އަރުޝީގެ ހިޔާވަހިކަން

ޝަފީޢު ޢަބްދުﷲ



الحمد الله والصلاة والسلام على نبينا وبعد: ފަހެ، ޤިޔާމަތް ދުވަހަކީ، ހުރިހާ ޚަލްޤުތައް، މާތް ﷲ ގެ ޙަޟްރަތަށް ޖަމާކުރެވޭނެ ދުވަހެވެ. އެދުވަހުގެ ބިރުވެރިކަމާއި ބެހޭގޮތުން ގިނަގުނަ އާޔަތްތަކާއި ޙަދީޘްތައް ވާރިދުވެގެން އައިސްފައިވެއެވެ.

ނަމަވެސް، މި ލިޔުމުގައި، އެ އަޔާތްތަކާއި ޙަދީޘްތަކަށް ޢިޝާރާތްކުރުމުގެ ބަދަލުގައި، އެދުވަހުގެ ނުރައްކާތެރިކަމުން ސަލާމަތްކަން ލިބޭނެ ބައެއް ކަމަށް، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވައިފައިވާ ބައެއް މީހުންގެ ވާހަކަތައް ހިމަނާލެވޭތޯ ބަލާނަމެވެ. މަޤްސަދަކީ، އެފަދަ މީހުންގެ ސިފަތަކަކީ ކޮބައިތޯ ބަލައި، އެމީހުންގެ ތެރެއިންވުމަށް މަސައްކަތްކުރުމުގެ ތައުފީޤު މާތް ﷲ ދެއްވުމެވެ.

ޢަރްޝީގެ ހިޔާވަހިކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘް:
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

" سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ " متفق عليه ، رواه البخاري (2/144-174) ومسلم برقم 1712 ، وغيرهما .

މާނައީ: " ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ، ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ އަދުލުވެރި ވެރިޔާއާއި، މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާއާއި، މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިންގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާއާއި، ޞަދަޤާތްކުރާއިރު އޭނަގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއާއި، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަކޮށް ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ". ( ބުޚާރީ 174-144/2) އަދި މުސްލިމް 1712)

އާދެ، ދުވަހަކީ ވަރަށް ވެސް ބިރުވެރި ދުވަހެކެވެ. އަޅުތަކުންނާއި މޭލެއްހާ ކައިރިއަށް އިރު ގެނެވޭނެ ދުވަހެވެ. އެހެންކަމުން، އެމީހެއްގެ ޢަމަލުތައް ހުރި މިންވަރަކުން ދަލުގެ ތެރެއަށް ގެނބިގެންދާނެއެވެ. ނަމަވެސް، މާތްﷲ ގެ އަރްޝީގެ ހިޔާވަހިކަން ލިބި، އެ އިރުގެ ގަދަފަދަ ހޫނާއި، ދަލުގެ ތެރެއަށް ޣަރަޤުވުމުން ބަޔަކު މީހުން ސަލާމަތްވާނެއެވެ. އެއީ އިސްވެބަޔާންވެ ދިޔަ ޙަދީޘްގައިވާ މީހުންނާއި، ދެންވެސް މާތް ﷲ ގެ އިރާދަފުޅުން އެކަމުން ސަލާމަތްކުރެއްވި ބައެކެވެ.

ޙަދީޘްގެ ކުރު ޝަރަޙައެއް:
ޢަރުޝީގެ ހިޔާވަހިކަމުގެ މަތިވެރި ޝަރަފު ލިބޭނެ ކަމަށް ޙަދީޘުގައި ބަޔާންވެގެންވާ މީހުންނާއި ބެހޭގޮތުން ކުޑަ ޝަރަޙައެއް ދެވޭތޯ ބަލާނަމެވެ. އެގޮތުން؛

1-    ޢަދުލުވެރި ވެރިޔާ:
ޙަދީޘްގައި "ޢަދުލުވެރި ވެރިޔާ" ގެ މުރާދަކީ މުސްލިމް ރައްޔިތުންގެ އެންމެ މަތީ ވެރިޔާއެވެ. އެމީހުންގެ ވަލިޔުލްއަމުރެވެ. އަދި ހަމައެހެންމެ، މިބައިގެ ތެރޭގައި، މުސްލިމް ރައްޔިތުންގެ ބޮޑެތި ކަންތައްތަކާއި ހަވާލުކުރެވިފައިވާ އެންމެހާ މީހުން، އެބައިމީހުންގެ މަސްއޫލިއްޔަތުގައި ޢަދުލުވެރި ވެފައިވާނަމަ، ޝާމިލްވެގެންދާނެއެވެ. 

2-    މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ:
ޒުވާނާ ޙަދީޘްގައި ޙާއްޞަކުރެވިފައި އެވަނީ، އޭނާއަކީ، ޒުވާންކަމުގެ ޖޯޝާއި ފޯރި ހުރި، ލޭގައި ހޫނުކަން ހުރި މީހަކަށްވާތީއެވެ. އެގޮތުން، ޝަހުވަތުގެ އެދުން އޭނާގެ ކިބައިގައި އުތުރި އަރާނެއެވެ. އެހެންކަމުން، އެފަދަ ޙާލުގައި، އޭނާގެ ހަވާ ނަފްސު މައިތިރިކޮށް، މާތް ﷲ އަށް ތަޤްވާވެރިވުމަކީ، އޭނާގެ އީމާންތެރިކަމުގެ ތެދުވެރި ޢަލާމާތެކެވެ.

ނަމަވެސް ހިތާމައަކީ، ބައެއް މުސްލިމް ޒުވާނުން މި ޙަދީޘްފުޅާއިމެދު ޣާފިލުވެފައިވާލެއް ބޮޑުކަމުންނެވެ. އެހެނީ، ޒުވާނުން ވަރަށް ގިނައިން ބުނާތީ އަޑު އިވެއެވެ. " ކާށި ކެވޭނީ ދަތް ހުރި ދުވަހުއެވެ". އެގޮތުން ފާޙިޝް ކަންތައްތަކަށް އެއްވެސް ޖެހިލުމެއް ނެތި އަރައިގަންނަމުން ދެއެވެ. ޒިނޭގެ ފާޙިޝް ޢަމަލަކީ، އެބައިމީހުންގެ ކައިރީގައި އާދައިގެ ކުޑަ ކުޑަ ކަމެކެވެ. ފަޚްރުވެރިވެ، އެކަކު އަނެކަކާއި އެވާހަކަތައް ހިއްސާކުރެއެވެ.
ތެދެކެވެ. ކާށި ކެވޭނީ ދަތް ހުރި ދުވަހުއެވެ. ނަމަވެސް، މި ބަހުގެ މުރާދު ރަނގަޅު ގޮތުގައި ނަގައިފިނަމައެވެ. އެހެނީ، ޒުވާނާ ކުރާ އަޅުކަން، މުސްކުޅިވެ ގައިގެ ބާރު ނެތް މުސްކުޅިއާ ކުރާ އަޅުކަމަށްވުރެން މާތް ﷲ ގެ ޙަޟްރަތުގައިި ލޮބުވެތިވެގެން ވެއެވެ. އެއީ ކުރިން ދެންނެވިފަދައިންނެވެ. ޒުވާން ދުވަސްވަރަކީ ޝަހުވަތުގެ އެދުން އެންމެ އުތުރި އަރާ ދުވަސްވަރެވެ. ޒުވާން ޢުމުރުގައި އެ ޝަހުވަތުން އެއްކިބާވެ، މާތް ﷲ އެންގެވިގޮތަށް އުޅުމަކީ، އެއީ ޒުވާނާއަށް ލިބޭނެ އެންމެ ބޮޑު ޝަރަފެއެވެ. އެންމެ ބޮޑު ނިޢުމަތެވެ. މާތް ﷲ ގެ ލޯބި އޭނާއަށް އިންތިހާއަށް ލިބިގެންދާނެއެވެ. ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްކަން ލިބޭނެއެވެ. އަދި ޢަރުޝީގެ ހިޔާވަހިކަން ލިބޭނެއެވެ. އޭނާގެ މައްޗަށް ސަލާމަތްކަން ހުއްޓެވެ. ދަތް ހުރި ދުވަހު ކާށި، ފުރިހަމަ މާނާއިގައި، ކެވުމަކީ، މިއީ ނޫންތޯއެވެ.
ހަމަކަށަވަރުން، މަރަކީ، ވަކި އުމުރު ފުރައަކަށް ޚާއްޞަ އެއްޗެއް ނޫނެވެ. ޅަފުރައިގައި މަރުވަނީ ކިތައް ކުދިންތޯއެވެ؟ ޒުވާންކަމުގެ އެންމެ ތާޒާ ދުވަސްވަރު މަރުވަނީ ކިތައް ޒުވާނުންތޯއެވެ؟ އެހެނީ، ކަނޑައެޅިފައިވާ އަޖަލު ޖެހުމުން، އެންމެ ސިކުންތެއްވެސް މަޑެއްނުކުރެވޭނެއެވެ.

فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ [١٦:٦١]
މާނައީ: " ފަހެ، އެއުރެންގެ އަޖަލު އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް، ލަހެއް ނުކުރައްވާހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ".

އެހެންކަމުން، ޒުވާނުންނަށް ގޮވާލަމެވެ. ވެހޭތާ ފެންނަގާށެވެ. އަދި ކާށިވެސް ކާށެވެ. ނަމަވެސް، ރަނގަޅު ގޮތުގައެވެ. މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމުގައެވެ. ޢަރުޝީގެ ހިޔާވަހިކަން ލިބިގަތުމަށް އަވަސް ވެގަންނާށެވެ. މާތް ﷲ ގެ ރަޙްމަތުގެ ދޮރުތައް ވަނީ ހުޅުވިފައެވެ. ތިޔަ ލޮބުވެތި ޒުވާނާއަށް، އެ ދޮރުތައް އެދި ގޮވަނީއެވެ. ވަންނާށެވެ. މާތް ﷲ ގެ ރަޙްމަތްލިބިގަންނާށެވެ. ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން ސަލާމަތްކަން ލިބިގަންނާށެވެ.
 އަދި ދަންނާށެވެ. ޒުވާން ކަމާއި ބެހޭގޮތުން އެދުވަހުން ސުވާލުކުރެވޭނެއެވެ. މިކަމަށް ޢިޝާރާތްކުރައްވާ މާތް ނަބިއްޔާ محمد صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވަނީ މިފަދައިންނެވެ. لا تزول قدم ابن آدم يوم القيامة من عند ربه حتى يسئل عن خمس عن عمره فيم أفناه وعن شبابه فيم أبلاه وماله من أين اكتسبه وفيم أنفقه وماذا عمل فيما علم މާނައީ: "ޤިޔާމަތް ދުވަހުން، މާތް ﷲ ގެ ޙަޟްރަތުގައި، ފަސް ކަމަކަށް ޖަވާބުދާރީ ވުމަށްފަހުގައި މެނުވީ، އާދަމުގެ ދަރިޔާގެ ފައި ހުރިތަނުން ގުޑަވައެއްނުލެވޭނެއެވެ. އޭނާގެ ޢުމުރާ ބެހޭގޮތުންނެވެ. އޭތި ފަނާކޮށްލިގޮތާމެދުއެވެ. އަދި އޭނަގެ ޒުވާންކަމާއި ބެހޭގޮތުންނެވެ. އެ ޒުވާންކަން ފީކޮށްލިގޮތާއިމެދުއެވެ. އަދި އޭނަގެ މުދަލާއި ބެހޭގޮތުންނެވެ. އެމުދާ ހޯދި ތަނަކާއި އަދި ހޭދަކުރިގޮތާއި މެދުގައެވެ. އަދި އެނގުނު ޢިލްމަށް ޢަމަލުކުރި ގޮތާއިމެދުއެވެ. (ސުނަން ތިރިމިޛީ)

ޙަދީޘްގައިވާ ފަދައިން، ޤިޔާމަތް ދުވަހުގައި ކުރެވޭ، ފަސް ސުވާލުގެ ތެރޭގައި ޢުމުރާ ބެހޭގޮތުން ކުރެވޭ ސުވާލުވެސް އެބަ ހިމެނެއެވެ. އަދި އަޅުގަނޑުމެން އެންމެންނަށް އެނގޭނެ ފަދައިން، ޒުވާންކަމުގެ ދުވަސްވަރަކީވެސް އޭނަގެ ޢުމުރުން ހޭދަކުރާ ދުވަސްވަރެކެވެ. ނަމަވެސް، ޒުވާންކަމާއި ބެހޭގޮތުން ޙާއްޞަކޮށް ސުވާލު އެބަ ކުރެވެއެވެ. އެހެންކަމުން، ޒުވާންކަމުގެ ދުވަސްވަރަށް މާތް ﷲ ގެ ޙަޟްރަތުގައި ދެވިފައިވާ ޤަދަރާއި މަތިވެރިކަން ހާމަވެގެންދެއެވެ.
އެހެންކަމުން، މި ޒުވާންކަން، މާތް ﷲ އަށް އުރެދުމުގައި ހޭދަކުރެވެން ނެތެވެ. އެހެނީ، ފާފަތަކުގައި ޒުވާންކަން ފަނާކޮށްލައިފިނަމަ، ޤިޔާމަތްދުވަހުގެ އެ ސުވާލަށް ޖަވާބުދޭނީ ކިހިނަކުންތޯއެވެ؟

އޭ އުއްމަތުގެ ޒުވާނުންނޭވެ. މާތް ﷲ ގެ މަގަށް ރުޖޫޢަވާށެވެ. މިދީނުގެ އަބްޠާލުންނަށް ވާށެވެ. އުއްމަތް ތިޔަ ޒުވާނުންގެ ހިތްވަރަށް އެދި ގޮވަނީއެވެ. ތިޔައީ އުއްމަތުގެ ޢިއްޒަތެވެ. ބާރެވެ. 

3-    އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ:
މީނާއަކީ، މިސްކިތް ދެކެ ލޯބިވާ، ބަރާބަރަށް ޖަމާޢަތުގެ ނަމާދުކުރާ، މިސްކިތަށް ގިނަ ގިނައިން އަރާ އުޅޭ މީހާއެވެ. މިސްކިތުން ބޭރުގައި ވިޔަސް އޭނާގެ ހިތް މިސްކިތާ ގުޅިފައިވާ މީހެކެވެ. މިބައިގެ ތެރޭގައި، އެއް ނަމާދު އަދާކޮށް ނިމުމުން، އަނެއް ނަމާދަށް އިންތިޒާރުކުރާ މީހުންވެސް ހިމެނިގެންވެއެވެ. އިންތިޒާރު ކުރުމޭ ބުނުމުން، ބައެއް މީހުންގެ ހިތައް އަރާފާނެއެވެ. "އެއީ މިސްކިތުގައި އަނެއް ނަމާދު ވަޤުތު ވަންދެން ހުރުމޭ". އެހެނެއް ނޫނެވެ. އިސްލާމްދީން ތަރުހީބު ދެނީ ނަމާދުކޮށް ނިމުމުން، ރިޒްޤު ހޯދުމަށް، ބިމުގައި ފެތުރިގަތުމަށެވެ.

އެހެނީ ޚާލިޤުވަންތަ މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ [٦٢:١٠]
މާނައީ:" ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ. (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ). އަދި ތިޔަބައިމީހުން اللَّه ގެ ފަޟްލަވަންތަކަމުން (ދެއްވުމަށް) އެދޭށެވެ. އަދި ތިޔަބައިމީހުން ގިނަގިނައިން اللَّه ހަނދުމަކުރާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބު ލިބުމަށްޓަކައެވެ".

އެހެންކަމުން، އޭނާ ކޮންމެ ފަދަ ތަނެއްގައި ވިޔަސް ނަމާދަށް އިންތިޒާރު ކުރާނެއެވެ. ޖަމާޢަތަށް މިސްކިތަށް ގޮސް، ނަމާދުގެ ވާޖިބު އަދާކުރުމަށްޓަކައެވެ. ހަމަކަށަވަރުން، އެފަދަ މީހަކީ އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހެކެވެ. އަދި އެފަދަ މީހަކަށް މާތް ﷲ ޢަރްޝީގެ ހިޔާވަހިކަން ދެއްވާނެއެވެ. (މިއީ ފިރިހެނުންނަށް ޙާއްޞަކަމެކެވެ. އެހެނީ ނަމާދުކުރުމަށް އަންހެނުންނަށް އެންމެ ރަނގަޅު ތަނަކީ، އަންހެނާގެ ގެ ކަމުގައި، ޞައްޙަ ޙަދީޘްފުޅުތަކުން ޘާބިތުވާތީއެވެ).

4-    މާތް ﷲ އަށްޓަކައި ލޯބިވެ، އެގޮތުގައި ބައްދަލުވެ، އެގޮތުގައި ވަކިވާ ދެމީހުން:
މިއީ މާތް ﷲ އަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ ދެމީހުންނެވެ. އެގޮތުން، އެއިލާހުގެ ރުއްސެވުން ހޯދުމަށް ދެމީހުން އެކަކު އަނެކަކަށް އެހީތެރިވެ އުޅޭ ދެމީހުންނެވެ. " އެގޮތުގައި ވަކިވާ" މިބަހުގެ މުރާދު ބައެއް ޢިލްމުވެރިން ކުރައްވަނީ، އެއީ، އެގޮތުގައި މަރުވަންދެން އުޅުމެވެ.

5-    މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް، ފާޙިޝް ޢަމަލު އެނާއާއި އެކު ހިންގަން އެދުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ:
އިންބު ޙަޖަރު رحمه الله  އެކަލޭގެފާނުގެ ފޮތް، ފަތްޙުލް ބާރީގައި މި ޙަދީޘް ޝަރަޙަކުރައްވަމުން، ލިޔުއްވާފައިވެއެވެ. " މަންސަބު" ގެ މުރާދަކީ އޭނަގެ ނަޞްލުގެ ނުވަތަ ޝަރަފުވެރިކަމުގެ މަތިވެރިކަމެވެ. އަދި މުދާވެރިކަން ކަމުގައިވެސް މާނަކުރެވިދާނެއެވެ. (އެކަލޭގެފާނުގެ ވާހަކަފުޅު ނިމުނީ)

އެހެންކަމުން، އެފަދަ އަންހެނެއްގެ ކިބާގައި ޖާހާއި މަންސަބާއި މުދަލާއި ޝަރަފުވެރިކަން އެކުވެ ޖަމާވުމުން އެއީ ވަރަށްވެސް ބޮޑަށް ހަވާ ނަފްސު އޭނާގެ މައްޗަށް ލަނބުވާލާނެ ކަމެކެވެ. ނަމަވެސް، އެފަދަ ފުރިހަމަ އަންހެނެއްގެ އެދުމަށް، އެ ފާހިޝްކަމުން ދުރުވެވޭނީ ވަރަށް ފުރިހަމަ އީމާނުގެ އަހުލުވެރިއަކަށެވެ.
އަދި މިއީ، ފިރިހެނުންނަށް ޙާއްޞަ ކަމެއް ނޫނެވެ. އެހެނީ، އެފަދަ ނަސަބުގެ ގޮތުންނާއި ޝަރަފުގެ ގޮތުން މަތިވެރި ފިރެހެނެއްގެ ނާޖާއިޒް އެދުމަށް، އިޖާބަނުދީ، ނޫނެކޭ ބުނެ، އެކަމުން އެއްކިބާވާ އަންހެނުންވެސް، މިބައިގެ ތެރޭގައި ހިމެނޭނެއެވެ.

6-    ޞަދަޤާތްކުރާއިރު އޭނަގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރު ހޭދަކުރިމީހާ:
މި ބަސްފުޅުގެ މުރާދަކީ، ވީހާވެސް ސިއްރުން ޞަދަޤާތްކުރުމެވެ. އެއްވެސް މީހަކަށް ނޭނގޭފަދަ ގޮތަކަށެވެ. ޞަދަޤާތް ލިބޭ މީހާއަށްވެސް، ދިނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް ދިނުމެވެ. އެފަދަ މީހުންނަށް ޢަރުޝީ ހިޔާވަހިކަން ލިބޭނެއެވެ.

7-    އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުމުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާ:
އެކަހެރިކޮށް މީހާ ހުރެގެން ކުރާ ޛިކުރަކީ، އެއްވެސް ޙާލެއްގައި އެއަށް ދެއްކުންތެރިކަން ވަންނާނެ ކަމެއް ނޫނެވެ. އެހެންކަމުން، އޭނާގެ ޛިކުރުކުރުން ނުވަތަ ހަނދުމަކުރުން މާތް ﷲ އަށް ޚާލިޞްވެގެންދާނެއެވެ. އެފަދަ އެކަހެރި ވަޤުތެއްގައި އޭނަގެ ލޮލުން މާތް ﷲ މަތިން ޛިކުރުކޮށް އޮހޮރިގެންދާ ކަރުނައަކީ، ޢަރުޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު، އޭނާއަށް، އެ ހިޔާވަހިކަން މިންވަރުވާނެ ސަބަބަކަށް ވެގެންދާނެއެވެ.

މި ޙަދީޘްގައި ބަޔާންވެގެންވާ ހަތް ބައިގެ އިތުރަށްވެސް އެހެން ބައެއް މީހުން، އެހެން ޙަދީޘްތަކުގައި ބަޔާންވެގެންވެއެވެ. އެގޮތުން، މިސްކިތަށް ހިނގާފައިދާ މީހާ، ތެދުވެރި ވިޔަފާރިވެރިޔާ، މުޖާހިދުންނަށް ނަޞްރުދީ އެހީތެރިވެދޭ މީހާ، ރިވެތި އަޚްލާޤުގެ ވެރިޔާ، އަދިވެސް، މިނޫން އިތުރު މީހުންވެސް ހިމެނެއެވެ.

މާތް ﷲ ގެ ރަޙްމަތުގެ ދޮރުވަނީ ހުޅުވިފައެވެ. އަޅުގަނޑުމެންނަށް އޮތީ އެ ދޮރުން ވަނުމެވެ. އެހެނީ މާތް ﷲ އެއްވެސް ނަފްސަކަށް އަނިޔާވެރިވެ ވޮޑިގެނެއް ނުވެއެވެ. ނަމަވެސް، އަޅުގަނޑުމެން އަމިއްލަ އަތުން އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވަނީއެވެ.

އަޅަމެންގެ ދުޢާ:
އޭ ހައްދަވާ ބޮޑުކުރެއްވި ﷲ، ޢަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުން، ޢަރުޝީގެ ހިޔާވަހިކަން އަޅަމެންނަށް ދެއްވާފައިދޭއެވެ. އަޅަމެންނަކީ އެ ނިޢުމަތުން މަޙްރޫމްވާ ބަޔަކު ކަމުގައި ނުލައްވާފައިދޭއެވެ. ހަމަކަށަވަރުން އިބަ އިލާހީ، ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ﷲ އެވެ. سبحانك اللهم وبحمدك لا إله إلا أنت نستغفرك ونتوب إليك.