މުންޑޫ އާދަމް ހަލީމް
"ތިބުނާ ކަހަލަ ގެއެއްގެ އިންޓީރިއާ މަސައްކަތެއް ނުކުރާތާ ވަރަށް ދުވަސް ވެއްޖެ... ކިހިނެއްތޯ އަޅުގަނޑު ހޯދީ؟" ވަޑާމުގެ ސާމަނު އަޅާފައިވާ ދަބަސް ހިފައިގެން ހިނގައިގަންނަމުން ވަހީދާ ސުވާލު ކުރީމެވެ. ހަގީގަތުގައި ވެސް އަހަރެން ހޯދަން ވަހީދު އަތުވެދާނެ ކަމަކަށް ހީއެއް ނުކުރަމެވެ. ވަހީދުގެ މަސައްކަތަށް އަހަންނަށް އާނއެކޭ ބުނެވުނީ ވެސް އަގު ނުކިޔައެވެ. ވީ ގޮތަށް ނޭނގެއެވެ.
"އާނ، މިކަހަލަ މަސައްކަތްތެއް އާދަން ނޫން މީހަކު ލައްވަ ކުރުވާކަށް ސަމީހާ ގަބޫލެއް ނުވި... ބުނީ އަމިއްލަ ކޮޓަރީގެ މަސައްކަތެއް ކުރަން ބޭރުން މީހަކު ގެންނައިރު އިތުބާރު ހިފޭ މީހެކޭ ގެންނަން ވާނީ. އާދަނަކީ ރަށު މީހެއް ނޫން ހެއްޔޭ!"
އަހަރެން ހީނލުމަށް ފަހު، ވަހީދުގެ އޮފު އަރައަރާ އޮތް ހުދު ކާރުގެ ޑިކީ ތެރޭގައި ދަބަސް ބަހައްޓާފައި ކާރުގައި އިށީނދެއްޖައިމެވެ. ވަހީދުގެ ވާހަކައިން ވިސްނާލާނެ ދޭއްޗެއް އެނގުނެވެ. ފުރަތަމަ ކަމަކަށް އަހަންނާ ސަމީހާއާ ދެމެދު ގުޅުމެއް އޮތް ކަން ވަހީދަށް އެނގިފައި ނެތީ ކަމަށް ވެދާނެ އެވެ. ވަހީދަށް އެނގިފައި އޮތަސް ސޯޅަވަރަކަށް އަހަރު ކުރީގެ އެ ގުޅުމާ މެދު ވަހީދުގެ ހިތުގައި އެއްޗެއް ނެތުމަކީ ވެސް ވެދާނެ ގޮތެކެވެ. އެކަމަކު އެކަހަލަ މީހުން މިހާރު އުޅޭނެ ހެއްޔެވެ؟ ދުވަހަކުވެސް ދެގޮތެއް ނުވެ އަހަރެން ގާތުގައި ހުންނާނެ ކަމަށް ސަމީހާއާމެދު ވެސް އަހަންނަށް އުންމީދު ކުރެވުނެވެ. އެކަމަކު ވަގުތު ޖެހުމުން ސަމީހާވެސް ދިޔައީއެވެ. އަހަންނަށް ބުނެވޭނީ އަހަރެން ދޫކޮށްލައިފައި ދިޔައީ ކަމަށެވެ.
ވިސްނައިލަން ލިބުނު އަނެއް ތަންކޮޅަކީ ވަހީދު ކަހަލަ މުއްސަންޖަކާ އިނދެގެން ދެވުނަސް ކޮންމެވެސް ސިފައެއްގައި ސަމީހާ އަހަރެން މަތިން ހަދާން ކުރާ ކަމެވެ. އެހެން ނޫންނަމަ އަހަރެން ބަލައި ފޮނުވީ ކީއް ކުރަން ހެއްޔެވެ؟ ސަމީހާގެ މުއްސަނދި ދިރިއުޅުން އަހަންނަށް ދައްކާލައިން ބޭނުންވީވެސް ތޯއްޗެކެވެ. އެކަމަކު އެކަހަލަ ކަމެއް ކުރަން މިހާރު އެއީ ލައްކަ ދުވަސް ވެ ފައިވާ އޮތް ކަމެކެވެ.
ވަހީދާއެކު އަހަންނަށް ވަދެވުނީ ވަންނަން އެހާ ބޭނުން ތަނަކަށް ނޫނެވެ. ހަމަ އެއްގޮތަކަށް ވެސް ވަންނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ވަހީދު އެދުނު ގޮތަށް އެއްބަސް ވެގެން އާދެވުނީ ކީއްވެގެން ކަމެއް ވިސްނާލާކަށް ނޭނގުނެވެ. އަހަރެންގެ ކުރިމައްޗަށް ސަމީހާ ނުކުތީ ވަހީދު އަހަރެން ގޮވައިގެން ގޭތެރެއަށް ވަންތަނުންނެވެ.
"ސަމީ... ވަރަށް އުނދަގުލުން އާދަނު އަތުވީ، މިއީ ވަރަށް ބިޒީ މީހެއް މަސައްކަތް ފުނިޖެހިފަ،" ސަމީހާ ނުކުތުމުން ވަހީދު ބުނެލި އެވެ. ބޯ އަކިރި ލާފައިވާ ހުސްތަންކޮޅުގައި ދަބަސް ބެހެއްޓުމާއެކު ސަމީހާ ފެނުމުން އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވެގަތެވެ. ވަގުވަގަށް ސަމީހާއަށް ބަލައިލީމެވެ. ލަގޮނޑި ވަޅުގައި ހިސާބަކަށް ވަޅު ހެދިލައި ރޫ ހިފައިލުން ފިޔަވައި މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެއީ ހަމަ އަހަރެން އަތުން ފިރުމައިދިން ސަމީހާ އެވެ. ރޫފައާ ކުލައަށް ވެސް ބަދަލެއް ނާދެ އެވެ.
"މި ކޮޓަރީގެ މަސައްކަތް ކޮށްދޭންވީ؟ ހޯދަން ވީ ސާމާނެއް ވިއްޔާ އާދަން ބުނާއިރަށް އަހަރެން ގެނެސްދޭނަން... އަހަރެން ބޭނުން ވަނީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލަން،"
"ކުރެހުމެއް ނުގެންގުޅެންތަ؟" އަހަރެން ބަލައިލީމެވެ. އެއީ ހިޔާ ކޮށްފައިވާ އޮނިގަނޑެކެވެ.
"ސަމީހާ ބުނި އާދަނަކަށް ކުރެހުމެއް ބޭނުމެއް ނުވާނޭ... އެހެންވެގެން މިހާ ވަރަކުން މިހޯދީ!"
"ކުރެހުން ނުލައިވެސް ހެދިދާނެ، އެކަމަކު މިހާރު ހުރިހާ އެންމެންވެސް އިންޓީރިއާ ހަދަނީ ކުރެހުމަށް... ވަކި ގޮތެއް އެބައޮތްތަ؟"
"ނޫނޭ، ވީއެއްމެ ރީއްޗަކަށް ހުދު ކުލައިން ރީތިކޮށްދީ. ތިކޮޓަރި ބޭނުން ކުރެވޭ ވަރުކޮށްދީ" ވަހީދު އެހެން ބުނި އިރު ސަމީހާ އެތެރެއަށް ވަދެއްޖެ އެވެ. ސަމީހާ ދިއުމުން އަހަންނަށް ވެސް ތަންކޮޅެއް ފަސޭހަވިހެން ހީވި އެވެ.
"އެހެންވީމާ މިތާގެ މިންތައް އަޅާލާފައި ލިސްޓެއް ދޭނަން. އެއަށް ތަކެތި ހަމަކޮށްލަދީ؟" ބޯ ހަލުވައިލުމަށްފަހު ވަހީދު ވަނީ އެތެރެއަށެވެ. ފީތާ ނަގައިގެން އަހަރެން އުޅުނީ މިންތައް ނަގާށެވެ.
"އެހެންވީމާ މިތާގެ މިންތައް އަޅާލާފައި ލިސްޓެއް ދޭނަން. އެއަށް ތަކެތި ހަމަކޮށްލަދީ؟" ބޯ ހަލުވައިލުމަށްފަހު ވަހީދު ވަނީ އެތެރެއަށެވެ. ފީތާ ނަގައިގެން އަހަރެން އުޅުނީ މިންތައް ނަގާށެވެ.
ސަމީހާ ބުންޏޯ ކުރެހުމަކަށް ބޭނުމެއް ނުވާނޭ! ވަހީދު ތަކެތި ގެނައުމުން ވަޑިފަތި ނަގައި މިންތައް ހެޔޮ ކުރަން ފެށުމާއެކު އަހަރެންގެ ހިތަށް އެރި އެވެ. ކަރަންޓު ކީސް ނަގައިގެން ނަލަފިލާތައް ފަޅައި ފޮތި ކުރަމުން ދިޔައިރު އަހަރެންގެ ހިޔާލުތައް ދުރަށް ދަތުރުކޮށް މުންޑޫގެ ބުއްދަށް ގޭތެރެއަށާއި ބަތްކޭ މަގާ ހަމައަށް ދަތުރުކުރަމުން ދިޔަ އެވެ. ބުރަމުން ދިޔަ ކުނޑީގެ ތެރެއިން ގެނބިލެވުނީ ނަވާރަ ސަތޭކަ ނުވަދިހަ ފަސް ވަނަހަރުގެ ތެރެއަށެވެ.
"ހޫ ހޮހޯ.... ހޫ އީ..."
ބުއްދައްގޭ އަޑިގަނޑު ހުރަސްކޮށް ނޯވޭގެ ތާރީހު އިލްމުވެރިޔާ ތޮހައިޑާލް ފޭލިގެ ޖެހި ވޭރުތެރެއިން އަޅާފައި އަހަރެމެން ދުވަމުން ގޮސް ދިޔަ މިގިލީ ސަންޕާއިދީގެ ބޮޑު ފުނަގަހާ ހަމަވި އިރު ދުވާލުގެ ހޫނަށް ވަލުމިރިގަނޑުން ނައްޓައިލި ކުދިކުދި ހުދުކޮކާތައް ވަޔަށް ބުރާ ކަފަކޮޅުކޮޅު ހެން އުދުހެމުންދެ އެވެ. މަންޒަރު ފެނުމުން އަހަރެންމެނަށް ހަޅޭއް ލަވައިގަނެވުނެވެ.
"އެއްލާނަންތަ؟" އަހަރެން ދަތް ޖަހަމުން ދިޔަ ގޮބަޅީގައި އިލޮއްޓެއް ހަރު ކޮށް ސަމީހާ އަތަށް ދިނީމެވެ. އަތުގައި ހިފަހައްޓައި ގޮބަޅިލީ އިލޮށި ސަމީހާލައްވާ ހޫރަމުން ކިޔަން ފެށީމެވެ: "ދުން ބޯއްޓޭ ދުން ބޯއްޓޭ، އުޑު ޖެހިފައި ބިމު ޖެހިފައި މާމެންގޭ ފޮޅަށް ބޭރަށް ވެއްޓެޅޭ!" އިލޮށި ލީ ގޮބޮޅި ސަމީހާގެ އަތުން ހޫރައިލުމުން ހުދު ކޮކާތަކުގެ ތެރެއިން މައްޗަށް އަރައި ގެއްލުނެވެ. އަހަރެން ވިނަގަނޑާ ދިމާއަށް ސަމީހާ ކޮއްޕާލީމެވެ. (ދުން ބޯއްޓާ އެވެ. މައްޗަށް އޮބައި ވިލާތަކާ ހަމަވެ ބިމަށް ތިރިވާށެވެ. ވެލިގަނޑުގައި ޖެހި އުހަށް އަރާއި ލޮލުކޮޅަށް އޮބުމަށް ފަހު މާމަ މެންގޭގެ ފުޅަފުގެ ބިއްދޮށު ފަރާތަށް ވެއްޓޭށެވެ.)
"އެއްލާނަންތަ؟" އަހަރެން ދަތް ޖަހަމުން ދިޔަ ގޮބަޅީގައި އިލޮއްޓެއް ހަރު ކޮށް ސަމީހާ އަތަށް ދިނީމެވެ. އަތުގައި ހިފަހައްޓައި ގޮބަޅިލީ އިލޮށި ސަމީހާލައްވާ ހޫރަމުން ކިޔަން ފެށީމެވެ: "ދުން ބޯއްޓޭ ދުން ބޯއްޓޭ، އުޑު ޖެހިފައި ބިމު ޖެހިފައި މާމެންގޭ ފޮޅަށް ބޭރަށް ވެއްޓެޅޭ!" އިލޮށި ލީ ގޮބޮޅި ސަމީހާގެ އަތުން ހޫރައިލުމުން ހުދު ކޮކާތަކުގެ ތެރެއިން މައްޗަށް އަރައި ގެއްލުނެވެ. އަހަރެން ވިނަގަނޑާ ދިމާއަށް ސަމީހާ ކޮއްޕާލީމެވެ. (ދުން ބޯއްޓާ އެވެ. މައްޗަށް އޮބައި ވިލާތަކާ ހަމަވެ ބިމަށް ތިރިވާށެވެ. ވެލިގަނޑުގައި ޖެހި އުހަށް އަރާއި ލޮލުކޮޅަށް އޮބުމަށް ފަހު މާމަ މެންގޭގެ ފުޅަފުގެ ބިއްދޮށު ފަރާތަށް ވެއްޓޭށެވެ.)
އަހަރެން ކޮއްޕާލުމުން ސަމީހާ ވެއްޓުނީ އުނބުލިވެހެލި ވެޔޮ ގަދަވެގަނެ ދުވެފައިވާ މިރިހިގަނޑުގެ މައްޗަށެވެ. ފުނަގަހުން އެލިފައިވާ ޅަކުރިތަކުގައި އެލިގަނެގެން އޮތް ވެޔޮގަނޑުގައި ދޮން އުނބުލިތައް ފޮންޏާއެކު ފަޅަފަޅައއިގެން ދާން ކައިރިވެފައި ހުއްޓެވެ. ޖެހިގެން އޮތް ކުރިއަށް އަރާފައި އޮތް ވަލުމޭވާތަކުގެ ގިތިކަން ކެނޑި ރަންގު ކުލަ އަރާފައި ވަނީ ފިސާރި ޗާލުކޮށެވެ. ކޯޅިތައް ފައްކާވެގެން ތިބީ "ވަލުމޭވާތައް ކައި ބަނޑުފުރަޅޭއްޔޭ؟" ބުނާހެނެވެ. ކޮކާތައް ބޯ މަތިން އުދުހެނީ ދެ ފިޔައަށް ނަން ހުސްކޮށް ކުލަ އަރުވައިގެނެވެ. އިރުވައިގެ ރީތި ދުވަހުގެ ނަލަޔަށެވެ.
ފުނަފާ ތެރޭން ބަތްކޭ މަގުގެ މިރިހިވާ ފަޅާލަފައި ހުދު ބިތުގެ ދޮން ވެލިގަނޑަށް އަހަރެން ފުންމައިލީމެވެ. ގޮނޑު ދޮށުން ލޮނު ބަޑިއެއް ނަގައި ސަމީހާއަށް ދިމާއަށް އެއްލައި ފަޅައިލީމެވެ. އިރުވަޔަށް ލައްގާފައިވާ ހުއިބޮނޑިއެއް ބޯ މަތީ ބާއްވައިގެން ކިރުކަކުނި ބައި ފަހައި ދުއްވައިގެންފައި ހުއްޓުނީމެވެ. ދުރު ފިޔެސް އިން ފެންނާން އޮތް ބޮކެފުއްޓާ ހަމައަށް އޮބާފައިވާ ދޮންފަޅުތެރެއިން ނަލައަށް ދުއްވާލާފައި ގަތްގޭ ބައްތެލި އޮވެގެން އާދެ އެވެ. ފަހި ވައިގައި ދެކަންކަށިން ލޮނުގަނޑު ކަފަމުން އަންނައިރު ހީވަނީ ބިއްލޫރިގަނޑެއް ދެފަޅިއަށް ކަފާހެނެވެ. ލައިގެން ހުރި މުންޑުން އެއް ނަރަކަށް ފޫގަޅާފައި ދަގޭ މުހައްމަދު ހުންގާނުގައި އޮތީ ރިޔަލުގެ ވަޔާއެކު ބައްތެލި އަރިވެފައިވާ ފަޅިއަށް އެލިގެނެވެ.
"ދޫނި، ބަލާބިލާ ދަގޭ މުހައްމަދު...." (ދޫންޏާ ބަލާބަލަ ދަގޭ މުހައްމަދު) އަހަރެން ސަމީހާއަށް މުހައްމަދު ދައްކާލާފައި މުހައްމަދަށް ޖެއްސުން ކޮށްލަން އޭނަގެ ނަން އެހެން ގޮތަކަށް އަނބުރައިލީމެވެ. "އޭއި 'ދަ ގޭ' މުހައްމަދާ!" އަޑުގެ ކޮޅަށް އަހަރެން އެހެން ދެފަހަރަކު ގޮވައިލުމުން ރާޅު ފަށުގައި ހުރެފައި ސަމީހާ ފައިން އަހަރެންގެ ގަޔަށް ލޮނު ޖެހި އެވެ. އަހަރެން ދުރަށް ދުވުނީ އެވެ. ސަމީހާ ލޮނު ބުރުވަމުން ފަހަތު އާދެ އެވެ. އެއްލާ ކަށި ވެލި ގުޅަ އަހަރެން ބުރަކައްޓާ ބޮލަށް އަރަ އެވެ. އަހަންނަށް ޔަގީނެވެ. މުހައްމަދު ގޮސް މަންމަ ގާތުގައި ކުޓުވާނެ އެވެ. ބުނާނެ އެވެ. އިނބަގެ އާދަނު މަގޭ އަބުރާ ބެހެފި އެވެ. ފަނޑިޔާރުގެ އަށް ދާނަމެވެ. އަހަންނަށް އެނގެ އެވެ. ގެއަށް ދިއުމުން އަހަންނަށް މަންމަ، ހޭ އަރުވައިލާނެ އެވެ. ފަށާނީ މަންމަގެ ބޮޑު ފޮތުންނެވެ: "މަށް ލިބީފަ މިހިރި ނުބައި އިނބިލީހާ އެވެ. ނިކަން ބަލާބިލާށެވެ. ތެއް ބޮލެކޭ ކުޅަނދުރަ ހަތައެކޭ ތަފާތެއް ނެތެވެ. މީހުންގެ އަބުރު ނަގާލަނޫ މާ މޮޅަ ކަމަކަށް ވެގެން ދޯ އެވެ. މަ ލަދުން ނަގާލާޅެވެ. ކަނޑަފަޅުގައި ހެއްދެވި ނަމަ އޮޑި ދޯނިފަހަރަ ދުއްވިޔަ ނުދޭޅެވެ." (މަށަށް ލިބިފައި މިރީ އިނބިލީހެއް ކަހަލަ ނުބައި ކުއްޖެކެވެ. ނިކަން ތިހިރަ ބޮލެއް ބަލައިބަލާށެވެ. ހީވަނީ ކުޅަނދުރު ހަތާގަނޑެއް ހެނެވެ. މީހުންގެ އަބުރަށް އަރައި ގަތުން މާ މޮޅު ކަމަކަށް ދެކެނީ ހެއްޔެވެ؟ އަހަރެން ފަކީރު ލަދުން އަވަދިކޮށް އެބައުޅެ އެވެ... ޔަގީނެވެ، ކަނޑުފަޅުލައި ހެއްދެވި ނަމަ އޮޑި ދޯނި ފަހަރުވެސް ދުއްވިޔަ ނުދޭނެ އެވެ.)
އަހަންނަށް އެނގެ އެވެ. އެއީ އަބަދުވެސް މަންމަގެ ފާޑެވެ. ބައްޕަ ތަފާތުވާނެ އެވެ. އެއީ ބައްޕައެކެވެ. އަހަރެންގެ ލޯބިވާ ބައްޕަ އެވެ. ކިތަންމެ ހަމުން ކަޅަސް ބައްޕައަށް އަހަރެން ވަނީ މޮޅު ކަޅަކަށެވެ. އަހަންނަށް އަހުވަ ދައްކަން މަންމަގެ އިލޮށިފަތި އަހަރެންގެ ބުރަކައްޓަށް ހުސްކޮށް ފިތް އަރުވައިލުމުން ވެސް ބުރަކަށީގައި ފިރުމައި ދެމުން ބައްޕަ ރޯނެ އެވެ. ގޯތިތެރޭގައި ހުންނަ މާ ކަށިކެޔޮ ގަހުން ފަތެއް ކަނޑައިގެން ކަށިކެޔޮ ފަތު ދޯންޏެއް ހަދައިދޭނެ އެވެ. ދޯނި އަހަރެންގެ އަތަށް އަރާއިރު ބުރަކަށިން ދިލަ ކެނޑިދެ އެވެ. އަހަރެންގެ ފުއްޕާފައި ހުންނަ ވަރުގަދަ ބުޅި އިސްތަށިގަނޑު ރުޅިއައިމާ މަންމައަށް ހަތާގަނޑަކަށް ވިޔަސް ބައްޕަ އަހަރެންގެ އިސްތަށިގަނޑާ ކުޅޭނެ އެވެ. އަހަރެންގެ ލޯ މެރެންދެނެވެ. ބުނާނެ އެވެ: "މިއީ އަހަގެ އެންދެރި ރާޖާ އެވެ. އަހަގެ އެންދެރި ރާޖާ އަށް ލިބީފަ މިއޮއްތޫ މަސްއޮޑި ހަމްދީގެ އިސްތަށިގަނޑެވެ." (މިއީ އަހަރެންގެ އެނދެރި ރާޖާ އެވެ. އަހަރެންގެ އެނދެރި ރާޖާގެ މި ބުޅި އިސްތަށިގަނޑަކީ މަސްއޮޑި ހަމްދީގެ އިސްތަށިގަނޑެވެ.)
މުހައްމަދާ ދިމާއަށް ބުނެވުނު ބަހުގެ އަދަބު ފަހުން އަހަންނަށް ލިބޭނެ ކަމަށް ގައިމެވެ. އެހެންވެ އެކަމާ ވިސްނާކަށް ބޭނުމެއް ނުވި އެވެ. ސަމީހާ ގޮވައިގެން ދުވީ އެވެ. ވަރިހަމައޭ ބުނަމުންނެވެ. ގާބުރިއެއް ނަގައި އަތުކޮޅަށް ހޫރައިލަމުންނެވެ. ވަލުތެރޭގައި އަހަރެން ސަމީހާއަށް އަޅައިދިން ކުޑަ ގެ ދައްކާލާށެވެ. ސަމީހާ އަހަންނާއެކު އައީ ކުޑަގެ ބަލައިލާށެވެ. ދޮންގަނޑަށް ތެލިދޮންނަށް އެރުމަށްފަހު ތެލިތައް ހޭޅިއަށް ދޫކޮށްލާފަ އެވެ.
"ރީތިވާޅެތެ؟ މަ ބުނި ގޮތަށްތެ ހުންނާނޫ؟" ސަމީހާ އަހަރެންގެ ކަރުގައި އެލިގަންނަމުން ބުންޏެވެ. (ރީތިވާނެތަ؟ ހުންނާނީ އަހަރެން ބުނި ގޮތަށްތައް)
"ވަރަށް ރީތިވާޅެ... ލޯ މަރާބިލާ!" ހަނިމަގުން އެއްގަމަށް އެރުމަށް ފަހު ސަމީހާގެ ލޮލުގައި އަތް އަޅާފައި އަހަރެން ބުނީމެވެ. (ވަރަށް ރީތިވާނެ. ލޯ މަރާބަލަ؟)
"ހޫމް... މަރައިފީމޭ ދޫންޏާ! ލޯ ހޮޅުވާން ވޫދޯ؟" (ދޫންޏާ ލޯ މަރައިގެނޭ މިހިރީ. ލޯ ހުޅުވަންވީތަ)
"މަޑަކޮށްލާ ކެތްތެރިވެބިލާ. މިހާރު މި ވަންނަނޫ ގޯއްޗު ތެރެށް ހުރިގޮތަށް ކަނާތައް އެނބުރީ ހުއްޓީގެން ހުރޭ، ލޯ ނޮ ހޮޅުވައްޔޭ" (މަޑުކޮށްލާ، ކެތްތެރިވޭ! މިހާރު މި ވަދެވުނީ ގޯއްޗަށް ތިހެން ހުރެ ކަނާތައް އެނބުރޭ. ލޯ ނުހުޅުވާތި)
އިރުކޮޅެއްކޮށްފައި އަހަރެން ސަމީހާގެ ކޮލުގައި ކޮއްޓައިލީމެވެ.
"ދެން މަޑުމަޑުން ލޯ ހޮޅުބިލާ،" (ލަސްލަހުން ލޯ ހުޅުވާބަލަ)
ސަމީހާ ލޯ ހުޅުވައިލި އެވެ. އަހަރެން އަތުގައިވާ މާފަތި ފެނުމުން އުފާވެފައި ދެތުންފަތް ފޭކޮށްލި އެވެ. "ދޫންޏާއޭ" ބުނަމުން އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ކުޑަގެއަށް މަރުހަބާ ކިޔުމުގެ ގޮތުން ތިރިވެފލާފައި އަތުން އިޝާރާތްކޮށްލީމެވެ. ފުލަށް ބެރަބަދި މަލެއްލާފައިވާ ކޮތަރު މަލުގެ މާފަތި ސަމީހާގެ ކަރަށް ވައްޓާލަ ދިނީމެވެ.
"ދޫނިގެ ހުދަ ގަނޑުވަރަށް ވަންނާން މިއޮށް މަގުން ހިނގާ!" (ދުންޏަށް އަހަރެން ހަދައިދިން ހުދު ކުލައިގެ ގެއަށް ވަންނަން މި މަގުން ހިނގަން ފަށާ)
ހޭޅިފަށުގައި އަޅާފައިވާ ގެއަށް ވަންނަން އޮތް މަގުގައި ފެހި ދޫލައެއް ހެން ދުވެފައިވާ ހުނިގނޑިފިލާ ވެޔޮ މަތީ ފިޔަވަޅު އަޅަން ބޮޑެތި ކަނދުފަތް ހުއްޓެވެ.
"ބިސްމި ކީންތެ؟" ފުރަމަ ދެ ފަތް މަތީގައި ފައި އެޅުމުން އަހަރެން ސަމީހާގެ ކޮނޑުގައި ހިފެހެއްޓީމެވެ. ސަމީހާ ނޫނެކޭ ބުނެފައި ފަހަތަށް ޖެހި، ބިސްމި ކިޔާފައި އަލުން ހިނގައިގަތެވެ. ގެއާ ދިމާއަށް ބަލަހައްޓައިގެން ސަމީހާ ހުރީ ހައިރާންވެފައެވެ. ދެވަނަ ފަހަރު ސަމީހާގެ އަތުގައި ހިފީމެވެ. ގެއަށް ވަންނަންދާ މަގުގެ ދަފަރާތުން ހެދިފައިވާ ބޯކަށިކެޔޮ ގަހާ ދިމާއަށް އިޝާރާތް ކޮށްލީމެވެ. ފަންކިރިލި ޖަހާފައިވާ އެކި ކުލަކުލައިގެ ކޮކާތަކެވެ. ކޮކާލަށް ވެގެން އަންނާނެ ރުވާ ފަނި އަޅާފައިވާ ބޮނިބިތަކެވެ. އެ ސޮރުމެން އުދުހިލާފައި ކަށިކެޔޮ ގަހަށް ޖައްސައި ދެފިޔަ ހުޅުވައިލަ އެވެ. ސަމީހާއަށް އިޝާރާތްކޮށް އާގެއަށް މަރުހަބާއޭ ބުނާހެނެވެ.
އަހަރެން އަތް ލީމެވެ. ސަމީހާގެ ކޮނޑުމަތިންނެވެ. ހެދުމުގެ ކޮނޑު ވައްޓައި ދޮންކަން ހާމަކޮށްލީމެވެ. ފަން ކިރިއްޔެއް ކަނޑައިލުމަށްފަހު ގަދަ ނުލަކާއި މަޑުފެއްސަކާއި ރަތް ރީނދުލައަކުން ނަލަވެގެން އިން ކޮކާލެއް ގެނެސް ސަމީހާގެ ބޮނބިފަޅި މަތީގައި ބޭންދީމެވެ. ކިރިލީގެ ކޮޅު ސަމީހާގެ އަތަށް ދީނިމެވެ. ކޮކާލުގެ ކުދި ފައިތައް ސަމީގެ ހަށިގަނޑުގައި ޖެހުމުން ރޫރޫލައިގަތެވެ. އަހަރެންގެ މޫނު ގާތަށް ގެންދިޔައިމެވެ. ފުމެލީމެވެ. ސަމީހާ ތެޅިގަތެވެ. ކޮކާ އުދުހި ގަތެވެ. ސަމީހާ އަތުން ކިރިލި ދޫވެ، މިނިވަންވެގެން ކޮކާ ވިނަގަނޑު މަތިން ދުރަށް އޮބަންދެން އަހަރެމެން ބަލަން ތިބީ ބައްދާލައިގެނެވެ. "ދޫންޏާ...ވަރަށް ވަރަށް ރީތި އިނގޭ، ވަރަށް ވަރަށް އުފާވޭ،" ސަމީހާގެ ދެ އަތްތިލައި ދެ ފަރާތުން އަހަރެންގެ މޫނުގައި ޖައްސައިލި އެވެ. އުވައިން ރާނާފައިވާ ގާފޮޅު މަތީގައި މަގޫ ދަނޑިން މެއްލަ ޖަހައިގެން ހަދާފައިވާ ކުޑަކުޑަ ގެއާ ދިމާއަށް ބަލަމުން ދިޔަ އެވެ. ނޯއްދަމާލި އެވެ. ހޭޅީގައި ހުއްޓަސް ލޮނުވެލީގެ ވަހެއް ނެތޭ ބުނާހެނެވެ. ހުދު ބިތު ރާޅު ދިލައެއް ނާރާ ދޯއޭ ބުނާހެނެވެ. ގޭގެ ބިއްތަކުގައި ގޯނި ޖަހައި އުވަ އުނގުޅައިގެން އަހަރެން ހުންނާނީ އިރުވާހުދު ކުލައަށް ބަދަލުކޮށްފަ އެވެ. ގޭތެރޭގައި ވިޔަސް ބޭރުގައި ވިޔަސް ވަށައިގެން ހެދިފައިވާ އުނިގަސްތަކުން ފޮޅިފައިވާ މާތަކު އަބީރު މީރު ވަހުގެ ފޭރާމެއް ފަދައިން ގައިގައި ވަށައިލާނެ ގޮތަށް އަހަރެން ހުންނާނީ ވައިފަހިކޮށްފަ އެވެ. ސަމީހާއަށްޓަކަ އެވެ.
ގޭގެ ދޮރު ކައިރީ ބަހައްޓާފައިވާ މާފެނުގެ ކުޑަ ފެން ރުނބާ އަހަރެން ސަމީހާއަށް ދެއްކީމެވެ. ބިތުގައި އަޅުވާޅަފައި ދިގުދަނޑިލީ ނާށި އުނދުޅި ނަގައި ފެން ރުނުބާތެރެއަށް ލައި އަނބުރާލީމެވެ. ހުވަނދު މަލާއި ފިނިފެންމަލުގެ ފިޔަތަށް ރުނބާގެ ތެރޭގައި ބުރަކަށް އެނބުރި އެނބުރި ހުއްޓެވެ. އުނދުޅިން ނެގި މާފެނުން އަހަރެން ސަމީހާގެ ދެފައި ދޮވެދީފައި ގެއަށް ވަނުމަށް އެދުނީމެވެ. ދޫންޏާ އެވެ. ފައި އަޅާށެވެ. މިއޮތީ މައްޗަށް އުނިމާ ބުރުވާލާފައިވާ ދޮންވެލީގެ ތަޅުމެކެވެ. ސަމީހާ ވަނުމުން ކޮލުގައި ހިފާލީމެވެ. މެދު ގޭތެރޭގައި ދިއްގާ ދަނޑިން ހަދާފައިވާ ކުޑަ މޭޒަށް އިޝާރާތް ކުރީމެވެ.
"އެހެރޫ މޭވާ، ކާންވާޅެ؟" (އެހެރީ މޭވާ، ސަމީ ކާންވާނެ) ރުކުފަތިން ވިޔެފައިވާ ޓުކުރީގެ ތެރެއަށް އަހަރެން އެޅި ދޮން ވަސް ދުވާ ހަންޑި ކިކިރި އާއި ވަލު މޭވާތައް ދައްކައިލީމެވެ. ދޮންކާންޏާއި އިރަށް ދޮންވެފައިވާ އުނިތައް ދެއްކީމެވެ. އިހަލުން އުފުރާލި ކުރިކިހާކާއި ދަނބުރުކު ކުރުނބައެކެވެ. މުޅި ޓުކުރީގެ މަންޒަރު ރީތިކުރި މަގޫފަތްތަކުގެ ތެރެއަށް ރޫޅާލާފައިވާ އަލިފާން ކުލައިގެ ބޯކަށިކޮޔޮ ވައްތަކާއި ރުކެއްގެ ލޯކުރިގަނޑެވެ.
"އެހެރޫ މޭވާ، ކާންވާޅެ؟" (އެހެރީ މޭވާ، ސަމީ ކާންވާނެ) ރުކުފަތިން ވިޔެފައިވާ ޓުކުރީގެ ތެރެއަށް އަހަރެން އެޅި ދޮން ވަސް ދުވާ ހަންޑި ކިކިރި އާއި ވަލު މޭވާތައް ދައްކައިލީމެވެ. ދޮންކާންޏާއި އިރަށް ދޮންވެފައިވާ އުނިތައް ދެއްކީމެވެ. އިހަލުން އުފުރާލި ކުރިކިހާކާއި ދަނބުރުކު ކުރުނބައެކެވެ. މުޅި ޓުކުރީގެ މަންޒަރު ރީތިކުރި މަގޫފަތްތަކުގެ ތެރެއަށް ރޫޅާލާފައިވާ އަލިފާން ކުލައިގެ ބޯކަށިކޮޔޮ ވައްތަކާއި ރުކެއްގެ ލޯކުރިގަނޑެވެ.
"ތުންފަތް ނުޖަހާ މި ވަކުގެ ޅަ ބައި ކާލާބިލާ، ތުންފަތް ޖެހެނޫމަ ވަރަށް އަނގަ ކަހާޅެ، ވަރަށް ރަހަ މީރަވާޅެ، ހީވާނޫ އަނަގަޔަށް ވިރެން ހެން" (ދެ ތުންފަތް ނުޖައްސައި މި ކަށިކެޔޮ ވަކުގެ ޅަތަންކޮޅު ކާލަބަލަ ތުންފަތް ޖެހިއްޖެ ނަމަ ވަރަށް އަނގަކަހާނެ. ކާއިރު ހީވާނީ އަނގައިގެ ތެރެއަށް ވިރިގެންދާހެން)
ޓުކުރީގެ ތެރެއިން ބޯކަށިކެޔޮ ވަކެއް ނަގައި އަހަރެން ސަމީހާގެ ތުންފަތާ ދިމާއަށް ގެންދިޔައިމެވެ. ތުނިތުނި ފިޔާތޮށި ދެ ތުންފަތް ސަމީހާ ފޭކޮށްލި އެވެ. އަހަރެން ލަވައި ދިނީމެވެ. ކަށިކެޔޮކޮޅު ކައިލުމުން ކުރުނބާ ލޯ ކޮނެލާފައި ސަމީހާގެ އަނގައިގައި ޖައްސައި ދިނީމެވެ.
"މީރަތެ، ވަރަށް ފެން ހޭވާޅެ" (މީރުތަ؟ ވަރަށް ފެން ހެޔޮވާނެ) އަހަރެން ހީނލި އިރު ސަމީހާ ހުރީ ކުޑަދޮރުން ފެންނަ ފަލަ ދިއްގާ ގަހުގައި އެލުވާފައިވާ އުނދޯޔަށް ބަލާށެވެ. އަހަރެން ސަމީހާގެ އުނަގަނޑުގައި ހިފަހައްޓައި ދެ އަތް މައްޗަށް އުފުލައިލައި މޭގައި ބޮނޑިކޮށްލައިގެން ގެންގޮސް އުނދޯލީގައި ބޭނދީމެވެ.
"ރަން އުނދޯއްޔެކޭ! ރިހި އުނދޯއްޔެކޭ! ކޮން ކުއްދެއް ރަން އުނދޯލި ހެއްލާނޫ!" (ރަން އުނދޯއްޔެކެވެ. ރި ކުލައިގެ އުނދޯއްޔެކެވެ. އުނދޯލި ހެއްލާނީ ކޮން ކުއްޖެއް ހެއްޔެވެ؟) ވާފަށުގައި ހިފުމަށްފަހު އުނދޯލި ހެއްލައި ދެމުން އަހަރެން ނާނާ ކިޔަން ފެށުމުން ސަމީހާގެ ހިނިފަޅައިގެން ދިޔަ އެވެ.
އަހަރެން އުޅުނީ ބާރަށް ހެއްލާށެވެ. ބޯމަތިން ދާވަރަށެވެ. ސަމީހާއާއެކު އުނދޯލި މައްޗަށް އަރާ ގޮތަށް ދުރަށް ކޮށްޕާލުމަށް ފަހު އަހަރެން އުނދޯލި ދަށުން އަނެއް ފަރާތަށް ދާށެ. ވާފަށުން ތޫލި އަޑު ނެރެލައި ވައިގެ ތެރޭގައި ސަމީހާ އުދުއްސާލާށެވެ. ސަމީހާ އުދުހޭތަން ދެކެން އަހަރެން ވަރަށް ބޭނުމެވެ.
"ނޯން، ނޯން ދޫންޏާ، މަ ވަރަށް ބިރަ ގަނޭ، ވެއްޓީދާޅެއް ނޮން... ދޫނި ކޮންތާކުން އުނދޯލި ހޯދޫ؟" ވައިގެތެރޭގައި އިން
ސަމީހާ ބާރަށް ބުންޏެވެ. ހީވީ ބިރުން އުޅުނު ހެނެވެ. (ދޫންޏާ، ނޫން ނޫން ވަރަށް ބިރުގަނޭ. ވެއްޓިވެސް ދާނެ... ކޮންތާކުން އުނދޯއްޔެއް ހޯދީ)
އުނދޯލި މަޑު ޖައްސާލުމަށް ފަހު ދިއްގާ ގަހުގައި އެލުވާފައިވާ ބޮންތި ފަންވަތުން އަހަރެން ވިޔެފައިވާ ދޫނިތަކާއި ސުވާތައް ދައްކައިލީމެވެ.
"ކީކީ، ކީކީ.... މިޔޯ ގާދޫންޏެއް" (މިއީ ގާދޫންޏެއް) ފަންވަތު ދޫންޏެއްގެ ވާފަށް ކަނޑައިލައި އުދުއްސަމުން ދުވެފައި ގޮސް ސަމީހާއަށް ދިމާއަށް އެއްލާފައި އުނދޯލި ކައިރީގައި ހުރި އޮނި ދައްކާލީމެވެ.
"ދޫންޏާ އެޔޯ ކޯންޗެއް؟" (ދޫންޏާ އެއީ ކޯނޗެއް؟) ސަމީހާ އެހީ އެވެ.
"އެޔޯ ބޯ ދޮންނަ ފަތާ އަޅު... ހިނގާ ބޯ ދޮންނާން މޫދަށް އެރެން،" (އެއީ ބޯދޮންނަ ބޭނުން ކުރާ ތަނބަރަ ފަތާ އަޅި ހިނގާ މޫދަށް އެރި ބޯ ދޮންނަން) [ތަނބަރަ ފަތާއި އަޅި ރަނގަޅަށް މިކްސް ކުރުމުން އިތަށިގަނޑަނޑު ދޮވެވޭފަދަ މީރު ދުވަސް ދުވާ ޝޭމްޕޫ އެއް އުފެދޭނެ އެވެ. އަދި ތަނބަރަށް ފަތް އެކަނި މިކްސްކޮށްލުމުން ލުއިލުއި ވަހެއް ހުންނަ ޝަވާޖެލްއަކަށް ފުދޭނެ އެވެ. ދެކުނުގެ ދިވެހި ކުރިން ބޭނުންކޮށް އުޅުނެވެ]
އޮނީގައި ހުރި ތަނބަރަ ފަތްތައް ނަގައި އޮމާން ހަތާ ގަލެއްގެ މަތީގައި ބެހެއްޓުމަށްފަހު އަޅިކޮޅު އަޅައި ތަޅައި ޗިސްކޮށް އަތަށް އަޅައިލީމެވެ. ސަމީހާ ގޮވައިގެން މޫދަށް އެރި ގަންބާލައި ތެންމާލުމަށްފަހު އަތުގައި ހުރި ފަތްކޮޅު ސަމީހާ ފަން އިސްތަށިގަނޑުގައި އުނގުޅާލައި ދިނީމެވެ. ފޮނުގަނޑު އަރައިގަތެވެ.
"މީ ޝޭމްޕޫ ހަދަނީ މީގެންދޯ؟ ފޮނަވަސް އަރާ!" (މީ ޝޭމްޕޫ ހަދާފައި ހުންނަނީ މިހެންތަ؟ ފޮނުވެސް އެބަ އަރާ) އަހަރެން ސަމީހާގެ ބޯ ދޮވެދެމުން ދިޔައިރު ސަމީހާ ސުވާލު ކުރަމުން ދިޔަ އެވެ.
ބޯދޮވެދެމުން އަހަރެން ބެލީމެވެ. ލޮނާ ފޯވެގެން ސަމީހާ ހުރި އިރު ހަށިގަނޑު ބައްޓަން ރީއްޗަށް ފާޅުވެ އެވެ. ތުނި ހަށިގަނޑެވެ. ވަށް ބުރުގެ މޫނެކެވެ. ތެމިފައިވާ އިސްތަށިގަނޑު ނައްޓަލައިގެން ވެއްޓޭ ފެންތިކިތައް ސަމީހާގެ ކޮނޑާއި މޭމަތިން ބުރަބުރައިގެން ދެއެވެ. އިރު ދަޅަށް އެޅިފައިވާ ލޮނުތިކިތަކާއި ފޮނުކޮޅުޅު މުތީތަކެއް ވިދަމުން ދެއެވެ. ބޮޑެތިކޮށް ސަމީހާގެ ކަނދުރާ މަތިންނާއި މޭމަތީގައި އުފެދުނު ރަން ކުލަ އަރާ ބޮޑެތި ސައިބޯނި ބޮކިތައް ފެޅުމުގައި ވަރަށް މަޖާ ނެގީމެވެ. އެއް ފަހަރަކު ސަމީހާގެ އަތްތިލައިގެ ތެރޭގައި ބޮޑު ބޮތްކެއް އުފެދުނެވެ. އަހަރެމެން ދެމީހުން މޫނު ޖެއްސީމެވެ. ބޮކި ފަޅައިގެން ދިޔައެވެ. އަހަރެން ތުންފަތާއި މެހިގެން ދިޔަ ލުއިލުއި ވަގުތުކޮޅެއް އުފެދުނެވެ.
މޫދުގައި އަހަރެމެން މަޖާ ކުރީމެވެ. ކުދި ރާޅުތަކާ ކުޅުނީމެވެ. ރާޅުތަކުގެ މައްޗަށް ފުންމައިގެންފައި އަހަރެން ސަމީހާއަށް ކިޔައިދެމެވެ: "ކޮނޑޭގައި އުޅުއްވިއޭ ރަސްކަލެއް، އެރަސްގެފާނު ކަނީ ބޮނޑޭ، ލަނީ ހޮޑޭ، އަންނަހާ ރާޅަކަށް ވިއްދަނީ ކޮނޑޭ!" ފަކުރު ގަނެގެން ސަމީހާ އަނގަ ހަދާލި އެވެ. އަހަރެ ބުނީމެވެ. ކުދި ރާޅުތައް ބޮޑު ކުރަމާ ހިނގާށެވެ. ސަމީހާ ބުންޏެވެ. ކިހިނެއް ހެއްޔެވެ؟ އަހަރެން ބުނީމެވެ. އަހަރެންގެ ފަހަތުން ކިޔާށެވެ. މި ބަނދި ކިޔާއިރަށް ރާޅުތައް ބޮޑުވާން ފަށާނެ އެވެ.
ކަނޑުކަމަނާ، ކަނޑު ކަމަނާ ފޮނުވި ރާޅު ހާދަ ކުޑޭދޯ!
މުއްލައިދޫ މަސްކަދު މައްޗަށް ފޮނުވި ބޮޑު ރާޅު ހާދު ކުޑޭދޯ!
ކަނޑު ކަމަނާ، ކަނޑު ކަމަނާ...!
"އަފޫ، ގެއަށް ފެންވަރަން،" އަހަރެން ބުނީމެވެ. (ގެއަށް އާދޭ ފެންވަރަން) ކުއްލިއަކަށް އެހެން ބުނުމުން ސަމީހާ ހުރީ ހައިރާން ވެފަ އެވެ. ފެންވަރާނީ ކިހިނެއް ހެއްޔޭ ބުނާން އުޅުނު ހެން ހީވެއެވެ. އެ ސުވާލުގެ ޖަވާބު ވެސް އަހަރެން ދިނީމެވެ. އަތުގައި ހިފީމެވެ. ހިނގައިގެންފައި ހިމުން ވެލިގަނޑުގެ މައްޗަށް ސަމީހާ ވައްޓައީލީމެވެ. އަހަރެން މޫނު ދޮންވެލިގަނޑުގައި ޖެއްސުމަށް ފަހު ވެލި ފުރޭތައަކަށް ވެގެން ދެއަތް ބުޅި ކުރަމުން ސަމީހާ ފަހާ ގޮނޑުދޮށުގައި ދުވުނީމެވެ. އަހަންނަށް އަތުނުވާން ދުވުނު ސަމީހާ ހެމުން ހެމުން ގޮސް ވެއްޓުނީ ކަނުނި ހޮރަކަށް ފައި ގަނބައިގެނެގެނެވެ. ނަގައި ދިނީމެވެ. ލޯބިންނެވެ. ހަޅައިލަވައިގަތެވެ. ބިރުންނެވެ.
"ކިޔެއްވޫ... ދޫންޏާ ކިޔެއްދޯވޫ؟ ތަދުވޫދޯ" އަހަރެން އޮޅުލައި ގަތީމެވެ. ސުވާލު ކުރީމެވެ. (ކިހިނެއްވީ ދޫންޏާ ތަދުވީތަ؟)
"ތެޔޮއްތޫ ދިގަ ސޫތްޕެކޭ... އެއޮށް އުމަނޫ މިދިމާލަށް ބަލާބިލާ" ސަމީހާ އަހަރެންގައި އޮޅަމުން ރޮއެގަތެވެ. (ބަލާބަލަ ތިއޮތީ ނަންނުގައްޗެއް. ތިޔޮށް އަންނީ މިދިމާއަށް) އަހަރެން ބަލައިލީމެވެ. ހެޔޮވަރުގެ ނަންނުގައްޗެއް ވެލިގަނޑު މަތިން ލަސްކޮށް ގުދު ލައްވަމުން ކަފީ ދޫ ބޭރަށް ނެރެގެން އޮވެ އާދެ އެވެ. ސަމީހާއާއެކު އަހަރެން ދުރަށް ޖެހިލީމެވެ. ހޭޅި ފަށުގައިވާ މިރިގަނޑުން މިރި ކުރިއެއް ދަމައިގަނެ ނަންނުގަތީ ބޮލުގައި އެކަތި ފަހަރުން ޖަހާ ތަންޑާކޮށްލައި މަރައިލީމެވެ. މޫދުގައި އުޅޭ ނަންނުގައްޗާވީ މާރިދަށް މަސްގަނޑު ދެނީ ބުނަމުން މަރުވެފައިވާ ނަންނުގަތި ނަގައި މޫދަށް އެލީމެވެ. މޫދުގައި އެސޮރު ޖެހުނު ދިމައިން ބަޑިއެއް އެޅި އެވެ. މުޑަ ހަންޖެއްގެ ދުވަހުގެ ފުރާގަށްވީ ތޯއްޗެކެވެ.
"ތެޔޮއްތޫ ދިގަ ސޫތްޕެކޭ... އެއޮށް އުމަނޫ މިދިމާލަށް ބަލާބިލާ" ސަމީހާ އަހަރެންގައި އޮޅަމުން ރޮއެގަތެވެ. (ބަލާބަލަ ތިއޮތީ ނަންނުގައްޗެއް. ތިޔޮށް އަންނީ މިދިމާއަށް) އަހަރެން ބަލައިލީމެވެ. ހެޔޮވަރުގެ ނަންނުގައްޗެއް ވެލިގަނޑު މަތިން ލަސްކޮށް ގުދު ލައްވަމުން ކަފީ ދޫ ބޭރަށް ނެރެގެން އޮވެ އާދެ އެވެ. ސަމީހާއާއެކު އަހަރެން ދުރަށް ޖެހިލީމެވެ. ހޭޅި ފަށުގައިވާ މިރިގަނޑުން މިރި ކުރިއެއް ދަމައިގަނެ ނަންނުގަތީ ބޮލުގައި އެކަތި ފަހަރުން ޖަހާ ތަންޑާކޮށްލައި މަރައިލީމެވެ. މޫދުގައި އުޅޭ ނަންނުގައްޗާވީ މާރިދަށް މަސްގަނޑު ދެނީ ބުނަމުން މަރުވެފައިވާ ނަންނުގަތި ނަގައި މޫދަށް އެލީމެވެ. މޫދުގައި އެސޮރު ޖެހުނު ދިމައިން ބަޑިއެއް އެޅި އެވެ. މުޑަ ހަންޖެއްގެ ދުވަހުގެ ފުރާގަށްވީ ތޯއްޗެކެވެ.
ބިރު ފިލުމުން ގޮވައިގެން ގޮސް ގެއާ ކައިރީގައި ހުރި ރުއް ބުޑުގައި ހުރި މާ ފެން ރުނބާ ދައްކާފައި އަހަރެން އަތުން ސަމީހާގެ ބޮލަށް ފެން އަޅައި ދޭން ފެށީމެވެ. ސަންފާކެޔޮ ވަކެއް ކަހަލަ ދޮން ކަނދުރާ އާއި ދޮން މޫނުގައި އަތް އުނގުޅައި ދިނީމެވެ. ފައިތަލަ އާއި ކުޑަކަޅުވާ އުނގުޅައި ދިނީމެވެ. ފިނިފިނި މާފެނުން އަހަރެމެން ދޮވެމުން ސާފުވަމުން ދިޔައީ ބައްދާލައިގެދން ތިބެއެވެ. މަތިން އެއްޗެއް ނެތް އަހަރެންގެ ހަށިގަނޑުގެ މައްޗަށް ސަމީހާ ލެނބިލައިގެން އޮތެވެ. ހީވަނީ ކަނޑުން އަރައިގެން އަންނަ ވައިރޯޅިއަށް ލެނބިފައިވާ މީރުވަހެއް ދުވާ މަ ކޯޅިއެއް ހެނެވެ.
ފެންވަރައިގެން ގެއަށް ސަމީހާ ގެންދިޔައީ އަހަރެން ފައިމަތީގައި ހިނގުވާފަ އެވެ. އެތެރެއަށް ވަދެ ސަމީހާގެ ލޮލުގައި އަތް ޖެސުމަށް ފަހު އެނދު ދައްކާލުމުން ސަމީހާ ލޯ ބޮޑުވި އެވެ. އަނގަމަތީ އަތް އެޅުނެވެ. އޮށިން ހަދައި މަގޫ ފަތުގެ ތަންމަތި އެޅި، އެނދެކެވެ. ފާޑުފާޑުގެ މަލު ދާނަކަށް ހަދާފައިވާ އެނދުމަތީގައި އޮތީ ސަމީހާގެ ގޭގެ ރޯނުން ގެއްލިފައިވާ ކަމަށް ސަމީހާ ބުނި ރަތް ކުލައިގެ ކުދި މާ ޖެހި ހުދު ހެދުމާއި ހުދު ހަރުވާޅެވެ. ހަމަ އެރޭ ގެއްލުނު ކަމަށް ބުނި މައްޗާއި ތިރީގެ ދެވަނަ ހަމެވެ.
"ދޫންޏާ... ކެރަން ކަންތެއް ތަޅޭ އިނބަ! " (ދެން ދޫނި ކުރާ ކަންތައް) ސަމީހާ ހުރީ ލަދުގެންފަ އެވެ. ހީވާ ގޮތުން ސަމީހާގެ އެތެރޭގެ މައްޗާއި ތިރި އަހަރެން ގެނެސްފައި އޮތުމުންނެވެ. އަހަރެން ނުބަލަމެވެ. ހިކި އަންނާނެ ފުރުސަތު ދީފައި ދޮރު ލައްޕަމުން ނުކުތީ އެވެ.
ކުދި ރަތް މާޖެހި ހެދުމާއި ހުދު ހަރުވާޅުގައި ސަމީހާ ބޭރަށް ނުކުމެ އިސްތަށިގަނޑު ކޮނޑުމައްޗަށް ވައްޓައިލި އެވެ. އަހަރެން ހުރީ ބަލާށެވެ. މަޑުމަށުން ފުރަގަހުން ގޮސް އަހަރެން އަތުގައި އޮތް ހިރުނދު މާ ސަމީހާ އިސްތަށިގަނޑުގައި ހަރުކޮށް ކައިރީގައި ހުރި މާފެން ރުނބައިން މޫނު ބަލައިލުމަށް އިޝާރާތް ކުރީމެވެ. ސަމީހާ ބަލައިލި އެވެ. އަހަރެން މޭމަތީގައި މޫނު ވަޅުލި އެވެ. ހޫނު ކަން އިހުސާސް ވާ ވަރަށެވެ. އެ ހޫނުގައި ހަށިގަނޑުގެ ރޫ ފިލާ ވަރަށެވެ. އެހެން ތިބެ އަހަރެމެންނަށް ރުކެއްގެ ބުޑުމައްޗަށް އެރުނެވެ. ވަޔަށް ހެލެމުން ދިޔަ ތޮނަ ގަސް ތަކާއި ހިރިކުއްޅަ ވެޔޮގަނޑު މަތީ ފުރޮޅެވުނެވެ. އޭގެ ފަހުން އަހަރެން އަނގައިން ފަޅައިލި ދޮންކެކުރިއާކު ސަމީހާގެ މޫނާ ދިމާއަށް ގުދުވެ ސަމީހާގެ އަނގައަށް ކެކުރި ލަވައި ދިނީ އަހަރެން ހެދި އެނދުމަތީގަ އެވެ.
"މިހާ ފިނި އެއްވެސް އެނދެއް ނުހުންނާޅެ، އިނބަ އޮށޯވެބިލާ!" މަގޫފަތްތައް މަތީގައި ސަމީހާ ބާއްވައި ދެމުން އަހަރެން ސަމީހާގެ ދަތްދޮޅީގައި ލުއިކޮށް ފަތް ކާތަމުން ދިޔައިމެވެ. (މިއަށް ވުރެ އަރާމު ފިންޏެއް ލިބޭ އެއްވެސް އެނދެން ނުލިބޭނެ ސަމީ އޮށޯވެބަލަ) ފިނިފިނި ފަތްތައް މަތީގައާއި ދަށުވެ އަހަރެމެން ފުރޮޅެމުން ދިޔައީ އެ ފިނިކަން އެއީ ހިތާއި ހިތުގެ ޖަޒުބާތު ބައްދަލުވާ އުދާހަށްވެ ނިމެންދެނެވެ.
"ދޫންޏާ މަ ދާންޖޭހޭޅެ މިހާރު، އަހަގެ އަންމާ އޮޅޭޅެ މަ ގެއްލީގެން، ދެން މަދަން،" ސަމީހާ އެދުނެވެ. އިސަތަށިގަނޑު ރީތިކޮށް ކޮނޑުމައްޗަށް ތަރުތީބު ކޮށްލި އެވެ. (ދޫންޏާ މަންމަ އުޅޭނެ އަހަރެން ގެއްލިގެން ދެން ދަންތަ؟)
ކުޑަ ވަގުތުކޮޅެއް ދިނުމަށް އަހަރެން އެދުނީމެވެ. އަހަރެން ސަމީހާއަށް ހަދައިދިން ގޭގެ ކުޑަ މޭޒުމަތީގައި ބާއްވާފައި އޮތް ރިނދަލި ނެގުމަށް ފަހު ސަމީހާގެ ކުރިމަތީގައި ހުޅުވައިލީމެވެ. އަދި އޭގައިވާ ރަން އަނގޮޓި ނެގުމަށްފަހު އަހަންނާ ކައިވެނި ކުރުމަށް އެދުމުން ސަމީހާގެ ކަނާތު ކަށި އިނގިލީގައި ރަން އަނގޮޓި އަޅުވައި ދިނީމެވެ. މުށުގެ ތެރެއަށް ރިނދަލި ލައިދިނީމެވެ.
"ދޫންޏާ ނޯން އެއްވެސް މީހަކާ ސަމީއެއް ނީންނާން. ސަމީ އޮޅޭނޫ މިކަހަލަ ގެއަކު ދޫންޏާއެކީ" ސަމީހާ އަށް ގިސްލެވުނެވެ. އުފަލުންނެވެ. އަހަރެން އަޅުވައިދިން ރަން އަނގޮޓިއާ ކުޅެމުން ގޮސް ތުންފަތުގައި ޖައްސައިލި އެވެ. "ސަމީ އޮޅޭން ބޭނުމޫ މިކަހަލަ ގެއަކު ތެއް ކަހަލަ ފިރިޔަކާއެކު" (ދޫންޏާ ނޫން އެހެން މީހާކާ ސަމީއެއް ނުއިންނާނެ، ސަމީ ދިރިއުޅޭނީ މިކަހަލަ ގެއްގެއްގައި ދޫންޏާއެކު. ސަމީ ދިރިއުޅޭން ބޭނުމީ ތިކަހަލަ ފިރިޔަކާއެކު)
"ދެން ދަނޫ... އިނގޭ... ދެންދިމާ ވާނޫ މިރޭ ބޮޑަމަގުން ކުޑަ ރުއް ކައިރިން، އިނގޭ ދޫންޏާ" އަހަރެން އަތުން ވީއްލިގެން ސަމީހާ ދުއްވައިގަތެވެ. (ދެން ދަނީ އިނގޭ. ދެން ބައްދަލުރާނީ މިރޭ ބޮޑު މަގުގެ ކުޑަށް ރުއް ކައިރިން)
"މި ގެ ރީތިތެ ސަމީއަށް،" (މި ގެ ރީތިތަ)
"އާނ ވަރަށް ރީތި ތެއް ކަލަ ގެއެއް ބޭނުމޫ... ތެއްގެ އަޅައި ދިނޫމާ އިނާމަކަށް ބައިލަކައް ލިބޭޅެ އިނގޭ" ދުވަމުން ފަހަތް ބަލަމުން ސަމީހާ ބާރަށް ގޮވަމުން ދިޔައެވެ. (އާނ، ތިގެ ވަރަށް ރީތި، ތިކަހަލަ ގެއެއް ސަމީ ބޭނުމީ. ތިގެ ތިހާ ރީތިކޮށް އަޅައި ދިނީތީ އިނާމަކަށް ބައިލަކަ ރުފިޔާ ދޭނަން)
އަހަރެން ހެވިފައި ގޮނޑުދޮށަށް ފޭބީމެވެ. ލޯމައްޗަށް ސަމީހާ އޮބަންދެން ބަލަން ހުރީމެވެ.
އަހަރެން ހީކޮށްގެން ހުރީ ވަރަށް އަވަހަށް ސަމީހާއާ އިނދެވޭނެ ކަމަށެވެ. އެހާ އަވަހަށް ދިރުއުޅުމެއް ފެށޭނެ ކަމަށެވެ. އެކަމަކު ވީ އެހެނެއް ނޫނެވެ. ހަމަ ކުއްލިއަކަށް ރަށުތެރެއަށް ފެތުރުނީ ސަމީހާ މުއްސަންޖަކާ ކައިވެނި ކުރާ ވާހަކަ އެވެ. ހަގީގަތް އޮޅުން ފިލުވާނެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ. ސަމީހާ ވަހީދުއާއެކު ފުރައިގެން ރަށް ދޫކޮށް މާލެ ބަދަލުވީ އެވެ. އަހަރެން ނުވެސް ދެކެމެވެ. އަހަންނަށް ލިބުނުހާވެސް އެއްޗަކީ ބައެއް މީހުންގެ މަލާމާތެވެ.
"މާލެ އައީ ކޮން އިރަކު؟" އިވުނު އަޑުން ކުއްލިއަކަށް އަހަރެން ސިހުނެވެ. ނުވަދިހަ ފަހަކުން އެނބުރި އާދެވުނެވެ. އެ އަޑު އިވުމުން ކީހާ ކުޅެން އިނދެވުނީ އެވެ. އަހަރެން އަތުން ތަންކޮޅެއް ޒަހަމުވެ ލީތިކިތައް ބުރައިގެން ދިޔައެވެ.
"ދޫންޏާ..." ވީތަދާއި އައްސީގެ ތެރަށް ސަމީހާގެ އަޑު ވަނުމުން އެނބުރި އެނބުރި އޮތް ކީސް އަހަންނަށް ދޫކޮށްލެވުނެވެ. ސުވިޗުން ކަރަންޓް ކަނޑައިލީ ސަމީހާ އެވެ. އަތުގައި ހިފަހައްޓައިގެން އަހަރެން އެނބުރުނީމެވެ. ސަމީހާ ހުއްޓެވެ. ގާތުގަ އެވެ.
"މާލެ އައީ ކޮން އިރަކު؟" އިވުނު އަޑުން ކުއްލިއަކަށް އަހަރެން ސިހުނެވެ. ނުވަދިހަ ފަހަކުން އެނބުރި އާދެވުނެވެ. އެ އަޑު އިވުމުން ކީހާ ކުޅެން އިނދެވުނީ އެވެ. އަހަރެން އަތުން ތަންކޮޅެއް ޒަހަމުވެ ލީތިކިތައް ބުރައިގެން ދިޔައެވެ.
"ދޫންޏާ..." ވީތަދާއި އައްސީގެ ތެރަށް ސަމީހާގެ އަޑު ވަނުމުން އެނބުރި އެނބުރި އޮތް ކީސް އަހަންނަށް ދޫކޮށްލެވުނެވެ. ސުވިޗުން ކަރަންޓް ކަނޑައިލީ ސަމީހާ އެވެ. އަތުގައި ހިފަހައްޓައިގެން އަހަރެން އެނބުރުނީމެވެ. ސަމީހާ ހުއްޓެވެ. ގާތުގަ އެވެ.
"ދޫނި އަހަންނަށް މާފެއް ނުކުރާނަންތަ... އަހަންނަށް މީނޫން ގޮތެއް ނެތުމުން މި ކައިވެނި ކުރީ. މިކަހަލަ އެހެން ފުރުސަތެއް ލިބުނު ދުވަހަކު ވާހަކަ ކިޔައިދޭނަން،" ސަމީހާ އަހަރެން އަތުގައި ހިފެހެއްޓި އެވެ. ކޮނޑުމަތީގައި އޮތް ދޯޕައްޓާ އަހަރެން އަތްތިލައިގައި އޮޅައިދެމުން ދިޔައެވެ. ސަމީހާގެ ލޮލުގެ ފުން ކަމުގެ ތެރެއިން ފެން ހިލި ކަރުނައަށް ވެގެން އޮހިގަތެވެ. ސަމީހާ އުޅުނީ އަހަރެން މޫނު މައްޗަށް ބުރާފައިވާ ކީސް ކުނޑިތައް ފޯ ކުރަމުން ދިޔައީ ކަރުނަ ފުހެދޭށެވެ. ނުހުރެވުނެވެ. ސަމީހާ ގިސްލާފައި ރޮމުން ބާރަށް ހިނގާފައި އެތެރަށް ގޮސް ގެއްލިއްޖެ އެވެ.
ކަންތައް ދިމާވި ގޮތުން އަހަންނަށް ޖެހުނީ ހިތްވަރުކޮށްފައި މަސައްކަތުގެ ތެރެއަށްދާށެވެ. ހަތަރު ފަސް ދުވަހެއްގެ ތެރޭގައި ކޮޓަރީގެ މަސައްކަތް އަހަރެން ނިންމައިފީމެވެ. މުޅި ކޮޓަރި ވެސް ހުދު ކުލައިންނެވެ. ހުރިހާ ދިމާއެއް ސިފަކުރީ ވަލުގައި އަހަރެން ސަމީހާއަށް އަޅައިދިން ކުޑަކުޑަ ހުދުގެ ޒީނަތް ކުރި ގޮތަށެވެ. ހުދު ކޮކާތަކެއް އުދުހޭ މަންޒަރުން ހުރިހާ ދިމާއަކުން ވެސް ސިފަވާނެ ގޮތަށެވެ.
"ނިމުނީދޯ؟ ވަރަށް ރީތި އިނގޭ، މަސައްކަތް ވަރަށް ފުރިހަމަ،" ކޮޓަރިއަށް ބަލަމުން ވަހީދު ހީނލި އެވެ. "ކިހާވަރެއްތަ ދޭންވީ؟" އަހަރެން މަސައްކަތް ފެށީ އަގު ކިޔައިގެނެއް ނޫނެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އަހަރެން ހުރީ އެވެ. އެކަމަކު އަހަރެން ފައިސާ ބޭނުމެވެ. އަހަރެންގެ ވެސް ދިރިއުޅުމަކާ މަގުސަދެއް އެބައޮތެވެ.
"ސަމީ ކޮބާ އާދަނުގެ ފައިސާކޮޅު؟" ވަހީދު ގޮވައިލި އިރު ސަމީހާ ނުކުންނަނީ އެވެ. ކޮތަޅެއް ހިފައިގެނެވެ. ދިއްކޮށްލީ އަހަރެންގެ އަތަށެވެ. އޭގައި އަހަރެން ހިފީމެވެ.
"ކިހާވަރެއް ތި ދިނީ؟" ވަހީދު އެހީ އެވެ.
"ބައިލައްކަ ރުފިޔާ،" ސަމީ ބުންޏެވެ.
ސަމީހާ ދިން ކޮތަޅު ދަބަސް ތެރެއަށް ލައިގެން އަހަރެން ނުކުތް އިރު ވަހީދު ކޮޓަރީގެ ތެރެއަށް ވަންނަނީ އެވެ. އަހަރެން ސަމީހާއާ ދިމާއަށް ބަލައިވެސް ނުލާ ނުކުންނަމުން ހުއްޓުނީމެވެ. ފަހަތަށް ބަލައިލެވުނެވެ. އިހުތިޔާރާ ނުލަ އެވެ. އަހަންނަށް ފެނުނީ ވިރެމުންދާ ހިތަކާއެކު ސަމީހާ ދުވެފައި ގޭތެރެއަށް ވަދެގެން ގޮސް ގެއްލެނިކޮށެވެ. ހެލި ގަތީމެވެ. ސަމީހާގެ ފިކުރުގަ އެވެ. ލޯ ފޮހެލައިގެނެވެ. ކުލީ ކޮޓަރިގަނޑަށް ވަދެ ކޮތަޅު ބަލައިލީމެވެ. އޭގައި ވަނީ ބައިލައްކަ ރުފިޔާގެ ދެ ޗެކަކާއި މީގެ އެތަކެއް އަހަރު ކުރިން އަހަރެން ސަމީހާގެ އަތަށް ލައިދިން ރިނދައްޔެވެ. ރިނދަލި ހުޅުވައިލި އިރު އޮތީ އަނގޮޓިއެކެވެ. ފިރިހެނުން އަޅާ ކަހަލަ ސުލައިމާނެއް ޖަހާފައިވާ ފުޅާ ރިހި އަނގޮޓިއެކެވެ. އެ އަނގޮޓި އަށް އަހަރެން ބަލަން އިނީމެވެ. އަހަރެންގެ ބޮލުން އިސްޓެއް އުފުރާލައި އަނގޮޓީގެ ސުލައިމާން މަތީގައި ބޭއްވުމާއެކު އިސްތަށި އެނބުރެން ފެށި އެވެ. ބަލަމުން ދިޔަ ވަރަކަށް އަހަރެންގެ ލޯފުސްވަމުން ކަރުނަ ހިލެމުން ދިޔައެވެ. އަނގޮޓި އަހަރެންގެ އަތުން ދޫވެގެން ވެއްޓުނީ އެވެ. ލޯ ފުހެލީމެ. ދެ ޗެކަށް ބަލައިލީމެވެ. ހަނދާން އާވި އެވެ. ހުދުގެ އަޅައި ދިނުމުން އަހަންނަށް އިނާމް ދޭނެ ކަމަށް ސަމީހާ ބުންޏެވެ. ދީފި އެވެ. އެކަމަކު އެ ހުދު ގޭގައި އުޅެން އަހަންނަށް ސަމީހާއެއް ނުލިބުނެވެ. ލޮލުން އިރުއިރުކޮޅަށް ފޫދޭ ކަރުނަ މަނާ ކުރެވޭނެގޮތެއް ވެސް އަހަންނަކަށް ނުހެދުނެވެ.
(ނިމުނީ)