ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކުރެވިދާނެ ގޮތްތައް

އަންވަރު އިބްރާހިމް
 
ދެވަނަ ބޮޑުހިނގުރާމައަށްފަހު ބައި ގަރުނުގެ ރާސްތާއެއް ކަޑައްތުކުރެވުނު އިރު، މިއަދު މިފެންނަ ދުނިޔޭގެ ޓެކްނޮލޮޖީގެ ބާރަކީ މީގެ 50 އަހަރު ކުރިން ގޮތް ހުސްވެ، އަނދަޖެހިފައި ތިބި އަހަރެމެންނެވެ. އަހަރަމެންނަށް ކުރެވުނު ކަމަކީ ތާރީޚުން ޢިބުރަތް ޙާޞިލުކުރުމެވެ. ލޯމަތިން ފެންނަމުންދިޔަ ކަންކަމާއި، ލޯމަތިން ގެއްލުނުހާ ކަމެއްގެ މަތިން ހަނދާންކޮށް، އެންމެން އަތުގުޅާލައިގެން އާ ރޫޙެއްގައި މަސައްކަތް ފެށުމެވެ. މިއީ އިއްޔެ ވީރާނާވެފައި އޮތް ޤައުމެއްގެ ގޮތުގައި އޮތް ޖަޕާނުގެ ދުލުން ފަޚުރުވެރިކަމާއެކު މިއަދު ބުނާ ވާހަކައެވެ. ދުނިޔެ ދުށް އެންމެ ބޮޑު އަނދަވަޅަށް ވެއްޓުނު ޖަޕާނަށް އެވަޅުގަނޑުން ތެދުވެ، ބޯހިއްލާލެވުނީ ޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދުނު ވަރުގަދަ ޤައުމީ ރޫޙުގެ ސަބަބުންނެވެ. ބައިބައިވެ، ވިއްސިވިހާލިވެފައިވާ ނަފުސުތައް، އެރޫޙުން އެކަތިގަނޑަކަށް ހަދައިދިނީތީއެވެ. ގޮތްހުސްވެ މާޔޫސްވެފައިވާ ރައްޔިތުންގެ ސަޤާފަތްތައް އެރޫޙު އެދި ގޮވީތީއެވެ. އަދިވެސް ދުނިޔޭގެ ބާރަކަށް ވެވިދާނެކަމުގެ ސިގްނަލް އެމީހުންގެ ޤައުމީ ބަސް ދެމުން ދިޔައީތީއެވެ. މިދެންނެވި ހުރިހާ ކަމެއްގޮސް ގުޅެނީ ޤައުމީ ލޯތްބާއެވެ. ޤައުމީ ރޫޙާއެވެ.

ޤައުމީ ރޫޙު އާލާކުރެވޭނެ އެއްމަސްދަރަކީ އަމިއްލަ މާދަރީ ބަހެވެ. މާދަރީ ބަހުގެ ތެރޭން ޤައުމީ ރޫޙު ނެރެދިނުމެވެ. ޤައުމީ ޖަޒުބާރުގެ އަސަރު ކުދިންގެ ސިނކުޑިތަކާ ހަމައަށް ފޯރުކޮށްދިނެމެވެ. މާދަރީ ބަހާ ނުލައި ޤައުމީ ލޯބި އަށަގެންނެވުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ ޤައުމިއްޔަތުގެ ވަރުގަދަ އަޞްލުތަކާއި އެބައެއްގެ މާދަރީ ބަސް ގުޅިފައިއޮންނަ ގުޅުމެވެ. އެގުޅުން ބަޔާން ކޮށްދެއްވަމުން މައުމޫނު ޢަބްދުލް ޤައްޔޫމް (1979) ވިދާޅުވެފައިވަނީ ލިޔުންތެރީންގެ ނަޒަރުގައި ޤައުމިއްޔަތުގެ މައިގަނޑު އަޞްލަކީ ޤައުމީ ބަސްފިޔަވާ ދެވަނައެއްޗެއް ނޫނެވެ. އަމިއްލަ ބަހެއްނެތި އެއްވެސް ބައެއްގެ ޤައުމިއްޔަތެއް ނޯންނާނެއެވެ. މިކަމަށް ބާރުދެއްވަމުން ޖަރުމަނުގެ ކަލްޗަރަލް ނެޝަލިސްޓެއް ކަމަށްވާ ޖޯހަން ގޮޓްފްރެޑް ހާރޑަރ (1800) ވިދާޅުވަނީ ބަހަކީ ޤައުމީ ލޯބި އުފެއްދުމުގައި ވަރަށް މުހިންމު އަސާސެއްކަމުގައެވެ. ސަބަބަކީ އެތެރޭގެ ޖަޒުބާތު އެންމެ ފަސޭހައިން އަދި އެންމެ ފުނުން ފާޅުކުރެވޭނީ ޤައުމީ ބަހުން ކަމަށްވާތީއެވެ. ބަސް ދަސްވެގެން ދަނީ މުޖުތަމަޢުގެ ތެރޭން ކަމަށްވާތީއެވެ.
ޤައުމިއްޔަތަކީ އެޤައުމެއްގެ އެންމެހާ ރައްޔިތުން ޝާމިލުވާ ޖަޒުބާތެކެވެ. އެއީ އެކަކު އަނެކަކަށްޓަކައި އިހުސާސްކުރާ ވަރުގަދަ ގުޅުމެކެވެ. އެގުޅުމުގެ އަސާސްތައް ބިނާވަނީ އިޖްތިމާޢީ ގުޅުމުގެ މައްޗަށެވެ. ޤައުމީ ލޯބި އުފެދި ބޮޑުވުމުގެ ފުރުޞަތު މިދެންނެވި އިޖްތިމާޢީ ގުޅުންތަކުގެ ތެރޭން ލިބިގެންދެއެވެ. ތަބަޢީގޮތުން އިންސާނާގެ ހަށިގަނޑުގައި އެބާރު ﷲ ތަބާރަކަ ވަތަޢާލާ ލައްވާފައި ވާތީއެވެ. އިޖްތިމާޢީ ބޮޑެތި ކަންކަމުގައި ޤައުމީ ރޫޙު ނެރެވިފައިވަނީ މިދެންނެވި ހަމަތަކުންނެވެ. ހުޅުލޭ އެއާޕޯޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރުމުގައި ދިވެހި ހިތްތަކަށާއި އަތްތަކަށް ހިތްވަރު ލިބިގެންދިޔައީ މިދެންނެވި ޤައުމީ ލޯބީގެ ސަބަބުންނެވެ. މިސަބަބު ގުޅެނީ ޤައުމިއްޔަތާއެވެ. އެއީ ޤައުމެއްގެ އެންމެހާ ރައްޔިތުން އެއްވަރަކަށް ޙިއްޞާކުރަންޖެހޭ ޖަޒުބާތެކެވެ.
ޤައުމީ ރޫޙު އާލާކުރުމުގައި އެބަޔަކު ޤަބޫލުކުރާ ގޮތްތަކާއި އާދަކާދައާއި ސަޤާފަތަކީ މުހިންމު ބަހާއެކެވެ. އާދަކާދައާއި ސަޤާފަތް ހިއްސާކުރާ ގިނަބަޔަކު ނެތްނަމަ އަމިއްލަ ވަންތަކަމުގެ ޝުޢޫރު އުފެދިގެނެއް ނުދާނެއެވެ. އެޝުޢޫރު އެބައެއްގެ ހިތްތަކަށް ނުވަންނަނަމަ ޤައުމީ ރޫޙު އުފެދުމަށް ހުރަސްތަކެއް އެޅިގެންދާނެއެވެ. އެހެންކަމަށް ވާނަމަ ޤައުމީ ރޫޙު އާލާކުރުމަށް ހުޅުވިގެންދާ މަގުތަކުގައި ސަޤާފީކަންކަން އަދާކޮށްދެނީ ފިސާރު މުހިންމު ދައުރެކެވެ.
ޤައުމީ ރޫޙު ދިރުވޭނެ އެންމެ މުހިންމު ވެށްޓަކީ ސްކޫލް މަދަރުސާތަކެވެ. އެރޫޙު އާލާކުރުމަށް އެންމެ ފަސޭހަ ދުވަސްވަރަކީ ކުއްޖާ ކިޔަވަމުންގެންދާ ދުވަސްވަރެވެ. ނަމަވެސް ހިތާމައަކީ މިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ޤައުމުއްޔަތުގެ ރޫޙު އަށަގަންނާނެފަދަ ބައިތައް ހިމެނިފައިވާލެއް ކުޑަކަމެވެ. އަމުދުން އެކަން ކުރުމަށް ކުރެވޭ މަސައްކަތްތައް މަދުކަމެވެ. ޤައުމީ ރޫޙު ދިރުވަން ބޭނުންނަމަ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ޤައުމިއްޔަތުގެ ބައިތައް ހިއްސާކުރާ މަންހަޖެއް އެކުލަވާލަން ޖެހެއެވެ. އެތައް ދިރާސާއަކަށްފަހު، "ކަލްޗަރަލް ނެޝަނަލިޒަމް އިން ކޮންޓެމްޕަރަރީ ޖަޕާން" ފަދަ ފޮތްފޮތުގައި ކޮސަކޫ ޔޮޝިނޫ (1992) ޤައުމީ ރޫޙު އަށަގަތުމުގައި އެންމެ މުހިންމު ދައުރު އަދާކުރާތަނަކީ ސްކޫލްތައްކަމަށް ބުނެފައިވަނީ ސަބަބުތަކެއް ހުރެގެންކަން ޤަބޫލުކުރެވެއެވެ.
ތާރީޚަކީ ޤައުމުގެ މާޒީއެވެ. ކާބަފައިންގެ ހަނދާންތަކާއި، ބަޠަލުންގެ ޤުރުބާނީ، ހިނގަމުންދާ ޒަމާންތަކާ ހަމަޔަށް ގެނެސްދޭ ވާސިތާއެވެ. އެހެންކަމުން ތާރީޚު އަންގައިދިނުމާއި، އުނގަންނައި ދިނުމަކީ ޤައުމީ ރޫޙު އާލާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިއަދު ތަރައްޤީގެ ރޮނގުގައި ކުރިއަރާފައިވާ ކޮންމެ ޤައުމެއްގައިވެސް ތާރީޚް ކިޔަވައިދެމުންދާ އުޞޫލުން އަޅުގަނޑުމެންވެސް އެކަމަށް ލޯބިކޮށް ޤައުމުގެ ތަރިކައެއްގެ ގޮތުގައި ބެލެވޭ ތާރީޚް ކިޔަވައިދޭން ޖެހެއެވެ. މިރާއްޖެއަށް ވިސްނާލާއިރު ތާރީޚް ޢިލްމު ނުވަތަ ހިސްޓްރީ މި މާއްދާ ކިޔެވުމުގެ ފޯރިއެއް ނެތެވެ. ޕްރީ ސްކޫލްތަކާއި، ޕްރައިމަރީ ގްރޭޑްތަކުގައި ދިވެހި ތާރީޚުން ކިޔަވައިދެވެނީ ވަރަށް ކުޑަ މިންވަރެކެވެ. ސެކަންޑަރީ ސްކޫލްތަކުގައި އެބައި އަދި މާކުޑައެވެ. އަމިއްލަ ތާރީޚު ނޭނގޭނަމަ އަޅުގަނޑުމެންނަކީ ކޮންބައެއްކަން އެނގޭނެތޯއެވެ؟ އަޅުގަނޑުމެން ފަޚުރުވެރިވާންވީ ކަންތައްތައް ދެނެގަނެވޭނެތޯއެވެ؟ އަޅުގަނޑުމެންގެ އަސްލާއިހަމައަށް ދެވިދާނެތޯއެވެ.
ޤައުމީ ރޫޙު އާލާކުރެވިދާނެ އަނެއް ބަހާއަކީ ކުޅިވަރުތަކެވެ. ކުޅިވަރުގެ މައިދާންތަކެވެ. ސަޤާފީ ކުޅިވަރުތަކާއި ޒަމާނީ ކުޅިވަރުތަކާއި ބައިނަލް އަޤްވާމީ ކުޅިވަރުތަކެވެ. މިއިން ކޮންމެ ކުޅިވަރަކަށްވެސް ޤައުމީ ރޫޙު އާލާކޮށްދިނުމުގެ ބާރު ލިބިފައިވެއެވެ. ސަބަބަކީ ކުޅިވަރަކީ އޭގައި ވަކިހަމަތަކެއްގެމަތިން ވާދަކުރުމުގެ ފުރުޞަތު އޮންނަ އެއްޗަކަށް ވާކަމެވެ. އެކަމުގެ ސަބަބުން ބައިބައިވެފައިވާ މުޖުތަމަޢުތައް އެކަތިގަނޑަކަށް ހަދައިދޭތީއެވެ. މީގެ ހެއްކަކަށް ސާފު ޗެމްޕިއަން ޝިޕް ފުދެއެވެ. ސިޔާސީ ކޯޅުމާއި ހަމަނުޖެހުންގަޑުގެ ތެރޭންވެސް އެންމެން އެއްރާގެއްގައި ޤައުމީ ރޫޙު ނެރުނީ ފުޓްބޯޅައިގެ ތެރެއިންނެވެ. ޤައުމީ ދިދައެއީ، ތިމާމެންގެ އެއްޗެއްކަން ހަނދާންވީ އެދުވަސްތައް އައުމުންނެވެ. ޤައުމީ ކުލަތަކަށް ހިތްތަކުން ޚާއްޞަ ކަނެއް ދޭންޖެހުނީ އެމެޗްތަކުގެ ސަބަބުންނެވެ.
ޤައުމީ ރޫޙަކީ އުފައްދަން ޖެހޭ އެއްޗެކެވެ. އެހެންކަމުން އެލޯބި އުފެއްދުމުގައި ޒިންމާ ވާންޖެހޭ ފަރާތްތަކެއް އެބަވެއެވެ. އެއް ފަރާތަކީ ޤައުމެއްގެ ދަރިންގެ އުންމީދުތަކާ ކުޅުމުގެ ބާރު އޮންނަ ސަރުކާރެވެ. ދެވަނަ ފަރާތަކީ އެދަރިންގެ މުސްތަޤްބަލް އުޖާލާ ކޮށްދިނުމުގެ ޒިންމާ ބޮލުގައިއަޅައިގެން ތިބޭ މައިންބަފައިންނެވެ. ތިންވަނަ ފަރާތަކީ އެދަރިންނަށް ނަމޫނާ ދައްކަންޖެހޭ މުޖުތަމަޢުގެ އަފުރާދުންނެވެ. މިދެންނެވި ތިން ފަރާތުގެ ޒިންމާ އެންމެ އެކަށީގެންވަ ގޮތަށް ނޫފުލާނަމަ ނުވަތަ އެފަރާތްތަކަކީ ޤައުމީ ކަންކަމަށް، ޤައުމީ ލޯތްބަށް އެއްވެސް ކަހަލަ ސަމާލުކަމެއް ނުދޭބައެއްނަމަ ހެދިބޮޑުވަމުން އަންނަ ދަރިވަރުންނަކީ ޤައުމީ ލޯބީގައި ކުރިއަށްދާނެ ބައެއް ކަމުގައެއް ނުވާނެއެވެ. ތިމާގެ ޤައުމަށް ކޮށްދޭނެ ޚިދުމަތަކާމެދު ވިސްނާނެ ބަޔަކަށް ނުވާނެއެވެ.
ޤައުމީ ރޫޙަކީ ކުޅިވަރުތަކުން އާލާކުރެވިދާނެ ލޯތްބެކެވެ. ތާރީޚާއި މާޒީ ހަނދާނަށް ގެނެސްގެން ދިރުވިދާނެ ރޫޙެކެވެ. ކިޔަވައިދޭ މަކުތަބުތަކާއި މަދަރުސާތަކުގެ ތަޢުލީމީ ނިޒާމުތަކުގެ ތެރެއިން އުފެއްދިދާނެ ޖޯޝެކެވެ. އާދަކާދައާއި ސަޤާފަތުގެ އިމުން ދަސްކޮށްދެވިދާނެ ޣީރަތެކެވެ. އިޖުތިމާޢީ މަސައްކަތްތަކުގެ ތެރޭން އަށަގެންނުވިދާނެ ތެރަހެކެވެ. އަމިއްލަ މާދަރީ ބަހުން ނެރެވިދާނެ ހުއްބުލް ވަތަނެކެވެ.
        ޤައުމެއް ދިރޭނީ ޤައުމުގައި ހުރެގެންނެ ރޫޙެއް ހަމަދިރޭ
                 އައުދާނަ ޤައުމީ ލޯބި ހިތްތަކުގައި އުފެދިގެންނޭ ދިރޭ 
ރިފަރަންސް:
މުޙަންމަދު އަމީން. (1365ހ). ހަރުދަނާ އަޚްލާޤެއް ލިބިގަންނާނީ ކިހިނެއް؟. މާލެ: ނޮވެލްޓީ ޕްރެސް.
މައުމޫނު ޢަބްދުލް ޤައްޔޫމް. (1979). ބަހާމެދު...ދެތިން ބަހެއް. ފަތްތޫރަ، 1، (1)، ޞ.5.
ޖޯހަން ގޮޓްފްރެޑް ހާރޑަރ. (1980). ކަލްޗަރަލް ނެޝަނަލިޒަމް އިން ކޮންޓެންޕަރަރީ ޖަޕާން. ޓޯކިޔޯ: އިންޓައިޕް ލަންޑަން ލޓޑ.