ހިޓްލަރ : 20 ވަނަ ޤަރުނުގެ އަނިޔާވެރިޔާ

 
            ޢަލީ އަޙްމަދު
 
20 އޭޕްރީލް 1889 ގައި އެޑޯލްފް އެލުއިސް ހިޓްލަރ އުފަންވީ އޮސްޓްރިއާގެ ބްރަނާއު ކިޔާ އަވަށެއްގެ ފަޤީރު ޢާއިލާ އަކަށެވެ. އޭނާގެ ބައްޕަ އެލުއިސް ހިޓްލަރއަކީ، ކަސްޓަމް ދާއިރާގެ މަސްއޫލުވެރިއެކެވެ. މަންމަ ޝިކްލްގްރޫބަރ ނުވަތަ ކްލާރާ އަކީ ރަށްފުށުގެ ނިކަމެއްޗެކެވެ.
ހިޓްލަރގެ ޢުމުރުގެ ކުރީކޮޅު ހޭދަކުރަންޖެހުނީ ރަށްފުށުގެ ދަތި އުނދަގޫ ދިރިއުޅުމުގެ ތެރޭގައެވެ. އޭނާގެ ޢުމުރުން 13 އަހަރުގައި، އޭނާގެ ބައްޕަ މިދުނިޔެ ދޫކުރީ އާދަޔާއި ޚިލާފު ކުއްލި މަރެއްގައެވެ. ހިޓްލަރގެ ޢުމުރުން 18 އަހަރުގައި، ކެންސަރު ބަލީގައި، މަންމަވެސް ނިޔާވިއެވެ.
ޖަރުމަނަށް ހިޓްލަރ ހިޖުރަކޮށްފައިވަނީ 1913 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު، އެތާގެ ޚާރިޖީ ސިޔާސަތާއިމެދު، ފާޑުކިޔަން ފެށިއެވެ. ޖަރުމަނާއި އިޓަލީއާއި، ހަންގޭރިއާއި، އޮސްޓްރިއާގެ ކޯލިޝަންއަކީ ނިކަމެތި، ދެމިނޯންނާނެ ގުޅުމެއްކަމަށް އޭނާ ހާމަކުރިއެވެ. އޭގެ ބަދަލުގައި، ރަޝިޔާއާއި އިނގިރޭސިންނާއި ގުޅުން ބަދަހި ކުރުމަށް، ޖަރުމަނުގެ އިސްވެރިންނަށް އޭނާ ނަޞޭޙަތްތެރިވިއެވެ.
1914 ވަނައަހަރުން 1918 އަށް ކުރެވުނު، ފުރަތަމަ ބޮޑު ހަނގުރާމަ ވެގެންދިޔައީ، ހިޓްލަރ ގެ ޙަޔާތް ބަދަލުކޮށްލި އެންމެ ބޮޑު ސަބަބުކަމުގައެވެ. މިހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ ސިފައިންގެތެރެއިން އޭނާއަށް ޖާގަލިބުނެވެ. އަދި 1914 ވަނަ އަހަރު، ފުރަތަމަ ފަހަރަށް ޝަރަފުވެރިކަމުގެ މެޑެއްޔެއް އޭނާގެ ކަރުގައި އެޅުވުނެވެ. ސިފައިންގެ ޚިދުމަތްވީ ހިޓްލަރަށް ހިތްހަމަޖެހުން ލިއްބައިދިން ޚިދުމަތެއްކަމުގައެވެ.
1919 ވަނަ އަހަރު، ޖަރުމަނުގެ ލޭބަރ ޕާރޓީގެ މެންބަރަކަށް ވުމުގެ ނަޞީބު ހިޓްލަރަށް ލިބުނެވެ. މާގިނަ ދުވަހެއްނުވެ، ޕާރޓީގެ ވެރިއަކަށް އޭނާ އިސްކުރެވުނެވެ. އެންމެ ދެ އަހަރުގެ ތެރޭގައި މިކުޑަކުޑަ ޕާރޓީ، ނަން މަޝްހޫރު ޕާރޓީއަކަށް ބަދަލުކޮށްލިއެވެ. އަދި ޕާރޓީގެ ނަމަށް ނެޝަނަލް ސޯޝަލިސްޓު އިތުރުކުރެވުނެވެ. މިގޮތުން މިޕާރޓީއަށް ކިޔުނު ފުރިހަމަ ނަމަކީ، ނެޝަނަލް ސޯޝަލިސްޓް ޖަރމަން ވޯރކާރސް ޕާރޓީއެވެ. މިޕާރޓީއަށް ގެ ނަން ކުރުކޮށް މަޝްހޫރުވެފައިވަނީ ނާޒީގެ ނަމުންނެވެ. ހިޓްލަރގެ ޒަޢާމަތުގެ ދަށުގައި ޕާރޓީއަށް ވަންނަން ބޭނުންވާ މީހުންގެ ޢަދަދު، ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔައެވެ.
ބިއަރ ހޯލްގައި ގެންނަން މަސައްކަތްކުރި، ޢަސްކަރީ އިންޤިލާބު ނާކާމިޔާބުވެ ޚިޔާނާތުގެ ތުހުމަތުގައި، ހިޓްލަރ ޖަލަށްލެވުނެވެ.1924  ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ހިޓްލަރާއި އޭނާއާއިއެކު އިންޤިލާބުގައި ބައިވެރިވި ކޮމާންޑަރުންގެ ޝަރީޢަތް އޮތެވެ. ޝަރީޢަތް ނިމުނީ 5 އަހަރަށް ހިޓްލަރ ޖަލަށްލުމަށް ޙުކުމްކުރެވިގެންނެވެ. ނަމަވެސް 8 މަހާއި ކުޑަދުވަސްކޮޅަކަށްފަހު، އޭނާ ޖަލުން މިނިވަންކުރެވުނެވެ.
ޖަލުން މިނިވަންވުމަށްފަހު، ޖަރުމަނުގައި އޭރު އޮތް ވެރިކަމާއި ދެކޮޅަށް، އޭނާގެ ބަސްތައް ގަދަފަދަ ވަމުންދިޔައެވެ. އޭރުގެ ޖަރުމަނަކީ ޖުމްހޫރިއްޔަތެއް ނުވަތަ ޑިމޮކްރެސީއެއް ނޫންކަމަށާއި، '' ޔަހޫދީ އޫރުންގެ'' ބާރުގެ ދަށުގައިވާ ދައުލަތެއް ކަމަށް އޭނާ ބުނެފައިވެއެވެ. 1920ވަނަ އަހަރުގެ ތެރޭގައި، ނާޒީންނާއި ކޮމިއުނިސްޓުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި، ދެފަރާތުގެ އެތައް ބަޔަކު ނެތި ފަނާވެދިޔައެވެ. 1930 ވަނަ އަހަރުގެ ޢާއްމު އިންތިޚާބަށްފަހު، ހިޓްލަރގެ ޕާރޓީގެ ކާމިޔާބީތަކުގެ މަރުޙަލާތައް ފެށުނެވެ. އޭގެ ދެއަހަރު ފަހުން، ޖަރުމަނުގެ އެންމެ ކާމިޔާބު ޕާރޓީއަކަށް، މިޕާރޓީ ވެގެންދިޔައެވެ.
ހިޓްލަރ ވެގެންދިޔައީ، ޔަހޫދީންނަށް ވަރަށް ބޮޑަށް ނަފުރަތު ކުރާ މީހަކަށެވެ. އޭނާގެ ނަޒަރުގައި ޖަރުމަނަށް ކުރިމަތިވި ހުރިހާ ނިކަމެތިކަމަކާއި މުޞީބާތްތަކުގެ އަޞްލަކީ ޔަހޫދީންނެވެ.އަދި ޔަހޫދީންނަކީ ޚިޔާނާތްތެރި، ތެދުވެރިކަމެއް ނެތް ބައެއް ކަމުގައިވެސް އޭނާ ސިފަކުރަމުންދިޔައެވެ. އެމީހުންނަކީ ގޮތްކުޑަ، ދަށް ފަންތީގެ ބައެއްކަމަށާއި، އިންސާނީ ދަރިފަސްކޮޅުގެ ދުޝްމިނުންތަކެއް ކަމަށްވެސް، އޭނާ ހާމަކޮށްފައިވެއެވެ. ''ޔަހޫދީއެއްގެ ލޭއޮހޮރުވާލައިފިނަމަ، ކަންތައްތައް ކުރިއަށްވުރެ ދެގުނައަށް އިޞްލާޙުވާނެ'' ހިޓްލަރު ބުނެފައިވެއެވެ.
މަސީޙީންނަކީވެސް، އޭނާގެ ގާތުގައި މާމަޤުބޫލު ބަޔަކަށް ނުވިއެވެ. އޭނާ ދުށް ގޮތުގައި، ކްރިސްޓިއަނިޓީއަކީ، ޔަހޫދީންގެ މެދުން އުފެދިފައިވާ، ނިކަމެތި ތާކުންތާކު ނުޖެހޭ ދީނެކެވެ. އަދި އެދީން ބިނާވެފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫންކަމަށްވެސް އޭނާ ދެކެފައިވެއެވެ.
1 ސެޕްޓެމްބަރ 1939 ގައި،ހިޓްލަރ މުޅި ދުނިޔެއާއި ދެކޮޅަށް ހަނގުރާމަ އިޢްލާނުކުރިއެވެ. 1941ގެ ޖޫންގައި ރަޝިޔާއަށް އޭނާ ޙަމަލާދިނެވެ. އަދި ހަމަ އެއަހަރުގެ ޑިސެމްބަރުގައި، އެމެރިކާއަށް ވެސް އޭނާ ޙަމަލާދީފައިވެއެވެ.
ހިޓްލަރގެ ހަނގުރާމަތަކާއި، މީހުންނާއި މެދު މުޢާމަލާތްކޮށްފައިވާގޮތަށް ބަލާއިރު، 20 ވަނަ ޤަރުނުގައި ދުނިޔެ ދުށް އެންމެ ހަރުކަށި އިންސާނާގެ ގޮތުގައި، އޭނާ ސިފަކުރެވެއެވެ. އޭނާގެ ކޭމްޕު ތަކުގައި ގާތްގަނޑަކަށް 12 މިލިއަނަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ބެލެވެއެވެ. އަދި މީސްމީހުންނަށް އަނިޔާދިނުމަށްޓަކައި، އެންމެ އަނިޔާވެރި ގޮތްގޮތަށް މީހުންމަރާނެ ލަފާދޭ ޑޮކްޓަރުންވެސް އޭނާ ގެންގުޅެފައިވެއެވެ. ހިޓްލަރގެ އަނިޔާވެރިކަމުގެ ތެރެއިން، އެންމެ އަނިޔާވެރިގޮތެއްގައި މީހުން މެރުމުގެ ޢަމަލުކަމުގައި ބެލެވެނީ، މަޢްދަން ޗެމްބަރ ތަކަށް މީހުން އަޅައި އަންދާލުމެވެ. މިކަމަށް ކިޔައިއުޅެނީ ހޮލޯކާސްޓުއެވެ.
ހިޓްލަރގެ އަނިޔާވެރިކަމާއި ހަރުކަށިކަން، ގުޅިފައިވަނީ، އޭނާގެ ޅަފުރައިގެ ދުވަސްތަކުގައި، ތަޙައްމަލުކުރަން ޖެހުނު، އަނިޔާވެރިކަމުން އޭނާއަށް އައިސްފައިވާ ނަފުސާނީ ބަދަލުތަކާއި ކަމަށް ބައެއް މީހުންދެކެއެވެ.
1945 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 30 ވަނަ ދުވަހު، ހިޓްލަރ ދުނިޔެދޫކޮށްފައިވަނީ، އޭނާގެ ބޮލަށް ބަޑިޖަހައި، އަމިއްލައަށް މަރުވެގެންކަމަށް، ގިނަ މުއައްރިޚުން ހާމަކުރެއެވެ.