެ. ބަހުގެ ވެއްޓުން މެދުވެރިވީވެސް މިފަދަ ޚިޔާލުތަކުންނެވެ.
އަދަބިއްޔާތަކީ ލިޔުމުގެތެރޭގައި ހިމެނޭ ކަމެކެވެ. އޭގެތެރޭގައި ވާހަކަޔާއި ވަޒަންބަހުރުވަޔާއި ޑްރާމާ ތަމްސީލާއި އެހެނިހެން ވައްތަރުގެ ލިޔުންތައްވެސް ހިމެނެއެވެ. އޮކްސްފޯރޑް ޑިކްޝަނަރީ 1998  ބުނާގޮތުގައި ލިޓްރޭޗަރ އަކީ ކޮންމެބަހެއްގައިވެސް ހުންނަހުރިހައި ވައްތަރެއްގެ ވާހަކަ، ހުރިހާ ވައްތަރެއްގެ ތަފްސީލު ވަޒަންބަހުރުވައިގައި ހިމެނޭ ތަކެތި އަދި އެހެނިހެން އުފެއްދުންތެރި، ކިޔުންތެރިންބަލައިގަންނަފަދަ ގޮތަކަށް ހުންނަ ކޮންމެ ލިޔުމެކެވެ. އަދަބިއްޔާތުގައި ހިމެނެނީ އާދައިގެ ޢާއްމު މުވާޞަލާތުގައި ބޭނުންކުރެވޭ ބަހާ ތަފާތުވާ ބަސްތަކާއި ލިޔުންތަކެވެ.
ބަހުގެ ބައެއް ޢިލްމުވެރިންގެ ނަޒަރުގައި އަދަބިއްޔާތަކީ އެތަނެއްގެ ދިރިއުޅުމުގައި އިޙްސާސްތަކާއި ތަނުގެ ވެއްޓާއި ގުޅޭގޮތަށް އިންސާނާގެ ޚިޔާލާއި ފިކުރު އަންގައިދޭން ބޭނުންވާ ވަޞީލަތެކެވެ. އަދި މިދެންނެވި ސިފަތަކުން އެކުލެވޭގޮތަށް ވަކި ގޮތަކަށް ވަކިފެންވަރަކަށް ލިޔެފައިހުންނަ ލިޔުންތަކަށް ބޭނުންކޮށް އުޅޭނަމެކެވެ. ރަނގަޅު ހަރުދަނާ އަދަބީ ލިޔުމަކަށްވާނީ އެ ލިޔުމަކުން އެ ތަނެއްގެ ވެއްޓާއި ދިރިއުޅުމާއި މީހުންގެ ޚިޔާލާއި ފިކުރާއި އިޙްސާސް އަންގައިދޭ ފަޞާޙަތާއި ބަލާޣާތް އޭގައިއެކުލެވޭ އަދި އިންސާނީ ހިތްތަކަށް އެއިން އަސަރުކުރުވާ ބަހުގެ ހަމަތަކަށާއި ޤަވާޢިދަށް ފެތޭ އުފެއްދުން ތެރި ލިޔުންތަކެކެވެ.
ވީމާ ކުރުކޮށް ދަންނަވާނަމަ އަދަބިއްޔާތަކީ ކޮންމެބަހެއްގައިވެސް ހުންނަ ވާހަކަތަކާއި، ހުރިހާ ބާވަތެއްގެ ތަމްޘީލާއި ޑްރާމާ އާއި ، ވަޒަންބަހުރުވައިގައި ހިމެނޭ ބާވަތްތަކާއި އަދި ކިޔުންތެރިން ބަލައިގަންނަ ފަދަ ގޮތަކަށް ދެމިހުންނަނިވި ޚިޔާލުގެ މައްޗަށް ބިނާކޮށް ލިޔެވޭ އުފެއްދުންތެރި ކޮންމެ ލިޔުމެއްގެ ރިވެތިކަމުގެ އަސަރެވެ. އެއިން ގެނެސްދޭ މަޢުލޫމާތާއި ހަމަޖެހުމާއި މިފަދަ އެންމެހާ މަޢުލޫމާތެކެވެ. އެއީ ލިޔުންކަމުގައި ނުވިޔަސް ރެކޯޑްކުރެވިފައި ހުންނަ ތަޤުރީރާއި ބަޙުޘް ފަދަތަކެތިވެސް މީގައި ހިމެނެއެވެ.
2- އަދަބު ބެހިފައިވާ ބައިތައް:
އަދަބުގެ ތެރޭގައި ދެ ބާވަތެއް ވާކަމުގައި ގިނަ އަދީބުން ހާމަކުރައްވައިފައިވެއެވެ. މިގޮތުން މިސްރުގެ ޖަމާލުއްދީން އަލް މާލިކް (1980) ހާމަކޮށްފައި ވާގޮތުގައި ވެސް އަދަބުގެ މައިގަނޑު 2 ބާވަތެއް ވެއެވެ. މުޙައްމަދު ޖަމީލް (1999) (ކުރީގެ ލިޔުމަކުން ނަކަލުކޮށް އަލުން ޗާޕުކޮށްފައިވާ އަދަބީ އުދަރެސްގައި) ހާމަކޮށްފައިވާގޮތުގައިވެސް އަދަބު 2 ބަޔަކަށް ބެހެއެވެ. މި ނޫނަސް އަދަބާމެދު ލިޔެފައިވާ ލިޔުންތަކުގައި ވާގޮތުން އަދަބު ބެހެނީ ދެ ބަޔަކަށެވެ. އޭގެ ތެރެއިން އެއް ބާވަތަކީ އިންޝާއީ އަދަބެވެ. އަނެއް ބާވަތަކީ ވަޞަފީ އަދަބެވެ. މިއީ އިރުމަތީގެ އަދި އޭޝިޔާގެ އަދަބުގައި ފާހަގަކުރެވޭ ބައިތައްކަމުގައިވިޔަސް ޔޫރަޕްގެ އަދަބުގައި މިގޮތަށް ބައި އެޅުމުގެ ބަދަލުގައި އަޅައިފައި ހުންނަނީ ލިޔުންތެރިކަމުގެ ބާވަތްތަކުންނެވެ.
މަޝްހޫރު [އެތެއްލޯ] ލިޔުނު ލިޔުންތެރިޔާ،އަދި ގިނަ ލިޔުންތަކެއް އުފެއްދި އަދީބެއްކަމުގައިވާ ޖޭމްސް އާރލް ޖޯންސް ބަޔާންކުރާގޮތުގައި [އަހަރެން މޮޅު އަދަބީ އުފެއްދުމެއް، ޑްރާމާއެއް، ތަޤްރީރެއް، ޚުޠުބާއެއް، ކިޔާހިނދު އިންސާނާގެ ސިކުނޑިއަށް ލިބިފައިވާ އިހުސާސްކުރުމުގެ ކުޅަދާނަކަމާމެދު އިހުސާސްތަކެއް ކުރެވެއެވެ. ބަސް މެދުވެރިކޮށް ތިމާމެންގެ ހިތުގެ ކެކުޅުން ފާޅުކުރާނީ ކިހިނެއްބާވައެވެ.] މި ބުނުމުން ދޭހަވާގޮތުގައި އަދަބުގެ ބައިތައް އެއީ ގުނުން ނުކުޅެދޭ އަދަދެއްކަމުގައި ބެލެވެއެވެ.
ކޮންމެއަކަށް އަދަބުގެ ތެރޭގައި ހިމެނޭކަމަށް ދިވެހި ލިޔުންތަކުގައި އެ ބުނާ އިންޝާއީ އަދަބަކީ ނެތް އެއްޗެއް އުފެއްދުމެވެ. އެއީ ޅެމެއްކަމުގައިވިޔަސް މަޒުމޫނު، ވާހަކަ، އަދި އެނޫން އެއްޗެއްކަމުގައިވިޔަސް ލިޔެ އުފައްދައިފިނަމަ އެއީ އިންޝާއީ އަދަބެކެވެ. ޑރ.ރޯހީ ބާލް ބަކީ ލިޔެފައިވާގޮތުގައި އިންޝާއީ އަދަބަކީ ކޮމްޕޮސިޝަނެކެވެ. ނުވަތަ މަޒުމޫނެކެވެ. ނުވަތަ އުފެއްދުމެވެ. އަދިވެސް އޭނާ ހާމަކުރެއެވެ. ލިޔުމުގެގޮތުން މިދުނިޔެއަށް އެއްޗެއް ލިޔެ ނެރެފިނަމަ އެއީ އިންޝާއީ އަދަބެކެވެ.
ދެވަނަ ބާވަތެއްކަމުގައި ލިޔެފައިވާ ވަޞަފީ އަދަބާމެދު ޑރ.ރޯހީ ބަޔާންކުރަނީ އެއީ ސިފަކުރުންކަމުގައެވެ. ލިޔެފައިވާ އެއްޗެއްގެ ސިފަ ހާމަކުރުމެކެވެ. ކަމެއް އެއްޗެއް ނުވަތަ އެނޫންވެސް ޝުޢޫރެއްގެ މޮޅުކަމާއި ފެންވަރާއި ދެރަ ސިފަތައް ހާމަކޮށްފިނަމަ އެއީ ވަޞަފީ އަދަބެވެ. ހިތުގައި އުފެދޭ ޝުޢޫރެއް ޅެމެއް ނުވަތަ އެނޫންވެސް ބަސްމަގަކުން އުފައްދާނީ އިންޝާއީ އަދަބުގެ ލިޔުންކަމުގައެވެ. މިފަދަ ލިޔުންތަކުގައި ހުންނާނީ ފެންނަ ޙަޤީޤީ ކަންކަމުގެ ވާހަކައެވެ. ޤުދުރަތީ މަންޒަރުތަކާއި ކަންކަން ހިނގާގޮތާއި މި ނޫނަސް އިންސާނާގެ މުޅި ޙަޔާތުގެ ވާހަކަތަކަކީ މި އަދަބުގެ އުފެއްދުމެވެ. މި އުފެއްދުން ދެރަނަމަ، މޮޅުނަމަ، އިތުރަށް އިސްލާޙުކުރުމަށް ކަމެއް ފާހަގަކުރެވިފައިވާނަމަ އެ ވާހަކަ ލިޔުމަކީ ވަޞަފީ އަދަބެވެ.
2.1- އިންޝާއީ އަދަބާއި އޭގެ ބައެއް ނަމޫނާ:
އިންޝާއީ އަދަބުގެ ގޮތުގައި އުފެދިފައިވާ ދިވެހި ލިޔުން ނިސްބަތުން މަދެއް ނޫނެވެ. މިލިޔަން މިލިޔަން މީހުން އުޅޭ ބައެއް ޤައުމުތަކުގައި ނެރެފައިވާ ފޮތްތަކުގެ އަދަދާއި މި ރާއްޖޭގައި އުފެދިފައި ހުރި ފޮތްތަކުގެ އަދަދު އަންދާޒާކޮށް ބަލައިފިނަމަ ނިސްބަތުން މި ރާއްޖޭގައި ނެރެފައިވާ ދިވެހި އުފެއްދުން ގިނަކަމާމެދު ޝައްކެއް ނުކުރަމެވެ. ނަމަވެސް ރާއްޖޭގައި ނަންކިޔޭ ގިނަ މީހުންގެ ފިކުރުތަކާއި އަޅުދާސްތުވުން ހުންނަގޮތުން ކޮންމެ މީހަކަށްވެސް ކަމުދަނީ ވަކި ނަމެއްގެ ވެރިއަކު ލިޔެފައި ހުންނަފޮތެވެ. ބަލައިލުމެއް ތަހުލީލުކުރުމެއް ނެތި، މިފަދަ ޙުކުމްތައް އިއްވަނީ އެހެންމީހުން ލިޔެފައިވާ ލިޔުން ބާކީކޮށް ފައިދަށުލައިފައެވެ. މިއީ ހިތާމަހުރި ކަމެކެވެ.
އިންޝާއީ އަދަބުގެ ގޮތުގައި އަޅުގަނޑަށް ފާހަގަކޮށްލެވޭ ބައެއް ލިޔުން:
ލިޔުމުގެ ބާވަތާއި/ފޮތް ނޫސް
ލިޔުމުގެ މީހާއާއި ސުރުޚީ އަދި އެ ލިޔުމާމެދު ފިކުރެއް
މަޒުމޫނު
(ޝިހާބުގެ މަޒުމޫނުތައް 1992)
[ޤައުމެއް އިސްލާޙުވުމުގެ ސިއްރު] އިބްރާހީމް ޝިހާބު
ފާޅުކުރައްވައި ބަޔާންކުރައްވައިފައިވާ ޚީޔާލުފުޅުތައް މިއަދު ޙަޤީޤަތަކަށް ވެއްޖެއެވެ. އެ ލިޔުން ކިޔައިލައިފިނަމަ ހިތްތަކުގައި ބިރުވެރިކަމާއި ތިމާގެ ނިކަމެތިކަމާއި އިންސާނާގެ ހައިބަތު ހާމަވެގެންދެއެވެ. ދުނިޔޭގައި ތިމާމެން މިއުޅޭ ކުރު މުއްދަތުގައި ވަގުތާއި މާލާއި ޖާނު އިސްރާފުކުރުންމަތީގައި ދެމިހުރެވޭކަން އިހުސާސްކުރެވޭނެއެވެ. ޤައުމޭ ކިޔައިން ތިމާމެން ހަޅޭއްލަވާއިރު އެ ބަހުގައި އެއްވެސް ހައިބަތެއް ނެތްކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެންދާނެއެވެ. ދަންނަވަންތޯއެވެ. މިއީ މަޒުމޫނެކެވެ. ނަމަވެސް މިއީ އަދަބީ ނަސޭހަތެކެވެ.
ކުރު ވާހަކަ
ވަޙީދުގެ ކުރުވާހަކަތައް 2010
[ބިލާހެއް] މަޑުލު މުޙައްމަދު ވަޙީދު
މި ވާހަކައިގައި ދިވެހި ނިކަމެތިންގެ ފިކުރުތަކާއި އާދަތަކާއި މަސްވެރި ދިރިއުޅުމެއް ސިފަކޮށްދެއްވައި އުއްމީދުގެ ހުޅުކޮޅުގައި އިންސާނާ އުޅެނިކޮށް ދުވަސް ނިމިދާކަން ވިސްނައިދެއެވެ. މި ވާހަކައަކީ ކުރުކުރު ވާހަކައެކެވެ. ނަމަވެސް ދިގުދިގު އެތައް ތާރީޚީ ޙާލަތެއް ބުނެދޭ ލިޔުމެކެވެ. އިންސާނާގެ ފިކުރު އެތައް ދިމާއަކަށް ދުއްވާ ކަންކޮޅަށް ޖައްސާ މި ވާހަކައިގައި ޖަޒުބާތު ހިލެއެވެ.
ދިގުވާހަކަ
ސިނަފް 1980
[މަންމަ] ސައިކުރާ އިބްރާހީމް ނަޢީމް
މިއީ ދިގުވާހަކައެކެވެ. ސައިކުރާ އިބްރާހީމް ނަޢީމުގެ “މަންމަ” ވާހަކައަށް އަދަބީގޮތުން ކަޅި ހިންގަވައިލައްވާށެވެ. ޚިޔާލާއި ފިކުރު 100 އިންސައްތައަށް ހިމެނިފައިވާ މި ވާހަކަ ކިޔާ އެއްވެސް މީހަކު މިއީ ޙަޤީޤަތެއް ނޫނޭ ކިޔައިގެން ވާހަކައެއް ނުދައްކާނެއެވެ. ވާހަކަ ކިޔައިފި ހަމަ އެކަކުވެސް ކަރުނަ ނުބާލައެއް، އެ ވާހަކަ ނިންމައެއްނުލައެވެ. މިއީ އަސަރާ ކުޅެލުމުގައި ދިވެހިބަހުގައިވާ ފޮނި އަސަރާއި ނުފޫޒު އަންގައި ހާމަވާ މޮޅު ވާހަކައެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ދިގު ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި މި ވާހަކަވަނީ އެއްވަނަ ހޯއްދަވައިފައެވެ.
ޅެން
މޫސާ ފަތުޙީގެ ޅެންތައް
[ހިތުގެ ޢަޒުމް] މޫސާ ފަތުޙީ
ބަހުގެ ބަލާޣާތާއި ޣަޒާލާތު މި ޅެމުން ފެނިގެންދެއެވެ. ދުނިޔަވީ ޤައުމީ ފިކުރީ އިހުސާސްތަކާއެކު ކިޔައިލަން ފަސޭހަކޮށް އަމުނައިލައްވައިފައިވާ މިޅެމަކީވެސް އިންޝާއީ އަދަބުގެ ރަން ނަމޫނާއެކެވެ. މިފަދަ އެތައް ޅެމެއް ދިވެހި ޖައްވުގައި އެބަހުރިމެއެވެ.
ސިޓީ
ޖަމާޢަތުގެ ޚަބަރު
[ކައިވެނީގެ ރިސޯޓް ހިންގުން] މޫމިނާ ޢަބްދުލްޙަކީމް
މިއީ ތިމާވެށީގެ މައްޗަށް މަޢުލޫމާތު ފެތުރުމަށް ލިޔެފައިވާ ސިޓީއެކެވެ. ލިޔުން ފޮނުވައިފައިވަނީ އެކުވެރިއަކުން އޭނާގެ އެކުވެރިއަކަށެވެ. ލިޔެފައިވާގޮތުން މުޅިން އާ ޚިޔާލަކަށް ވިއެވެ. އިންސާނާގެ ފިކުރާ ކުޅެލެވޭހެން ވާހަކައެއްގެ ރާގުގައި މަޒުމޫނެއްގެ ހުށަހެޅުމުގައި ލިޔެފައިވާ ސިޓީއެކެވެ. ހެޔޮ ލަފާ އަންބަކު ތަރުބިއްޔަތުކުރުމަށް ލިޔެފައިވާ މި ސިޓީއިން ގެނެސްދީފައިވަނީ އިންސާނީ ޙަޔާތާ ގުޅުވައިގެން ވެށީގެ މައްސަލަތަކުގެވާހަކައެވެ.
ކުރު މަޒުމޫނު
ފަހުބަސް 1989
[ބޭރުބަސް ބޭނުންކުރުން] މައުމޫން ޢަބްދުލް ޤައްޔޫމް 1989
ދިވެހިބަހުގެ އަސަރު ގެއްލެމުން ބޭރުގެ ބީރައްޓެހި ބަހަކަށް ދިވެހި ދަރީން ހޭކެނޑެމުންދާތީ އެ އަސަރާމެދު ލިޔުއްވައިފައިވާ ކުރުކުރު މަޒުމޫނެކެވެ. ދިވެހި ދަރީންނަށް ނަމޫނާ އަދި ޢިބުރަތްތެރި މަޒުމޫނެއްކަމުގައި ނޫނީ ނުވާނެއެވެ.
އިސްވި ތާވަލުގައި އަޅުގަނޑު ލިސްޓުކޮށްފައި އެވަނީ ދިވެހިބަހުން ހުރި މަދު ނަމޫނާއެކެވެ. މިފަދަ އެތައް ހާހެއް ނުވަތަ ލައްކައެއްގެ އިންޝާއީ އަދަބުގެ ގޮޅިއަށް ފެތޭ ދިވެހި ލިޔުން މި ފަސްގަނޑުގައި އެބަ ހުއްޓެވެ. ވީމާ މިފަދަ ލިޔުންތަކާމެދި ފިކުރުކުރެއްވުން ކީއްތޯއެވެ. [ދޮންބީފާނުވާހަކަ] [ނުޢުމާން ވަމަރްޔަމް] [ދޮންހިޔަލައާއި އަލިފުޅު] ފަދަ އެތައްއެތައ ވާހަކައެކެވެ.
ޅެމުގެގޮތުގައި ފާހަގަކޮށްލެވޭ [މަންމާ މިދޭ އިޙުތިރާމް] އާއި [ހޭވާ ހޭވާ] އާއި ޔޫސުމު މުޙައްމަދު ފުޅު ލިޔުއްވައިފައިވާ [ކޮންފަދަ ނަސީބެއްތޮއެމީ] އަކީ ދުނިޔޭގައި ކަންކަން ހިނގާގޮތަށް ބަލައި އިންޝާއީ އަދަބުގެ ގޮތުގައި ނެރެ ހާމަކޮށްފައިވާ އަޖައިބުވަންތަ ތިން ޅެމެވެ. މި ނޫނަސް މިފަދަ އެތައް އެތައް ޅެމެއް އެބަހުއްޓެވެ.
2.2- ވަޞަފީ އަދަބާއި އޭގެ ބައެއް ނަމޫނާ:
ވަޞަފީ އަދަބުގެ ވެސް 2 ބާވަތެއް ވެއެވެ. އެއީ ނަޤުދާއި އަދަބުގެ ތާރީޚެވެ. މިތަނުގައި ނަޤުދޭ މި ކިޔެނީ ފާޑުކިޔުމަށެވެ. އެއްޗެއްގައި ހުރި ރަނގަޅު ކަންކަމާއި އުނި ކަންކަން ހާމަކޮށް ދެއްކުމެވެ. ޖަމީލްދީދީ (1999) ލިޔުއްވާގޮތުގައި އަދަބީ ނަޤުދަކީ ޅެމުގެ ބާވަތްތައް ޝަރަޙަކުރުމާއި ލިޔުންތަކުގައި ހުންނަ ރިވެތިކަމާއި ފަށުވިކަން ފާހަގަކުރުމާއި އިސްލާޙުކުރަން ހުރި ކަންކަން ފާހަގަކޮށް ލިޔުމެވެ. އެއް ލިޔުން ތެރިއަކު އުފައްދަވައިފައިވާ ލިޔުމެއް ނަގައި ތިމާގެ ޚީޔާލާއި އިހުސާސްތަކުގެ ތޫނު [މިޔަ] ބޭނުންކުރައްވައިގެން އޭގެ އަޑި ނެރެ ހާމަކުރައްވަންވީއެވެ. އޭރުން އެ ލިޔުންވާނީ ވަޞަފީ އަދަބުގެ ގުނުމަކަށެވެ.
ދެން އޮތީ އަދަބުގެ ތާރީޚޭ ކިޔުނު ބާވަތެވެ. މިއީ ބަހުގެ ޢުމުރާއި ބަހަށް އަންނަ ބަދަލާއި ބަހުގެ ގޮތުން ކުރެވޭ އެންމެހާ މުއާމަލާތުގެ ހޯދުންތަކެވެ. ބަސް އައި ދިމާއަކާއި ދުވަސް ވާވަރަކަށް އަންނަ ބަދަލުތަކުގެ ވާހަކައެވެ. މިއީ ބަހުގެ އަދަބުގެ ތެރެއިން ވަޞަފީ އަދަބެވެ. މިފަދަ ލިޔުންތަކުގައި ބަސް ކުރިއަރައި ހެދި ފޯދިދާގޮތް ހޯދައި ބަދަލުވަމުން އައިގޮތް ދިރާސާކުރުން ހިމެނެއެވެ. މިއަށްފަހު ލިޔުމެއްގެ ސިފައިގައި އެ ކަމެއްގެ ވާހަކަ ލިޔާނީއެވެ. އެ ލިޔުން ފެތޭނީ ވަޞަފީ އަދަބަށެވެ.
ވަޞަފީ އަދަބުގެ ގޮތުގައި އަޅުގަނޑަށް ފާހަގަކޮށްލެވޭ ބައެއް ލިޔުން:
ބާވަތާއި ލިޔުންތެރިޔާ
ލިޔުމުގެ ސުރުޚީ އަދި އެ ލިޔުމާމެދު ފިކުރެއް
ބަލައިލުމެއް
ސަޢުދު ޢަބްދުލްކަރީމް
[ޔޫސުފް މުޙައްމަދު ފުޅުގެ ޅެންވެރިކަމުގެމައްޗަށް އަވަސް ކަޅިއެއް]
މިއީ އަދީބެއްގެ ކުޅަދާނަކަމަށް ބަލައިލައި ސިފަކޮށްފައިވާ ލިޔުމެކެވެ. ލިޔުމުގެ އުފެއްދުންތެރިކަމާށާއި ހުށަހަޅައިދީފައިވާގޮތަށް ދިރާސީ ގޮތުން ލިޔެވައި ވެއެވެ.  ޅެންތަކުގެ ޅެންވެރިކަމާއި ބަހުގެ އުސޫލާއި މާނަ އުފައްދައިފައި ހުރި ގޮތާމެދު މި ލިޔުމުގައި ވާހަކަދައްކަވައެވެ. އެހެންކަމުން މިއީ ވަޞަފީ އަދަބުގެ އުފެއްދުމެކެވެ.
ފަންނީ ގޮތުން ފާޑު ކިޔުމަކާއެކު ޝަރަޙައެއް
ޙުސައިން ރަޝީދު އަޙްމަދު
[ދިވެހިބަހުގެ ބަސްމަގު]
މިއީ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު ލިޔުއްވައިފައިވާ [ތަޤްވީމުއްލިސާނި] ގައި ހުރި ވާހަކަތަކުގެ އޮޅުންފިލުވައިދިނުމެކެވެ. ފޮތް ހުށަހަޅުއްވައިފަތި ހުރި ގޮތަށް ފާޑު ކިޔުއްވައިފައިވެވެ. ރައިވަރުން އޮޅުންފިލުވައިދެއްވިއިރު ހުރި ބައެއް މައްސަލަތަކާއި ހުށަހެޅުއްވުމުގައި ގެންގުޅުއްވި ގޮތްކޮޅާއި މިފަދަ އެތައްކަމަކަށް މި ލިޔުމުގައި ފާޑު ކިއިފައިވެއެވެ.
ތަޢުރީފާޢި ޚުޝާމަދު
ވަޙީދުގެ ކުރުވާހަކަތައް 2010
[އަލްއުސްތާޛް މުޙައްމަދު ޖަމީލްގެ ފަތްތޫރައިގެ ޅެންވެރިކަން]
މިއީ ޅެންވެރިއެއްގެ މަސައްކަތަށް ތަޢުރީފުކުރުމައެކު ޝާޢިރީ އުފެއްދުންތެރިކަމަށް ވާހަކަދައްކަވައި ފާޑިކިޔުމުގެ ނަޒަރުން ލިޔުއްވައިވައިފައިވާ ލިޔުއްވުމެކެވެ. މިގޮތުން ޅެން ހައްދަވައިފައިވާ މައުޟޫޢާއި ހިމަނުއްވައިފައިވާ މަޢުލޫމާތާއި ފަށުވިކަމަށް ވަރަށް ކުރުކޮށް އެހެނަސް ފުން ބެއްލެވުމެއް ބައްލަވައިލައްވައިފައިވޭ.. މި ލިޔުމުން ޖަމީލްގެ ޅެންވެރިކަމުގެ މޮޅުކަމާއި ހެއްދެވުމުގެ ކުޅަދާނަކަން ސިފަވޭ.. އަދި ކަމަށް ޤާބީލު ބޭފުޅެއްކަން އިހުސާސްކުރެވޭ.. އެހެންކަމުން މިއީވެސް ބެލެވޭނީ ވަޞަފީ ލިޔުމެއްކަމުގައެވެ.
ލިޔުންތެރިކަމުގައި ޅެންވެރިކަމާޢި ނަޘްރު ހިމެނެއެވެ. ނަޘްރަކީ މަޒުމޫނާއި ވާހަކައާއި ރިޕޯޓާއި މިފަދަ ލިޔުންތަކެވެ. ވަޒަނަކަށް ނުފެތޭހެން ލިޔެފައިވާ ލިޔުންތަކެވެ. ދެން ފާހަގަކުރެވޭ ބާވަތަކީ ޅެންވެރިކަމެވެ. ވަޒަނަށް ފައްތައިގެން ލިޔެ ހާމަކޮށްފައިވާ ޅެމުގެ ބާވަތްތަކެވެ. ޙަޤީޤަތަށް ބަލާއިރު އިންސާނީ އަދަބުގައި އެންމެ ދުވަސްވީ އަސަރަކީ ޅެންވެރިކަމުގެ އަސަރެވެ. މިހެން މިވަނީ ކަމެއް ވެއެވެ. ދިވެހި ޅެމާއި ޅެންވެރިކަމާމެދު ރާއްޖޭގައި މިހާތަނަށް ނުކުތް އެންމެ ޝަޚްސީ ފޮތްކަމުގައިވާ ޅެމާއި ޅެންވެރިކަމުގައި އަލް މުޙުތަރަމް މުޙައްމަދު ޖަމީލްދީދީ (1986) ހާމަކުރައްވައިފައިވާގޮތުގައި ޅެން އަމާޒުވަނީ އިންސާނާގެ ހިތަށެވެ. ހިތުގެ ޝުޢޫރުތަކާއި އިހުސާސްތަކަށެވެ. ބަހުގެ އަދަބު، ނުވަތަ އިންސާނާފެ ފާޅުކުރުމުގެ އަދަބު، އިންސާނާގެ ހިތުގައި މިކަންކަން ހިލުވައިލައެވެ. އެހެންކަމުން އަދަބީ ފަންނުގައި ޅެން ވަނީ ނުފޫޒުގަދަ ބާވަތެއްކަމުގައެވެ.
3- އަދަބު އެއިން އުފެދޭބައިތައް
އަދަބު އެއިން އުފެދެނީ [ޚިޖަމާއު] އެކުލެވިގެންނެވެ. މިތަނުގައި [ޚިޖަމާއު] އަކީ ޢަރަބި ފާރިސީ ލަފުޒެއް ނޫނެވެ. މި ލަފުޒު ލިޔެފައި މިވަނީ އާ ލަފުޒެއްގެ ގޮތުގައެވެ. މި ލަފުޒު އަޅުގަނޑު އުފަންކުރީ މީލާދީން 2002 ވަނަ އަހަރު ދިވެހިބަހުން ފުރަތަމަ ދަރަޖައަށް ކިޔެވި ދުވަސްވަރު، ކިޔަވައިދެއްވި މާއްދާއެއްގެ ކުލާސް މަސައްކަތުގެ ގޮތުގައި ކުރެވުނު ކަމެއްގެތެރެއިންނެވެ. މި ލަފުޒު އުފަންކުރުމުގައި ބޭނުންކުރި ޚިޔާލަކީ އިނގިރޭސީ ބަހުން [ސްކޫބާ] ހެދިފައިވާގޮތާއި ދިވެހިބަހުން [އުމަހި] ހެދިފައިވާގޮތެވެ. އެއީ މާނައިގައި އެކުލެވޭ ލަފުޒުތަކުގެ ފުރަތަމަ އަކުރު ބޭނުންކޮށްގެންނެވެ. އެއީ ޚިޔާލުގެ [ޚި] އާއި ޖަޒުބާތުގެ [ޖަ] އާއި މާނައިގެ [މާ] އާއި އުސްލޫބުގެ [އު] އެވެ.
އަޅުގަނޑަށް މި ލަފުޒު ރީއްޗެވެ. ކަމުދެއެވެ. ޖުމުލަތަކުގައި ބޭނުންކުރަން ފަސޭހަތޯވެސް އަޅުގަނޑު ތަޖުރިބާކޮށްލީމެވެ. ތިރީގައި އެވަނީ އޭގެ މަދު ޖުމުލަކޮޅެކެވެ.
[މިޅެމުގެ ޚިޖަމާއު މާދަށެވެ.
ޚިޖަމާއެއް ނެތްނަމަ އެއީ އަދަބީ ލިޔުމެއް ނޫނެވެ.
މި އުޅެނީ މި ލިޔުމުގައި ޚިޖަމާއެއް ނެތިގެންނެވެ.
ޚިޖަމާއަށް ބަލައިލާއިރު ވިސްނެނީ އެއްކަމެއް ދެކަމެއް ނޫނެވެ.]
މި ޖުމުލަތައް އައިބެއް ނޫނެވެ. އެހެންވީމާ ލިޔުމެއްގައި ބޭނުންކުރަންވެސް މި ލަފުޒު ބަހާ ވަރަށް ރައްޓެއްސެވެ. ދިވެހި ބަހުގައި މި ލަފުޒު ހިނގައިގަންނަ ދުވަސް ފެންނާނޭކަމުގައި އުއްމީދުކުރަމެވެ. ނަމަވެސް ބޭނުންކުރުމާއި ނުކުރުން އޮތީ ތިޔަބައިމީހުންގެ ޚިޔާލުގައެވެ.
ޅެމުގައި އެކުލެވޭ ޚިޖަމާއު އަކީ އޭގެ އަސަރު އުފައްދައި އެ ބާވަތެއްގެ ހައިބަތު އުފައްދައިދޭ ބައެވެ. އެއީ ޚިޔާލާއި ޖަޒުބާތާއި މާނައާއި އުސްލޫބެވެ. މިއިން ބައެއް ނެތިއްޖެ ނަމަ އެއީ އަދަބީ އުފެއްދުމެއް ނޫންކަމުގައި ގިނަ މީހުން ޤަބޫލުކުރެއެވެ. އަދި މިއިން ބައެއް ކިރިޔާވެސް އުނިނަމަ އެވާހަކަވެސް އެ ލިޔުމަކާމެދު މީހުން ދައްކައި އުޅެއެވެ.
ތިމާމެނަށް ކަމެއް ފެނުމުން ނުވަތަ ތިމާގެ ކުރިމަތީގައި ކަމެއް ހިނގުމުން އެކަމަކާ މެދު ފިކުރު ބޮޑުވާނެއެވެ. އެއީ ޖަޒުބާތެއް ހިލުނީއެވެ. މިސާލަކަށް މީހަކަށް އަނިޔާކުރާތަން ފެނުނީމާ ދެރަވާނެއެވެ. ރޮވިވެސް ދާނެއެވެ. ރުޅި އައިސް ނުހުރެވޭވަރުވާނެއެވެ. އެއީ [ޖަޒުބާތު] ހިލުނީއެވެ. މިއަށްފަހު އެކަމަކަށް ޙުކުމެއް އިއްވިދާނެއެވެ. އެއީ ގޯސްކަމެއްތޯ ނުވަތަ އެއީ ކުރަން ހެޔޮ ނުވާނޭ ކަމެއްކަމުގައި ޚިޔާލު އުފެއްދިދާނެއެވެ. މިއަށް ކިޔަނީ [ޚިޔާލު] އެވެ. މިހާރު ޖަޒުބާތު ހިލި ޚިޔާލު އުފެދުނީއެވެ. ދެން މި ހިސާބުން އެކަމެއްގެ ބަޔާންކުރުމާމެދު ވިސްނާނެއެވެ. އެ ޚަބަރަކާ ގުޅިގެން ކަންކަން ކުރަންވީ ގޮތަކާމެދު ވިސްނައި ވާހަކަދައްކާނެއެވެ. އެކުރެވޭކަމަކީ ކޮބައިތޯއެވެ. އާދޭހެވެ. އެއީ [މާނަކުރުން] އެވެ. އަދި މިކަމެއްގެ ވާހަކަ މީހަކު ބުނިނަމަ ދެވަނަ މީހާވެސް އެ ކުރާކަމަކީ މާނަކުރުމެވެ. ދެން އޮންނާނީ އެ މާނައެއް ފާޅުކުރުމުވެ. މަޒުމޫނަކުން، ޅެމަކުން، ޒުވާބަކުންވިޔަސް ހެވެވެ. މި ކަންކުރުމަކީ [އުސްލޫބު] ކަނޑައެޅުމެވެ. މި 4 ކަން ނެތްނަމަ އެ ލިޔުމަކުން އަދަބީ ގޮތް ނުފެންނާނެއެވެ. ވީމާ އަދަބުގައި ޚިޖަމާއު ވަރަށް މުހިންމު މަޤާމެއް އަދާކުރެއެވެ.
4- އަދަބިއްޔާތުގެ ސިފަތައް:
ފުރިހަމަ އަދަބިއްޔާތުގެ ކުލަ ހުންނަ ލިޔުމެއްގައިނަމަ ސިފަތަކެއް ވަނީ ކަނޑައެޅިފައެވެ. މިސާލަކަށް އެ އުފެއްދުމެއްގައި އަދަބީ ސިފަވާންޖެހޭނީ އެއަށް ބަލާހިތްވާ ސިފައަކަށެވެ. އެ އެއްޗެއް ތަކުރާރުކޮށް ކިޔާހިތްވާ އަދަބަކަށެވެ. އޭގެ ޝައުޤުވެރިކަން މިއިންދުވަހަކު ގެއްލިގެން ނުދާ އެއްޗަކަށެވެ. މި ނަޒަރުން ބަލާނަމަ ލިޔުމެއް އަދަބީ އެއްޗަކަށް ހަދާ އެއްޗަކީ އޭގައި ހުންނަ ދެމިހުރުމުގެސިފައެވެ. އެ ސިފައާހުރެ ލިޔުން ކިޔުމަކުން ފޫއްސެއްނުވާނެއެވެ. ގިނަދުވަސް ވިޔަކަސް އޭގެ [ތާއަބަދުގެސިފަ]، ނުވަތަ ދެމިހުރުމުގެ ސިފަ ގެއްލިގެން ނުދާނެއެވެ. މިފަދަގޮތް މިވަނީ ލިޔުމުގައި އަދަބީ އުފެއްދުމުގެ ސިފަ ހުރީމައެވެ. އިގިރޭސި ބަހުން މިފަދަ އަސަރަށް ނުވަތަ އަދަބުގެ އަސަރު ދެމިހުރުމަށް ބައެއް އަދީބުން ”ޕޮރޮމިނެންސް] އޭ ލިޔެފައިހުރެއެވެ.
އަދަބިއްޔާތަކީ ބަހުގެ ތެރެއިން ފޭރާން ހެޔޮކޮށް އަމުނައި ލެވިފައި ހުންނަ ޅެން ބަހުރުވަޔާއި އަމުނައި ލުމެއްނެތި އުކައި ލެވިފައިހުންނަ ބަހުރުވައިގެ ބަސްތަކަށެވެ. އަދި އެތަކެތި ޝަރަހަ ކޮށް ބަޔާންކުރުމަށް ޓަކައި ބޭނުން ކުރެވޭ މައުލޫމާތު ތަކެކެވެ. އަދި އެތަކެއްޗާ މެދު ފާޑުކިޔުމުގެ ގޮތުން ބުނެވޭ ބުނުން ތަކާއި ލިޔުންތަކެވެ. އެފަދަ ތަކެއްޗަކީ، ކިޔާމީހާ އާއި އަހާމީހާގެ ހިތަށް އުފަލެއް ނުވަތަ ހިތާމައެއް ނުވަތަ އެހެންވެސް ފުން ޝުއޫރެއް ވައްދައިދޭ ފަދަ ޅެންބަހުރުވަ އާއި  ލިޔާބަހުރުވަ ތަކެވެ. ބަސްމޮށުން ތެރީންގެ އަގުހުރި ޚުޠުބާތަކެވެ. މަޒުމޫނު ތަކާއި ހާސަރުތަކެވެ. ރީތިވާހަކަތަކެވެ. މި ޢިލްމު ލިބިގަތުމަށް ޓަކައި ފިކުރު ކުރަން އެގޭ ހިތަކާއި، ފައުޅުކޮށް ބަޔާން ކުރާން އެނގޭ ދުލަކާއި، ސިފަކޮށް ދެއްކޭ ފަދަ ބަސްމަގެއް ބޭނުންވެއެވެ.
އަދަބު އަމާޒުވަނީ އިންސާނާގެ ހިތަށެވެ. ހިތުގެ ޝުޢޫރުތަކާއި އިޙްސާސްތަކަށެވެ. އަދަބު އިންސާނާގެ ހިތުގައި މިކަންކަން ހިލުވައިލައެވެ. މި އާޚިލާފަށް ޢިލްމީ ލިޔުމެއްގެ މައިގަނޑު ބޭނުމަކަށް އޮންނަނީ ސިކުނޑިއަށް ކާނާ ދިނުމެވެ. މަޢުލޫމާތު ދިނުމެވެ. ޙަޤީޤަތަށް ދަންނަވާނަމަ މިއީ އަދަބުގެ ބޭނުމެއް ނޫނެވެ. އަދަބުގެ ބޭނުމަކީ އަދީބުގެ އިޙްސާސްތައް ހަމަ އެ އަސަރާއެކު އެ ވަޒަނުގައި ކިޔުންތެރިޔާއަށް ފާޅުކުރުމެވެ. ޢިލްމީ ލިޔުމާއި އަދަބީ ލިޔުން ތަފާތު ވަނީ މިހެންވެއެވެ. އަދަބު ހުށަހަޅަނީ އިންސާނީ ތަޖުރިބާއެއްގެ ޚުލާސާއެވެ. އިންސާނާއަށް ފެންނަ މަންޒަރުތަކެވެ. ދެކޭ ކަންތައްތައް ތަކެވެ. ކުރާ އިޙްސާސްތަކެވެ. މިކަންކަމުގެ ރައްދު ޢަމަލު (ރިއެކްޝަން) ފާޅުވަނީ އަދަބުގެ ގޮތުގައެވެ.
އަދަބިއްޔާތުގެ ސިފަ ބަޔާންކޮށްދެއްވަމުން، ދިވެހި ބަހަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމުގައިވާ އަލްފާޟިލާ ޔުމްނާމައުމޫނު ވިދާޅުވަނީ، އަދަބީ ލިޔުމަކީ، ދެމިހުންނަނިވި ކަމަކާގުޅޭގޮތުން ލިޔެފައިހުންނަ ލިޔުމަކަށް ވާންޖެހެއެވެ. އަދި ލިޔާ މީހާގެ ބައިވެރިވުން ލިބިދޭ ލިޔުމާއި، ލިޔުންތެރިޔާގެ ސިކުނޑީގައި ނުވަތަ ހިތުގައި އޮތް އެއްޗެއް ބަސްތަކަކުން އަންގައިދޭ ގޮތަށް ބަސްމަގު ހުންނަ، ތަރުޖަމާކުރަން އުނދަގޫ އެއްޗަކަށް ވާންޖެހެއެވެ.
[އަދަބު] މިއީ ދިވެހި ބަހުގެ ތެރެއަށްވަދެ ހިނގާ ޢަރަބި ބަހެކެވެ. އެހެންކަމުން ބަހުގެ ބޭނުންކުރެވެމުން އައި ގޮތާއި، ބަހުން ދޭހަކޮށްދޭ މާނަ ދެނެގަތުމަށްޓަކައި ފުރަތަމަ ދާންޖެހެނީ ޢަރަބި ފޮތްތަކުގެ ތެރެއަށެވެ. މި ލަފުޒުގެ ލަފުޒީ މާނައަކީ ޘަޤާފަތެވެ. ޢަރަބި ބަހުގައި ގިނަގޮތުން ”އާދާބް] (ކުރީޒަމާނުގައި) މި މާނައިގައި ބޭނުން ކޮށްފައިވެއެވެ. މި މާނަ ނޫން އެހެން މާނަނޫން އެހެން މާނަތައްވެސް މިލަފުޒުގެ މާނައިގެ ގޮތުގައި ޢިލްމުވެރިން ބޭނުންކުރައްވާފައި އެބަހުއްޓެވެ. މި ގޮތުން ”ލެޓާރސް] ނުވަތަ ”ލިޓްރޭޗަރ] ގެ މާނައިގައިވެސް ހުޅަނގުގައި ބޭނުން ކުރެވެއެވެ.
ޖީލުލް އުސްތާޛު މުޙައްމަދު ޖަމީލު ވިދާޅުވާ ގޮތުގައި [އަދަބު] މި ބަސް ދިވެހި ބަހުގައި ތިން މާނައެއްގައި ބޭނުން ކުރެވެއެވެ. އެއީ ނަފުސުގެ އަދަބު (އަދަބު އިޙްތިރާމް) ކުށުގެ އަދަބު (ސަޒާ) ބަހުގެ އަދަބު (ބަހާއިބެހޭ ޢިލްމު) މިތިން ބާވަތެވެ. އާދެ! އަދަބަކީ މީހުން ކުރާ ކުށްތަކާއި ބުނާބަސްތައް ކުށުން ސަލާމަތްކުރާނެމަގު އުނގެނިގަތުމެވެ. އަދި އެފަދަކުށުން މީހާ ސަލާމަތްކޮށް ލެހެއްޓެވުމަށް މެދުވެރިކުރާކަންތަކެވެ.
އަދަބީ ހުށަހަޅައިދިނުން ބެހެނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ނަޘްރު އާއި ޅެންބަހުރުވައެވެ. ޅެންބަހުރުވައިގެ ތެރޭގައި ނުހިމެނޭ ހުރިހާ އަދަބީ އުފެއްދުމެއް، ނަޘްރުގެ ތެރޭގައި ހިމެނެއެވެ. މަޒުމޫނާއި ޑްރާމާ އާއި ވާހަކަ އާއި ރިޕޯޓާއި ފޮތުގެ ތަޢާރަފާއި މިފަދަ އެންމެހާ ލިޔުމެކެވެ. މީގެތެރެއިން ޅެންވެރިކަމަކީ ދުނިޔޭގައި އެންމެ ޒަމާންވީ އަދި ލިޔުންތެރި އަދަބިއްޔާތުގައިވެސް އެންމެ ދުވަސްވީ ބާވަތެވެ.
އިސްވެ މި ދަންނަވައިލެވުނު ކަންކަން ނެތް ލިޔުމެއްގައިވިއްޔާ އަދަބީ ސިފައެއް ނެތީއެވެ. ހަމަ އެހެންމެ މި ކަންކަން ފުރިހަމަވެފައިވާ ލިޔުމެއްނަމަ އެއީ އަދަބީގޮތުން މުއްސަނދި ލިޔުމެކެވެ. ފުރިހަމަ އަދަބިއްޔާތެއް ލިބިގެންވީ ލިޔުމެކެވެ. ވީމާ އަދަބީ ލިޔުން ހޮވާނަމަ މި ސިފަތައް ފުރިހަމަ ލިޔުން ހޮވައި ލިސްޓުކުރާށެވެ.
5- ތާރީޚީގޮތުން ކުރުކޮށް އަދަބިއްޔާތަށް ބަލައިލުން:
5.1- ޢަރަބި އަދަބު
ދުނިޔޭގައި ﷲ ލެއްވި އެންމެ ވަރުގަދަ އިންސާނީ ހަތިޔާރެއްކަމުގައި  އެބައިމީހުން ވާހަކަދައްކާ ބަސް ވެއެވެ. އޭގެ ތޫނުކަމަކީ ބަހުގެ ބަސްކޮށާރެވެ. އޭގެ އަސަރަކީ އެއިން ފާޅުކުރާ އަޑާއި ހުށަހަޅައިދޭ ރާގެވެ. އޭގެ މާނަކުރުމާއި މާނަ ބަދަލުކުރުމަކީ ބަހުގެ ވަންތަކަމާއި އަދަބެވެ. މި ދެންނެވި ކަންކަމުގައި އަދަބީ ލިޔުންތެރިކަމުގެ މެދުގައިހުންނަ ތަފާތު ފާހަގަކުރުން އެކި ޤައުމުތަކުގައި އޮވެއެވެ. މިގޮތުން ބަލާއިރު އިރުމަތީގެ އަދަބީ ޙަރަކާތްތައް އެންމެ ފުރަތަމަ ފެށިފައިވާ ހިސާބުގަނޑެއްކަމުގައި ބައެއް މީހުން ބަލަނީ ޢަރަބި ޤައުމުތަކެވެ. އަދި ޢަރަބި ބަހުގެ ޅެންވެރިކަމާއި ކިޔުންތެރިކަމެވެ.
މިހާތަނަށް ފެނުނު އެންމެ ދުވަސްވީ ޅެމަކީވެސް ޢަރަބީންގެ ކިއްލާއަކުން ފެނިފައިވާ އަދަބީ މަސައްކަތެކެވެ. އެހެންކަމުން ޢަރަބި ދުނިޔޭގެ އަދަބަކީ ވަރަށް މުސްކުޅި ޒަމާންވީ ސަޤާފީ އަދަބެއްކަމުގައި ދަންނަވަންޖެހެއެވެ. މިގޮތުން ޕާރސިއަންގެ ލިޔުންތެރިކަމާއި ޅެންވެރިކަމުގެ ތެރެއިން ހޯދިފައިވާ ރިވެތި އަދަބުތައް ތާރީޚީ ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ. މިއީ ބީސީއީ އިން 559 އިން 651 އަށް ދުނިޔޭގައި ފެތުރު ޒޯރާސްޓްރިއަންނިޒަމްގެ އުފެއްދުމުގައި އޮތް އަދަބެއްކަމުގައި ބުނެއުޅެއެވެ.
ދުނިޔޭގެ ތާރީޚުތައް ހެކިދޭގޮތުގައި އެންމެ ޒަމާންވީ އަދަބިއްޔާތުގެ ތެރޭގައި ހިމެނެނީ ސޫމޭރިޔަނުންގެ އަދަބިއްޔާތާއި މިސްރުގެ ލިޔުންތެރިކަމާއި ބެބިލޯނިޔަންގެ އަދަބިއްޔާތެވެ. މިއިން ކޮންމެ އަދަބެއްވެސް ގުޅިފައި މިވަނީ ޢަރަބިބަހުގެ ނަސްލުތަކާއެވެ. އެހެންކަމުން ދަންނަވައިލަންޖެހެނީ ލިޔުންތެރިމުގެ އަދަބުގެ ފެންނަންހުރި ހެކިތަކުންއެނގޭގޮތުގައި އެންމެ މުސްކުޅި ޢަދަބަކީ އެއީކަމުގައެވެ. އަދި އެ ޒަމާނަކީ ދީންވެރިކަމާއި އަޅުވެތިކަމާއި ދަނޑުވެރިކަމުގެ ޒަމާންކަމުގައި ވީތީ މި ކަންކަމަށް ބާރު ފޯރުވި ކޮންމެ ފަރާތެއްހެން ބޭނުންކޮށްފައިވާ ފުރަތަމަ ހަތިޔާރަކީ ބަހޭއެވެ. ޚާއްސަކޮށް އެ ބަހުގެ ޅެންވެރިކަމެވެ. ހަދަ ހަދައިގެން ވާހަކަ ކިޔުމާއި ކަލާނގެ އަމުރުތަކުގެ ވާހަކަތައް ރައްޔިތުންނަށް ވިސްނޭނޭހެން ރިވެތި ބަސްމަގަކުން ޅެމުން ފަރުމާކޮށް ހުށަހަޅަމުން ގެންދިޔަ ގެންދިއުމަކީ އެބައިމީހުންގެ އަދަބަށް ކުރިއެރުން ލިބިގެންދިއުމެވެ. މިސުރީ ލިޔުންތެރިކަމުގެ ތެރެއިން ހީރޯގްރަފީ ލިޔުންތަކުން މިކަން ސާބިތުވެއެވެ.
ޢަރަބި ޅެންވެރިކަމަކީ ވަރަށްވެސް ހުޝިޔާރު އަދަބެއްކަމުގައިވިއެވެ. މީހުންގެ ހިތްތަކަށް އަސަރުކުރުވައި އެ ބައެއްގެ ޢަޤީދާ ބަދަލުކުރުވާފަދަ ޅެންތައްވެސް އެބައިމީހުންގެ ޖާހިލީ ޒަމާނުގައި ހަދައި ނެރެ ޢާންމުކޮށްފައިވާކަމަށް ލިޔުންތަކުގައިވެ އެވެ. މި ލިޔުންތަކުގެ ތެރެއިން މިޒަމާނަށްވެސް ފާހަގަކޮށްލެވޭ ޅެންތައް ހުރިކަމަށާއި ނަމަވެސް މިޒަމާނުގެ އުސޫލީ އަދަބެއް ފެނިގެން އައިސްފައިވަނީ މާ ފަހުންކަމުގައިވެސް ލިޔުންތަކުގައި ވެއެވެ.
ޢަރަބި ޅެންވަރިކަން ނުވަތަ [އައްޝިޢުރުލް ޢަރަބީ]ގެ އަދަބީ ލިޔުންތައް މީލާދުގެ 6 ވަނަ ގަރުނުގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވެއެވެ. މި ޒަމާނަށް ތަފާތުކޮށް އޭރުވެސް މިފަދަ ޅެންތައް ކިޔައިއުޅުނީ އަނގަ ބަހުންނެވެ. ލިޔުމެއް ނެތި ރާވާލެވޭ ރޭވުމެއްގެމަތިން ކުޅަދާނަ އަދީބުން ވަގުތުން ޅެންތައް ފަރުމާކޮށް ނުވަތަ ކުރީބައިގައި ރާވައިގެން ކިޔަނީއެވެ.
ޢަރަބި ޅެންވެރިކަން ފެށިގެން އައިއިރު ވިސްނައިފައިވަނީ ކާފިޔާ ހަމަކުރުމަށެވެ. އެއަށްފަހު ކަފިޔާއާއެކު ވަޒަން ހަމަކުރުމަށެވެ. ނަމަވެސް އޭގެ ބަސްމަގު ވަކި ތަރުތީބަކުން އަތުރައި ހަމަ ހިފެހެއްޓުމުގެ މަސައްކަތް ފެށުނެވެ. އޭގެ ފަހުގެ ޒަމާންތަކުގައި މި ހުރިހާ ބައެއްވެސް ފުރިހަމަކުރެއެވެ. އެބަމީހުންގެ ޅެންތަކަށް ވިސްނައިލުމުން މިކަން ސާބިތުވާނެއެވެ. ނަމަވެސް މި ލިޔުމުގައި މި ވަޒަންތަކާއި ހަމައިގެ ތަފްސީލަށް ދާކަށް ނެތީމެވެ.
ޢަރަބި ޅެންވެރިކަމުގެ އަސަރު އޭގެ ފޮނިކަމާއެކު އަދަބީ އުކުޅުތަކާވެސް އެކުގައި ބޭނުންކޮށްއުޅުނީ އަލްޖީރިޔާއާއި މިސްރާއި އިރާޤާއި ސީރިޔާއާއި ޖޯޑަނާއި ލެބަނަންއާއި ފަލަސްޠީނުގައެވެ. ނަމަވެސް މާޒީގެ އެއްގޮތްކަން ކެނޑި މިހާރު މިއިންކޮންމެ ތަނެއްގައިވެސް ވާހަކަ ދެކެވޭވަރުގެ ޅެންވެރި ތަފާތުތައް ހުންނާނޭކަމުގައި ޢަރަބި ޅެމާމެދު ވާހަކަދައްކަވާ އަދީބުން ހާމަކުރައްވައެވެ.
ޢަރަބި ޅެންވެރިކަމުގެ މޫ ނުވަތަ އަސްލު އޮތީ ޖާހިލީ ޒަމާނުގައިކަން ދޭހަވެއެވެ. އެބައިމީހުންގެ އިބުނު ޖިންނި ކިޔާ ފޮތުގައި [އައްޝިޢުރުލް ޖާހިލީ] ކިޔައި މި ވާހަކަތައް އޮޅުންފިލުވައިދީފައިވާކަމަށްވެއެވެ. މިގޮތުން މަޝްހޫރު ޅެން ނުވަތަ އީރާގެ ގޮތުގައި ބެލެވެނީ [އިމްރުލް ޤައިސް] އޭ ކިޔުނު ޅެމެކެވެ. މިއީ ކަންދަހާރުގެ ރަސްކަމާ ގުޅޭ ވާހަކަތައް ހުރި އަދަބީ އުފެއްދުމެކެވެ. މި ނޫނަސް ދީނީ ވާހަކަތަކާއި ތާރީޚީ ވާހަކަތަކާއި ދަނޑުވެރިކަމާއި އިޖުތިމާޢީ އެތައްކަންކަމެއްގެ ވާހަކަ ބަހުގެ ހަމައާއި ރިވެރިކަމަށް ވިސްނަވައި ލިޔެ ނެރުއްވައިފައިވާކަމަށް ވެއެވެ.
އިސްވެ ދަންނަވައިލި ޅެމުގެ އިތުރަށް މަޝްހޫރު، ނަންހިނގާ ޅެންތަކުގެ ތެރޭގައި [އަލް ނަބީ އާ އަލްދުބުޔާނީ] އާއި އަދީބުންގެ އަދަބީ އުފެއްދުންތަކަކީ އެ ޒަމާނުގައި ވަރަށް މުހިންމު އެއްޗެއްކަމުގައި ޝާޢިރުން ހާމަކުރެއެވެ. އެންމެ ބޮޑަށް ބޭނުންކުރެވިފައިވަނީ ދީނީ އުސޫލުތަކާއި އަޅުކަމުގެ ވާހަކަތައްކަމުގައިވެސް އެބައިމީހުންގެ ޅެންތަކުގައި ވެއެވެ. ޢަރަބީންގެ ޅެންތަކުން ފާހަގަކޮށްލެވޭ އަނެއްފޮތަކީ އަބޫ އަލް ފަރާޖް އަލް އިސްފަހާނީ މީލާދީން 1216 އާއި 1220 އާއި ދެމެދު ލިޔުއްވައިފައިވާ [ކިތާބުލް އަޣާނީ] (ލަވަފޮތް) އެވެ. މިއީ ޅެންވެރިކަމުގެ ގޮތުން ރީތިވެފައި މާނަ މުހިންމުވީމާ އެއްކުރެވިފައިވާ އަސަރުގަދަ ޅެންވެރިކަމެއްގެ ފޮތެއްކަމުގައިވެއެވެ.
އިހުގައި އަރަބީންގެ ތެރޭގައި ކިޔައިފައި ވާ ޅެން ނުވަތަ ލަވައިގައި ގިނައީ ދީން ވެރިކުރުވާހަކައާއި ދީނީ ޢަޤީދާ ޢާންމުކުރުމުގެ ގޮތުން ކިޔައިފައިހުންނަ އަދަބީ ކިޔުންތަކެވެ.
ޢަރަބި އަދަބުގެތެރެއިން އިހުގައި ހަދައިފައިހުންނަ ޅެންތަކުގައި ވަޒަން ވަކިގޮތަކަށް ނުހުންނަކަމާއި ނަމަވެސް ހަމައެއް ގެންގުޅުނުކަމުގައި ލިޔުންތަކުގައި ވެއެވެ. މިގޮތުން އެމީހަކު ބޭނުން ވަޒަނެއް އުފެއްދުމުގެ ގޮތް ހުންނަކަމުގައިވެސް ވެއެވެ. މިފަދަ ކޮންމެ ކަމެއްގެ ވާހަކަތަކަކީ ހޯދައި ކޮޅުންލުން ނެތް ޢިލްމީ ވާހަކަތަކެވެ. މިފަދަ އެތައް ހާސް ގަނޑުތަކުން ފުރައިލެވޭނޭ ވާހަކަތަކެވެ.
5.2-        ގްރީކުގެ އަދަބިއްޔާތު
ގްރީކަކީ އަދަބިއްޔާތުގެ ތާޜީޚުގައި ވަރަށް ކުރީގައި އޮންނަ ޤައުމެކެވެ. މުއައްރިޚުންގެ ލިޔުންތަކުންނާއި ގްރީޚުގެ ތާރީޚީ ފޮތްތަކުން އެނގޭގޮތުގައި ޅެންވެރިކަމާއި ކިޔުންތެރިކަމާއި ވާހަކައިގެ ރޮނގުން އުފެއްދުންތެރި ހުނަރާއެކު މި ޤައުމުގެ އަދީބުން ތިއްބެވީ މާ ކުރީގައެވެ. ޚާއްސަކޮށް އަދަބުގެކުރީގެ އަސަރުކަމުގައިވި ވާހަކަކިޔުމާއި ޑްރާމާގައެވެ. ޚާއްސަކޮށް ނަންކިޔޭ ބަހުގެ އަދަބުގެ ތެރެއިން ލޯބީގެ އުދާސްތަކާއި ދީނީ ބާރުވެރިކަން މީހުންނަށް ބަހުގެ ޒަރީޢާއިން ގެނެސްދިނުމުގައި މުސްކުޅި ތާޜީޚު އޮތީ ގްރީކްގައެވެ. ދުނިޔޭގެ ބަހުގެ އަދަބުގެ ކުރީގެ ނިޒާމާއި އުސޫލާއި ފޭޑި މިއަދުވެސް ހޯދައިގަނެވޭ އެންމެ ފުރިހަމަ އަދަބު އޮތީ ގްރީކުގެ ބަހުގައިކަމަށް ބައެއް ލިޔުންތެރިން ޤަބޫލުކުރެއެވެ.
ތާރީޚީ ލިޔުންތަކުގައިވާގޮތުން އެންމެ ކުރީގެ އަދަބުގައި އޮތްކަމުގައިވަނީ ވާހަކަ ކިޔުމެވެ. މީހުން އެއްކޮށްގެން ގަސްގަސްދޮށުގައި ނުވަތަ އަށިއަށިތަކުގައި، މަގުމަތީގައި ޚާއްސަކުރެވޭ މައިދާންތަކުގައި ފޯރިގަދަ، ފޯރި ލިބޭ އަދަބެއްކަމުގައި މިކަން ވިއެވެ. މިގޮތުން ކިޔޭ ވާހަކަތައް ޅެމުންނާއި ކުރު ޢިބާރާތްތަކުން އުފައްދައި ހާމަކޮށްފައި އެބަހުއްޓެވެ. މިކަމުގެ މުސްކުޅި ތާރީޚް ފެންނަނީ ގްރީކުންނެވެ. މިގޮތަށް ކިޔައިދިނުމުގެ ތެރެއިން ބަހުގެ އަދަބުގެ އަސަރު، ޚާއްސަކޮށް އިހުގެ ގޮތްފޮތް ދަމައިގަނެވެއެވެ. އަދަބިއްޔާތުގެ ރީތިކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް އެހުންތެރިންނަށް މި އެހެނީ ކޮން އެއްޗެއްކަމާއި ކިޔަނީ ކޯޗެއްކަން ދޭހަވުން ފަސޭހަވިއެވެ.
ގްރީކުގެ މުސްކުޅި އަދަބުގައި ތުންތުންމަތިން ބަދަލުވަމުން ކިޔައިއުޅުނު ބާވަތްތަކުގެ ތެރޭގައި މަޢުލޫމާތާއި ހޭލުންތެރިކަމުގެ ކިޔުންތަކާއި ދިގު ވާހަކަތަކާޢި ކުޅުންތައް ހިމެނެއެވެ. ފަލްސަފާވެރި އެތައް ކިޔުންތަކެއް މީގައި ހިމެނެއެވެ.
ގްރީކްގެ އަދަބުގައި އެންގެން އޮތް އެންމެ ކުރީގެ ލިޔުމަކީ [އެއިސްޗައިލަސް] ނުވަތަ އިސްޗީލަސް އެވެ. މިއީ ބީސީއީގެ 525 އާއި 456 އާ ދެމެދު އުޅުއްވިކަމަށް ބެލެވޭ ޅެންވެރިއެކެވެ. މީނާ ވަނީ ގްރީކުގެ މަޝްހޫރު ވާހަކަތައް ޅެމުން އުފައްދައި ނެރެފައެވެ. އަދި ޢާންމުން ޝައުޤުވެރިވާ ޓްރެޖެޑީ (ޅެމުން ހުށަހަޅައިދީފައިހުންނަ ދިގު ވާހަކަތައް) ތައް ގިނަ ޢަދަދަކަށް އެ އަދީބު ގްރީކުގައި ނެރެފައިވާ ކަމަށް ހާމަކޮށްފައިވެއެވެ. ޑްރާމާގެގޮތުގައި ހުށަހަޅައިދޭ މީގެ ކުރީގެ ވާހަކަތަކުގައި ގިނައިން އުޅެނީ އެކަކެވެ. ނަމަވެސް މީނާވަނީ ސްޓޭޖަށް ދެ މީހުންނުވަތަ އެއަށްވުރެ ގިނަމީހުން ގެނެސް ތަރީންގެ ޑްރާމާތަކަކަށް ބަދަލުކޮށް އެ އަދަބަށް އިންގިލާބެއް ގެނެސްފައެވެ.
5.3-        ދިވެހި އަދަބިއްޔާތު
ދިވެހިންނަކީ ބުނެޥޭގޮތުގައި މީގެ 2500 އަހަރުކުރީގައިވެސް މި ފަސްގަނޑުގައި އުޅޭ ބައެކެވެ. އަމިއްލަވަންތަކަމާއި މިނިވަންކަމާއި ބާރާއެކު އުޅުނުކަމުގެ ޢަލާމާތްތައްވެސް ފެނިފައިވެއެވެ. އެހެންކަމުގައިވާނަމަ މިތަނުގައި ބަހެއްވެސް އޮންނާނޭކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ލިޔުންތަކުން (2002) އެނގޭގޮތުގައި މި ރާއްޖޭގެ އަހުލުވެރިން އިރުމަތީ ޤައުމުތަކަށް ދަތުރުކުރިއެވެ. އިންޑަސްވާދީގެ ރަށްތަކަށް ދިވެހި ބޮލި ގެންގޮސްފައިއެބަހުއްޓެވެ. އަދި ހުޅަނގުގެ ޤައުމުތަކަށްވެސް ދިވެހިން ދަތުރުކުރިކަމުގެ ޢަލާމާތްތައްހުރިކަމުގައިއެވެ. އެހެންކަމުގައިވާނަމަ ދިވެހިންގެ ތެރޭގައި ލިޔުންތެރިކަމާއި ކިޔުންތެރިކަން ނެތިއެއް ނުދާނޭކަން ކަށަވަރެވެ.
ރާއްޖޭގެ ލިޔުންތަކާޢި ހުރިނަމަ ހުރި އެއްޗެއްވަނީ ފަނާވެފައެވެ. މިހަތަނަށް ހޯދި ހޯދުންތަކުން ފެނުނު އެންމެ ދުވަސްވީ ލިޔުމަކަށްފެނިފައިވަނީ މީލާދީން 9 ވަނަ ގަރުނުގެ ލިޔުމެކެވެ. އެއީ ޕްރޯޓޯ ނާގަރި އަކުރުން، ދިވެހިބަހުން ލިޔެފައިވާ ލިޔުމެކެވެ. ކުރު ނަމަވެސް މިއީ ފެންނަން އޮތް ދުވަސްވީ ލިޔުމަކަށްވީތީ މިއީވެސް ދިވެހި އަދަބަށް މުހިންމު ތަރިކައެއްކަމުގައި ނޫނީނުވާނެކަންކަށަވަރެވެ.
ދިވެހި ލިޔުންތެރިކަމާއި އަދަބިއްޔާތު ހެކިހުރި ލިޔުމެއް ފެންނާން އޮތީ އިސްދޫ ލޯމާފާނުގައި ހުރި ލިޔުމެވެ. އެއީ އެވޭލާ އަކުރުގެ ލިޔުމެވެ. މިއަށްފަހު އެކިއެކި ރަސްމީ ފަތްކޮޅުތަކުން ލިޔުމުގެ އަދަބު ފެންނާން އެބަހުއްޓެވެ. މި ޒަމާނުގައި މި މާނަކުރެވޭ ދިވެހި އަދަބީ ލިޔުންތައް ފެންނަންފެށީ ތާނައިގެ ޒަމާނުގައެވެ. މި ލިޔުމުންވެސް މުސްކުޅިކޮށްފެންނަނީ ފަތްކޮޅުތަކެވެ. މިއަކުރުގެ އެންމެ ދުވަސްވީ ލިޔުމަކަށް ފެންނަނީ މީލާދީން 1705 ވަނަ ފެނުނު ދުވަސްވީ ފަތްކޮޅެކެވެ.
ދިވެހި އަދަބީ އަސަރުގައި ލިޔެފައިވާތީ ފެނުނު އެންމެ ދުވަސްވީ ލިޔުމެއްކަމަށް ފާހަގަކުވިފައިވަނީ އަތުން ލިޔެ އަތްއަތްމަތިން ބަދަލުކުރެވި މިއަދާހަމައަށް އައިސްފައިވާ ބޮޑު ތާހީދެވެ. އެއީ ހިޖުރައިން 12 ވަނަ ގަރުނުގައި (ލަފާކުރެވޭގޮތުގައި ހިޖުރައިން 1150ގެތެރޭގައި، މީލާދީން 1737 ހާ ހިސާބު) އުފެދުނު ލިޔުމެކެވެ. މި ރައިވަރުބައިގައިވަނީ ތައުހީދުގެ ވާހަކަތަކާއި އިންސާނީ މިފަދަ މުހިންމު ވާހަކަތަކެވެ. އެންމެ ދުވަސްވީ ވާހަކައަކީ ރިވާޔަތު މޫސާ ވަޛުލައިޚާއެވެ. މިއީ ހިޖުރައިން 1319 ގައި އަޙްމަދު ކާމިލްދީދީ ލިޔުއްވި ވާހަކައެކެވެ. އެއީ މީލާދީން 1921 އެވެ،
ދެން އެންމެ ދުވަސްވީ ވާހަކައިގެ ގޮތުގައި ލިސްޓުކުރެވިފައިވަނީ ހިޖުރައިން 1377ގައި ސަރުކާރު ޗާޕުޚާނާއިން ނެރުއްވި ދޮންބީފާނުވާހަކަ އެވެ. ބުނެވޭގޮތުގައި މި ވާހަކަ ލިޔުއްވައިފައިވަނީވެސް ހިޖުރައިން 1319ގައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ލިޔުއްވައިފައިވާގޮތުގައި މި ވާހަކަ ޙުސައިން ޞަލާޙުއްދީން ލިޔުއްވައިފައިވަނީ 2 ރަޖަބު 1339ގައެވެ. މި ޚިޔާލާ އަޅުގަނޑު އެއްބަހެއް ނޫނެވެ. އެހެނީ މިފަދަ ބޮޑު، ދިގު، ފުރިހަމަ ވާހަކައެއް އެއް ދުވަހުން ނުލިޔެވޭނެއެވެ. އަޅުގަނޑު ލަފާކުރާގޮތުގައި މި ވާހަކަ ލިޔުއްވުމަށް މަދުވެގެން 6 މަސް ވޭތުވާނެއެވެ. އެހެންކަމުގައިވާނަމަ މި ވާހަކަ ހިމެނޭނީ ރާއްޖޭގައި އުފަންވި ފުރަތަމަ ވާހަކައަށެވެ.
ދިވެހި އަދަބަކީ ވަރަށް ޅަ އަދަބެކެވެ. ނަމަވެސް ކުރިއަރައި ބަދަލުތައް އައިލެއް ވަރަށް އަވަހެވެ. ވިހިވަނަ ގަރުނުގެ ކުރީކޮޅުގައި ފެށުނު މި އަދަބަށް ގަރުނެއް ނުވަނީސް މިއަދު ދިވެހިންގެ އާބާދީގެ ނިސްބަތަށް ބަލާއިރު ވަރަށް ގިނަ ލިޔުމާއި ފޮތް ވަނީ އުފެދިފައިކަމަށް ބެލެވެއެވެ. 1980 އާއި 2008 ގެ ތެރޭގައި ފެށިފައިވާ އަދަބީ މުއްސަނދި ޙަރަކާތްތަކާއި ފެށިފައިވާ ކުދިކުދި ޙަރަކާތްތަކާއި ތަރައްޤީގެ އެކިއެކި ޙަރަކާތްތައް ހީ ނުކުރާހާ ގިނައެވެ. އަދި އުއްމީދުކުރިވަރަށްވުރެ ފުރިހަމައެވެ. އިރެއްގައި ލިޔުމާއި ޗާޕު ނެތަސް، އަދި ޒަމާނީ ޓެކްނޯލޮޖީއާ ބީރައްޓެހިވެފައިވިޔަސް މިއަދު ދިވެހި އަދަބުވަނީ އެހެންވެސް ބަސްބަހުގެ އަދަބު ޖެހުނު ކޮންމެ ތަރައްޤީއެއްގައި ޖެހިފައިކަމަށް ދަންނަވައިލަމެވެ. ހިތާމައަކަށް އޮތީ ޒަމާނީ ފެންވަރެއްގައި ޓެކްނޯލޮޖީއަށް ދިވެހި ބަސްފޮތް ތަރައްޤީނުވުމެވެ.
ނޯޓް: (މި ލިޔުމުގެ ބޮޑުބައި ވާނީ ނުރަސްމީ ތަޢުލީމުދޭ މަރުކަޒުން ނެރުއްވާ ޖަމާޢަތުގެ ޚަބަރުގައި ޖެހުމަށް ޢާންމުކޮށްފައެވެ. އަދި www.manadhoolive.com.mv އިންވެސް މިލިޔުން ލިބޭނެއެވެ. މިއީ އަމިއްލަ ލިޔުމެއްގެ ގޮތުގައި އުފައްދައި ލިޔެފައިވާ ނަފުސީ ދިރާސީ ލިޔުމެކެވެ. މި ލިޔުމުގައި ހުރި އެންމެހާ މަޢުލޫމާތުތަކުގެ ތެރެއިން ހަވާލާ ދީފައި ނުވާ ކޮންމެ ބަޔަކީ އަމިއްލަ ޚިޔާލާއި ހޯދުމެވެ.)