ކަލާގެ ދުނިޔެ - އަޅާގެ ޙަޔާތް

 
ހަސަން ޒާހިރު ޢަބްދުއްރަޝީދު


މަލާ  ގުލްޝަންގެ  ރަނިކަން   ލިބިފަވާ  ފަރި  ރީތި  މަލަކީތީ

މަލާ   މިކޮކާ    ވުޖޫދަށް    އައުމުގައިވާ    ސަބަބަކީވެސްތީ

މަހެއް   ގޮތުގައިވިނަމަ  އެދެނީ    ތިފެންކޯރުގެ   ތެރޭލެއްވުން

ލަހެއްނެތި ހޯދުމަށް  ގެދޮރެއް  ދުވުނު  ހިނދު  ފެނުނު ގަލަކީތީ

ފަލަކުގައި   ފިޔަ   ޖަހާތިބިތިބި  އެތައް   ޗާލޫވި  ތަރިތަކަކުން

ނަޒަރު  ހުއްޓާލެވުނު   ބެބުޅުންވި   އަލިގަދަ   ތަރިއަކީވެސްތީ

ޒަމާން އެތަކެއް ވެ  ދިޔައިރުވެސް  ކަލާ ދުރުކޮށްލެވެން  ނެތުމުން

ދަމާބާރެއް      އުފެދިފައިވާ      ދަގަތްފާނެއް    ކަލާހަމަތީ

ދުވާލު   ގަޑީ     މިނޫއުޑުގައި   ލެވޭ    ފޭރާމަކީ   ބަލަތީ

ދުވާ  އެކިއެކި   ކުލައިން   ޒީނަތްކުރާ  [ކުލައުޑް] އަކީވެސްތީ

ހިތަށް ފިނިކަން ލިބޭ ހިތްގައިމު  ފޮނި   އެކި   މިއުޒިކީ ރާގުން

މިތަންވަލުވެސް    ގޮވާލާތޯ    އެދޭ     ފަރި   ޢަންދަލީބޭތީ

ދެވޭނުދެވޭ   މިނޭނގޭ   އަނދިރި    ރޭތައްވެސް   އަމާންކޮށް

ދެވޭ  ރިހިއަލިތަކުން   މަގުވެސް  ކޮށަން ފަހިކޮށްލި  ހަނދަކީތީ

އަމާޒުގެ  މަންޒިލަށް ދިއުމަށް  ހަޔާތުގެ  ފުންމިކަނޑުގައި   އޮޑި

އާމާން  ދަތުރެއް   ލިބެންފަހިކޮށް  ޖެހޭ  ފައްސިޔަ  ވައޭ ބަލަތީ

އަޅާގެ  ޙަޔާތް  ވަނީ   ތިޔަ   ލޯބިވެތި   ޔާރާގެ   ދުނިޔޭގައި

ފަޅާލިޔަކަސް   އަތުން    ބީވުން    އެނޭދޭ   މާތް  ޖާހިރުތީ