ދަރިން ތަރުބިއްޔަތުކުރުމުގައި ޒަމާނީ ގޮތްތައް ބޭނުންކުރުން މުހިންމު

މުޙައްމަދު ފިރާޟް - ފެންތަށި، ފުރައްދަގެ، ހއ. އިހަވަންދޫ
 

މިނިވަންކަމާއި ޙައްޤުތައް ގޮވާލާ މިއަދުގެ މުޖުތަމަޢުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ސަބަބަކީ ހައްޤާއި މިނިވަންކަމުގެ "ފޮނި" ވާހަކަތަކަށްވުރެން އަޅުގަނޑުމެން އުފުލަންޖެހޭ ޒިންމާތަކުގެ ވާހަކަތައް ދައްކާލެއް މަދު ކަމެވެ. ނުވަތަ ޒިންމާތަކުގެ ވާހަކަތައް ދައްކަން ބޭނުން ނުވާކަމެވެ. "ދަރިންތަރުބިއްޔަތު ކުރުމުގައި ޒަމާނީގޮތްތަކޭ ބުނީމާ" އެއީ ހޮޅަނގުގެ ތަހުޒީބީ ނަމަވެސް އިސްލާމްދީނާ ފުށު އަރާ ކަންތައްތަކެއްގެ ވާހަކަ ދައްކަން އުޅޭ ކަމަށް ބައެއް ކިޔުންތެރިންނަށް ހީވެދާނެއެވެ. ތި ހީކުރެއްވީ ރަނގަޅަކަށް ނޫނެވެ. ލިޔެލަން މި އުޅެނީ މިއަދުގެ ތަރައްޤީވެފައިވާ މުޖުތަމަޢުގައި ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ކޮށްގެން ދަރިންނަށް ތަރުބިއްޔަތު ދެވިދާނެ ގޮތްތަކެކެވެ. މިދިވެހިރާއްޖެއަކީވެސް ޤުދުރަތީ ވަޞީލަތްތައް ގިނަ ޤައުމެއްކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހެއެވެ.

 
ދިވެހިރާއްޖޭގައި މަޝްހޫރު މުޤައްރިރެއްކަމުގައިވާ އަދި އަދީބެއް ކަމުގައިވާ އަލްމަރުޚޫމް ބަގީޗާގޭ އިބްރާހިމް ޝިހާބު 23 އޭޕްރީލް 1978 ގައި " ކުދީންތަރުބިއްޔަތު ކުރާނީ ކިހިނެއް" މިނަމުގައި އުގަނައި ދެއްވުމުގެ އުސްތާޛެއްކަމުގައިވާ އަލް މަރުޚޫމް މާދޫގޭ އަލީ އަޙްމަދު ލިޔުއްވެވި ފޮތަކަށް ދެއްވައިފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
 
" މީގެ ވިއްސަކައް އަހަރުކުރިއާއި ތަފާތުކޮށް ތިމާމެންގެ ދަރީންނަށް ތަރުބިއްޔަތު ދޭންވެއްޖެ ކަމުގައި މާލޭގެ ގިނަ ރަށްވެހީންނާއި  ރާއްޖެތެރޭގައިވެސް ބަޔަކު މިހާރު ޤަބޫލުކުރާކަމުގައި އަޅުގަނޑު ދެކެމެވެ. އެކަމަކު ވަރަށް ހިތާމަޔާ އެކު އަޅުގަނޑު ދަންނަވާނީ ރަގަޅު ތަރުބިއްޔަތެއް ކުރުމުގެ މައްޗަށް އަޅުގަނޑުމެންގެ ސަމާލުކަން އެކަށީގެންވާ މިންވަރަކަށް އަދިވެސް ނުދެވޭ ކަމުގައެވެ.  .ޝައްކެއްވެސްނެތެވެ.ކުރިއަށްދާ ކޮންމެ ޤައުމެއްގެ ލީޑަރަކު އެއްމެ ހާއްޞަ ސަމާލުކަމެއް ދޭއްވާނޭ އެއްމެބޮޑު މައުޟޫއަކީ އެއެވެ.  ވީއިރު ދިވެހި ޤައުމުގައި ތަރުބިއްޔަތަށް ދޭއްޖެހިފައިވާ އަހްމިއްޔަތާއި މެދަކު ބަހުސެއްނެތެވެ. އެއީހުރިހާ ފެންވަރެއްގައި ދިވެހީންގެ ކުރިމަތީގައި އޮތް އެންމެބޮޑު މައްސަލައެވެ. ރާއްޖޭގެ ދީނާއި ޤައުމުގެ މިނިވަން ކަމުގެ ސަލާމަތްކަން އެއާއި ގުޅިފައިވާ ދިފާއުގެ ކިއްލާއެވެ. "
 
ތަރުބިއްޔަތަކީ، ހުރިހާ ފެންވަރެއްގައި ދިވެހީންގެ ކުރިމަތީގައި އޮތް އެންމެބޮޑު މައްސަލަ ކަމުގައި މިފަދަ ބޭފުޅުން ބަޔާންކޮށްލުމުން އެނގިހާމަ ވަނީ އަޅުގަނޑުމެން ގެ ކާބަފައިން މިކަމަށް ދެއްވި އަޙައްމިއްޔަތެވެ.
 
1978 ވަނަ އަހަރުގެ ކުރީކޮޅު އަލްމަރުޚޫމް ޢަލީ އަޙުމަދު ލިއުއްވެވީ [ކުދިންތަރުބިއްޔަތު ކުރާނީ ކިހިނެއް؟] މިފޮތުގައި ބަޔާން ކުރައްވާފައިވެއެވެ. " ޤައުމުގެ ދަރީންނަށް ތަޢުލީމްދީ ތަރުބިއްޔަތުކުރުމަކީ ޤައުމު ޢިމާރާތްކުރުމެވެ. މިއާ ޚިލާފަށް ކަންތައް ކުރެވިއްޖެނަމަ ޤައުމު ބަރުބާދު ކުރެވުނީއެވެ  ."
 
އެހެންކަމުން، އަޅުގަނޑުމެންގެ މި ޤައުމު ބަރުބާދުކުރަން ބޭނުންނުވާ ނަމަ، މި ދެންނެވުނު ތަރުބިއްޔަތު ދަރީންނަށް ފޯރުކޮށްދޭންޖެހެއެވެ.
 
 މާލެއާއި ރާއްޖެތެރޭގައި ބައެއް މަދަރުސާ އާއި ސްކޫލުތަކުގައިވެސް އެދެވޭ ރަގަޅު ގޮތެއްގައި ކުދީންނަށް ތަޢުލީމު ދެމުން އެބަގެންދެވެއެވެ. ވީމާ މިއަދު ދިވެހި މައިންބަފައިންނާއި ބެލެނިވެރީންގެ އަތްމަތީގައި އޮތީ ހަމައެކަނި ތަރުބިއްޔަތެވެ.
 
ކުދީންނަށް ލިބެމުންދާ ތަޢުލީމާއި އެއްގޮތަށް ކުދީންގެ ޢަމަލުތައް ހާނުވައި އިސްލާޙުކުރުވައި އެކުދީންނަކީ މާތް އަޚްލާޤެއްގެ ފަޚުރުވެރި ވަޒަންދެކެ ލޯބިވާ ފުރިހަމަ ދިވެހި ދަރީންނަށް ހެދުމެވެ.  ތަރުބިއްޔަތެއްނެތި ތަޢުލީމުދިނުމަކީ މޮޔައަކު އަތަށް ކަނޑިއެއް ދިނުން ފަދަ ކަމެކެވެ.  ކަންމިހެންހުރިއިރު މައިންބަފައިންނާއި ބެލެނިވެރީން އެބައިމީހުންގެ ދަރީން ތަރުބިއްޔަތުކޮށް ބޮޑުކުރުމުގެ އުދަނގޫ އަދި ބޮޑު މަސްއޫލިއްޔަތު ފިސާރިކެރި ތިބެގެން ރަނގަޅަށް ކޮނޑުގައި އަޅަންވާނެއެވެ. ފަހަރެއްގައިވެސް މި މުހިއްމު މަސްއޫލިއްޔަތު ފަރުވާކުޑަ ކޮށްގެން ނުވާނެއެވެ. ( އަލް މަރުޚޫމް ޢަލީ އަޙުމަދު ) ދުރުއްސަލް އަޚްލާޤް ގެ މުހިއްމު ކަމުގެ ވާހަކަ ބަޔާންކޮށްދެއްވުމުގެ ގޮތުން ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ބަތޮލު އަދި އިނގެރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ވިންސްޓަން ޗާރޗިލް ވިދާޅުވެފައިބާ ބަސްކޮޅު އަޅުގަނޑުމެންނަށް ހަދާންކޮށްދިނެވެ.
 
" ޔުނިވަރ ސިޓީ އެއްގެ ފުރަތަމަ ވާޖިބަކީ ހިކުމަތްތެރިކަން ކިޔަވައިދިނުމެވެ." މަސައްކަތްތެރިކަމެއް ނޫނެވެ.  އަޚުލާޤް ކިޔަވއި ދިނުމަވެ. ފަންނީކަންކަމެއް ނޫނެވެ."
 
އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާރސިޓީގެ ރައީސް ހަފްލާއެއްގައި ތަޤްރީރުކުރައްވަމުން ވިދާޅުވެފައި ވެއެވެ. މިއަދު ޔުނިވާރސިޓީތަކުން ނެރެމުންގެންދާނީ ހުނަރުވެރި ބާރބޭރިއަންސް ( ތަޅާފޮޅާ ހަމަނުޖެހުން ފަތުރާމީހުން ) އެވެ. ސަބަބަކީ ޒުވާނުންނަށް އަޚްލާޤީގޮތުން އަޅުގަނޑުމެންނަކަށް އަސާސީ މިންގަޑުތަކެއް ފޯރުވައެއްނުދެވެއެވެ.  އެހެންކަމުން އެބައިމީހުން މިއަދު މި ކަންކަން ދަނީ އަލުން އޮޅުންފިލުވަމުންނެވެ.
 
 އެމެރިކާގެ އެއްވަނަ ޔުނިވާރސިޓި ކަމުގައި ބެލެވޭ ހަވާރޑް ޔުނިވާރސިޓީ ގެ ފަރާތުން ހަދާފައިވާ ދިރާސާއެއްގައި ބަޔާންކޮށްފައިވާ ގޮތުން އެމެރިކާގައި ވަޒީފާދިނުމަށް މީހުންހޮވުމުގައި މީހުންގެ މިޒާޖާއި އުޅުން ހުރިނެތްގޮތް ބަލާ 85 ޕަރސެންޓް މާރކްސް ދެއެވެ. ދަސްކޮށްފައިވާ ކަންކަމަށާއި އުގެނިފައިވާ ހިސާބުތަކާއި ހުތްޖަތްތަކަށް މާރކްސް ދެނީ 15 ޕަރސެންޓް އެވެ.
 
ވުމާއެކު، ދަރިންގެ ތަރުބިއްޔަތަށް ހާއްޞަ ސަމާލުކަމެއްދީގެން، ބެލެނިވެރިން ދަރިންނަށް ފުރިހަމަ ތަރުބިއްޔަތެއް ދޭންޖެހެއެވެ. މިކަން ކުރުމުގައި ހިކުމަތްތެރިކަމާއެކު ތިރީގައި މިވާ ގޮތްތައް ބޭނުންކުރެވިދާނެކަމަށް ފެނެއެވެ. މިއީ ދަރިންތަރުބިއްޔަތު ކުރުމުގައި ބޭނުންކުރެވިދާނެ ބައެއް ޒަމާނީ ގޮތްތަކެވެ.
 
 .  އަމުރުނުކޮށް ގަދަބާރުކަން ނުދައްކާ ވާހަކަދައްކައިގެން
  . ވިސްނާދީގެން އުޅުން އިސްލާހުކުރުން
 
  . ބިރުނުދައްކައި މަޖުބޫރުނުކޮށް ބަސްއަހަން ދަސްކޮށްދިނުން
 
  . މައިންބަފައިން ދަރިންނަށް ވެވުނު ވަރަކުން ގިނަވަގުތު ދީ އެކުވެރިއެއްގެ ގޮތުގައި ވާހަކަދެއްކުން
 
  . ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އަނިޔާއެއް ލިބޭނެ އެއްވެސް ގޮތަކަށް އަމަލެއް ނުކުރުން
 
  . ބަސްނާހާ ސަމާލްކަން ނުދޭނަމަ ބޭނުންވާ ކަންކަން ނުކޮށްދީ އިސްލާހުވޭތޯ ބެލުން
 
  . ކާންށާއި ބޯންނުދީ ނުވަތަ ނިދިޔަނުދީ ގެއިންބޭރުކޮށް ހެދުންފަދަ ޒަމާނާއި ނުގުޅޭ އަދަބުތައް ނުދިނުން
 
  . ދަރީންނާއި ސުވާލުކޮށް ކަންކަން ބަލަމުން ގެންދިއުން
 
  . މާބޮޑަށް ރުޅިއައިސްފައި ވާނަމަ މީހާ ހަމަޖެހެންދެން ދަރީންނާއި މުޢާމަލާތުނުކޮށް ކެއްތެރިވުން
 
  . ރޭގަނޑުވަގުތުގައި އިބްރަތްތެރި ވާހަކަ ކިޔައިދީ ކުދިންގެ މިޒާޖު ރަގަޅުކޮށް ހިތްވަރުގަދަ ކުރެވޭތޯ ބެލުން
 
  . މައިންބަފައިންނަށް ސަމާލުކަން ނުދޭނަމަ އާޢިލާގެ ގަދަރުވެރި މީހަކާ ނުވަތަ އަވަށުގެ ގަދަރުވެރި މީހަކާއި އެދަރިފުޅުގުޅުވާ ވާހަކަ ދެކެވޭތޯބެލުން
 
.  ސްކޫލްގެ ކުރީގެ ރަގަޅުދަރިވަރުން ނުވަތަ ގަދަރުވެރި ޓީޗަރުންގެ އެހީ ހޯދައި ދަރިފުޅަށް ވިސްނައިދެވޭތޯ ބެލުން
 
.  ދަރިފުޅު ރަގަޅުކަމެއް ކޮށްފިނަމަ އެކަންފާހަގަކޮށް ތަޢުރީފް ކުރުން އަދި ހަދިޔާދިނުން
 
.  ދަރިންތަރުބިއްޔަތު ކުރުމަކީ މައަދު މަސްބޭނުން ފަދަކަމކަށް ވާހިނދު ކެއްތެރިވެ ހިކުމަތްތެރިވުން
 
.  ދަރިފުޅުގެ ލޯބި ލިބޭނެކަހަލަގެ ވަގުތުތަކުގައި، މިސާލަކަށް ބަލިވެ އުޅޭނަމަ ބޮޑަށް ފަރުވާތެރިވެ އަޅާލުން
 
.  ދަރިފުޅު ދޮންފުތުނުކުރުން
 
.  އެހެންކުދީންނާއި ޖެހޭ މައްސަލަތަކުގައި ކަމުގެ ދެކޮޅުނުބަލައި ދަރިފުޅު ދިފާއުކޮށް އޭނާއަށް އަޑުއިވޭގޮތަށް އެހެންކުދީން ނުބައި މިސްނުކުރުން
 
.  ދަރިފުޅުގެ އުޅުން ބަހައްޓާގޮތް ފާރަވެރިވެ ފަރުވާތެރިކަމާއި އެކު އަބަދުވެސް ބަލަމުން ގެންދިއުން އަދި ކަންބޮޑުވާކަހަލަ ލިޝާންތައް ފެންނަނަމަ ވަގުތުން ފިޔަވަޅު އެޅުން
 
.  ކުދިންގެ ރޫހާނިއްޔަތު ވަރުގަދަކުރުމަށް އަޚްލާޤީ ސިފަތައް ކުޑައިރުއްސުރެން އަންގައި ދީންވެރި ކުރުން
 
.  އަދަބުވެރިވުމަށާއި، ހެޔޮވިސްނުންގެންގުޅުމަށާއި ،އިޖްތިމާޢީ އަދަބުތަކުގެ މަތީން ދަރިވަރުންނަށް ހަދާންކޮށްދީހެދުން
 
.  ދަރީންގެ ކުރިމަތީގައި ޒުވާބުކޮށް ހަޑީހުތުރު ބަސްތައް ބޭނުންނުކުރުން
 
.  ދަރީންގިނަވަގުތުގައި ބޭރުގައި ނޫޅޭނޭގޮތެއް ހެދޭތޯބަލައި ގޭތެރޭގައި ނުވަތަ އިތުބާރު ކުރެވޭ ގެތަކުގައި ކަންކަމާއި މަސްޢޫލުވެ އުޅެވޭގޮތަށް ހެދުން
 
.  ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އަލާމަތްތައް ހެޔެގޮތުގައި ބޭނުންކުރަން ދަރީންނަށް ދަސްކޮށްދިނުން
 
.  ކުދިން ފުރާ އުމުރަށް އަޅާލުމުން ދިރިއުޅުމުގެ އެކިކަންކަމުގެ ވާހަކަ ދައްކާލާ ކުދިންނަށް ކަންކަން އޮޅުން ފިލުވައިދިނުން
 
.  މައިންބަފައިނަނަށް ޖިންސީ އަދި އިސްޤީ ކަންކަމުގައި ވާހަކަ ދައްކަން ނުކެރޭނަމަ އިތުބާރު ކުރެވޭ އަދި އެކުދިންނާއި ވެސް ފަރިތަ މީހަކު ލައްވާ މިކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުން
 
.  ކަންކަމުގައި ރުޅި އިސްނުކޮށް އާދޭހުގެ ބީދައިން ތަކުރާރުކޮށް މުނާސަބަތު ވަގުތު ތަކުގައި ދަރީންނާއި ވާހަކަދެއްކުން
 
.  ކުދީންނަށް އިތުބާރު ކުރެވެންދެން ފައިސާ އާއި އަގުބޮޑެތި ތަކެތި ނުދިނުން
 
.  ގޭތެރޭގެ ދިރި އުޅުމުގައި ކުއްޖެއްގެ އުމުރާއި ނުގުޅޭ އަޑުތަކާއި ކަންކަން ނުފެއްނަ ގޮތެއްގެ މަތިޏް އަމަލުކުރަމުން ގެންދިއުން
 
.  އޮޅިގެންވެސް އަނިޔާވާގޮތަށް ޖަހާނެހެދުން އަދި ލަދުހަޔާތް ކެނޑޭގޮތަށް ރައްދުދީ ޒުވާބުނުކުރުން
 
.  ދަރިންގެ އުގެނުމުގެ ގާބިލްކަން ހުރިމިންވަރު ދެނެގަނެ އެކުއްޖެއްގެ ނެތްފެންވަރުން ނުވަތަ އޮބިނޯންނަވަރުން  ކިޔަވައިދޭން ނޫޅުން
ދުވާލަކު ދަރިވަރަކަށް އޮންނާނީ އެވްރެޖްކޮށް 8 ގަޑިއިރު ކިޔެވުމަށް ކަމުގައި ވާތީ މިއަށްވުރެން ގިނަވަގުތު ކިޔެވުމަށް ގަދަބާރު ނާޅައި ހެޔޮވިސްނުން ގެންގުޅުން
 
 . ކުޑައިރުއްސުރެން ދަރީން ލައްވާ މަސައްކަތްކުރުވާ އަމިއްލައަށް ކަންކަން ކުރުމަށް ހޭނުން
 
.  މަޢުލޫމާތާއި އަމަލީ ތަޖުރިބާލިބޭ ކަހަލަ ތަންތަނަށް ދަރިފުޅުގެންގޮސް އެތަންތަން ދައްކާލައި އަދި މަޢުލޫމާތް ތަނަވަސް އުޅުންހުރި މީހުން ކައިރިއަށް ގެންގޮސް ވާހަކަ ދައްކައި ހެދުން
 
.   ދަރިފުޅުގެ ފިލާވަޅުތައް ބަލާހަދައި ވީވަރަކުން ފިލާވަޅުތައް ދަސްކުރުމުގައި އެހީތެރިވެދީ ރަގަޅު އާދަތައް ދަސްކޮށްދިނުން
 
.  މައިންބަފައިން ނަމޫނާ ބަޔަކަށްވެ ބޮޑުސޮބު އެބުރޭގޮތަށް ކުދިސޯބު އެނބުރޭގޮތްވޭތޯ ބަލައި މަސައްކަތްކުރުން
 
މި ލިސްޓް ދިގުވުމުން ހާމަވެގެންދަނީ ބެލެނިވެރިންގެ ހައިޞިއްޔަތުން އުފުލަންޖެހޭ ޒިންމާތަކުގެ ފުރިހަމަކަމާއި ބޮޑުކަމެވެ. މިހެންކަމުން، ބަދަލުވެފައިވާ މި މުޖުތަމަޢުގައި އަދި އަވަސް ދުވެލީގައި ބަދަލުވަމުންއަންނަ މި މުޖުތަމަޢުގައި "ތަރުބިއްޔަތަށް" ހާއްޞަ ސަމާލުކަމެއް ނުދީ ތިބެވޭކަށެއް ނެތެވެ. ގުޅިލާމެހިފައިވާ ދުނިޔެއެއްގައި މީހާ ހަމަމަގަށް އަޅުވާ އެންމެ މުހިއްމު އެއްޗަކީ އޭނާގެ އަހުލާޤީ ހަރުދަނާ ސިފަތަކެވެ. އެއާ އެކުއެކީގައި ސިކުނޑީގެ ތަރައްޤީ ކަމެވެ. ޤައުމަށް ހެޔޮ ބަދަލުގެންނަށް ބޭނުންނަމަ، މި ދެންނެވުނު ގޮތަށް ދަރީންތަރުބިއްޔަތުކުރައްވާށެވެ. ޖީލުތައް ބިނާކުރަންވީ، ސިޔާސީ ވިސްނުމަށްވުރެން ބޮޑަށް ޤައުމިއްޔަތާއި އިސްލާމީ ޞަޙުސްގެ ވިސްނުން އިސްކޮށް މިދިވެހި ދަޢުލަތުގެ މިންވަންކަން ދެމެހެއްޓުމަށްޓަކައެވެ.