[ފޭކު] ދަތްއުނގުޅާ ބޭސް

މަރިޔަމް ސަމާހަތު/ ލައިނޫފަރުގެ، ހއ.އިހަވަންދޫ
 
ސިއްސައިގެންގޮސް ހޭލެވުނީ ކައިރީ ހުރި ސޯނާ ގަޑީގެ އަޑުފަށްގަނޑަށެވެ. އެއަށް ބަލާލިއިރު އަށެއް ޖަހަން ފަންސަވީސް މިނެޓު ހުއްޓެވެ. އިއްޔަވެސް ގަޑި ސޯނާކޮށްފައި އެބެހެއްޓުނީ ނުބައިކޮށެވެ. ހިތްހަމަނުޖެހިފައި ހުރެގެން އަވަސްއަވަހަށް ބުރުހަށް ބޭސްއެޅުމަށްފަހު ދަތް އުނގުޅައި ނިންމާލައިފީމެވެ. ލޯގަނޑުން ދަތްޕިލައަށް ބަލާލީ ދަތްޕިލާ ހުދުވާނެކަމަށެވެ. ނަމަވެސް ދަތްޕިލައަކަށް މާބޮޑު ހުދުކަމެއް ނާދެއެވެ. މިއަދު ބޭސްވެސްމިއެޅީ އެހެންޏާ އަޅާވަރަށްވުރެ ގިނައިންނެވެ. ކުރާނެކަމެއްނެތެވެ. މިހާރު ކޮންމެ އެއްޗެއްގެވެސް ހުންނަނީ "ފޭކެވެ." މި ބޭހުން ރަނގަޅަށް ގަރުވެސް ނާރަނީއެވެ. ނުވިތާކަށް އެހާ އާވިވެސް ގަދައެވެ. ނަމަވެސް ދަތްޕިލައަކަށް ހުދުކަމެއް ނާރައެވެ. މިފަދަ ހިޔާލުތަކެއްގައި ހުރެ ފެންވަރައި ނިންމާލައިފީމެވެ.