ދިވެހިރާއްޖޭގެ ސިންގާސަނާ




އާމިނަތު ޒުލްފާ އިސްމާޢީލް، ސަޠަޙަ، ގދ. ތިނަދޫ

                                               
ފުރަމާލެ ނޫން އެހެން އެއްވެސް ރަށެއްގައި އެއްވެސް ދުވަސްވަރެއްގައި ދިވެހިރާއްޖޭގެ ވެރިކަން ކުރިކަމެއް އެނގޭކަށް ނެތެވެ. ހަމައެފަދައިން އެންމެ ގިނަދުވަހު ވެރިކަންކޮށްފައިވާ ބިމަކީ ވެސް މިހާރުގެ "ސަލްޓަން ޕާރކް" ގެ ބިން ކަމަށް ބުނެވެ އެވެ. ނަމަވެސް އެކިދުވަސްވަރު އެނޫން އެހެނިހެން ބިންތަކުގައި ވެސް ވެރިކަމުގެ ކާރޫބާރު ހިންގާފައިވެ އެވެ.

އެގޮތުން މިހާރުގެ ރައްޔިތުންގެ މަޖިލިސް ކުރާ ގެ އެހުރި ބިމަކީ، ވެސް ބައެއް ގަނޑުވަރުތައް ހުރި ބިމެއްކަމަށް ބުނެވެ އެވެ. ކަނބާފާނު ގަނޑުވަރާއި، މާބަގީޗާގެ ނިސްބަތްވަނީ ވެސް އެ ސަރަހައްދަށެވެ. އެހެންނަމަވެސް ކުރިން މިދެންނެވި ދެ ސަރަޙައްދު ޕޯޗްގީޒުންނާއި، ހޮޅީން ބޭނުންކުރިކަމެއް އެނގޭކަށްނެތެވެ.
ތާރީޚީ ނަޒަރަކުން މުލީއާގެ އާ ތީމުގެ
ދިވެހި ރައްޔިތުންގެ ޒަމާނީ ޑިމޮކްރަސީގެ ފުރަތަމަ ރައީސް އަދި މަލްޓި ޕާޓީ ސިސްޓަމަށް ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް، އަލްފާޟިލް މުޙައްމަދު ނަޝީދު، ޢާއިލާއާއި އެކު، ދިރިއުޅުއްވުމަށްޓަކައި، މުލީއާގެއަށް ވަޑައިގެންފި އެވެ. އެމަނިކުފާނާއި ޢާއިލާ، ނޮވެމްބަރުން 11، 2008މ. އާއި ހަމަޔަށް ދިރިއުޅުއްވީ އަނބިކަނބަލުންގެ ގޭގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، މުލީއާގޭގައި ދިރިއުޅުއްވުމަށްޓަކައި ޢާއިލާއާއި އެކު، ރަސްމީކޮށް އެގެއަށް ވަޑައި ގަތީ، ފެބްރުއަރީ 6، 2009މ. ދުވަހުގެރޭ 8 ޖެހި އިރު އެވެ. އެއީ 1430ހ. ޞަފަރުމަހު 12 ވީ ހޮނިހިރު ވިލޭރެ އެވެ. އެރެއަކީ "ޞަފަރުމަހު ދިހަކަނޑާ އެގާރަދު ވަސް" ދޫކޮށް ބާރަވިލޭރެ އެވެ. އެރޭ 8 ޖެހީމާ ހުންނާނީ "ހަންހާރަލިބޭ" ސާޢަތެއް ކަމަށްވާ ޒުހަރާ (ވީނަސް) ސާޢަތެވެ. ލައިގެންހުރީ ދިނަށަ އެވެ. އެއީ ދިނަށައިން 6 ވަނަ ދުވަހުގެ ރެއެވެ. ދަލޫބުރުޖުން (ނުވަތަ ކުންބަ ރާހިން ނުވަތަ އެކްއޭރިއެސް އިން) 17 ދުވަހުގެ ރެއެވެ. އެރޭ ހަތްގަޑި ސާޅީސްފަހެއްގައި މިއަހެލިހަ މެދަށް އަރަ އެވެ. އަށްގަޑިސާޅީސްގައި އަދަ މެދަށް އަރަ އެވެ. ހަނދުހުރީ، އަސަދު (ނުވަތަ ސިންގާ ނުވަތަ ލިއޯ) ގަ އެވެ. ދިޔަވަރުއޮތީ ބޮޑުކޮށެވެ. އިހުޒަމާނުގެ ނަކަތްތެރިން ކިޔައިއުޅޭގޮތުންވިއްޔާ މިއީ ވަރަށްހެޔޮ އިރުވަރެކެވެ. "ހަންހާރަލިބި، ކަންފަހިވެ، އަރުތަލިބޭ" އިރެކެވެ. މި ހެޔޮ އިރުވަރުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު، ރިޔާސީގަނޑުވަރު މުލީއާގެއަށް ވަޑައިގެންފި އެވެ. އޭނާއަށް ކާމިޔާބީއަށް އެދެމެވެ.

މުލީއާގެއަކީ މީގެކުރިން ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ގަނޑުވަރެކެވެ. ރަސްމީ ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި، ނޮވެމްބަރ 11، 2008މ. އާއި ހަމައަށް ހަމަޖެހިފައި އޮތީ ތީމުގެ އެވެ. ތީމުގެ މިހާރު އެހަރަގޮތަށް ޢިމާރާތްކޮށް ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަން ފެއްޓެވީ، ޑިސެމްބަރ 7، 1994މ. ގަ އެވެ. ތީމުގެ އަކީ، ކުރިން "އަތިރީ މާފަންނުގެ" އެވެ. އަތިރީ މާފަންނުގެއަކީ، ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ގެއެކެވެ. އޭގެ ކުރިން އެއީ، ބިލާލު ޢާއިލާގެ ގޯއްޗެއްކަމަށް ބުނެވެއެވެ.

އަތިރީމާފަންނުގެ ޢިމާރާތްކުރެވުނީ، ކިލެގެފާނު ބޮޑުބަނޑޭރިގޭގައި، ދައުލަތްހިންގެވި ދުވަސްވަރު، ޝަމްސުއްދީން ރަދުންގެ ރަސްކަމުގަ އެވެ. މާފަންނު "މާފަންނުގެ" އަށްވުރެ، އަތިރީމާފަންނުގެ ދޮށްޓެވެ. ހެންވޭރު ހަކުރާގަނޑުވަރާއި، ކަނބާފާނުގަނޑުވަރުހުރި ސަރަޙައްދުގައި (މިހާރުގެ ރައްޔިތުންގެ މަޖިލިސް ކުރާގެ އެހުރި ގޯތީގައި) ހުރި ރަންނަ ބަނޑޭރި ކިލެގެފާނުގެ "މާބަގީޗާގެ" އަތިރީ މާފަންނުގެއަށްވުރެ ދޮށްޓެވެ. ތީމުގެއާ ދިމާ، މަގުގެ ދެކުނުން އެއޮތް ގޯތީގައި ކިލެގެ ފާނުގެ "މާފަންނުއާގެ" އެޅުއްވީ، މާފަންނުގެ އެޅުއްވުމަށްފަހު އެވެ. މާފަންނު "ހުޅަނގުގެ" ވެސް މާފަންނުގެއަށްވުރެން ހަނގެވެ.

އާދެ!ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ (ވަރަށްފައްކާ) ހައެއްކަގެ މާލޭގައި ހުއްޓެވެ. ހެންވޭރު" މާބަގީޗާގެ" ދެއްވާފައިވަނީ، އަލްއަމީރު މުޙައްމަދު ފަރީދަށެވެ. ކިލެގެފާނު ކުރިން ދިރިއުޅުއްވީ އެގޭގަ އެވެ. މާފަންނު "މާފަންނުގެ" އަކީ، އަލްފާޟިލް އިބްރާހީމް ފަރީދު ދީދީއަށް އަޅުއްވައިދެއްވި ގެއެކެވެ. "މާފަންނުއާގެ" ވެސް އިބްރާހީމް ފަރީދު ދީދީ އަށެވެ. މާފަންނުއާގޭގައި، އޯކިޑްމަގާއިންކޮށް "ހަވޭލި" ހުރެ އެވެ. އެއީ ހަތަރުފަސްބުރިއަށް ހަދާފައިހުންނަ ވަރަށްރީތި ހަވޭއްޔެކެވެ. (ކުޑަގެއެ ކެވެ.) ހުޅަނގުގެ ދެއްވީ ދޮންދަރި އިސްމާޢީލް ޙަބީބަށެވެ. (ކާށިދޫގެ ދެއްވީ އިބްރާހީމް ޙަބީބަށެވެ.) ކިލެގެފާނު ފަހުން ދިރިއުޅުއްވީ، މާފަންނުގޭގައެވެ. ކިލެގެފާނުގެ "އަތިރީމާފަންނުގެ" ދެއްވީ، އަލްއަމީރު ޙަސަންފަރީދު ދީދީ އަށެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީ، ގެއްލިވަޑައިގަތްއިރު ވެސް، މާލޭގައި ހުންނަވާނަމަ، ދިރިއުޅުއްވަނީ އަތިރީމާފަންނުގޭގަ އެވެ.

ޙަސަންފަރީދު ގެއްލުނުތާ ސާޅީސްވެގެން (މުޅިރައްޔިތުންނާއި ފަޅުއޮޑިފަހަރަށްގޮވާލައި) ކެއްކީ އަދި ބަހައިދިނީވެސް އަތިރީ މާފަންނުގޭގަ އެވެ. ޙަސަން ފަރީދު ގެއްލުނުކަން ޔަގީންވުމުން ކިލެގެފާނު މިޞްރުގައި ހުންނަވާފައި، މާލެވަޑައިގެން، އަތިރީމާފަންނުގެ ސަރުކާރަށް ދެއްވީ އެވެ. އޭގެފަހުން އެއީ، ސަރުކާރުގެ ގެއެކެވެ. (ޙަސަންފަރީދު ދީދީ ގެއްލުނީ މާރޗް 31، 1944މ. ގަ އެވެ.)


ރަންނަބަނޑޭރި ކިލެގެފާނަށް ބޮޑުބަނޑޭރިކަން ލިބިވަޑައިގަތީ، ޝަމްސުއްދީނުގެ (ދެވަނަ) ރަސްކަން ފެށުމާއެކު، މާރޗް 11، 1903މ. ގައެވެ. ރަންނަބަނޑޭރިކިލެގެފާނު "މުސްތަޝާރުލްއަޢުޒަމް ކަމުގައި" ހުންނަވަނިކޮށް، އަވަހާރަވީ، ފެބްރުއަރީ 21، 1952މ. ގަ އެވެ. ރަންނަބަނޑޭރި ކިލެގެފާނުގެ އަތިރީމާފަންނުގެ، ޙަސަން ފަރީދު އަވަހާރަވުމުން، ސަރުކާރަށް ދެއްވާފައި ވިޔަސް، އެގޭގައި ސަރުކާރުގެ އެއްވެސް ރަސްމީކަމެއް އެދުވަސްވަރަކު ނުހިނގަ އެވެ. އަތިރީމާފަންނުގޭގައި، ރަސްމީ މަސައްކަތެއް ފުރަތަމަ ފެށީ، އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގައި މުޙައްމަދު ފަރީދު ދީދީގެ ރަސްކަމުގަ އެވެ. އެއީ، އޭޓީއޭ ހިންގުމެވެ. އޭ.ޓީ.އޭ އުފެއްދީ، މެއި 18، 1964މ. ގައެވެ. އޭ.ޓީ.އޭ އަކީ "އަތިރީމާފަންނުގޭ ޓްރޭޑިންގ އެކައުންޓް" އެވެ. މިއީ ސަރުކާރުގެ ފުރަތަމަ ވިޔަފާރި މަރުކަޒެވެ. އެމް.ޖީ.ބީ.އެސް (މޯލްޑިވްސް ގަވަރުމަންޓް ބޮޑު އިސްޓޯރު) ގެ ވިޔަފާރި ނަންބަރުތަކަށް މުދާ ދޫކުރަނީ، އޭ.ޓީ.އޭ އިން ނެވެ. ފަހުން އޭ.ޓީ.އޭ ގެ ނަން ސްޓޭޓް ޓްރޭޑިްގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އަށް ބަދަލުކުރެއްވީ އެވެ. މި ބަދަލު އައީ، ޖޫން 9، 1976 މ. ގައެވެ. އޭ.ޓީ.އޭ އާއި، އެ.ސް.ޓީ.އޯ. ގެ އެތެރޭ ނަންބަރުތައް ހިންގީ، އަތިރީމާފަންނުގޭ ގޯތީގެ އުތުރު ފަރާތުގައި (ހަވީރީ ހިނގުމާ ގުޅޭ ފަރާތުގައި) މިހާރު ލޭބަރު މިނިސްޓްރީ (ކުރިން.އެސް.ޓީއޯ ހެޑް އޮފީސް) ގެ ޢިމާރާތް ހުންނަ ސަރަޙައްދުގަ އެވެ.

އަތިރީމާފަންނުގެ އެދުވަސްވަރު ހުރީ ގުދަނަކަށެވެ. އަތިރީމާފަންނުގޭގައި، މެއި 18، 1964މ. ން ފެށިގެން އޭ.ޓީ.އޭ ހިނގަމުން އައިއިރު ވެސް، އަތިރީމާފަންނު ގޭގެ އަސްލު ޢިމާރާތް ހުންނަނީ ގުދަނަކަށެވެ. އަތިރީމާފަންނުގެއަށް ފުރަތަމަ ރަސްމީ ސިފައެއް އައީ، ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ބޮޑުވަޒީރު އަލްފާޟިލް އަޙްމަދު ޒަކީ، ޢާއިލާ އާާއި އެކު އެގޭގައި ދިރިއުޅުއްވަން ފެށްޓެވުމުންނެވެ. އަޙްމަދު ޒަކީއަށް ބޮޑުވަޒީރުކަން ދެއްވީ، އޯގަސްޓް 1، 1972މ. ގައެވެ. އަތިރީމާފަންނުގެ މަރާމާތު ކުރައްވައިގެން، ބޮޑުވަޒީރު އަޙްމަދު ޒަކީ އެގޭގައި ދިރިއުޅުއްވަން ފެށްޓެވުމަށްފަހު، އަތިރީމާފަންނުގޭގެ ނަން "ތީމުގެ މިނަމަށް ބަދަލުކުރެއްވި އެވެ. އަހުމަދު ޒަކީ، ބޮޑުވަޒީރު ކަމުން ވަކިކުރަންދެން އުޅުއްވީ ތީމުގޭ ގައެވެ. މާރޗް 8، 1975މ. ގައި ޒަކީ ބޮޑު ވަޒީރުކަމުން ވަކިކުރެއްވުމުން ތީމުގެ ހުސްވި އެވެ. އޭރު، ރިޔާސީ ގަނޑުވަރަކީ "މުލީއާގެ" އެވެ. ނަމަވެސް، ރައީސް އިބްރާހީމް ނާޞިރު އަބަދުވެސް ދިރިއުޅުއްވީ ވެލާނާގޭ ގައެވެ.

ތީމުގެ ހުސްކޮށް (ފަޅަށް) ހުއްޓާ، އެގޭގައި ދިރިއުޅުއްވަން ފެށްޓެވީ، ރައީސް މައުމޫނެވެ. ރައީސް މައުމޫނު ފުރަތަމަ އުޅުއްވީ މުލީއާގޭ ގައެވެ. ނަމަވެސް، ދާދިއަވަހަށް، ތީމުގެ މަރާމާތު ކުރައްވައިގެން އެގެއަށް ވަޑައިގެންފި އެވެ. 1979މ. ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ރިޔާސީގަނޑުވަރަކީ "ތީމުގެ" އެވެ. އެހެން އެކަން އޮއްވާ، ނޮވެމްބަރ 3 ގެ ޙާދިސާއަށްފަހު، ރައީސް މައުމޫން ތީމުގެ ދޫކޮށްލެއްވި އެވެ. ޑިސެމްބަރ 11، 1988މ. ގައި މުލީއާގެއަށް ބަދަލުވެވަޑައިގަތީ އެވެ. އޭގެފަހުން، ތީމުގެ އަލުން ޢިމާރާތް ކުރުމަށް ޓަކައި، ރޫޅާލެވުނެވެ. (ރައީސް މައުމޫނަށް ރައީސްކަން ލިބުނުއިރު، ތީމުގޭ އުތުރުބައިގައި އެސް.ޓީ.އޯ ހިނގައެވެ.)

ތީމުގެ މިހާރު އެހަރަފެންވަރަށް ޢިމާރާތްކޮށް، އެގެ "ރިޔާސީ ގަނޑުވަރު" ކަމަށް ހަމަޖެއްސީ ޖެނުއަރީ 1، 1995މ. ގައެވެ. އެގެއަށް މައުމޫނުގެ ޢާއިލާ (މުލީއާގެ ދޫކުރައްވައި) ބަދަލުވީ، ޑިސެމްބަރ 7، 1994މ. (ރަޖަބު 4، 1415ހ.) ގައެވެ. އެދުވަހުން ފެށިގެން، ނޮވެމްބަރ 11، 2008މ. އާއި ހަމައަށް މައުމޫނު ދިރިއުޅުއްވީ ތީމުގޭ ގައެވެ. (ބޮޑުވަޒީރު އަޙްމަދު ޒަކީ، ތީމުގޭގައި ދިރިއުޅުއްވީ، ގާތްގަނޑަކަށް ދެއަަހަރާ ހަމަސްދުވަހުއެވެ.) ރައީސް މައުމޫނު ފުރަތަމަ ފަހަރު، ތީމުގޭގައި ގާތްގަނޑަކަށް 9 އަހަރެއްހާދުވަހު އުޅުއްވި އެވެ. ދެވަނަ ފަހަރަށް ރައީސް މައުމޫނު، ތީމުގޭގައި ގާތްގަނޑަކަށް 13 އަހަރު އުޅުއްވި އެވެ. އެހެންކަމުން، ދެފަހަރުގެމަތިން، ރައީސް މައުމޫނަށް ތީމުގޭގައި ގާތްގަނޑަކަށް 22 އަހަރު ދިރިއުޅުއްވުނެވެ. ބާކީ، އަށްއަހަރު އުޅުއްވީ، މުލީއާގޭ ގައެވެ. ރައީސްކަމަށް އިސްވެވަޑައިގެންފަހުން އެންމެދުވަހަކު ވެސް، އަނބި ބިކަނބަލުންގެ ގެއަކު ނުވަތަ އަމިއްލަ ގެއަކު، ރައީސް މައުމޫނެއް ނޫޅުއްވަ އެވެ.

ދިވެހިރާއްޖޭގައި އަމިއްލަވެރިކަމެއް ޤާއިމުވީއްސުރެ ފެށިގެން، ޖެނުއަރީ 1، 1953މ. މިދުވަހާއި ޖެހެންދެން ރާާއްޖޭގައިއޮތީ ރަސްކަމެވެ. ތާރީޚީ މައުލޫމާތުތަކުން އެނގޭގޮތުގައި، ފުރަތަމަ ރަދުން ދަރުމަވަންތަ ރަސްގެފާނު ރަސްމީ ކޯލުހައްދަވައިގެން ދިރިއުޅުއްވީ ބޮޑުގަނޑުވަރު ތެރޭގަ އެވެ. އެއީ، މިހާރުގެ ސަލްޓަންޕާކް ސަރަޙައްދެވެ. އެތަނުން ވެރިކަމުގެ ސިންގާސަނާ ނުވަތަ އެތެރެކޯލު ފުރަތަމަ ވެސް ބަދަލުވީ، ދިވެހީންގެ އިސްތިޤްލާލު ފުރަތަމަ ފަހަރަށް ގެއްލި، ޕޯޗްގީޒުގެ ވެރިކަން ފެށުމުންނެވެ. އަނދިރި އަނދިރިން، ރަސްކަމުގެ "ކިއްލާ" ހަދާފައިހުރީ، މާފަންނުކޮޅު ހުޅަނގު އުތުރުން އަތިރިމަތީގައި ކަމަށް ވެއެވެ. އެއީ، ބުނެވޭ ގޮތުގައި، މިހާރުގެ ތީމުގެއާއި ދާދި ގާތް ހިސާބެކެވެ. އަނދިރި އަނދިރިންނަށްފަހު، ރަސްކަން ކުރެއްވި އުތީމު މަހާރަދުން ދިރިއުޅުއްވީ "މާންދޫގެ" ނަމަކަށް ކިޔުނު ގެއެއްގައި ކަމަށާއި، އެގެ ހުންނަނީ، މިހާރު ވެސް މާންދޫގެ އެހުރި ސަރަޙައްދުގައި ކަމަށް ބުނެވެ އެވެ. ކަލާފާނު ވެސް އުޅުއްވީ އެގޭގަ އެވެ. ޙުސެއިން ފާމުލަދޭރި ކިލެގެފާނު ވެސް އުޅުއްވީ އެގޭގަ އެވެ. ފުރަތަމަ އައްވަލުން ގަނޑުވަރު ހުރިތާގައި ދެވަނަ ފަހަރަށް ބޮޑުގަނޑުވަރު ޢިމާރާތް ކުރެއްވީ، ބޮޑުރަސްގެފާނު ކަމަށް ބުނެވެ އެވެ. (މިރަދުން ރަސްކަންކުރެއްވީ 1621މ. ން 1648މ. ށެވެ.)

ބޮޑުގަނޑުވަރުން ވެރިކަން ފިލައިދިޔަ އަނެއްފަހަރަކީ ހޮޅީން ރާއްޖެ ހިފި ފަހަރެވެ. އެމީހުން، ބޮޑުގަނޑުވަރު ނައްތާލައި، ވެޔޮދޮށު ގަނޑުވަރުގައި ރަސްކަންކުރި އެވެ. އެ ގަނޑުވަރު ހުންނަނީ، މިހާރުގެ ޖުމްހޫރީ ބިނާއާއި ދިމާ އިރުއުތުރުގައި، ސިފައިންގޭ ގޯތީގެ ހުޅަގުދެކުނު ކަނުގަ އެވެ. ހޮޅީންގެ ވެރިކަމަށްފަހު، ބޮޑުގަނޑުވަރު ބަލުން ޢިމާރާތް ކުރެއްވީ، ދޮންބަންޑާރައިންނެވެ. އޭގެފަހުން ރަސްކަން ކުރަމުން އަންނަނީ ބޮޑުގަނޑުވަރުގައެވެ. ބޮޑުގަނޑުވަރު ސަރަޙައްދުން، ވެރިކަމުގެ މަރުކަޒު ބަދަލުވީ، ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާން ކުރުމާގުޅިގެން ޖެނުއަރީ 1، 1953މ. ގައެވެ. އެދުވަހު، ދިވެހި ޖުމްހޫރިއްޔާގެ ރިޔާސީ ގަނޑުވަރުގެގޮތުގައި ހަމަޖެއްސި "ދާރުއްރިޔާސާ" އަކީ މުލީއާގެ އެވެ. ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަލްއަމީރު މުޙައްމަދު އަމީން ރިޔާސީ ގަނޑުވަރުގެ ގޮތުގައި ވެސް، ރައީސް އޮފީހުގެ ގޮތުގައި ވެސް (އެމެރިކާ ސިސްޓަމަށް) ބޭނުންކުރެއްވީ "މުލީއާގެ" އެވެ. ސަރުކާރު ހިންގުމުގެ ހުރިހާ (އޮފިޝަލް) ކަންތައްތަކެއް ކުރީ، ވުޒާރަތުއްދާޚިލިއްޔާގަ އެވެ. ވަޒީރުއްދާޚިލިއްޔާގެ އޮފީސް ހުންނަނީ، މުލީއާގޭ ގައެވެ. ޖެނުއަރީ 2، 1953މ. ހުކުރު ދުވަހު (ޖުމްހޫރީ ދުވަހުގެ ފަހުދުވަހު) ރައީސް މުޙައްމަދު އަމީން، އިމާމުވެ ހުކުރު ކުރެއްވުމަށްޓަކައި، ހުކުރު މިސްކިތަށް ވަޑައިގަތުމަށް ނުކުމެ ވަޑައިގަތީ މުލީއާގެ އިން ނެވެ.

ފުރަތަމަ ޖުމްހޫރިއްޔާނިމި، އެންމެފަހުގެ ރަސްކަން އުފެދުމާއެކު، ބޮޑުގަނޑުވަރަށް ރަސްކަމުގެ މަރުކަޒު ބަދަލުވި އެވެ. ނަމަވެސް، ބޮޑުވަޒީރުގެ އޮފީސް ހުރީ މުލީއާގޭ ގައެވެ. މުލީއާގެ އަކީ "ހެންވޭރުގަނޑުވަރު" ނަމަކަށް ކިޔުނުގެ އެވެ. ހެންވޭރުގަނޑުވަރަކީ، އެންމެ ފުރަތަމަ "މުލީގެ" އެވެ. މުލީގެއަކީ، މުލަކަަތޮޅު މުލީ ޚަޠީބު މުޙައްމަދު، މުލީ ބޮޑުގޭ ސަންޕާފާނާ ކައިވެނި ކުރައްވައިގެން، މާލޭގައި ދިރިއުޅުއްވުމަށްޓަކައި އެޅުއްވިގެ އެވެ. މި "މުލީގެ" އެޅުއްވީ، މިހާރުގެ މުލީއާގެ އެހުންނަ ގޯތީގެ ހުޅަގު ދެކުނު ކަނުގައި ކަމަށް ބުނެވެ އެވެ. މެދުޒިޔާރަތްހުރީ، އެގޯތީގެ އިރުއުތުރު ކަނުގަ އެވެ. މެދުޒިޔާރަތު އިރުމަތިން، ހަކުރާގަނޑުވަރާއި ދެމެދު އޮންނަނީ "މެދު ޒިޔާރަތު ގޮނޑު" ކިޔާ ހިސާބެވެ. އެއީ، ކުނިއަޅާ ވާގަނޑެކެވެ. މެދުޒިޔާރަތުގެ ހުޅަގުވެސް އޮތީ ހުހަށެވެ. މުލީ ޚަޠީބު ގެ އެޅުއްވީ، މެދުޒިޔާރަތާއި މާދުރުގަ އެވެ. ހަކުރާގަނޑުވަރުގެ އިރުމަތީގައިވަނީ، ކަނބާފާނުގަނޑުވަރެވެ. އެއީ، މިހާރުގެ ރައްޔިތުންގެ މަޖިލިސްކުރާގެ އެހުރި ކޮށްޓެވެ.

މުލިއާގެ އުފެދުން
މުލީ ޚަޠީބުގެ މުލީގެއަށްވުރެ ހަނގު ނަމަވެސް، އެހެން މުލީގެއެއް މާލޭގައި ހުއްޓެވެ. އެއީ، އަތިރީގޭ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން ބޮޑުއިސްމާޢީލް މާފަތްކިލެގެފާނުގެ ގެ ކަމަށްވާ "މުލީގެ" އެވެ. މުލީގޭ ބޮޑުއިސްމާޢީލް މާފަތްކިލެގެފާނުގެ ޢާއިލާ ވަރަށް ފުޅާކޮށް ފެތުރިފައި ވެއެވެ. މުލީ ޚަޠީބު މާލެވަޑައިގެން، މުލީގެ އެޅުއްވީ، ދިޔަމިގިލީ ބަންޑާރައިންގެ ރަސްކަމުގައި ކަމަށް ބުނެވެ އެވެ. އެ ރަސްގެފާނު ރަސްކަންކުރެއްވީ، މީލާދީން 1704މ. ން 1721މ. އަށެވެ. އަތިރީގޭ ޙުސައިން ދޮށިމޭނާކިލެގެފާނު، އިންޑިޔާއިން ރާއްޖެވަޑައިގެން، ޙާޖީބަންޑާރައިންގެ ހުވަފަތް އަނބިކަނބަލުންނާއި ކައިވެނިކުރެއްވީ، ކަޅުބަންޑާރައިންގެ ރަސްކަމުގަ އެވެ. ކަޅުބަނޑާރައިން ރަސްކަން ކުރެއްވީ މީލާދީން 1774މ. ން 1779މ. އަށެވެ. މުލީ ޚަޠީބު މުޙައްމަދާއި ބޮޑުގޭ ސަންޕާފާނު، މުލީގެ، އެޅުއްވީ، ގާފޮޅު މަތީގައި މެއްލަޖަހައިގެން، ދުނބުރި ދަނޑިން ބިތްގަތައި، ފަނުން ބިތްބައް ބައްދައިގެން، ބިތުފިލާ ޖަހައި ދަމާދޮރުލައި، ދެފުރާޅުގައި ފަންގެ ލައިގެން ނެވެ. މި ދެބޭފުޅުންނަށް ލިބިވަޑައިގަތް ބޭފުޅުންގެ ޢަދަދަކީ، ކޮބައިކަމެއް ނޭނގެއެވެ. ނަމަވެސް، ކުޑައާމިނާފާނު ލިބިވަޑައި ގަތެވެ. "ކުޑައާމިނާފާނު" ނަމަކަށް ކިޔާފައިވާތީ، އެހެން ބޭފުޅުން ވެސް ލިބިވަޑައިގަތް ކަމަށް ފެނެއެވެ. ތާރީޚީ ހެކިތަކުން ފެންނަނީ، ކުޑައާމިނާފާނު ރައްކައުވީ (އަދި ބޮޑުފުޅުވީ ވެސް) މުލީގޭ ގައި ކަމުގަ އެވެ.

ކުޑައާމިނާފާނު ބޮޑުފުޅުވެގެން، ކައިވެނިކުރެއްވީ، ހުރާދަރިކޮޅުގެ މުޙައްމަދުމަނިކުފާނާއެވެ. އެއީ، ހުރާދޮންމަރުދުރު ފަޑިއްކަލޭފާނުގެ، ޙުސައިން ދަހަރަދަކަލޭފާނުގެ، މުޙައްމަދު ފާމުލަދޭރި މަނިކުފާނެވެ. މި ދެކަނބަލުން ވެސް އުޅުއްވީ، މުލީގޭގަ އެވެ. މި ދެކަނބަލުންނަށް މަޝްހޫރު ތިންބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ، ޙުސައިން ބޮޑުދޮށިމޭނާކިލެގެފާނާއި، ޢަލީބޮޑުރަންނަބަނޑޭރި ކިލެގެފާނާއި، ދޮންޙަސަން މަނިކުފާނެވެ. މިއީ ދޮން ބަންޑާރައިންނެވެ. (މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ މަންމައަކީ، ފެންފުށީ ޢާއިޝާފާނެވެ.)

މުލީގޭ ދޮންޙަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންނާއި އެއްބަނޑު އެއްބައްޕާފުޅު ޙުސައިން ބޮޑުދޮށިމޭނާކިލެގެފާނު ކައިވެނި ކުރެއްވީ އާމިނާމަނިކުފާނު ކިޔާ ބޭކަނބަލަކާއި އެވެ. މި ދެކަނބަލުންނަށް، މުޙައްމަދު މަނިކުފާނު ލިބިވަޑައިގަތެވެ. އެއީ، ޙާޖީ ބަންޑާރައިންނަށްފަހު، ރަސްކަންކުރެއްވި މުޙައްމަދު ޝަމްސުއްދީން (2 ވަނަ) އެވެ. ފަހުން، މުޙައްމަދު ފާށަނާ ކިލެގެފާނެވެ. އޭނާއަކީ، ހުރާގޭ ދަރިކޮޅުގެ ދެވަނަ ރަދުންނެވެ. ދޮންޙަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންނާއި އެއްބަނޑު އެއްބައްޕާފުޅު ޢަލީ ބޮޑު ރަންނަބަނޑޭރި ކިލެގެފާނު ކައިވެނި ކުރެއްވީ، ގަސްދޮށުގޭ ޢާއިޝާ މަނިކެފާނާއި އެވެ. (މިމަނިކެފާނަކީ، ހުރާދޮންމަރުދުރު ފަޑިއްކަލޭފާނުގެ، އިބްރާހީމް އެދުރު ތަކުރުފާނުގެ، ޢަލީބޮޑު މުރީދުތަކުރުފާނުގެ، މުޙައްމަދު ކުޑަމުރީދުތަކުރުފާނުގެ ބޭފުޅެކެވެ. ޢަލީ ބޮޑުރަންނަބަނޑޭރި ކިލެގެފާނާއި، ގަސްދޮށުގޭ ޢާއިޝާ މަނިކެފާނަށް ޚަދީޖާކަބައިދިކިލެގެފާނާއި، ގަންޖުގޭ ތުއްތުދީދީ އާއި، ދެދަރިކަނބަލުން ލިބިވަޑައިގަތެވެ. ޚަދީޖާކަނބައިދިކިލެގެފާނުގެ ފަރާތްޕުޅުން، ހެންވޭރުގޭ ޢާއިލާ އުފެދުނެވެ. ގަންޖުގޭ ތުއްތުދީދީގެ ފަރާތްޕުޅުން، އެއްގަމުގޭ ޢާއިލާ އުފެދުނެވެ.

އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ރަސްކަމުގައި، ހޮޅީން ރާއްޖެހިފައި، އެރަދުން އިންޑިޔާއަށް ގެންދިޔައިރު، ރަދުންނަށް ވާހާލެއްވުމަށްޓަކައި، އަމިއްލައަށް އެދިގެން، ދޮންބަންޑާރައިންގެ ބައްޕާފުޅު، މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި، ދޮންބަންޑާރައިންގެ އަޚު ޙުސައިން ބޮޑުދޮށިމޭނާކިލެގެފާނު، އެ ނަވުން އިންޑިޔާއަށް ވަޑައިގަތެވެ. ބޮޑުދޮށިމޭނާ ކިލެގެފާނު ސަލާމަތްވެ، ރާއްޖެ ވަޑައިގަތެވެ. ފާމުލަދޭރިމަނިކުފާނު އަވަހާރަވީ، އިންޑިޔާގަ އެވެ. މިކަމެއް ހިނގިއިރު، ދޮން ބަންޑާރައިން ޒުވާންފުޅެވެ. (ހޮޅީން ރާއްޖެހިފީ، ޑިސެމްބަރ 20، 1752މ. ވަނަ އަހަރު އެވެ. ދޮންބަންޑާރައިންގެ ބައްޕާފުޅު، މުޙައްމަދު ފާމުލަދޭރި މަނިކުފާނު އަވާހަރަވި ޚަބަރު ލިބިވަޑައިގަތުމަށްފަހު، ދޮންބަންޑާރައިންގެ މަންމާފުޅު (މުލީގޭ ކުޑައާމިނާ މަނިކެފާނު) މީހަކާއި ކައިވެނި ކުރެއްވި އެވެ. އެއީ، ހައްދުންމަތީ ގަމު މަޙުމޫދު (ރައްދެބައިގެ) އައްނާއިބު ޙުސައިން ޢަފީފުއްދީންގެ، މުޙައްމަދު މުޙިއްބުއްދީން (އަތިރީފަނޑިޔާރާ) އެވެ. މިދެކަނބަލުން ދިރިއުޅުއްވީ މުލީގޭގަ އެވެ. މި ދެކަނބަލުންނަށް، ފަނޑިޔާރު ޢާއިޝާ މަނިކެފާާނު ލިބިވަޑައިގަތެވެ. މި ޢާއިޝާ މަނިކެފާނާއި ކައިވެނިކުރެއްވީ، ޢަލީ ހަކުރާ މަނިކުފާނެވެ. މިދެކަނބަލުންގެ ޢާއިލާ ވަރަށް ފުޅާކޮށް ފެތުރިފައިވެ އެވެ. ދޮންބަންޑާރައިންގެ ރަސްކަމުގައި ވެސް، ފަނޑިޔާރަކީ، މި މުޙިއްބުއްދީނެވެ. ޢަލީހަކުރާ މަނިކުފާނަށް ދޮށިމޭނާކަން ދެއްވީ ވެސް ދޮންބަންޑާރައިންނެވެ. ހޮޅީން ރާއްޖެ ހިފިއިރު ދޮންބަންޑާރައިން ވަރަށް ޒުވާންފުޅެވެ. އެއިރު އުޅުއްވީ، ކައިވެނި ކުރައްވައިގެންނެވެ. އަނބި ކަނބަލަކީ، ހުރާދޮންމަރުދުރު ފަޑިއްކަލޭފާނަށް ފެންފުށީ ބަނޑުން ލިބިވަޑައިގެންނެވި ދޮންޢަލީ ކަކާ ތަކުރުފާނުގެ އާމިނާ ބޮޑުދީދީ އެވެ. މިދެކަނބަލުން އުޅުއްވީ މުލީގޭގަ އެވެ. ހޮޅީން ރާއްޖެހިފައި، ގަނޑުވަރުތެރޭގެ ހުރިހާ ތަންތަން ރޯކޮށް އަންދާލީ، ޑިސެމްބަރ 1752މ. (ޞަފަރު 12، 1166ހ.) އަންގާރަ ދުވަހުގެރޭ ގަ އެވެ. (މުލީގޭ ދޮންޙަސަން މަނިކުފާނުގެ ޒުވާން ޢުމުރު ފުޅުގަ އެވެ.)

މުލީގޭ ދޮންޙަސަން މަނިކުފާނު، ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވީ، އެޕްރީލް، 6، 1753މ. ދުވަހުގެރޭ (ޖުމާދުލް އާޚިރު، 3، 1166ހ. އާދީއްތަ ވިލޭރޭ) ގައެވެ. އެއަށްފަހު، ރަސްކަމަށް އިސްކުރެއްވީ، އިބްރާހީމް ރަސްގެފާނުގެ އާމިނާކަނބާފާނެވެ. ދޮންޙަސަންމަނިކުފާނު ޤައުމުގެ ވެރިކަން ހިންގެވީ، މުލީގޭގައި ހުންނަވައިގެންނެވެ. އާމިނާ މަނިކެފާނު، ރަސްކަންދޫކޮށްލައްވައި، ފިރިކަލުން، އައްޑޫ ޢަލީ ޝާހުބަންދަރާއި އެކު، އައްޑުއަތޮޅު ހިތަދުއަށް ވަޑައިގަތުމުން، ދެން ރަސްކަމަށް އިސްކުރެއްވީ، މުކައްެރަމް މުޙައްމަދު ޢިމާދުއްދީންގެ އާމިނާ ރަނިކިލެގެފާނެވެ.

ދޮންބަންޑާރައިން (ދޮންޙަސަންމަނިކުފާނު) ރަސްކަމަށް އިސްވެވަޑައިގަތީ، ރަބީޢުލްއާޚިރު 15، 1173ހ. ބުރާސްފަތި ދުވަހު (ޑިސެމްބަރ 5، 1759މ.) އެވެ. އެއިރުވެސް، ދޮންޙަސަން މަނިކުފާނު ދިރިއުޅުއްވީ، މުލީގޭގަ އެވެ. ދޮންބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތުމާއެކު، މުލީގެ ދޫކުރައްވައި، ވެޔޮދޮށު ގަނޑުވަރަށް ވަޑައިގެންފި އެވެ. އެއަށްފަހު، އެތެރެކޯލު (ގަނޑުވަރުތެރޭގެ ގެކޮޅުތައް) ހައްދަވައިފި އެވެ. ދޮންބަންޑާރައިން އެތެރެކޯލަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ، ހިޖްރައިން 1173 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ދޮންބަންޑާރައިންގެ މަންމާފުޅު އޭރު ދިރިއުޅުއްވީ، ފަނޑިޔާރު ގޭގަ އެވެ. ފަނޑިޔާރު މުޙިއްބުއްދީން ޙައްޖަށް ވަޑައިގަތުމުން، ހޮޅީން ކަނޑުފެއްތި ޝަމްސުއްދީން ފަނޑިޔާރުމަނިކުފާނުގެ ޤާޟީ އިބްރާހީމް ބަހާއުއްދީނަށް ފަނޑިޔާރުކަން ދެއްވި އެވެ.

ދޮންބަންޑާރައިންގެ ރަސްކަމުގައި، އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު މަނިކުފާނު (ޙާޖީބަންޑާރައިން) ހޮޅީންގެ އަތްދަށުން ސަލާމަތްވެގެން ރާއްޖެ ވަޑައިގަތެވެ. މީނާ ބެހެއްޓެވީ އެތެރެކޯލުގަ އެވެ. ދޮންބަންޑާރައިން އަވަހާރަވުމަށްފަހު، ރަސްކަމަށް އިސްކުރެވުނީ، މިމުޙައްމަދު މަނިކުފާނެވެ. (އެއީ ޙާޖީބަންޑާރައިންނެވެ.) ޙާޖީބަންޑާރައިންގެ ރަސްކަމުގެ ވަރަށްކުރީކޮޅު، ދޮން ބަންޑާރައިންގެ ދޮށީ ދަރިކަލުން މުޙައްމަދު، ރަސްކަމަށް އިސްކުރައްވާން، ހުރާގޭ ބޮޑުން ރާވާކަމުގެ މަޢުލޫމާތު ޙާޖީބަންޑާރައިންނަށް ލިބިވަޑައިގަތެވެ. މިކަމުގެ ކުށުގައި، ދޮންބަންޑާރައިންގެ އަނބިކަނބަލުންނާއި، ތިންބޭފުޅުން، ކުޑަކިބާގެކޮޅުން ނެރުއްވައި، ވެޔޮގެއަށް ބަދަލުކުރެއްވި އެވެ. (އޭރު މުލީގެ ހުރީ ހުސްކޮށްކަމަށް ބުނެވެ އެވެ.) ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުންނަށް ރަސްކަން ހޯއްދަވައިދެއްވާން، ހުރާގޭ ބޮޑުން ރާވާކަމުގެ މަޢުލޫމާތު ލިބިވަޑައި ގަތުމާއެކު، ދޮންބަންޑާރައިންގެ ޢާއިލާ ވެޔޮގެއަށް ބައްދަލުކުރައްވައި، އެއަށްފަހު، އެބޭފުޅުން އަރިއަތޮޅު ފެންފުށްޓަށް އަރުވާލެވު ނެވެ. މިކަމެއް ހިނގީ ހިޖްރައިން 1180 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެއީ، މީލާދީން 1767 ވަނަ އަހަރެވެ.


ދޮންބަންޑާރައިންގެ ޢާއިލާ "ފެންފުށީގަނޑުވަރު"ގައި ތިއްބަވަނިކޮށް، އެމައްސަލާގައި އަރުވާލެވުނު ހުރާގޭބޮޑުން، ފިއްލަވަ ވައިގެން ރާއްޖޭން ބޭރަށް ވަޑައިގަތުމާއި ގުޅިގެން، ދޮންބަންޑާރައިންގެ ޢާއިލާ ފެންފުށިން އައްޑުއަތޮޅަށް ބަދަލުކުރެއްވި އެވެ. އައްޑޫގައި، އެބޭފުޅުން އަރުވާލާފައި ތިއްބެވީ ހިތަދޫ "ރަސްގެދަރު" ކިޔާހިސާބު (މިހާރު ތަޢުލީމީ މަރުކަޒު އެހުންނަ ހިސާބު) ގަ އެވެ. އެދުވަސްވަރު، މުލީގެ ހުރީ ހުސްކޮށްކަމަށް ބުނެވެ އެވެ. ދޮންބަންޑާރާއިންގެ ޢާއިލާ، ހިތަދޫ "ރަސްގެދަރު"އިން މާލެގެންނެވީ، މުޙައްމަދު ޝަމްސުއްދީން (2 ވަނަ) ގެ ރަސްކަމުގަ އެވެ. އެއީ، ޙާޖީބަންޑާރައިން ޙައްޖަށް ވަޑައިގެން ހުންނަވަނިކޮށް، ރަސްކަން ބަދަލުވެ، ޝަމްސުއްދީން (2 ވަނަ) މުޙައްމަދު މަނިކުފާނަށް ރަސްކަން ލިބިވަޑައިގަތުމުން ނެވެ. މިއީ، ދޮންބަންޑާރައިންގެ އަޚު ޙުސައިން ބޮޑުދޮށިމޭނާ ކިލެގެފާނުގެ ބޭފުޅެކެވެ. މީނާ ރަސްކަމަށް އިސްވެވަޑައިގެން، ދޮންބަންޑާރައިންގެ ޢާއިލާ މާލެގެންނެވީ ހިޖްރައިން 1187 ވަނައަހަރުގެ ފަހުކޮޅު އެވެ.

ދޮންބަންޑާރައިންގެ ޢާއިލާ މާލެގެންނަވައި، ޝަމްސުއްދީން (2 ވަނަ) ރަސްކަމުން ދުރުވެ، ދޮންބަންޑާރައިންގެ މުޙައްމަދުއެވެ، ކިޔާ ދަރިކަލުންނަށް ރަސްކަން ދެއްވި އެވެ. އެއީ، މުޢިއްޒުއްދީން (ކަޅުބަންޑާރައިން) ނެވެ. ކަޅުބަންޑާރައިން ރަސްކަމަށް އިސްކުރެވުނީ ހިޖްރައިން 1187 މީލާދީން 1774 ގަ އެވެ. މިހެންކަމާއެކު، ދޮންބަންޑާރައިންގެ ޢާއިލާ، އައްޑޫން މާލެ ވަޑައިގަތުމަށްފަހު، މުލީގޭގައި ދިރިއުޅުއްވާފައެއް ނުވެއެވެ. ސަރުކާރުން ނުވަތަ ޢާއިލާއިން މުލީގެ ބަލަހައްޓާފައިވުމަކީ، އެކަށީގެންވާ ކަމެކެވެ. މުޙައްމަދު މުޢިއްޒުއްދީން (ކަޅުބަންޑާރައިން) ގެ ދެ އަނބިކަނބަލުން ތިއްބެވި އެވެ. އެއީ، އައްޑޫ އާމިނާ މަނިކެފާނާއި، ދޮންބީނާގޭ އާމިނާ ދީދީ އެވެ. ކަކާގޭ ޢާއިލާ އުފެއްދި، ކަކާގޭ ކަޅުގޮމަ (ޢާއިޝާ ރަނިކިލެގެފާނު) ގެ މަންމާފުޅަކީ، ދޮންބީނާގެ އާމިނާ ދީދީ އެވެ. ކަޅުބަންޑާރައިން އަވަހާރަވެ، ކޮއްކޯފުޅު ޙަސަންނޫރައްދީން (1 ވަނަ) އަށް ރަސްކަން ލިބިވަޑައިގަތީ 1192 ރަމަޟާންމަހު 3 ވަނަ ދުވަހު އެވެ. އޭރު ވެސް، މުލީގެ ހުރީ ހުސްކޮށެވެ.

ދޮންބަންޑާރައިންގެ ދޮށީދަރިކަލުން (ކަޅުބަންޑާރައިން) އަވާހަރަވެ، ކޮއްކޯފުޅު ޙަސަން ނޫރައްދީން (1 ވަނަ) ރަސްކަމަށް އިސްވެ ވަޑައިގެން 20 އަހަރާއި 11 މަހާއި 15 ދުވަހު ރަސްކަން ކުރެއްވި އެވެ. ޙަސަން ނޫރައްދީންގެ ދަރިކަލުން، މުޙައްމަދު މުޢީނުއްދީން (1 ވަނަ) ރަސްކަމަށް އިސްކުރެއްވުނީ، ޙަސަން ނޫރައްދީން ދެވަނަފަހަރަށް ޙައްޖަށް ވަޑައިގަތުމަށްޓަކައި، މުޢީނުއްދީނާއި ރަސްކަން ހަވާލު ކުރެއްވީމާ، ޖެނުއަރީ، 23، 1799މ. (ޝަޢުބާން 17، 1213ހ.) ވަނަ ދުވަހު އެވެ. މުޢީނުއްދީން ރަދުން 37 އަހަރާއި 1 މަހާ 4 ދުވަހު ރަސްކަން ކުރެއްވި އެވެ. ޖެނުއަރީ 20، 1835މ. ގައި (އެރަދުން) އަވަހާރަވުމުން، ރަސްކަން ލިބިވަޑައިގަތީ، ދަރިކަލުން މުޙައްމަދު ޢިމާދުއްދީން (4 ވަނަ) ނުވަތަ މުސްކުޅި ބަންޑާރައިންނަށެވެ. މިރަދުން 48 އަހަރާ 4 މަހާ 28 ދުވަހު ރަސްކަން ކުރެއްވި އެވެ. އަވަހާރަވީ، ޖެނުއަރީ 10، 1882މ. (ޞަފަރު 20، 1299ހ.) ގަ އެވެ.

މުސްކުޅި ބަންޑާރައިން އަވަހާރަވިއިރު، ފިރިހެން ދެބޭފުޅުން ތިއްބެވި އެވެ. އެއީ، ޙަސަން ޢިއްޒުއްދީން (ބޮޑުދޮށީމަނިއްޕުޅު) އާއި އިބްރާހީމް ނޫރައްދީނެވެ. ބޮޑުދޮށީ މަނިއްޕުޅަކީ، ލޯފަން ބޭފުޅަކަށްވާތީ (އާދަކާދައިގެ މަތިން) ރަސްކަން ލިބިވަޑައިގަތީ، ހަގުދަރިކަލުން ނޫރައްދީން ބަންޑާރައިންނަށެވެ. ނޫރައްދީން ބަންޑާރައިންގެ ރަސްކަމުން 5 އަހަރާ 1 މަހާ 12 ދުވަސްވިތަނާ، ހަވަރު އެއްވެ ރަސްކަން ބަދަލުކޮށް، ބޮޑުދޮށީ މަނިއްޕުޅުގެ ދޮށީ ދަރިކަލުން މުޙައްމަދު މުޢީނުއްދީން (2 ވަނަ) ނުވަތަ ކުޑަބަންޑާރައިން ރަސްކަމަށް އިސްކޮށްފިއެވެ. ބޮޑުހުޅު ޖެހުމާއި، އިގިރޭސީންގެ ޙިމާޔަތުގެދަށަށް ދިއުން ރާއްޖެ ދުށީ، ކުޑަބަންޑާރައިންގެ ރަސްކަމުގަ އެވެ.

 ނޫރައްދީނު ބަންޑާރައިންނަށް އާލާސްވެއިންނެވުމުގެ މަރުޙަލާ ފެށުނުއިރު މުސްކުޅިބަންޑާރައިންގެ އަނބިކަނބަލުންނާއި، އެންމެ އަރިސްކޮށް އުޅުނީ، ގަނޑުވަރުތެރޭގައި ގެންގުޅުއްވި "ބަބުރު" އަޅެކެވެ. ވިރާސީގޮތުން ރަސްކަން ވާރުތަވާނީ، ބޮޑުދޮށީ މަނިއްޕުޅަށްކަމަށް ވާތީ، (ދެބޭފުޅުންގެ ވެސް މަންމާފުޅުގެ ފަރާތްޕުޅުން) ލޯފަންވާން ޖެހިވަޑައިގަތީ ބޮޑުދޮށީ މަނިއްޕުޅަށެވެ.

ކުޑަބަންޑާރައިން ރަސްކަމަށް އިސްކުރީ ޑިސެމްބަރ 28، 1886މ. (ރަބީޢުލްއާޚިރު 2، 1304ހ.) ގައެވެ. މި ރަދުން 2 އަހަރު ދުވަހު ރަސްކަން ކުރެއްވިތަނާ، ސިލޯނުގައި އޮތް އިގިރޭސި ސަރުކާރުން، ރަސްކަން ބަދަލުކޮށް، ނޫރައްދީން ބަންޑާރައިން، ދެވަނަ ފަހަރަށް ރަސްކަމަށް އިސްކޮށްފި އެވެ. އެއީ މީލާދީން 1888 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ނުވަތަ ޑިސެމްބަރުމަހު އެވެ. އެއީ ހިޖްރައިން 1306 ރަބީޢުލްއާޚިރު މަސް ހާތާނގަ އެވެ. ދެވަނަ ފަހަރު، ނޫރައްދީން ބަންޑާރައިން ހަތަރުއަހަރެއްހާ ދުވަހު ރަސްކަން ކުރެއްވި އެވެ. އަވަހާރަވީ، ޖުމާދުލްއޫލާ 8، 1310 ހ. (ނޮވެމްބަރ 28، 1892މ.) ގައެވެ. އެއިރު މުލީގޭގައި މީހުން ދިރިއުޅެ އެވެ. މުލީގޭ ދޮންހަސަންމަނިކުފާނު (ދޮންބަންޑާރައިން) ނަށް ރަސްކަން ލިބިވަޑައިގަތުމުން، މުލީގެ ދޫކުރައްވައި، ވެޔޮދޮރު ގަނޑުވަރަށް ވަޑައިގަތީ، ހިޖުރައިން 1173 ވަނައަހަރުގެ މެދެއްހާތާނގަ އެވެ. އޭގެފަހުން މުލީގެ ހުރީ ހުސްކޮށެވެ.

ލަފާކުރެވޭ ގޮތުގައި އެއްޤަރުނަށްވުރެ ގިނަދުވަހު މުލީގެ ހުސްކޮށް ހުއްޓެވެ. މުލީގެ ހުސްކޮށް ހުއްޓާ، ދެން ދިރިއުޅެންފެށީ، އިބްރާހީމް ނޫރައްދީން ރަދުންނަށް މުލީގެ ލިބިވަޑައިގަތީމަ އެވެ. އެއީ، ގާތްގަނޑަކަށް، ހިޖްރައިން 1290 ގެ އަހަރުތަކުގެ މެދެންހާ ތާނގަ އެވެ. އިބްރާހީމް ނޫރައްދީންގެ ބައްޕާޕުޅުގެ ދެގެ ހުރިކަމަށްވެ އެވެ. އެއްގެއަކީ، މާންދޫގެ އެވެ. އެގެ ދެއްވީ ބޮޑުދޮށީ މަނިއްޕުޅަ ށެވެ. އަނެއްގެއަކީ މުލީގެ އެވެ. އެގެ ދެއްވީ ނޫރައްދީން ބަންޑާރައިންނަށެވެ. މުލީގޭގައި ވަޒަންވެރިކުރުއްވީ، ނޫރައްދީން ބަންޑާރައިންގެ އަނބިކަނބަލެއްކަމަށްވާ، ކަކާގޭ ގޮމަ އެވެ.

ކަކާގޭ ޚަދީޖާ ދީދީ އާއި، ވެޔޮގެ މަނިއްޕުޅުގެ ގޮމަ އެވެ. ދެން އެ ގޮމަ އާއި، ނޫރައްދީން ބަންޑާރައިންގެ ތިންބޭފުޅުންކަމަށްވާ، މުލީގޭ މަނިއްޕުޅާއި، މުލީގޭ މެދުގޮމަ އާއި، މުލީގޭ ދޮންގޮމަ އެވެ. (މުލީގޭ މަނިއްޕުޅަކީ، މުޙައްމަދު ޝަމްސުއްދީން (3 ވަނަ) އެވެ. މެދުގޮމައަކީ، އަތިރީގޭ ސަފީރު ޢަބްދުލްޙަމީދުގެ އަނބިކަނބަލުންނެވެ. ދޮންގޮމައަކީ، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އަނބިކަނބަލުންނެވެ. އެއީ މުޙައްމަދު ފަރީދު ރަދުންނާއި، ޙަސަން ފަރީދު ދީދީގެ މަންމާފުޅެވެ.)

އިބްރާހީމް ނޫރައްދީން ރަދުން، ކަކާގޭ ގޮމަ އާއި ކައިވެނިކުރެއްވީ، ރަސްކަން ލިބިވަޑައިގަތުމުގެ (ގާތްގަނޑަކަށް) ހަތަރުފަސް އަހަރު ކުރިން ނެވެ. ނޫރައްދީނަށް ފުރަތަމަ ފަހަރު ރަސްކަން ލިބިވަޑައިގަތީ، ޞަފަރު 20، 1299ހ. ގަ އެވެ. ނޫރައްދީނާއި، ކަކާގޭ ގޮމައިގެ ދޮށީ ދަރިކަލުން (ޝަމްސުއްދީން ރަދުން) ލިބިވަޑައިގަތީ، ޛުލްޤައިދާ 6، 1296ހ. ގަ އެވެ. އެއިރު އުޅުއްވީ މުލީގޭގަ އެވެ. އެހެންވީމާ ދޮންބަންޑާރައިން މުލީގެ ދޫކޮށްލެއްވި ދުވަހުން ފެށިގެން، ނޫރައްދީން ބަންޑާރައިން މުލީގޭގައި ދިރިއުޅުއްވާން ފެއްޓެވުމާއި ހަމައަށް (1173ހ. ން 1295ހ. ށް) ގާތްގަނޑަކަށް 122 އަހަރު ވަންދެން މުލީގެ ހުރީ ހުސްކޮށެވެ.

އިބްރާހީމް ނޫރައްދީނާއި، ކަކާގޭ ގޮމަ "މުލީގެ" އަށް ވަޑައިގަތީ، ގާތްގަނޑަކަށް 1290ހ. ގެ އަހަރުތަކުގެ މެދަކާއި ހަމަތާނގަ އެވެ. އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި، އެތެރެކޯލުގައި އުޅުއްވިޔަސް މުލީގެ ފަޅުކޮށެއް ނުލައްވަ އެވެ. ފުރަތަމަ ފަހަރު ރަސްކަން ވަކިވުމުން، ނޫރައްދީން އުޅުއްވީ، އާގަނޑުވަރުގަ އެވެ. މުލީގޭ ބޭފުޅުން އުޅުއްވީ މުލީގޭ ގަ އެވެ. ބަންޑާރައިން އަވަހާރަވީމާ ވެސް މުލީގޭ ބޭފުޅުން އުޅުއްވީ މުލީގޭގަ އެވެ. އިބްރާހީމް ނޫރައްދީން އަވަހާރަވިއިރު، އެންމެ ދޮށީ ބޭފުޅަކީ، މުލީގޭ މަނިއްޕުޅެވެ. އޭރު ޢުމުރުފުޅަކީ 12 ނުވަތަ 14 އަހަރެވެ. އެކަމަކު، ރަސްކަން ލިބިވަޑައިގަތީ، ޢުމުރުފުޅުން 8 އަހަރުގެ ދަރިކަލުން އާގަނޑުވަރު މަނިއްޕުޅަށެވެ. އާގަނޑުވަރު މަނިއްޕުޅުގެ ރަސްކަމަށް 5 މަހާ 10 ދުވަސްވީތަނާ، ހަވަރު އެއްވެ ރަސްކަން ބަދަލުކޮށް، މުލީގޭ މަނިއްޕުޅު ރަސްކަމަށް އިސްކޮށްފި އެވެ.

މުލީގޭ މަނިއްޕު (ޝަމްސުއްދީން 3 ވަނަ) ގެ ރަސްކަމަށް 2 މަހާ 15 ދުވަސްވީތަނާ، ހަވަރު އެއްވެ ރަސްކަން ބަދަލުކޮށް، ޙާޖީޢިމާދުއްދީން ރަސްކަމަށް އިސްކޮށްފި އެވެ. (މުލީގޭ މަނިއްޕުޅުގެ ރަސްކަން ފެށުނީ، ޝައްވާލު 20، 1310ހ. (މެއި 7، 1893މ.) ގައެވެ. ޙާޖީ ޢިމާދުއްދީންގެ ރަސްކަން ފެށުނީ، މުޙައްރަމް 9، 1311ހ. (ޖުލައި 20، 1893މ.) ގަ އެވެ.) ޙާޖީ ޢިމާދުއްދީން ރަސްކަމަށް އިސްކުރުމާއެކު، މުލީގޭ މަނިއްޕުޅު، މުލީގޭގައި ބަންދުކޮށްފި އެވެ. މުލީގޭ ބޭފުޅުން އެއިރު ވެސް މުލީގޭގައި ދިރިއުޅުއްވި އެވެ. އޭގެފަހުން، ޙާޖީޢިމާދުއްދީން "މިޞްރުގެ ސުވޭހުގައި" ހުންނަވަނިކޮށް ރަސްކަން ބަދަލުވެ، މުލީގޭ މަނިއްޕުޅަށް ދެވަނަ ފަހަރަށް ރަސްކަން ލިބިވަޑައިގަންނަވަންދެން، އެމަނިއްޕުޅު ހުންނެވީ، މުލީގޭގައި ބަންދުގަ އެވެ.

 ދޮންގޮމަ އާއި މެދުގޮމަ އާއި، ތިންބޭފުޅުންގެ މަންމާފުޅު ކަކާގެ ގޮމަ ވެސް މުލީގޭގައި އުޅުއްވި އެވެ. ދޮންގޮމާގެ ފިރިކަލުން، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި، މެދުގޮމާގެ ފިރިކަލުން ސަފީރު ޢަބްދުލްޙަމީދު ދީދީ ވެސް މުލީގޭގައި އުޅުއްވި އެވެ. މުލީގޭ މަނިއްޕުޅަށް ދެވަނަ ފަހަރު ރަސްކަން ލިބިވަޑައިގަތީ، ޒިލްޙައްޖާ 11، 1320ހ. (މާރޗް 11، 1903މ.) ވިލޭރޭގަ އެވެ.

 މުލީގޭ މަނިއްޕުޅު މުޙައްމަދު ޝަމްސުއްދީން (3 ވަނަ) މުލީގޭގައި ބަންދުގައި ހުންނެވި ދުވަސްވަރު 3 ބޭފުޅުންނާއި ކައިވެނި ކުރެއްވެ އެވެ. ފުރަތަމަ ކައިވެނި ކުރެއްވީ، ކަހަނބުގޭ ދީދީ އާއި އެވެ. މި ދީދީ އަށް ބޭފުޅަކު ލިބިވަޑައިނުގަންނަވަނީސް ވަރިކުރައް ވައިފި އެވެ. ދެން ކައިވެނި ކުރެއްވީ، ކަޅުހުރާގޭ ސައްޔިދުޢަލީ ބޮޑުސީދީގެ ސިއްތި އާއި އެވެ. އެ ސިއްތިއަށް ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ލިބިވަޑައިގަތެވެ. އެއީ، ޝަޢުބާން 5، 1319ހ. ގަ އެވެ. އެއާއެކުހެން ދާދިއަވަހަށް ސިއްތި އަވަހާރަ ވެއްޖެ އެވެ. ދެން ޙަސަން ޢިއްޒުއްދީން މަނިއްޕުޅު (މުލީގޭގައި) ގެންގުޅުއްވީ، މާމާފުޅު ކަކާގޭ ގޮމަ އެވެ.

ޝަމްސުއްދީން ތިންވަނައަށް ކައިވެނި ކުރެއްވީ، މެދުގަނޑުވަރު ދޮށީ ގޮމަ އާއި އެވެ. ޝަމްސުއްދީން ރަދުން އަވަހާރަވިއިރު ވެސް މިގޮމަ، ދުނިޔޭގައި އިންނެވި އެވެ. މުލީގޭ މަނިއްޕުޅަށް ދެވަނަ ފަހަރު ރަސްކަން ލިބިވަޑައިގެންއިރު، ޙަސަން ޢިއްޒުއްދީން މަނިއްޕުޅުގެ ޢުމުރުފުޅުން ދޮޅު އަހަރެވެ. މެދުގަނޑުވަރު ގޮމައަށް ލިބިވަޑައިގަތް ތިއްތި ގޮމަފުޅަށް އޮތީ، އެއް އަހަރަށެވެ. ރަސްކަން ލިބިވަޑައިގަތުމާއިއެކު، އެންމެ ބޭފުޅުން އެތެރެކޯލަށް ވަޑައިގެންފިއެވެ.

ޝަމްސުއްދީންރަދުންނަށް ދެވަނަ ފަހަރަށް ރަސްކަން ލިބިވަޑައިގަތުމުގެކުރިން، ދޮންގޮމައަށް މުޙައްމަދު ފަރީދު ލިބިވަޑައިގެންފި އެވެ. އެއީ، ޞަފަރު 24، 1319ހ. ގަ އެވެ. އޭގެ ކުރިން މުޙައްރަމް 13، 1318ހ. ވަނަ ދުވަހު މެދުގޮމަ އަވަހާރަ ވެއްޖެ އެވެ. ޒިލްޙައްޖާ 11، 1320ހ. 11 ވިލޭރޭ ޝަމްސުއްދީނަށް ދެވަނަ ފަހަރަށް ރަސްކަން ލިބިވަޑައިގެން، އެތެރެކޯލަށް ވަޑައިގަތުމަށްފަހު، ދާދި އަވަހަށް ދޮންގޮމަ އާއި، ރަންނަބަނޑޭރި ކިލެގެފާނާއި، މުޙައްމަދު ފަރީދު ދީދީ އެތެރެކޯލަށް ގެންދަވައި ފި އެވެ. އެތެރެކޯލުގައި، ދޮންގޮމާގެ ޢާއިލާ ދިރިއުޅުއްވީ ވެޔޮގޭގަ އެވެ. ފަހުން، އުސްގެކޮޅު ނިންމަވައިގެން އެގެއަށް ވަޑައިގެންފި އެވެ.

ޙަސަން ފަރީދު ދީދީ ރައްކާވީ، ޖުމާދުލްއޫލާ 28، 1322ހ. ގަ އެވެ. މިބޭފުޅުން އެތެރެކޯލަށް ވަޑައިގަތުމުން، ވަގުތީގޮތުން ނަމަވެސް، މުލީގެ ހުސްވީ އެވެ. އެދުވަހުން ފެށިގެން މިހާރު އެހެރަފާޑަށް ޢިމާރާތްކޮށް ދިރިއުޅެން ފަށަންދެން (ގާތްގަނޑަކަށް) އަށެއްކަ އަހަރު، މުލީގެ ހުސްކޮށްހުއްޓެވެ. (އުސްގެކޮޅަކީ، މިހާރު ދާރުލްއާޘާރު އެހުންނަ ޢިމާރާތެވެ. އެއީ، ޙާޖީޢިމާދުއްދީން "ސުވޭހު އަނބިކަމަނާ" ދިރިއުޅުއްވަން ހެއްދެވި ގެއެވެ. (ރަސްކަން ބަދަލުވުމަށްފަހު، އެގެ މުޅީން ނިންމެވީ، ޝަމްސުއްދީން ރަދުންނެވެ.)

މިހާރު އެހަރަގޮތަށް މުލީގެ ޢިމާރާތްކުރެއްވީ، ޝަމްސުއްދީންރަދުންގެ ރަސްކަމުގައި، ސަރުކާރުގެ ޚަރަދުގައި، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ދިރިއުޅުއްވުމަށްޓަކަ އެވެ. މުލީގެ ޢިމާރާތް ކުރެއްވުމަށްޓަކައި، މުލީގެ ހުރި ކޮށި ސާފުކުރައްވައި، މީސްމީހުންގެ 5 ގެ ނަންގަވައި، ފުރިހަމަ ބަދަލުދެއްވި އެވެ. މިހާރުގެ މުލީއާގެ ހިމެނޭ ކޮށި އެގެއަށް ޚާއްޞަކުރެވުނީ އޭރު އެވެ. މުލީގެ ޢިމާރާތްކުރެއްވީ، ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާކިލެގެފާނު އިސްވެހުންނަވައި، އަޙްމަދު ދޮށިމޭނާކިލެގެފާނުގެ ފާޑުވެރިކަމުގައި ސިލޯނުން ހުރިހާ އެއްޗެއް ގެންނަވައިގެން، ސިލޯނުގެ ފައްނާނުންނާއި، މަސައްކަތްތެރީން ލައްވަ އެވެ.

މުލީގޭ ބިންގާއެޅީ ރަބީޢުލްއައްވަލު 14، 1332ހ. (ފެބްރުއަރީ 10، 1914މ.) ގައެވެ. މިހާރު އެހަރަ ފެންވަރުގައި ޢިމާރާތް ނިމި، މާލޫދުކިޔައި ގެކޮޅު ހުޅުވީ، ރަބީއުލްއައްވަލު 14، 1338ހ. (ޑިސެމްބަރ 7، 1919މ.) ގައެވެ. އޭރު ޙަސަން ޢިއްޒުއްދީން މަނިއްޕުޅުގެ ޢުމުރުފުޅުން 20 އަހަރެވެ. މުލީގެ ހުޅުވިދުވަހު އެގެއަށް "ހެންވޭރު ގަނޑުވަރު" މިނަން ދެވުނެވެ. ޝަމްސުއްދީން ދެވަނަ ފަހަރު ރަސްކަމަށް އިސްކުރެވުނު ރޭ މަތިގޭގައި ކިޔެވި ޞަލަވާތްފުޅު، ހެންވޭރު ގަނޑުވަރު ހުޅުވި ދުވަހު، މާލޫދުފުޅަށްފަހު ކިޔެވުނެވެ. އޭގެ ފަހުން ކޮންމެ އަހަރަކު އެކަން އޮވެ އެވެ. މިއަށްފަހަކު މުލީގެއެއް ނެތެވެ.

 ހެންވޭރުގަނޑުވަރު ހުޅުވިއިރު އަދި މުޅީން ހުރިހާކަމެއް ނުނިމެ އެވެ. ގަނޑުވަރުގެ ހުރިހާކަމެއް ފުރިހަމަ ކުރެވުނީ ދުވަސްކޮޅެއް ފަހުންނެވެ. ހެންވޭރުގަނޑުވަރު ނިމުމާއެކު، ޙަސަން ޢިއްޒުއްދީން މަނިއްޕުޅަށް އެގަނޑުވަރު ޚާއްޞަ ކުރެވިއްޖެ އެވެ. އަރިހުބޭކަލުންނާއި، ޚައްދާމުންނާއި، ނޯކިރީން ގަނޑުވަރަށް ލައްވައިފި އެވެ. އެއިރު، ޙަސަން ޢިއްޒުއްދީން ހުންނެވީ ކިޔަވައި ވިދާޅުވެ ނިންމަވައި، މާލެ ވަޑައިގެން، އެތެރެކޯލުގަ އެވެ.

ޙަސަންޢިއްޒުއްދީން ކިޔަވާ ވިދާޅުވާން ސިލޯނަށް ފުރާވަޑައިގަތީ، ޖުމާދުލްއައްވަލް 24، 1331 (މެއި 1، 1913މ.) ގައެވެ. 7 އަހަރު ވަންދެން ކިޔަވާ ވިދާޅުވުމަށްފަހު މާލެވަޑައިގަތީ، ޖުމާދުލްއައްވަލް 24، 1338ހ. (ފެބްރުއަރީ 15 1920މ.) ގައެވެ. އޭރު އުމުރުފުޅުން 20 އަހަރެވެ. މާލެ ވަޑައިގަތްއިރު (ރަބީޢުލްއައްވަލް 14، 1338 ހ. (ޑިސެމްބަރު 7، 1919މ. ގައި) ވަނީ، ގަނޑުވަރު ހުޅުވައިފަ އެވެ. ގަނޑުވަރު ބިންގާ އެޅީ، ރަސްކަމުން 12 ވަނަ އަހަރު އެވެ. ހުޅުވީ ރަސްކަމުން 18 ވަނަ އަހަރު އެވެ. ގަނޑުވަރު ހުޅުވައި، މަނިއްޕުޅު ވިދާޅުވާ ވައްތަރުގެ ފަރުނީޗަރު، ސިލޯނުން ގެނެސް، ގަނޑުވަރު ފުރާފުރިހަމަ ކުރެވެންދެން، އެތެރެކޯލުގައި މަނިއްޕުޅު ހުންނެވި އެވެ. ހެންވޭރުގަނޑުވަރަށް ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ރަސްމީ ގޮތުން ބަދަލުވެވަޑައިގަތީ، ރަޖަބުމަހު 1، 1338ހ. އެކެއްވީ ހޯމަ ވިލޭރޭ (މާރޗް 22، 1920މ.) ގަ އެވެ. މިއީ، މިހާރު މިހިރަގޮތަށް ޢިމާރާތްކުރުމަށްފަހު (މުލީއާގެ) ހެންވޭރުގަނޑުވަރުގައި މީހުން ދިރިއުޅެންފެށި ދުވަހެވެ. އެއަށްފަހު މިހާރު މީލާދީ ގޮތުން 88 އަހަރާ 11 މަސް ވެއްޖެ އެވެ.

ޙަސަން ޢިއްޒުއްދީން (މަނިއްޕުޅުގެ) އަރިހުބޭކަލުންގެ ގޮތުގައި، ހެންވޭރުގަނޑުވަރުގައި އުޅުނު ޚައްދާމުންގެ އިސް މީހުންނަކީ، އޮއްކޮ ދޮންކޮއްކޮއާއި، މާލިމީކޮއި ޅަހުއްތުއާއި، ރަތްމަސް ކުޑަދޮންމަނިކެވެ. މަނިއްޕުޅުގެ އެންމެ އަރިސްބޮޑަކީ، ގަލޮޅުގޭ އިބްރާހީމް ދީދީ އެވެ. އެއީ، އެކުގައި ކިޔަވައިވިދާޅުވާން ސިލޯނުގައި އުޅުއްވި ރަޙްމަތްތެރިއެކެވެ. ހެންވޭރުގަނޑުވަރަށް އާދަކޮށް ގޮސްއުޅޭ މީހުންގެތެރޭގައި، ގުޅީ ޢީސާކަލޭފާނާއި، ހިތިލާގޭ އިބްރާހީމް ދީދީ ހިމެނެ އެވެ.

ހެންވޭރުގަނޑުވަރުގައި، ޙަސަން ޢިއްޒުއްދީން މަނިއްޕުޅުގެ ދިރިއުޅުއްވަން ފެށްޓެވުމާއެކު، މީހަކާ ކައިވެނިބައްލަވައިގަތުމުގެ ވަގުތު އަތުވެއްޖެ އެވެ. މިކަމަށް ކަނޑައެޅުނީ، އާގޭ ދީދީ އެވެ. (އަތިރީގޭ އާމިނާ ދީދީ އެވެ.) އެއީ، އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި، ރޯނުގޭ ޢާއިޝާ ދީދީ އާއި ދެކަބަލުންގެ ބޭފުޅެކެވެ. ޙަސަން ޢިއްޒުއްދީން މަނިއްޕުޅާއި، އާގޭ ދީދީގެ ކައިވެނިފުޅު ކުރެވުނީ، ޝަޢުބާންމަހު 15، 1339ހ. ހޯމަ ވިލޭރޭ (އޭޕްރީލް 23، 1921މ.) ދުވަހު ގެރޭ ގަ އެވެ. ހެންވޭރުގަނޑުވަރުގައި އޮތް މިކައިވެނިފުޅަށް، އާގޭ ދީދީ، އަތިރީގޭ އާގެއިން ހެންވޭރުގަނޑުވަރަށް ވަޑައިގަތީ، އަރިހުބޭކަލުންނާއެކު، ކީމަކޮޅުގަ އެވެ. 4 ފިރިހެނުން ހެކިކޮށް، މިކައިވެނިފުޅު ކޮށްދެއްވީ ބަނޑާރަނާއިބުމަނިކުފާނު ޙުސައިން ޞަލާޙުއްދީ ނެވެ. މިކައިވެނިފުޅުގެ ވަލީމާ (ވެޑިންގޕާޓީ) އަށް 300 އަންހެނުންނަށް ދަޢުވަތު ދެވިގެން، ހެންވޭރު ގަނޑުވަރަށް ވަޑައިގަތެވެ.

ހެންވޭރުގަނޑުވަރު ހުޅުވި ދުވަހު، ދައުލަތުގެ ބޮޑުންނާއި، ވޯރާވިޔަފާރިވެރީންނަށް ޖާފަތްދެއްވައި، ގަނޑުވަރު ދެއްކުން އޮތެވެ. އެ ދުވަހުގެ ރޭގައި، ބޮޑުންގެ އަނބިއަނބިކަނބަލުންނާއި، އަންހެން ބޭފުޅުންނަށް ޖާފަތް ދެއްވައި، ގަނޑުވަރު ދެއްކުން އޮތެވެ. އެދުވަހު، އެގަނޑުވަރު ދުށް ކޮންމެމީހަކު ވެސް އަޖައިބުވެ، އަންތަރީސް ވީކަމަށް ބުނެވެ އެވެ. ޙަސަން ޢިއްޒުއްދީން މަނިއްޕުޅު، އާގޭ ދީދީ އާއި ކައިވެނި ބައްލަވައިގެން ދިރިއުޅުއްވާން ފެށްޓެވީ މިފުރިހަމަ ގަނޑުވަރުގަ އެވެ. މި ދެބޭފުޅުން ކައިވެނިކުރެއްވިއިރު، މަނިއްޕުޅުގެ އުމުރުފުޅުން 20 އަހަރު ކިރިޔާ (ހިޖްރީ ގޮތުން) ފުރުނީ އެވެ.

އާގޭ ދީދީގެ ޢުމުރުފުޅުން 12 (ބާރަ) އަހަރު ކިރިޔާ (ހިޖްރީ ގޮތުން) ފުރުނީ އެވެ. ބުނެވެނީ، މި ދެބޭފުޅުންގެ ކައިވެނިފުޅު ކުރެވުނީ، އެއްބޭފުޅަކު އަނެއްބޭފުޅަކު ފެނިވަޑައިނުގެން ތިއްބަވާ ކަމުގަ އެވެ. ނަމަވެސް، އަތިރީގެ އާއި ގަނޑުވަރުތެރޭގެ ގުޅުން ބޮޑުކުރުމަށްޓަކައި (ޝާހީ ވިރާސީ ރަސްކަމުގެ ބާރު ފުޅާކުރުމަށްޓަކައި) މިކައިވެނިފުޅު ކުރެވުނީ އެވެ. އެއިރު، ޝަމްސުއްދީން ރަދުންގެ ބޮޑުވަޒީރަކީ، އިބްރާހީމް ދޮށިމޭނާކިލެގެފާނެވެ. އެއީ އާގޭ ދީދީގެ ބައްޕަގެ ބައްޕަ އެވެ. (ބައްޕަ ފަރާތު ކާފަ އެވެ.) އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ އަނބިކަނބަލުންނަކީ، ޝަމްސުއްދީން ރަދުންގެ ބައްޕާފުޅާއި އެއްބަނޑު އެއްބައްޕާފުޅު، މާންދޫގޭ ގޮމައެވެ. ޝަމްސުއްދީން ރަދުންގެ ބޮޑުދައިތާފުޅެވެ. ބޮޑުބަނޑޭރިއަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން ޢަބްދުލްމަޖީދު ދީދީ (ރަންނަބަނޑޭރި ކިލެގެފާނު) އެވެ.

ޢަބްދުލް މަޖީދު ދީދީ ކައިވެނި ކުރައްވައިގެން އުޅުއްވީ، ޝަމްސުއްދީން ރަދުންގެ ކޮއްކޯފުޅު ދޮންގޮމަ އާއި އެވެ. ރަދުންގެ ކާތިބުއްސިއްރު (ޕްރައިވެޓް ސެކެރެޓްރީ) އަކީ، އާގޭ ދީދީގެ ބައްޕަ (އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދޮށީ ދަރިކަލުން) އަތިރީގޭ އަޙްމަދު ދޮށިމޭނާކިލެގެފާނެވެ. މިކަން މިހެން އޮތުމުގެ ސަބަބުން، ރަސްކަމުގެ ބާރުގަދަވެ، އަތިރީގޭ ބޭފުޅުންނާއި ރަދުންގެ ގުޅުން ބޮޑުވެ، ވެރިކަމުގެ މޫރިތިކަން ވިދާބަބުޅާފައި ވެއެވެ. އެދުވަސްވަރު، ހެންވޭރު ގަނޑުވަރަށް އައިސްފައިވާ އުޖާލާކަމުގެ ސަބަބުން، ރަދުންގެ ހިތްޕުޅު ވަރަށް ހަމަޖެހިވަޑައިގެންފައިވެ އެވެ.

ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި އައި، އެންމެ އުފާވެރި ދުވަސްވަރަކީ، މިއީ އެވެ. އެއީ ހެންވޭރުގަނޑުވަރުގެ ހަނީމޫނުގެ ދުވަސްވަރެވެ. ހެންވޭރުގަނޑުވަރުގެ ހަނީމޫނުގެ ދުވަސްވަރުގެ އުފާވެރިކަން ނިމުނީ، ދެމަފިރި ކަނބަލުންގެ ޒަވާޖީ ޙަޔާތް ވަރަށްބޮޑަށް ބަނަވުމާއި ގުޅިގެން ނެވެ. ބުނެވޭގޮތުގައި، އާގޭ ދީދީ އާއި ކައިވެނިކުރައްވައިގެން ހެންވޭރުގަނޑުވަރަށް ގެންދެވިތާ މާގިނަދުވަހެއްނުވެ، ޙަސަން ޢިއްޒުއްދީން ދެވަނަ އަނބިކަނބަލަކު ހޯއްދަވައިފި އެވެ. އަދި، ހެންވޭރުގަނޑުވަރުގެ މަޝްހޫރު ނާޗަރަންގީ ފަށްޓަވައިފި އެވެ.

"ހެންވޭރުގަނޑުވަރު ނާޗަރަންގީ" އަކީ، ދިވެހި ތާރީޚުގައި މަޝްހޫރު ވާހަކައެކެވެ. ފުރަަތަމަ ފެށުނީ، މިޔުޒިކްގެ ރޭތަކެވެ. މަނިއްޕުޅު ހުންނެވީ، ސިލޯނުން ވަރަށް މޮޅަށް މިޔުޒިކް ދަސްކުރައްވާފަ އެވެ. މަނިއްޕުޅު ލަވަ ވިދާޅުވެ އެވެ. ރޫބައަޅުއްވައިގެން ނަށްޓަވަ އެވެ. ގިޓާ، ހަރުމޯނިޔަމް، ނަރުކޮއްޓި، ބޭލާ، ބެރު، ތަބުޅާ، ސަރިންދާ، ކުޅުއްވަ އެެވެ. މިއާއެކުހެން އަންހެން ކުދީންނާއި ފިރިހެންކުދީންގެ މަޖާރޭތައް ހެންވޭރުގަނޑުވަރަށް އަތުވެއްޖެ އެވެ.

ހެންވޭރުގަނޑުވަރުގެ ނާޗަރަންގީގެތެރޭގައި، އިނދެވަރި ކުރުމުގެ (ތަސްބީހަފަތިގުނާ) ސިލްސިލާއެއް މަނިއްޕުޅު ފަށްޓަވައިފި އެވެ. މިކަމާ، އާގޭ ދީދީ ހިތްޕުޅަކާ ނުވި އެވެ. މިހެންވުމުން އެދެބޭފުޅުންގެ ދެމެދުގައި މައްސަލަޖެހޭގޮތް ވެއްޖެ އެވެ. އަރާރުމާއި ހިފާތެޅުން ފެށިއްޖެ އެވެ. ބުނެވެނީ، އެ ދެ ބޭފުޅުންގެ ކައިވެނިފުޅު ދެމިއޮތީ، ދެއަހަރެއްހައި ދުވަހު ކަމުގަ އެވެ. މި ދެބޭފުޅުންގެ މައްސަލައިގެ ޚަބަރު، އަޙްމަދު ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައި ގަތުމާއެކު، މައްސަލަ ނުބައިވާގޮތް ވެއްޖެ އެވެ. ނަމަވެސް، ވަރިވެވަޑައިގެން، އާގެއަށް ވަޑައިގެންނެވި އިރު، އާގޭ ދީދީ ވަނީ، މަނިއްޕުޅު ކުރެއްވި އަނިޔާތަކުގެ ސަބަބުން ވަރަށްބޮޑަށް އާލާސްކަންފުޅު ޖެހިވަޑައިގެންފަ އެވެ. އެއިރު އަދި ކިރިޔާ ފަނަރަ އަހަރު ފުރުނީ އެވެ. އެއަށްފަހު، އާގޭ ދީދީ އެހެންބޭފުޅަކާއި ކައިވެނި ކުރެއްވި އެވެ. އެއީ، ހެންވޭރުގަނޑުވަރުގެ އެންމެ ވިދާތަރިކަމަށްވާ ގަލޮޅުގޭ އިބްރާހީމް ދީދީ އެވެ. ގަލޮޅުގޭ އިބްރާހީމް ދީދީ އާއި ކައިވެނިކުރައްވައިގެން، އާގޭ ދީދީ އަންހެންބޭފުޅަކު ރައްކާވި އެވެ. ނަމަވެސް، ޓީބީގެ އާލާސްކަންފުޅު ޖެހިވަޑައިގެން، އާގޭ ދީދީ ދާދި އަވަހަށް އަވަހާރަ ވެއްޖެ އެވެ. އަވަހާރަވިއިރު އުމުރުފުޅުން 20 އަހަރާ 10 މަހެވެ. އާގޭ ދީދީ އާއި، މަނިއްޕުޅުގެ މައްސަލައަކީ، ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި ފުރަތަމަ ހެދުނު ބާގަނޑެވެ. އެއަށްފަހު، އަތިރީގެ އާއި ގަނޑުވަރުތެރެ ދިޔައީ ޖެހެމުންނެވެ. އާގޭ ދީދީ އަވަހާރަވީ، ޖުމާދުލްއާޚިރު 14، 1348ހ. (ނޮވެމްބަރ 16، 1929މ.) ދުވަހު އެވެ.

ޙަސަން ޢިއްޒުއްދީން މަނިއްޕުޅު، އާގޭ ދީދީ ވަރިކުރެއްވުމަށްފަހު، އަބަދުވެސް ދެ އަނބިކަނބަލުން ގެންގުޅުއްވި އެވެ. އަނބިކަނބަލުން ތިއްބަވަނީ، ގަނޑުވަރުގެ ހުޅަނގު ބައިގަ އެވެ. ހުޅަނގުފަރާތު ގޯތިތެރޭގައި، ދެ އުނދޯލިގެ ހައްދަވައި، ދެއަނބި ކަނބަލުންނަށް (އަރިހު ބޭކަނބަލުންނާއެކު) ޚާއްޞަކުރައްވާފައިވެ އެވެ. އަނބިކަނބަލުން އުނދޯލީގައި އަބަދާއަބަދުހެން ތިއްބަވަ އެވެ. އަރިހު ބޭކަނބަލުން، އުނދޯލިގޭ ފައިދަށު ވަކަރުގަނޑުމަތީ އިށީނދެގެންތިބެ އުނދޯލި ހެއްލައިދެ އެވެ.

ދުވާލު ހަތަރުދަމު ޙަސަން ޢިއްޒުއްދީން މަނިއްޕުޅު އަވަހާރަލައްޕަވަނީ އެވެ. ރޭގަނޑު ހަތަރުދަމު މިޔުޒިކް ކުޅުއްވަނީ އެވެ. މިޔުޒިކް ކުޅުއްވަނީ ގަނޑުވަރުގެ އިރުމަތީ ފަޅީގަ އެވެ. އަނބިއަނބިކަނބަލުން ތިއްބަވަނީ، ގަނޑުވަރުގެ ހުޅަނގުފަޅީގަ އެވެ. މިޔުޒިކާއި ނާޗަރަންގީ އޮންނަ (ޢައްޔާޝީ) ހިސާބަކަށް އަނބިއަނބިކަނބަލުންނަކަށް ވަޑައެއް ނުގެންނެވެ އެވެ. އަރިހުބޭކަނބަލުން ނިދަނީ، އަނބިއަނބި ކަނބަލުން އަވަހާރަލައްޕަވާ ކޮޓަރިކޮޅުގެ އިރުމަތިން އޮންނަ "މެދުއެތެރިގެ" ކިޔާ ބައިގަ އެވެ. އޭރު އަރިހުބޭކަނބަލަކަށް އުޅުނު އަންހެނަކު އަހަރެން ކުޑައިރު ކިޔައިދިން ގޮތުގައި، އެމީހުން ނިދަން ދީފައިއޮންނަނީ، ކުނަލަކާއި ބާލީހެކެވެ. އަނބިކަނބަލުން އަވަހާރަލައްޕަވަން ކޮޓަރިކޮޅަށް ވަދެވަޑައިގަތީމާ، އެމީހުން މެދުއެތެރިގޭގައި ކުނާފަތުރައިގެން (ތަޅަންމަތީގައި) ނިދަނީ އެވެ. އޭރުވެސް، މެދުއެތެރިގެއަށް ވާރޭވެހެ އެވެ. ވާރޭވެހެންފެށީމާ، ބިއްލޫރި ބަނޑިޔާލަފަނީ އެވެ. ފުރާޅުގައި ހުންނަނީ އީޓެވެ. އެކަމަކު ވާރޭހިޔަލެއްނުވެ އެވެ. އެމީހުން، ހުޅަނގު ފަރާތުގައި، އަނބިކަނބަލުންގެ އަރިހުގައިތިބޭއިރު، މިޔުޒިކް ކުޅޭއަޑު ފައްސިޔައަށް އިވެ އެވެ. އެ އަންހެންމީހާ ބުނާގޮތުގައި، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ލަވަވިދާޅުވާ އަޑުފުޅު، ހެންވޭރުކޮޅު އަތިރިއަށް އިވެ އެވެ. މިޔުޒިކް ނިންމަނީ ފަތިސްވީމަ އެވެ. މަނިއްޕުޅު، އަނބިކަނބަލަކާއި ވާހަކަދައްކަވާ ބައްދަލުކުރައްވާތަނެއް، އެއަންހެންމީހާ ނުދެކޭ ކަމަށް ވެއެވެ.

ޙަސަން ޢިއްޒުއްދީން މަނިއްޕުޅު، ހެންވޭރުގަނޑުވަރުގައި ކުޅުއްވި ނާޗަރަންގީއާއި ބެހޭގޮތުން ރާއްޖޭގެ މަޝްހޫރު ލިޔުން ތެރިޔަކު (މޮޓަރުބޯޓުގެ ގަނޑުބަޑު، އެ ފޮތުގައި) ލިޔުއްވާފައިވެއެވެ. "މުޙައްމަދު ޝަމްސުއްދީން ފަދައިން، މިމަނިއްޕުޅަކީވެސް ކުޅިވަރާއި މިޔުޒިކަށް ލޯބިކުރައްވާ ބޭފުޅެކެވެ. ގެރޭމޯފޯން، ހާރމޮނިޔަމް، ތަބުލާފަދަ މިޔްޒިކާގުޅޭ ސާމާނު އަރިހުގައި ނެތިއްޔާ، ޚާއްޞަކޮށް ރޭގަނޑު، ފޫހިފުޅުފިލާކަމަށްނުވެ އެވެ. އެމަނިއްޕުޅު ހެންވޭރުގަނޑުވަރުގައި ހުންނެވި ދުވަސްވަރު ކޮންމެރެޔަކުހެން އެތާނގައި ނާޗަރަންގީ އޮވެ އެވެ. ބައެއް ފަހަރަށް އަތްޕުޅުން، ހާރމޮނިޔަމް ޖައްސަވަމުން ލަވަ ވިދާޅުވާ އަޑު އަޅުގަނޑު އެހީ މެވެ. އަޑުފުޅާއި މަޚްރަޖް ވަރަށް ވެސް ރީއްޗެވެ. އެވިދާޅުވި ހުރިހާ ލަވައެއްހެންވަނީ، ހިންދުސްތާނުގައި މަޝްހޫރު ޕިޔާރޫ ޤައްވާލުގެ ރިކޯޑުން ނަކަލު ކުރައްވާފަ އެވެ. އެ ލަވަތައް ވިދާޅުވާލެއް އޭނާޔާ ވަރަށްވެސް ވައްތަރެވެ. އަދި އެމުޖްރާގެތެރޭ، ޒުވާން ފިރިހެން ކުދީންގެ މޭމައްޗަށް އަންހެނުންގެ ސިފަގެނެސް ސާޅިލައިގެން ނަށާއިރު، ބަލާ ފޫހިނުވާނެ އެވެ. ރީތިކަމުގެ ކޮޅެއް ވެސް ނެތެވެ. އަދި ކީއްތޯ އެވެ. އިންޑިޔާގެ މަޝްހޫރު އެންދެރި ސަބާ މާލެއަށް އައިސްފައިވާ ކަހަލައެވެ. މިހުރިހާ ކުޅިވަރަކާއެކު، ޢައްޔާޝީ މަޖަލާއި ޖިންސީ އުފަލުގެ ތެރެއަށް ވެދެވަޑައިގެންނެވިލެއް ބޮޑުކަމުންކަންވެސް ނޭނގެއޭ، ދުވަސްކޮޅެއްވިއިރު، ނާރުފުޅުތަކުގެ ބާރުދެރަވެ، ޢަޞްބީ އާލާސްކަންފުޅެއް ހުށަހޮޅިއްޖެ އެވެ." އެއީ، ކިހުނު ބައްޔެވެ.

މަޝްހޫރު "ޤާނޫނު ވީދާލުމާއި، މޮޓަރުބޯޓުގެ ގަޑުބަޑު އައި އިރު، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ހުންނެވީ، ބޭސް ފަރުވާ ކުރެއްވުމަށްޓަކައި ސިލޯނުގަ އެވެ. ޤާނޫނު އަސާސީ އިޢުލާން ކުރެވުނު ދުވަސްވަރު ވެސް ހުންނެވީ، ސިލޯނުގަ އެވެ. ޤާނޫނު އަސާސީ އިޢުލާންކުރި ރަސްމިއްޔާތަށް ވެސް މޮޓަރުބޯޓުގެ ގަޑުބަޑުތެރޭގައި ވެސް މަނިއްޕުޅު މާލެވަޑައިގަ ތެވެ. ޤާނޫނު އަސާސީ އިޢުލާންކުރީ، ޝަޢުބާން 23، 1351ހ. (ޑިސެމްބަރ 22، 1932މ.) ބުރާސްފަތި ދުވަހު އެވެ. ޤާނޫނު ވީދާލައި، މޮޓަރުބޯޓުގެ ގަޑުބަޑުފެށީ، ރަޖަބު 20، 1352ހ. (ނޮވެމްބަރ 10، 1933މ.) ބުރާސްފަތި ދުވަހު އެވެ. މަނިއްޕުޅަށް ބޭސްފަރުވާ ކުރެއްވުމަށް، ޚާއްޞަ ގޮތެއްގައި ފޮނުއް ވުނީ، ރަސްކަމުގެ ވަލީއަޙްދު (ޕްރިންސް) ކަމުގެ މަޤާމަށް އިސްކުރުމަށްޓަކަ އެވެ.


ވަލީއަޙްދަކީ، ރަސްކަމުގެ ވާރުތަވެރިޔާ (ވާރިޘް) އެވެ. ޤާނޫނު އަސާސީ އުފެއްދުމުގެ ޚިޔާލު ޢަބްދުމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ގެންގުޅުއްވި ދުވަސްވަރު، ސިލޯނުގެ އިގިރޭސި ސަރުކާރުން، ވަލީއަޙްދެއްގެ މައްސަލަ ޝަމްސުއްދީން ރަދުންނަށް ހުށަހެޅުއްވި އެވެ. ބޮޑުންނާއި މަޝްވަރާކުރެއްވުމަށްފަހު، ރަދުން ޖަވާބުގައި ވިދާޅުވެފައިވަނީ "ތިމަން ރަސްގެފާނުގެ ދަރިކަލުން ކަރަޔަށް ފޮނުއްވައިގެން ބޭސްފަރުވާ ކުރައްވައި ފަސޭހަފުޅު ވަންދެން" އެކަން މަޑުކުރެއްވުމަށެވެ. ބޭސްފަރުވާ ނިމުމަށްފަހު، މަނިއްޕުޅަށް، ޕްރިންސުގެ މަޤާމު އެރުވުނެވެ. ޙަސަން ޢިއްޒުއްދީން މަނިއްޕުޅަށް ބޭސްފަރުވާކޮށް ފަސޭހަފުޅުވުމާއެކު، ރަސްކަމުގެ ވަލީޢަހްދުކަން އަރުވައި، ކޮލިލެއްވުނެވެ. އެހެންނަމަވެސް، ހެންވޭރުގަނޑުވަރުގެ މަޖާރޭތައް ކުރިޔެކޭ ވެސް އެއްގޮތަށް ހިނގަމުންދިޔަ އެވެ. އެކަމަކީ، ކޮންމެ ސިފައެއްގައި އަދި ކޮންމެ މާނައެއްގައި ހިނގައިދިޔަ ކަމެއްކަމަށް ވިޔަސް، ހެންވޭރުގަނޑުވަރުގެ ނާޗަރަންގީ، ދިވެހިން މާނަކުރީ ބޮޑުވެގެންވާ ޚުރާފާތެއް ކަމުގައެވެ. ދިވެހިން ދުށްގޮތުގައި ހެންވޭރުގަނޑުވަރު ފަޅުވީ އެކަމުގެ ސަބަބުންނެވެ. މިވާހަކަ، ތާރީޚުގައި ވަނީ، މިބަޔާންކުރާ ގޮތަށެވެ.
  
"ދެން ކުޑަދުވަސްކޮޅަކަށްފަހު، ފުރަތަމަ އަނބިކަނބަލުން އާގޭ ދީީދީ ވަރިކުރައްވައިފިއެވެ. ދެން އެއްބޭކަނބަލަކު ވަރިކުރައްވަމުން އަނެއްބޭކަނބަލަކާއި ކައިވެނިފުޅުބައްލަވައިގަންނަވަމުން ގެންދަވާގޮތް މުޅީން އާދަކުރައްވައިފި އެވެ. މިހާރު ހެންވޭރު ގަނޑުވަރުން އަތިރީގޭ ބޭފުޅަކު އަމުދުން ނުފެންނަގޮތް ވެއްޖެ އެވެ. އެމަނިއްޕުޅުގެ މައިފުށުގެ ބޮޑުބޭބޭން ވެސް ވަޑައިގެން އުޅުއްވުން މަދުވެއްޖެ އެވެ. ދެން، އެއްދުވަހުން އަނެއްދުވަހަށް ކުޅިވަރަށް ލޯބިކުރެއްވުން އިތުރުވާން ފަށައިފި އެވެ. އެންމެ ބޮޑަށް އެތާގައި އޮންނަ ކުޅިވަރަކީ، ފުރެއްދެލަވަ ކިޔުމާއި، ފިރިހެނުން އަންހެނުންގެ ހެދުން އަޅައިގެން ނެށުމެވެ. މިއީ ކުރީގައި މުޅީން މަނާވެފައިވާ ކަމެކެވެ. މިހާރު ހެންވޭރު ގަނޑުވަރަކީ، ކުޅިވަރުގެ އެންމެ ވަރުގަދަ މަރުކަޒެވެ. ދެޖިންސުގެ ތެރެއިން ވެސް ދަށުދަރަޖައިގެ ޒުވާން ކުދިންކޮޅެއްގެ ކިއްލާ އެކެވެ. މާލޭގައި ތިބި މުޙްތަރަމް މީހުން ވަދެއުޅޭން ލަދުގަންނާން ފަށައިފި އެވެ. އަދި ބައެއްދަރީން އެތަނަށް ވަދެ އުޅުމަށް، ގޮތްހުރި ބަފައިންނަށް ނުރުހެވިއްޖެ އެވެ. ރަށުގެ ބޮޑުން މަޑުމަޑުން ދުރުހެލިވާން ޖެހިއްޖެ އެވެ. މި ކަމުގެ ނަތީޖާއަކަށްވީ، ދައުލަތް ހިންގަވާން ތިއްބެވި ބޮޑުންނާއި އެމަނިއްޕުޅާއި ދެމެދުގައި ނޭންގާނީކަން ފެށުމެވެ. މިކަމުގެ ސަބަބުން މިއަސަރު ރަދުންނަށް ވެސް ފޯރައިގެން، ރަދުންނާއި ބޮޑުންނާއި ދެމެދުގައި އިހުހުރިގޮތް މުޅީން ނެތޭންފަށައިފި އެވެ. ސަބަބަކީ، މުޙައްމަދު ޝަމްސުއްދީން، ބޮޑުންނާއި ބަހައްޓަވާ އެކުވެރިކަމާއި އިޙްތިރާމާއި ކަމޭހިއްތެވުން ޙަސަން ޢިއްޒުއްދީންގައި ނެތްކަމެވެ."

 މިކަންއޮތީ މިހެންކަމަށްވިޔަސް، ޤާނޫނު އަސާސީ އިޢުލާންކުރި ދުވަހުންފެށިގެން، ބޮޑުވަޒީރުގެ އޮފީސް ހުރީ، ހެންވޭރުގަނޑުވަރުގަ އެވެ. ޤާނޫނީ ފުރަތަމަ ބޮޑުވަޒީރަކީ، މުޙައްމަދު ފަރީދު ދީދީ އެވެ. ވަޒީރުންގެ މަޖިލިސްގެ ޖަލްސާތައް ކުރަމުންދަނީ، ހެންވޭރުގަނޑުވަރު ބޮޑުކޮޓަރިކޮޅުގައެވެ. ވަޒީރުންގެ މަޖިލިސްގެ ރިޔާސަތުގައި އިންނަވަނީ ޝަމްސުއްދީން ރަދުންނެވެ. ވަޒީރުންގެ މަޖިލިސްގެ ނައިބު ރައީސަކީ ޙަސަން ޢިއްޒުއްދީން މަނިއްޕުޅެވެ. މާލެވަޑައިގަންނަވާ ޢިއްޒަތްތެރީންނަށް ޚާއްޞަ ރަސްމިއްޔާތު އޮންނަނީ ވެސް ހެންވޭރު ގަނޑުވަރުގަ އެވެ. ރާއްޖެއަށް ފުރަތަމަ ކާރެއް ގެނައީވެސް ޙަސަން ޢިއްޒުއްދީންގެ ބޭނުންފުޅަށް ހެންވޭރުގަނޑުވަރަށެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގައިވާ ގޮތުގެމަތީން އިންތިޚާބު ކުރެވުނު، ރާއްޖޭގެ ފުރަތަމަ ރައްޔިތުން މަޖިލިސްގެ އިފްތިތާޙީ ޖަލްސާ އޮތީ ވެސް ހެންވޭރުގަނޑުވަރުގަ އެވެ. ފުރަތަމަ ރައްޔިތުންގެ މަޖިލިސްގައި ވަނީ 46 މެމްބަރުންނެވެ. މަޖިލިސް ރައީސަކީ، ބޮޑުވަޒީރު މުޙައްމަދު ފަރީދެވެ. އިފްތިތާޙީ ޖަލްސާ ހެންވޭރުގަނޑުވަރުގައިއޮތީ، ރަޖަބުމަހު 1، 1352ހ. (އޮކްޓޯބަރ 22، 1933) ވީ އާދީއްތަ ދުވަހު އެވެ. (ރަދުންގެ އިފްތިތާޙީ ޚުޠުބާ) މަޖިލިސް ހުޅުވުމުގެ ބަޔާން ނުވަތަ ޚުޠުބަތުލްޢަރްޝި ވިދާޅުވީ މަޖިލިސްގެ ރައީސް މުޙައްމަދު ފަރީދެވެ. "ޤާނޫނު އަސާސީ އިޢުލާން ކުރެވުނު ދުވަހު (ޝަޢުބާން 23، 1351ހ. ބުރާސްފަތި ދުވަހު) ރަދުންގެ ޚުޠުބަތުލްޢަރްޝުގައި، ހެންވޭރު ގަނޑުވަރުގެ މާޒީއަށް ޚިޔާލު ހިންގަވައިލެއްވި އެވެ. ޝައިޚު ޙުސައިން ޞަލާޙުއްދީން އެޚުޠުބާ ވިދާޅުވިއިރު ވިދާޅުވި އެވެ. "ދިވެހިރަސްކަމުގެ މިމާތް ތަޚްތަށާއި، މިތަޚްތު އެންމެ ފަހުން ބޭރުމީހުންގެ ކިބައިން ސަލާމަތްކުރެއްވި، އަހުރެންގެ ކާފައިކަލުނަވި އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން މަހާރަދުންނަށާއި، އެރަދުންގެ މާތް ޚާންދާނަށާއި، އަދި އަހުރެނަށް، ތިޔައެންމެ ކަލުންގެ ހުރި ލޯބިވެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން" ނެވެ.

ކޮންމެއަކަސް، ޝަޢުބާން 23، 1351ހ. ވަނަ ދުވަހު އިޢުލާންކުރި ޤާނޫނު އަސާސީގެ ޢުމުރަކަށްވީ (ހިޖްރީ ގޮތުން) 10 މަހާއި 27 ދުވަހެވެ. ރަޖަބުމަހު 20، 1352ހ. ވަނަ ދުވަހު، ޤާނޫނު އަސާސީ ވީދާލައިފި އެވެ. އެއީ ނޮވެމްބަރ 10، 1933މ. ވަނަ ދުވަހެވެ. އިސްވެ އުޅުނީ ހެންވޭރުގަނޑުވަރު ތަރިންކަމަށްވާ، ގަލޮޅުގޭ އިބްރާހީމް ދީދީއާއި، ގުޅީ ޢީސާ ކަލޭފާނެވެ.

ޤާނޫނު އަސާސީ ވީދާލުމަށްފަހު، ރައްޔިތުންގެ 68 ބޭކަލުން ވަގުތީ ސަރުކާރު ހިންގަވައި، ޤާނޫނު އަސާސީ އިޞްލާޙު ކުރެއްވުމަށް ދަޢުވަތު އެރުވީ، މިޞްރުގައި ހުންނެވި ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށެވެ. އެދަޢުވަތު ގަބޫލުކުރައްވައި، ކިލެގެފާނު މާލެވަޑައިގަތީ، މުޙައްރަމް 19، 1353ހ. (މެއި 4،1934 މ.) ގައެވެ. މާލެވަޑައިގެން މާލަސްތަކެއްނުވެ "ރާއްޖޭގައި ތިބި ޢިލްމުވެރީންގެ ލަފާގެމަތީން" ޤާނޫނު އަސާސީ އާއި އަޙްކާމްޢާއްމާއި އިޞްލާޙު ކުރައްވައިފިއެވެ. އިޞްލާޙުކުރެވުނު ޤާނޫނު އަސާސީ، ޚާއްޞަ މަޖިލީހުން ފާސްކުރެއް ވުމަށްފަހު، ރަދުން ތަޞްދީޤު ކުރެއްވީ، ޞަފަރު 29، 1353ހ. (ޖޫން 12، 1934މ.) ގައެވެ.

 އަޙްކާމްޢާއްމާ ފާސްކުރެއްވުމަށްފަހު ރަދުން ތަޞްދީޤުކުރެއްވީ، ރަބީޢުލްއާޚިރު 3، 1353ހ. (ޖުލައި 15، 1934) ގައެވެ. އެދުވަހު، އަޙްކާމްޢާއްމާ ތަޞްދީޤުކުރުމުގެ ރަސްމިއްޔާތުގައި "އަދި ވިސްނާ ލެއްވުމަށްޓަކައި" ރަދުން މަޑުކޮށްލެއްވުމަށް ގަސްތުކުރައްވައި އެކަން އެންގެވި އެވެ. މަޝްހޫރު "ހެންވޭރުގަނޑުވަރު ބަޣާވާތް" ފެށުނީ މިމައްސަލާގަ އެވެ. އިޞްލާޙުކުރެވުނު އަޙްކާމްޢާއްމާ (އޮފިޝަލްކަންތައް) ފާސްކުރުމަށްފަހު، ތަޞްދީޤު ކުރުމުގެ ރަސްމިއްޔާތުގައި، ރަދުން ފަސްޖެހިވަޑައިގަތުމުން، ހަވަރާއި، ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވި އެވެ. އަދި، ސޮއި ނުކުރައްވައިފިނަމަ ވާނޭގޮތުގެ މައްޗަށް (ރަދުންނަށް ރައްޔިތުން) އިންޒާރު ދިނެވެ. އޭގައި ރަދުން ސޮއިކުރެއްވީ، ހިތްޕުޅާނުވެ، ހުންނަވައި މަޖްބޫރީ ޙާލަތުގަ އެވެ. މިކަމާމެދު ކުރެވުނު މަޝްވަރާ ތަކަކީ، މަޝްހޫރު "ހެންވޭރުގަނޑުވަރު ބަޣާވާތް" ނުވަތަ ގަޑުބަޑެވެ.

ހެންވޭރުގަނޑުވަރުގައި މިމަޝްވަރާތަކުގައި ބައިވެރިވަނީ، ގަލޮޅުގޭ އިބްރާހީމް ދީދީ އާއި، ގުޅީ ޢީސާކަލޭފާނާއި، ހިތިލާގޭ އިބްރާހީމް ދީދީ ފަދަ ބޮޑުންނެވެ. ދެން، ރައްޓެހިފުޅު މީސްމީހުންނެވެ. ހުރިހާ ރެއަކުހެން ރަދުންނާއި މަނިއްޕުޅު (މިމަޝްވަރާ ތަކުގައި) ބައިވެރިވެ ވަޑައިގަންނަވަ އެވެ. މަޝްވަރާތަކުގައި ދެކެވޭ ވާހަކައަކީ، ޤާނޫނު އަސާސީގެ 31 ވަނަ މާއްދާގައި، ތަޞްދީޤު ނުކޮށް އަނބުރާ ފޮނުވާލުމުގެ ބާރު ރަދުންނަށް ދީފައިވަނިކޮށް، ރަދުންލައްވާ ގަދަކަމުން ސޮއިކުރުވިވާހަކަ ސިލޯނުގެ ގަވަރުނަރަށް ލިޔުމާއި، މިހާރު ހުރި ހަމަނުޖެހުންތަކުގެ ވާހަކަ، ހަވަރަށް ބެރުޖަހައި ހަވަރާއި ރައްޔިތުން އެއްކޮށް އެންގުމާއި، ގަނޑުވަރުތެރެއާއި ހެންވޭރުގަނޑުވަރަށް އިތުރު ޢިނާޔަތް ލިބޭނެ ގޮތެއް ވޭތޯ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ސިޓީއެއް ލިޔުމާއި، ސަރުކާރުގެ އިސްވެރިންގެ ތެރެއިން ރަދުންނާއި މޫނުނުޖެހޭ މީހުން ވަކިކޮށް، ފީހޮވާލުމާއި، މިފަދަ ވާހަކަތަކެވެ.

އަޙްކާމް ޢާއްމާގައި ގަދަކަމުން ރަދުންލައްވާ ސޮއިކުރުވިވާހަކަ ރަދުންގެ އަމިއްލަފުޅު ސިޓީއެއްގެގޮތުގައި، ސިލޯނުގެ ގަވަރުނަރަށް ލިޔެވުނެވެ. ހެންވޭރުގަނޑުވަރުގައި މިސިޓީ ނޯޓްކުރީ، ގަލޮޅުގޭ އިބްރާހީމް ދީދީ އެވެ. ވިދާޅުވެދެއްވީ ޝަމްސުއްދީން ރަދުންނެވެ. މިކަމާ ގެޅޭ ވާހަކަތައް، ގުޅީ ޢީސާކަލޭފާނުގެ ގޭގައި ވެސް ދެކެވެމުން ދިޔަ އެވެ. މިކަންކަން ތަފާސްވެ ފަޅާއެރީ، ޖުމާދުލްއާޚިރު 21، 1353ހ. (1934 ސެޕްޓެމްބަރ 30 1934މ.) ދުވަހުގެ ރޭ ގައެވެ. "ރާއްޖޭގެ އަމްނުޢާއްމަށް ގެއްލުމެއް ލިބިދާނެފަދަ ޙަރަކާތްތެރި ކަމަކާއިގެން ބަޔަކު އުޅޭ ޚަބަރު "ސަރުކާރަށް ލިބުމާއެކު" އެރޭ މެންދަމުންއަލިވެ 2 ޖެހިއިރު ތުއްތުކޮއިގެ މުޙައްމަދުފުޅާއި، ގުޅީ ޢީސާކަލޭފާނާއި، ހިތިލާގޭ އިބްރާހީމް ދީދީ އާއި، ފާލަންދޮށުގޭ ޔޫސުފު ތައްޚާނު" ހައްޔަރުކުރެވު ނެވެ. މިއީ ހެންވޭރުގަނޑުވަރު ބަޣާވާތުގައި ހައްޔަރުކުރެވުނު ފުރަތަމަ ގުރޫޕެވެ. މައްސަލައިގެ ތަޙްޤީޤު ފެށުނީ އަނެއްދުވަހު ބަނޑޭރިގޭގަ އެވެ. ވަޒީރުންގެ މަޖިލީހުގެ ޙާޒިރުގައި ތަޙްޤީޤުކުރެއްވީ، ފަނޑިޔާރުމަނިކުފާނު ބޮޑުފެންވަޅުގޭ ސީދީއާއި، ދާޚީލީވަޒީރު ޙަސަން ފަރީދު ދީދީ އާއި، ބަންޑާރަނާއިބު ދަރަވަންދޫގޭ ޢަބްދުﷲ ދީދީ އާއި، ވިޔަފާރިޔާއި ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

ހެންވޭރުގަނޑުވަރު ބަޣާވާތުގެ ތަޙްޤީޤަށް ފުރަތަމަ ބަންދުކުރެވުނު 3 މީހުންގެ ތަޙްޤީޤުގައި، އިތުރުބަޔަކު ބަންދުކުރާން ޖެހުނެވެ. (އެއީ، ޖުމާދުލްއާޚިރު 21، 1353ހ. (އޮކްޓޯބަރ 1، 1934މ.) ވަނަ ދުވަހެވެ. އެދުވަހު ބަންދުކުރެވުނީ "ބޮޑުގަލު ދޮންމަނިކު، ތުއްތު ކޮއިގެ ކާސިންފުޅު، ކަންޒުދޮށުގޭ ޢަބްދުލްމަޖީދު ދީދީ، މުލީގޭ ތުއްތު ދީދީގެ ޢަބްދުﷲ ދީދީ، މަޙްމޫދުގެ ޢަލީ" އެވެ. އެދުވަހުގެ ތަޙްޤީޤުގައި "ހައްޔަރުކޮށްފައި ތިބި މީހުންގެތެރެއިން ކަންޒުދޮށުގޭ ޢަބްދުލްމަޖީދު ދީދީ ނޫންއެހެން އެންމެން" ކުށަަށް އިޢުތިރާފުވި އެވެ. އެއީ "ޤާނޫނު އަސާސީ އުވާލައި، ދައުލަތް ހިންގަވާން ތިއްބެވި ވެރީން ބަދަލުކުޅައުމުގެ ނިޔަތުގައި، އެބައިމީހުން މަސައްކަތް ކުރަމުން އައިކަމުގައި" ވީ އިޢުތިރާފެވެ. ހަމައެއާއެކު، ހެންވޭރު ގަނޑުވަރު ބަޣާވާތް ނުވަތަ "ގަޑުބަޑު އުފައްދަން އުޅުނު މީހުންގެތެރޭގައި، ކީރިތިމަހާ ރަދުންނާއި، ރަދުންގެ ދޮށީ ދަރިކަލުން އަލްއަމީރު ޙަސަން ޢިއްޒުއްދީނާއި، ވަޒީރުއްޒިރާޢާ އަލްފާޟިލް ގަލޮޅުގޭ އިބްރާހީމް ދީދީ އާއި، އަދިވެސް ކިތަންމެ ބައެއް ވާކަމުގައި ސާބިތު ވެއްޖެ އެވެ.

ތަޙްޤީޤަށް ބޭނުންވެގެން، ހެންވޭރުގަނޑު އަރިހުބޭކަލުން ބަނޑޭރިގޭން ބަލައި ފޮނުވީމާ، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު އޮތީ އެމީހުން ދޫނުކުރައްވާފަ އެވެ. މިތަޙްޤީޤުގައި، ރަދުންނާއި، މަނިއްޕުޅާ ދެބޭފުޅުންނާއެކު 18 ފަރާތަކާއި ސުވާލު ކުރެވުނެވެ. ހިތިލާގޭ އިބްރާހީމް ދީދީ ބުނެފައިވެ އެވެ. މިހެންވިދާޅުވީ ރަދުންނޭ، އޮޅުދޫކަރައިގެ ގަވަރްނަރަށް ސިޓީފުޅެއް ލިޔުއްވާނޭ ވާހަކަފުޅު ވެސް ދެއްކެވިއޭ،

ތިމަންމަނިއްޕުޅު ލައްވައި މަޖްބޫރުގެ ގޮތުންނޭ ގެޒްޓްގައި ސިއްކަފުޅު ޖެއްސީ!

ގުޅީޢީސާކަލޭފާނުގެ ބަޔާނުގައިވެ އެވެ. އެކަމަކު ޙަސަން ޢިއްޒުއްދީނަށް އަމުރުކުރުމުގެ ބާރެއް ދެއްވާފައި، ރަދުން އެއްވެސް ސިޔާސިއްޔަކަމަކާއި ބެހިވަޑައިނުގަންނަވާން ވާހަކަފުޅު ދެއްކެވިއޭ، އަދި، ރަދުންގެ ވާހަކަ ފުޅުންނާއި، ޙަސަން ޢިއްޒުއްދީންގެ ވާހަކަ ފުޅުންނާ، ތިމަންނައަށް ފެންނަ ގޮތަކީ، ސަރުކާރު ފައިސާއިން، މުސާރަފުޅުގެ އިތުރަށް ބޭނުންފުޅު ވަރަކަށް ލިބިވަޑައި ގަންނަވާނެ ގޮތް ހައްދަވާށޭ އުޅުއްވަނީ!

ގަލޮޅުގޭ އިބްރާހީމްދީދީގެ ބަޔާނުގައިވެ އެވެ. ރަދުން އިންނެވީ ހަޑަސްގެކޮޅު ތެރޭގަ އެވެ. ވަނީމާ ދޮރުގާތްކޮށްލާފައި، އިށީންނާށޭ ވިދާޅުވީމާ އިށީންނީމާ ވިދާޅުވީ، މިހާރު ކަންމިވަމުންދާ ގޮތެއް ކޮއްކޮއަކަށް ނުފެނޭހޭ، ތިމަންނާ މުޅީން ބޭޒާރުކޮށް ފަޟީޙަތްކޮށް ނިންމައި ފިއޭ! ކިލެގެފާނު ތިމަންނައަށް ހެދިގޮތޭ! ތިމަންނައަކަށް މިގޮތަކަށް ކެތެއްނުވާނެއޭ! ކަރަޔަށް ލިޔެގެން މަނަވަރު އައްޔާ މާރަގަނޅުވާނެޔޭ! ހަވަރަށް ބެރުޖަހައި ރައްޔިތުން އެއްކޮށްފާ އެންގިއްޔާ ކީއްހޭ!

ކަންޒުދޮށުގޭ ޢަބްދުލްމަޖީދު ދީދީގެ ބަޔާނުގައިވެ އެވެ. (ހެންވޭރުގަނޑުވަރަށް ގެންދަވާފައި މަނިއްޕުޅު ވިދާޅުވި އެވެ.) ބައްޕާފުޅަށްވުރެން ދެރައެއްޗެއް މިހާރަކުނެތޭ، އެހެންވެ އެނޫން އެހެން ގޮތެއްވޭތޯ މަސައްކަތެއް ކުރާން ކަމަށޭ މިއުޅުއްވަނީ!

މީދޫ އިސްމާޢީލް ތައްޚާނުގެ ބަޔާނުގައިވެ އެވެ. (ރަދުން ވިދާޅުވި އެވެ.) ދޮންބަންޑާރައިންގެ އައުލާދު ބޭފުޅުންނަށް ވަޒީފާއެއް ލިބިވަޑައި ގަންނަވާނޭ ގޮތެއް ނުވެގެންނޭ، ތިމަން މަނިއްޕުޅުގެ ވިދާޅުބަސްފުޅަކާއި ގަބޫލު މީހަކު ހުރިކަމެއް ނޭގެއޭ!

ފާލަންދޮށުގޭ ޔޫސުފުގެ ބަޔާނުގައިވެ އެވެ. ހިތިލާގޭ އިބްރާހީމް ދީދީ ވިދާޅުވި އެވެ. ރަދުންވިދާޅުވާކަމެއް ކުރާންކެރޭނެހޭ! ހަވަރު ބެރުޖައްސަވާ މީހުން އެއްކުރައްވާން އެބައުޅުއްވައޭ، އޭގެ ތެރެއަށްވަދެ ބަސް ކިޔާން ކެރޭނެހޭ! ތުއްތުކޮއި މުޙައްމަދުފުޅުގެ ބަޔާނުގައިވެއެވެ. ގުޅީ ޢީސާކަލޭފާނު ބުނުއްވިއެވެ. ރަދުންނާއި ވަޒީރުންނާއި މޫނުފުޅު ނުޖެހޭތީ، އެދޭތެރޭ ދެބަކުޓުވާ މީހުން މިތަނުން ވަކިކޮށްލާށޭ! ކުނިތައް ހޮވާލާށޭ!

 ސިއްތިކަލޭފާނު ކުޑަސީދީގެ ބަޔާނުގައިވެއެވެ. "ރަދުން ދައްކަވަނީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ގެ ދަރިކޮޅު ބޭފުޅުން ދެރަވާވާހަކައޭ، މިވާހަކަ ދައްކަވަނީ ލަވަ އޮންނަރޭރެއަށް ނިމުނީމާ، ގަޑިއެއްހާއިރު ތިބެފައޭ އަންނަނީ، އަދި ބައެއް ދުވަސްދުވަހު ދުވާލަށް ވެސް ދައްކަވައޭ، އަދި އެއްދުވަހަކު ބޯޅައަކަށް ވައިވައްދަން ދިޔައިމާ ހެންވޭރުގަނޑުވަރު މަނިއްޕުޅުވެސް އެބޭފުޅުން ދެރަފުޅުވާހަކަ ދެއްކެވިއޭ، މީހުން އެއްކުރާން މީހުން ހޯދާ ވާހަކަ ކުޑަދޮންމަނިކު ވެސް ބައެއް ފަހަރަށް ދައްކަވައޭ!

 ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ވިދާޅުވެފައިވެ އެވެ. (ސިޓީއެއް، ފަތްކޮޅެއް ލިޔާ ވާހަކަ) ގޮތެއްގެ މަތީން ދެއްކުނޭ، އެއީ އެއްކަލަ ހުކުރު ދުވަހު އެވީކަންތަކާއި މެދުގައި، ބައްޕާފުޅު އެކަމާ ހިތްޕުޅުދަތިކުރައްވައިގެން، އެވާހަކަފުޅު ދެއްކެވީމާ، އެވާހަކަ އެތަނަށް ވަންނަ ބައެއްމީހުން ވެސް ދެއްކީމާ، ތިމަން ވިދާޅުވީމޭ، ތިޔަކަމާ މެދުގައި ކޮންގޮތެއްބާވައޭ ރަނގަޅުކަމަށް ފެންނަނީ، މިހެން މިވާހަކަ ދެކެވިގެން ބައެއްމީހުނަށް ފެނުނީ، ގަވަރްނަރަށް ފަތްކޮޅެއް ލިޔުއްވުން ރަނގަޅުކަމަށޭ، ތިމަންވެސް އެކަމަކާ ދެބަހެއްވެ ވަޑައެއް ނުގަންނަވަމޭ،.... ލިޔުނީ ގަލޮޅުގޭ އިބްރާހީމްދީދީ، ކިޔައިދެއްވީ ބައެއްތަންތަން ބައްޕާފުޅު، އަނެއްބައިތަންތަން ޢީސާކަލޭފާނު، އަނެއްބައި ތަންތަން ހިތިލާގޭ އިބްރާހީމް ދީދީ، އަދި ބައެއްފަހަރު، ތިމަން މަނިއްޕުޅު ވެސް ތަންތަންކޮޅު ވިދާޅުވަމޭ، (ފަތްކޮޅު) އެބައޮތް، ޢަބްދުލްމަޖީދު ދީދީ އަށް ލިޔުއްވި ސިޓީއެއް، އަހަރުމެންގެ ޙާލާމެދު އެހީވުން އެދެމޭ، މިކަހަލަ އެއްޗެއް ލިޔުނު ހަނދާންވޭ، އެއީ، ރަށް ގަޑުބަޑުވެ ނުރައްކާ ވެދާނޭ ކަމެކޭ!

ރަދުން މުޙައްމަދު ޝަމްސުއްދީންގެ ބަޔާންގައިވެއެވެ. (ފަތްކޮޅު ނުވަތަ) އެސިޓީއެއް ލިޔެވުނުގޮތަކީ، މިތާގެ އަމްނުއަމާނާ މެދުގައި ހަމަ ރިވެތި ޞުލްޙައެއް ނުފެންނަކަމުން، ނުރައްކައުތެރި ގޮތެއް އަތުވެދާނެތީ، ގަވަރުނަރަށް ލިޔުނީއޭ، އެހެން އެލިޔެވުނު ގޮތަކީ އަދި އެލިޔުމެއް ފޮނުވާކަށް ނޫނޭ، ދައުލަތުގެ ފަރާތުން ފޮނުވާގޮތް މައްޗަކުންނޫނޭ، އަޅުގަނޑުގެ އަމިއްލަ ސިޓީއެއްގެ ޤަވާއިދުންނޭ! ހަވަރުބެރު ޖަހާކަށް ނޫނޭ، އެއްފަހަރަކު (ދަރިކަލުން) ޙަސަންޢިއްޒުއްދީން ބުންޏޭ، މީހުން ރަށުތެރޭގައި ކިޔައޭ، މިވާގޮތެއް ތިމަންމެނަށް އަންގަވައި ދެއްވާށޭ (ދަރިކަލުން އަރިހުގައި އެގޮތަށް ބަނޑޭރި ގެއަށްވަޑައިގަތީ) އިރުއެރިއިރު އެމީހުން ހައްޔަރުވީ ވާހަކަ އިވިއްޖެޔޭ، އެކަން، ބޮޑުވަޒީރުގެ ވާހަކައަކުން ތިމަން މަނިއްޕުޅަކަށް އެއްގޮތަކަށްވެސް ނާންގަވައޭ، ހައްޔަރުވަމުންދާ ވާހަކައޭ އިވެނީ، ދެން ތިނެއްޖެހިއިރު ބޮޑުވަޒީރު ވަޑައިގެން ވިދާޅުވެއްޖެޔޭ، ރަށުގެ އަމްނުއަމާނަށް ޚިލާފު ގޮތެއްގެމަތީން ބަޔަކު އުޅޭކަމަށް ފެނިވަޑައިގެން، އެބަޔަކު ހައްޔަރު ކުރައްވާފައޭ މިވަޑައިގަތީ، އެބައިމީހުނާމެދު ޝަރީޢަތް ކުރައްވާން ކަމަށޭ! ދެން ސިފައިންގެ ތިންމީހުން އައިސްބުނެފިޔޭ، މާލިމީކޮއި ޅަހުއްތުއާ، އޮއްކޮދޮންކޮއްކޮއާ، ޢަލިފުޅުތުއްތުއާއި ތިންމީހުން ބަނޑޭރިގެއަށް ފޮނުއްވާށޭ! އެވަގުތު އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑުގާތު ބުނެފިޔޭ! އެކުދީންނާމެދު ކަމެއްޖެހިގެން އެކަމެއް ޝަރީޢަތުން ބައްލަވައި، އެކުށެއް ސާބިތުވާންދެން ތިމަން އެމީހުނާ ވަކިވެވަޑައެއް ނުގަންނަވާނަމޭ، ވެވުނު އެހީއެއްވާނަމޭ!

ދެންކުއްލިއަކަށް އެތަނުން ދެކުއްޖަކުގެ ދެއަތުގާ ހިއްޕަވައިގެން ތެދުވެވަޑައިގެން ވިދާޅުވެއްޖެޔޭ، މިކަންތަކުގެ ތެރެއަށް ބައްޕާފުޅު ވެދެވަޑައިގަތުމެއް ފެނިވަޑައެއް ނުގަނެއޭ، ދެންވާހާ ހަރެއްކޮށް އެބައިމީހުން ގޮވައިގެން ހިނގައިގެންފިއޭ، ދެން އެތަންވަޅު ހިތަށް މާދަތިކަން ލިބިގެން، އެލިބުނުގޮތަކީ، އެތާގެ ޚަބަރު ލިބިފައިއޮތްގޮތުން އެމީހުނާއެކު، އެމަނިއްޕުޅު ވަޑައިގަތީތީ، ވާނޭގޮތެއް ނޭނގޭތީ ދެން ހަމަކެތްނުވެގެން އަޅުގަނޑު ތެދުވެއްޖައީމޭ، ދެން ވާހާ ހަރެއްކޮށް ދިޔައިއްޔޭ، ހަމަ މާތްރަސްކަލާނގެ ކިބައަށް ޙައްޤުތެދޭ، އެދިޔައިރަކު ހަމަ އެއްވެސް ގަޑުބަޑެއް އުފައްދާކަށް ހިތަކުނެތޭ، އަޅުގަނޑުގެ ޙަސަން ޢިއްޒުއްދީންގެ ޙާލަށްޓަކައޭ، ދެވުނޭ، އެތަނަށް ގޮސް އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނަމޭ، އެތާގައި ވަޒީރުން އަރިހުގައިވެސް ވިދާޅުވީ، އަޅުގަނޑުގެ ޙަސަން ޢިއްޒުއްދީންގެ ޙާލަށްޓަކައި އާދެވުނީއޭ، އެކަމަކު، ޙަސަން ޢިއްޒުއްދީން (މަނިއްޕުޅު) ބުނެފައޭވަނީ ނާންނާށޭވެސް (ފަތްކޮޅު) ލިޔުނީ، އަޅުގަނޑު ކިޔައިދިނީމާ އިބްރާހީމްދީދީ ކަމަށޭ ހަނދާންވަނީ! އަޅުގަނޑަށްވެސް ފެންނަނީ ކުށެއްކަމަށޭ، ވަރަށް ދެރަކަމެކޭ، އެވަގުތަކު އެކަމަކު ހިތަކަށް ނާރައޭ!

ހެންވޭރުގަނޑުވަރު ބަޣާވާތުގެ ތަޙްޤީޤު ކުރިޔަށްދިޔައެވެ.އޮކްޓޯބަރ 2، 1934މ. ވަނަ ދުވަހުގެ ހަވީރު 4 ޖަހަން ގާތްވެފައި ވަނިކޮށް، ސިފައިންގެ ބެލުމުގެދަށުން، ހެންވޭރުގަނޑުވަރު އަރިހުބޭކަލުންގެ ތިންމީހުން ބަނޑޭރިގެއަށް ގެނެވިއްޖެ އެވެ. އެ ތިންމީހުންގެ ފަހަތުން "އަރުވާޖަހައިގެން" އަރިހުބޭކަލުންގެ ތެރެއިން އެހެންމީހުން އައިސް ބަނޑޭރިގެއަށް ވަދެގެންފި އެވެެ. އެވަގުތު، އެއްވެފައިވާ ޢާއްމުންނާއި، އަރިހުބޭކަލުންނާ ދެމެދު ކުރިމަތިލުން ހިނގާ ގޮތްވެއްޖެ އެވެ. ކަންތައް އެންމެ ހޫނުވި ހިސާބުން ރަދުންނާއި ޙަސަން ޢިއްޒުއްދީން މަނިއްޕުޅު، ބަނޑޭރިގޭ ތެރެއަށް ވެދެވަޑައިގެންފި އެވެ.

ޙަސަންޢިއްޒުއްދީން މަނިއްޕުޅުގެ ގަދަފަދަ އަޑުފުޅުން، ތަޙްޤީޤު ކޮމިޓީ މެމްބަރުންގެ އަރިހު އެދިވަޑައިގަތީ، އަރިހު ބޭކަލުން ހައްޔަރު ކުރައްވަނީނަމަ، އޭނާވެސް ހައްޔަރު ކުރެއްވުމަށެވެ! ރަދުން ހުންނެވީ، ދަރިކަލުންގެ ފަހަތްޕުޅުގައެވެ. ތަޙްޤީޤު ކޮމިޓީ މެމްބަރުންނާއި ސަރުކާރުގެ ބޮޑުން ހިއްމަތާއެކު މަސައްކަތްކުރެއްވީ އެދެބަފައިކަލުންނަށް ނަޞޭޙަތް ދެއްވައި "ގަނޑުވަރަށް ފޮނުއްވެވޭތޯ" އެވެ. ނަމަވެސް، ކުޑަ އިރުކޮޅަކަށްފަހު، ރަދުންނާއި މަނިއްޕުޅު، ބަނޑޭރިގެއާ ދިމާ މަގުމައްޗަށް ނުކުމެވަޑައިގެން، އެއްވެފައިވާ ޢާއްމުންގެތެރެއަށް ވެދެވަޑައިގެން ކުރިމަތި ލައްވައިފި އެވެ.

"ޙަސަން ޢިއްޒުއްދީންގެ ގަދައަޑުފުޅުން ހަޅޭއްފުޅުލައްވަނީ" މިއަދު ތިމަންނާމެން ދެބަފައިން އޮޑިއަށް އަރާނޫ އެވެ. ނުވަތަ ދެފަރީދާއި، އަމީނު ވާނީ އޮޑިއަށްއަރާށެެ. މިހެންވިދާޅުވެފަ އެވެ. ދައުލަތުގެ ކުރިޔަށް ތިއްބެވި ބައެއްބޭފުޅުންނާއި ސިފައިންގެ ބަޔަކު، އެދެބަފައިކަލުން ވައްކޮށްލައިގެން ސަލާމަތް ކުރެވޭތޯ މަސައްކަތްކުރެ އެވެ.

ކުޑަ އިރުކޮޅަކަށް ފަހު، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ރައްޔިތުންނާ ވަރުގަދަ ސުވާލެއް، އަޑުފުޅުގެ ކޮޅަށް ފައްޓަވައިގެންފި އެވެ. ސުވާލަކީ "ކަލޭމެންބޭނުމީ ދެފަރީދާއި އަމީނު ހެއްޔެވެ؟ ނުވަތަ ތިމަންމެން ދެބަފައިން ހެއްޔެވެ؟ "މިއެވެ. ރައްޔިތުންގެ ތެރޭން، ދޮން މަނިކުގެ ޢަބްދުﷲ ދީދީ ޖަވާބުގައި ގޮވައިލެއްވީ" އަޅުގަނޑުމެން ބޭނުމީ ރާއްޖޭގެ ޤާނޫނު އަސާސީ" އެވެ. މާނައަކީ، ޤާނޫނީ ސަރުކާރެވެ. މިބަހަށް އެއްވެފައިވާ މީސްތަކުން "އާދޭހޭ" ގޮވައިގެންފި އެވެ. ގިނައިރުތަކެއް ނުވެ، ބަނޑޭރިގޭގެ އެންގެވުމަށް، ރަދުންގެ ދެބަފައިންކަލުން، ހެންވޭރު ގަނޑުވަރަށް ގެންގޮސް ބަންދުކުރައްވައިފި އެވެ. އެރޭ (އޮކްޓޯބަރ 2، 1934މ. ދުވަހުގެރޭ) 8 ޖެހިއިރު، މަތިގޭގައި، ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ޖަލްސާއެއް ބޭއްވުނެވެ. ޖަލްސާގެ "އިއްތިފާޤުން ފާސްވީ، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރަދުން ރަސްކަމުން ޢަޒުލް ކުޅައުން ލާޒިމު ވެއްޖެ ކަމަށެވެ! "އެރޭ ދަންބެރުޖެހި އިރު" ޝަމްސުއްދީންރަދުން ރަސްކަމުން ޢަޒުލްކުރެވިއްޖެ އެވެ. އަދި، ވަގުތީގޮތުން ރަސްކަންހިންގުމާ ޙަވާލުވެ، ވަޒީރުން ހުވާކުރައްވައިފި އެވެ.

ޝަމްސުއްދީންރަދުން ރަސްކަންކުރެއްވީ 32 އަހަރާއި 6 މަހާއި 11 ދުވަހު އެވެ. ޝަމްސުއްދީންގެ ދެބަފައިކަލުން 2 އޮކްޓޯބަރުގައިވަނީ، ހެންވޭރުގަނޑުވަރުގައި ބަންދުކުރެވިފަ އެވެ. ރަދުންގެ ޢާއިލާ، ބޮޑުގަނޑުވަރުން ބޭރުކުރެވުނީ، އެދުވަހުގެ ރޭއެވެ. ދެބަފައިކަލުންގެ މައްޗަށް ސަރިއަތް ކުރެވުނީ، ޖުމާދުލްއާޚިރު 26، 1353ހ. (އޮކްޓޯބަރ 4، 1934މ.) ގަ އެވެ. އެދުވަހު، އެދެބަފައިކަލުންގެ އިތުރަށް 30 މީހަކަށް ޢުޤޫބާތް ކަނޑައެޅުނެވެ. އެ ދެބަފައި ކަލުންނަށް ޙުކުމްކުރެވުނީ، އުމުރަށް އަރުވާލުމަށެވެ. ޙުކުމްކުރެއްވީ، އުއްތަމަ ފަނޑިޔާރު ބޮޑުފެންވަޅުގޭ ސީދީ އެވެ.

ޝަމްސުއްދީން ރަދުންގެ ދެބަފައިކަލުން އަރުވާލީ ފުވައްމުލަކަށެވެ. ފުވައްމުލަކުގައި ގަނޑުވަރު ތައްޔާރު ކުރެވެންދެން ތިއްބެވީ، ހެންވޭރު ގަނޑުވަރުގައި ބަންދުގަ އެވެ. އަރުވާލުމަށްޓަކައި ރަސްމީ އޮޑިކޮޅުގައި ދެބަފައިކަލުން މާލޭން ފުރުވައިލެވުނީ، 1 އަހަރާ 8 މަސްވީފަހުން ރަބީޢުލްއައްވަލު 1، 1355 (މެއި 21، 1936މ.) ގައެވެ. އެދުވަހަށްފަހު، ހެންވޭރު ގަނޑުވަރު ހުސްވީއެވެ. ޙަސަން ޢިއްޒުއްދީން މަނިއްޕުޅު، ހެންވޭރުގަނޑުވަރުގައި ދިރިއުޅުއްވަން ފެއްޓެވިފަހުން 16 އަހަރާ 8 މަހަށްފަހު އެވެ. އެއަށްފަހު 43 އަހަރާއި 9 މަހާއި 10 ދުވަހަށްފަހު، އެގޭގައި ފުރަތަމަ ދިރިއުޅުއްވީ ރައީސް މައުމޫނެވެ.

ރަދުންގެ ދެބަފައި ކަލުން އަރުވާލުމާއެކު، ދެބަފައިކަލުންގެ ދެޢާއިލާ، ހެންވޭރު ގަނޑުވަރުން ބޭރުކުރެވުނެވެ. އަދި ހެންވޭރު ގަނޑުވަރު، ސަރުކާރަށް ނެގިއެވެ. ހެންވޭރުގަނޑުވަރު ބަޣާވާތުގައި އަރުވާލި ގުޅީ ޢީސާކަލޭފާނުގެ މުޅިމުދާ ސަރުކާރަށް ނެގިއެވެ. އަދި، ގަލޮޅުގޭ އިބްރާހީމް ދީދީގެ މުޅިމުދާ ވެސް ސަރުކާރަށް ނެގި އެވެ. ގުޅީ ޢީސާކަލޭފާނުގެ، ފުރާދުއްވާ ދެއޮޑިއާއި، ބާޒާރު 4 ފިހާރަޔާއި، އޭގެ މުދަލާއި، މާލޭން 11 ގެ (ބޮޑެތި ގޯއްޗާއެކު) ސަރުކާރަށް ނެގި އެވެ. ގަލޮޅުގޭ އިބްރާހީމް ދީދީގެ ދެގޯއްޗާއި، ޢިމާރާތްތަކާއި، ބުލޫބޭކަރީ (ފާރޮށިގެ) އާއި، ބާޒާރުފިހާރަތަކާއި، ކޮޅުނބު އޮޑިފަހަރާއި، މަސްދޯނި ފަހަރާއި، ނާލުބައްތެލި ފަދަ މުދާ ސަރުކާރަށް ނެގި އެވެ.

"ޙަސަންޢިއްޒުއްދީން މަނިއްޕުޅު އަވަހާރަވީ، އަރުވާލިތާ 4 އަހަރު ވީފަހުން، ޝަޢުބާން 22، 1359ހ. (ސެޕްޓެމްބަރ 25، 1940މ.) ގައެވެ." ޙަސަން ޢިއްޒުއްދީން މަނިއްޕުޅު އަވަހާރަވީ، ބަނޑުފުޅުގެ އާލާސްކަންފުޅެއްގައި، ވަރަށް ޙާލުކޮޅުގައި އުޅުއްވައިފަ އެވެ. ބުނެވޭގޮތުގައި، އެމަނިއްޕުޅު ފުވައްމުލަކުން، މީހެއްގެ އަނންބަކާ ހިތްޕުޅާ ހަމަކުރެއްވުމާގުޅިގެން، ފިރިމީހާ ހެދި ސިޙުރެއް، އެމަނިއްޕުޅަށް ޖެހިވަޑައިގެން، ބަނޑުފުޅު ވަރަށް ބޮޑުވުމަށްފަހު، ކުޑަކަމުނުދެވި، އެއާލާސްކަންފުޅުގައި އަވަހާރަވީ އެވެ. (މަނިއްޕުޅު، ފުވައްމުލަކުގައި ހުންނެވިއިރު، މީހުންގާތު ވިދާޅުވާ ކަމަށްވަނީ "އަހަރެންގެ އަތްބުނާގޮތުންވިއްޔާ، ރާއްޖޭގެ ރަސްކަން ކުރާނެއެވެ." ނަމަވެސް، އަވަހާރަވީ ފުވައްމުލަކުގަ އެވެ.)

މަނިއްޕުޅު އަވަހާރަވުމުން، ޝަމްސުއްދީން ރަދުންނަށް ހިތާމައިގެ އާލާސްކަންފުޅު ޖެހިވަޑައި ގެންފި އެވެ. އެހެންވެ، ސަރުކާރުން، ޝަމްސުއްދީން، މާލެ އަތޮޅު ވިލިގިއްޔަށް ބަދަލުކުރެއްވި އެވެ. ވިލިގިލީގަ ހުންނަވަނިކޮށް، އާލާސްކަންފުޅު މާބޮޑުވުމުގެ ސަބަބުން، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އެންގެ ވުމަށް (ދައުލަތަށް ޚިޔާނާތް ނުވުމަށް ހުވާކުރުވާފައި) މާލެއަށް، މެދުގޮމަފުޅުއަރިހަށް (މޫނިމާގެއަށް) ބަދަލުކުރެވުނެވެ. އެއީ ޝަޢުބާން 17، 1365ހ. (ޖުލައި 17، 1946މ.) ގައެވެ.

އެގޭގައި އޮންނަވައި ޝަމްސުއްދީން ރަދުން އަވަހާރަވީ، މާލެއަށްބަދަލުކުރެވުނުތާ 11 މަސްފަހުން (ޙަސަން ޢިއްޒުއްދީން އަވަހާރަވިތާ 7 އަހަރު ފުރޭންވެފައި ވަނިކޮށް) ރަޖަބު 24، 1366ހ. (ޖޫން 14، 1947) ގައެވެ. ރަދުންގެ ދެބަފައިކަލުން އަރުވާލުމާ އެކު، ހެންވޭރުގަނޑުވަރަކީ، ސަރުކާރުގެ ގެއަކަށް ވެއްޖެ އެވެ. އެގޭ "ބޮޑުކޮޓަރި" އަކީ، ވަޒީރުންގެ މަޖިލީހާއި، ރައްޔިތުން މަޖިލީހުގެ ޖަލްސާތައްކުރާ ހޯލެވެ. އެހެންކޮޓަރިތައް ބޭނުންކުރީ ގުދަނަކަށެވެ. އެދުވަސްވަރު، ޙަސަންފަރީދު ދީދީގެ ވެރިކަމުގައި، ގަނޑުވަރުތަކުގެ ނަން ގޭގެ ނަމަށް ބަދަލުކުރިއިރު، ހެންވޭރު ގަނޑުވަރުގެ ނަން "މުލީއާގެ" އަށް ބަދަލުކުރި އެވެ. އެއަށްފަހު، ޙަސަން ފަރީދު ގަސްތުކުރެއްވީ، ދައުލަތް ހިންގާ މަރުކަޒަކީ މުލީއާގެ ކަމުގައި ހެދުމަށެވެ.

ވުޒާރަތުއްދާޚިލިއްޔާއާއި، ވުޒާރަތުލްމާލިއްޔާ، މުލީއާގެއަށްބަދަލުކޮށް، ސަރުކާރުގެ އިސްމަރުކަޒަކީ މުލީއާގެކަމަށް ހަމަޖެހުނީ، މުޙައްމަދު އަމީނަށް ވެރިކަން ލިބުނުފަހުން މުޙައްރަމް 1، 1361ހ. (ޖަނަވަރީ 19، 1942މ.) ގައެވެ. މުޙައްމަދު އަމީންގެ ވެރިކަމުގައި، ޤައުމީސަލާމުގެ ޅެން ހެދުމަށް، މުޙައްމަދު ޖަމީލް ދީދީއާއި ހަވާލުކުރެއްވިއިރު، މުޙައްމަދު އަމީން އަންގަވާފައި ވަނީ، މުލީއާގޭގައި ހުންނަ ވަޒީރުއްދާޚިލިއްޔާގެ އޮފީސް ކޮޓަރީގައިވާ ބޮޑުގަޑިން ޖަހާ ލަވައިގެ ރާގަށް ޤައުމީ ސަލާމުގެ ޅެން ހެދުމަށެވެ. ފުރަތަމައަށް ޤައުމީސަލާމު ކިޔަނީ އެރާގަށެވެ.

މުލިއާގެ އާއި ގުޅިފައިވާ މުހިންމު ބައެއް ތާރީޚްތައް

1. މުލީއާގެއަކީ، ރާއްޖޭގައިވާ އެންމެ މަޝްހޫރު އަދި، އެންމެ ތާރީޚީ ގެއެވެ. އެންމެ ރީތި އެންމެ އަގުހުރި ގެއެވެ.

2. ސަރުކާރު އޮފީސްތަކުގައި ދިވެހި ދިދަ ނަގަންފެށުމުގެ ގޮތުން އޮގަސްޓް 6، 1645މ.ގައި ފުރަތަމަ ދިދަނެގީ މުލީއާގޭގައެވެ.

3. ރާއްޖޭގައި ފުރަތަމަ "ރޭޑިޔޯ ސެޓެއް" ބެހެއްޓީ މުލީއާގޭ ގައެވެ. އެއީ، ޤާނޫނުއަސާސީ އުފެއްދުމުގެ ލަފާދޭން

އައި، ސަރ ބޯޑިލޯން، ޝަމްސުއްދީން ރަދުންނަށް ހަދިޔާކުރެއްވި ރޭޑިޔޯ ސެޓެކެވެެ. އޭގެފަހުން، ދެވަނަ ބޮޑުހަނގުރާމަ ފެށުމާއެކު، ދައުލަތުގެ ފަރާތުން ބޭރު ޚަބަރު ހޯދުމަށްޓަކައި، "މާކޯނީ" ރޭޑިޔޯ ދެސެޓް މުލީއާގެގައި ބެހެއްޓިއެވެ.

4. ވަލީކޮމިޓީއާ، ދައުލަތް ހިންގާ މަޖިލިސްގެ ޖަލްސާތައް ކުރީ، މުލީއާގޭގަ އެވެ. ދައުލަތް ހިންގުމުގެ މައިމަރުކަޒަކީ މުލީއާގެއެވެ.

5. ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު، ރަސްކަމަށް އިންތިޚާބުކުރި، ޚާއްޞަމަޖިލީހުގެ ޖަލްސާ އޭޕްރީލް 11، 1943މ.ގައި އޮތީ މުލީއާގޭ ގައެވެ.

6. އީސްޓްއިންޑީޒްގެ މަނަވަރުތަކުގެވެރި އެޑްމިރަލް މާލެވަޑައިގެން ނޮވެމްބަރ 10، 1944ގައި ރަސްމީއިޙްތިފާލުބޭއްވީ މުލީއާގޭގަ އެވެ.

7. ހިޖްރައިން 1367 ވަނަ އަހަރު މުލަނަކަތުން ފުރަތަމަ ދުވަހު ބަޑިހެލުމުހެ ބަދަލުގައި ޞަލާވާތްކިޔެވީ މުލިއާގަ އެވެ. އޭގެކރުން އޮންނަނީ، އިރުވައިމޫސުމަށް ބަޑިހެލުމެވެ.

8. އެދުވަސްވަރު، ރަޖަބުމަހު 6 ވާދުވަހު، ނާއިބުކަމާ ހިނގަން ނުކުންނަނީ، މުލީއާގެއިންނެވެ.

9. ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާނުކުރުމުގެގޮތުން، ކޮލިލުމަށްޓަކައި ކޮލިކަލޭފާނުނުކުތީ އަދި ޖުމްހޫރިއްޔާގެ ރަސްމީއެންގުން އެންގުމަށް ކޮމިޓީ މެމްބަރުން ނުކުތީވެސް މުލީއާގޭންނެވެ. މުޙައްމަދު އަމީން، ވެރިކަންކުރެއްވި ހުރިހާދުވަހަކު، ރަސްމީގެއަކީ އަދި ދައުލަތުގެ

މައިމަރުކަޒަކީ، ފުރަތަމަ ޖުމްހޫރިއްޔާގެ "ދާރުއްރިޔާސާ" އަކީ މުލީއާގެ އެވެ.

10. ޖުމްހޫރީ ދަރުބާރަށް ވަޑައިގަތް ބޭރުގެ ޢިއްޒަތްތެރިނާއި، ރާއްޖޭގެ ވަފުދުތަކާ ރައީސް މުޙަންމަދު އަމީން ބައްދަލުކުރެއްވީ މުލިއާގޭ ގައެވެ.

11. ސަތޭކައަހަރަށް އަހަރަށް، އައްޑޫގަން ކުއްޔަށް ދިނުމަށްޓަކައި، ފާމުލަދޭރި ކިލެގެފާނު، އެގްރިމެންޓުގައި ސޮއިކުރުމުގެ ވަޒީރުންގެ މަޖިލިސްގެ ޖަލްސާ ބޭއްވީ މުލީއާގޭ ގައެވެ.

12. މުލިއާގޭގެ ބިންގާ އެޅީވެސް، ހުޅުވީ ވެސް މަޝްހޫރު ސައްޔިދުކިލެގެފާނުގެ އިރުވަރުގައެވެ. ސައްޔިދިކިލެގެފާނު ވިދާޅުވިކަމަށް ވާނީ، "މިގެއަކުން ވެރިކަމެއް ނުނެގޭނެ" ކަމުގައެވެ.

"ތާރީހީނަޒަރަކުން މުލީއާގެ" މިނަމުގައި ހާމަ ޑެއިލީގައި "ސަރިދާލޭސް" ފެބްރުއަރީ 7، 2009 އާއި އޭޕްރީލް 9 2009 އާއި ދެމެދު ޝާއިއު ސިލްސިލާއެއްގެ ގޮތުގައި ޝާއިޢުކޮށްފައިވާ މި ލޔުމަކީ، ވަރަށްމުހިންމު ލިޔުމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

(މަޑަވެލީ ޢަލީ ނަސީރު)

މިހާރު އެހެރަ ގޮތަށް ރިޔާސީ ދެ ގަނޑުވަރު ޢިމާރާތުކުރެއްވީ އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމު ރައީސްކަން ކުރެއްވި ދުވަސްވަރު އެވެ. ނޮވެމްބަރ 11، 2008މ. ން ފެށިގެން މުލިއާގޭގައި އުޅުއްވައިފައި ވަނީ ރައީސް މުޙަންމަދު ނަޝީދެވެ. ތީމުގެ އަކީ ސުޕްރީމް ކޯރޓެވެ. ސުޕރީމް ކޯރޓް އެންމެ ފުރަތަމަ ޤާއިމުކުރެއްވީ ވެސް މުލިއާގޭގަ އެވެ. މިހާރު (2012މ.) އިންކްއަރީ ކޮމިޝަނުގެ މަސައްކަތް ހިނގަނީ މުލީއާގޭގަ އެވެ.

"ސައްޔިދުކިލެގެފާނު، މިނަމަކީ، އެކިލެގެފާނުގެ ދުވަސްވަރު ހުވަދުއަތޮޅުގެ ބައެއް މީހުންގެ މެދުގައި ވަރަށް މާޝްހޫރު ނަމެކެވެ. މިހެނީ، ސައްޔިދު ކިލެފާނުގެ ބާރުވެރިކަމުގެ ދަށުގައި އެއަތޮޅު އެންމެހައި ކަންކަން ހިނގަމުންދިޔަ ދުވަސްވަރެއް މާޒީކޮށްފައި ވާތީ އެވެ. ސަރުކާރުގެ އެންމެހައި ކަންކަމަށް ވެރީން ލެއްވުމާއި، ފަޅުރަށްތައް ވަރުވާއަށް ލިޔެދެއްވުމާއި އަދި މިނޫންވެސް (ސަރުކާރާއި ގުޅިގެން) ހަމަޖައްސަންޖެހޭ އެންމެހައި ކަންކަމުގެ މުއައްކިލަކީ، ސައްޔިދުކިލެގެފާނު ނުވަތަ އޭނާއާއި، ގުޅިފައިވާ އެއަތޮޅުގެ އެހެނިހެން ފަރާތްތަކެވެ. އާދެ! މިދެންނެވި އާދަކާދައިގެމަތިން، ސަރުކާރުގެ މަތީފަންތީގެ ދަރަޖަވެރީންނާއި ގުޅިގެން އެހެން މީހުންނާ ހަމަޔަށް އެކަންކަން ފޯރުކޮށްދޭ ނަމަ، އޭގެފަހުން ވެސް އަދި މިހާރުވެސް އެފަދަ މީހުންނަށް ކިޔައިއުޅެނީ ސައްޔިދު ކިލެފާނެވެ. ވުމާއެކު، ތިރީގައިއެވަނީ އެ ކިލެގެފާނުގެ ވަނަވަރެވެ.

ފެބްރުއަރީ 7، 2011މ. ވަނަ ދުވަހު މެންދުރު ފަހު 01:00 ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން އަމިއްލަފުޅަށް މުޙައްމަދު ނަޝީދު (އަންނި) އިސްތިޢުފާ ދެއްވުމާއި ގުޅިގެން މުލިއާގެ ދޫކޮށްލައްވަން ޖެހިވަޑައިގަތީ އެދުވަހު ހަވީރުގެ ވަގުތެއްގަ އެވެ. ރައީސް ނަޝީދު މުލިއާގެއަށް ބަދަލުވެވަޑައިގަތުމަށްޓަކައި 1.6 މިލިއަން ރުފިޔާ ވަނީ، ޚަރަދުކުރައްވާފަ އެވެ.

(ފެބްރުއަރީ 7، 2012މ.) ސަން ނިއުސް

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުން މިއަދު އިސްތިޢުފާދެއްވި މުހައްމަދު ނަޝީދު ދިރިއުޅުއްވި މުލިއާގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ހުސްކުރި ފުޅި އާއި ބަނގުރާ ހުރި ބައެއް ފުޅިތަކުގެ އިތުރުން، ހޭޝްއޮ އިލް ބޭނުންކޮށްފައި ހުރި ތަކެތި ހިމެނޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ފުލުހުން ހާމަކުރި ގޮތުގައި މިރާފުޅުތަކުގެތެރޭގައި ތެޔޮބިޑި ޒާތުގެ ތަކެތިވެސްފެނިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ. ރާފުޅިތައް އެޑްރެސް ކުރެވިފައިވަނީ މުޙައްމަދު ނަޝިދަށާއި ޒިޔާދުކިޔާ ބޭފުޅަކަށެވެ. މިތަކެތީގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ ނިޝާންޖަހާ ލޭބަލުކޮށްފައިވާ ހަދިޔާގެ ޕެކޭޖްވެސް ހިމެނެ އެވެ. އެ ގެއިން 8 ފޮށިގަނޑު ބަނގުރަލާއި، ބަނގުރާ ހުސްހުކުރި 40 ފުޅި ފެނިފައިވެ އެވެ.

 ހިލާލީގެ
ހިލާލީގެ ނުވަތަ އެ ގެ ޢިމާރާތްކޮށްފައިވާ ބިމަކީ، ތާރީޚީގޮތުން ޚާއްޞަ ކަންތައްތަކެއް ފާހަގަވާ ތަނެއްކަމެއް އެނގޭކަށްނެތެވެ. (އެ ގޭގެ އިތުމަތިން "ޖަސްޓިސް ބިލްޑިންގ" އެހުރިތަނަކީ، މާފަންނު ފެންތާާނގި ހުރިތަނެވެ.) އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ޖުމްހޫރީ ފަރިދުވަސްވަރު ހިލާލީގެ އެހުރި ބިމުގައި ހުރިކަމަށްވަނީ "ޕިންޕޮން" ގެ އެވެ. އޭގެ ފަހުން އަލްފާޟިލް އިބްރާހިމް ނާސިރު ގެ ރައީސްކަމުގެ ދުވަސްވަރު އެތަނުގައި ކުރެއްވި ޢިމާރާތުގައި ދިރިއުޅުއްވީ އެމަނިކުފާނުގެ ދޮށީ ބޭފުޅާކަމަށްވާ އަލްފާޟީލް އަޙުމަދު ނާސިރު އެވެ.
އިބްރާހީމް ނާސިރުގެ ވެރިކަމަށްފަހު، އެގޮތަށްހުރި ބިންތައް ސަރުކާރަށް ނެންގެވިއިރު އެ ގެ (ހިލާލީގެ) ވެސް ސަރުކާރަށް ވަނީ ނަންގަވާފަ އެވެ. އޭގެ ފަހުން އެ ގެ ބޭނުންކުރައްވަނީ ސަރުކާރުގެ މެހެމާންސަރާއެއްގެ ގޮތުގަ އެވެ.
 ނޮވެމްބަރ 11، 2008މ. ން ފެށިގެން ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވިވަޑައިގެންފައިވާ ގ.ކެނެރީގޭ މުޙައްމަދު ނަޝީދު (އަންނި) ދިރިއުޅުއްވުމަށްޓަކައި މައުމޫނުގެ ސަރުކާރުން "ހިލާލީގެ" ހަމަޖައްސެވީ، އޮކްޓޫބަރ 30، 2008މ. ން ފެށިގެން ނެވެ. އެހެން ނަމަވެސް އެމަނިކުފާނު އެ ގެ ބޭނުންފުޅުކުރެއްވީ، އިދާރީ ކަންކަމުގަ އެވެ.

 ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޢާއިލާ ހިލާލީގެ އަށް ބަދަލުވެވަޑައިގަތީ ސެޕްޓެމްބަރ 17، 2009މ. ގަ އެވެ. ފެބްރުއަރީ 7، 2011މ. ވަނަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހުގައިވެސް މއ.ޔުރީކާ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ދިރިއުޅުއްވަނީ ހިލާލީގޭގަ އެވެ.

----------------

މަޢުލޫމާތު ހޯދި ވަސީލަތްތައް:
1
ސަރިދާލޭސް
2
މަޑަވެލީ ޢަލީ ނަސީރު
3
ހަވީރު ޑެއިލީ
4
ޢަބްދުﷲ ޙިލްމީ