އަސަރަކާ އަދި ފޮނިކަމެއް، އެކިބަސްބަހުން ހަމަ ފެނުނަކަސް، އަސަރުގަދަ އަދި އެންމެ ފޮނިބަހަކީ، މަށަށް މި ދިވެހިބަހޭ

މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު (އޯކިޑް)
 
[ބިންނާކަށެއް އެހެން މަލެއް ބޭނުން މިއަދު ނެތޭ        ފެންދީގެނެއް  އެހެން ގަހެއް، ހައްދާ ހިތެއް ނެތޭ
ލޯގޮސް މަގޭ އެކަރުގަނޑަށް ހިންގާލި  ވޭލައިން،        ލޯބިން  ފުރާކަށެއް  ހިތެއްގައި  ތަންފުކެއް ނެތޭ
ފުރިހަމަކަމާއެކީ  އެހައި   ފަރިވާއިރުން  އެމާ،        ވެރިޔާކަމަށް ޙުކުމް  ކުރާ، ވާހިތް  ވަކިން ނެތޭ]
 
ހިތުންނާއި ދުލުން، އަޅުގަނޑު ޢިއުތިރާފުވަމެވެ. ޢަމަލާއި ބަސް، އަޅުގަނޑު އެއްގޮތް ކުރަމެވެ. އަޅުގަނޑު ވަކީން ބޮޑަށް [ގެއްލޭ] ހިތްވާ ދެވަނަ ޤުލްޝަނެއް ނެތެވެ. އެންމެ ބޮޑަށް، ހެއްދޭތޯ މަސައްކަތްކުރާ ހިތްވަނީ އެނަލަ ރީތި ގަހެވެ. އަޅުގަނޑު އަޅުގަނޑުގެ ހިތަށް ޞަރީޙަ އުފަލެއް ލިއްބައިދެނީ އެ މަލުގެ އަސަރުންނެވެ. ސަބަބަކީ، ސިއްރަކީ، [ލޯގޮސް މަގޭ، އެކަރުގަނޑަށް، ހިންގާލި ވޭލައިން] އަޅުގަނޑުގެ ހިތަށް ކުޅަ އަސަރެއްގެ، މަތިވެރިކަމެވެ. އެމަލަށްޓަކައި އަޅުގަނޑުގެ ހިތުގައި އުހެދުނު ލޯތްބެއްގެ ވަރުގަދަކަމެވެ. ތެދުވެރިކަމެވެ. .............އާދޭހެވެ. ލޯބިން ފުރާނެ އިތުރު ތަންކޮޅެއް، އަޅުގަނޑުގެ ހިތުގައި ނެތިއްޖެވެ.

 
ޝައްކެއް ވަސްވާހެއް ނެތެވެ. މި ޝުޢޫރަކީ، އަޅުގަނޑުގެ ހިތުގައި އެކަނި އުފެދިފައިވާ ޝުޢޫރެއް ނޫނެވެ. .....................[ ފުރިހަމަކަމާއެކީ އެހައި، ފަރިވާއިރުން އެމާ] އެމަލުގެ [ވެރިޔާކަމަށް ޙުކުމް ކުރާ] ހިތް ނުވަނީ ކޮން ދިވެއްސެއްތޯއެވެ؟ އަސަރުކުރުމުގެ ޙިއްސުގެ ނަރުފަށްތްކަށް............
 
އުހަލާއި ހިތްހަމަޖެހުމާއެކު، އަޅުގަނޑުގެ ޤަލަމް މިއަދު މިނެގީ، ދިވެހިބަހަށް ލިބުނު މަތިވެރި ފަޚުރަކަށްޓަކައި، ބަހުގެ އަހުލުވެރީންނަށް މުބާރިކްބާދު އަދާކުޅައުމަށެވެ. ބަހަށް ފަހިކަމާއި، ފާގަތިކަން، އެދުމުގެ މަތިވެރި ނިއަތުގައެވެ.
 
އާދޭހެވެ! ސިލޯނުގެ ކޮލެޖުތަކުގައި، މިހާރަށް އޮންނަ އެންމެމަތީ އިމްތިޙާނުގެ ޚާއްޞަ މާއްދާއެއްގެ ދަރަޖަ، ދިވެހިބަހަށް ލިބިއްޖެވެ. ................ ދެންނެވުމުގެ ބޭނުމެއް ނެތްފަދައިން، ދިވެހި ޠާލިބާއިންނާއި ޠާލިބުންނަށް، އެކަންޏެވެ. ޝަރަފަކީ ދެތިން އަހަރެއް ކުރީން، އެއްވެސް ދިވެއްސެއް، ހުވަފެނީ ޖައްވެއްގެ ތެރެއިން ނަމަވެސް ނުދެކޭނޭ ޝަރަފެއްކަން ކަށަވަރެވެ. ............... ދިވެހިބަހަށް ލިބުނު ފަޚުރުވެރި މަގާމަށްޓަކައި، ޝުކުރުވެރި ގުލްދަސްތާތަކަކުން، އަޅުގަނޑުމެން ވެދުންކުރާން ޖެހިފައިވަނީ ސިލޯނު ސަރުކާރު ހިންގުމަށް އިސްވެތިބި، ދީލަތި ވެރީންނަށެވެ. ދިވެހިބަސް، ބަހަކަށް ހެދީ، އަޅުގަނޑުމެންގެ ލޮބުވެތި، ކާބަފައިންނަށެވެ. ދިވެހިބަހަށް އައުވިދުވަރެއް ދެވޭތޯ، އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާ ވަޠަނުގެ މަދުމީސްކޮޅަކަށެވެ.
 
ތިޔަބޭފުޅުންވެސް އެއްބަސްފުޅުވަނޭ ފަދައިން، ދަނޑިވަޅަކީ، ދިވެހިބަހުގެ މައްޗަށް، ކަޅިހިންގައިލުމަށް، ވަރަށް އެކަށީގެންވާ ދަނޑިވަޅެކެވެ. ........... އަޅުގަނޑު  ގަސްތުކުރަނީ ދެތިން ސުވާލެއް ކޮށްލުމަށެވެ. ........... އެއަށްފަހު ........... އާދެ! އެއަށްފަހު އެސުވާލުތަކުގެ ޖަވާބު ދެވޭތޯ، އަޅުގަނޑު ހިއްމަތްކުރާނަމެވެ.
 
ދިވެހިބަހަކީ ދުނިޔޭގެ ބަސްތަކުގެ ތެރެއިން ކޮން ދަރަޖައެއްގެ ބަހެއްތޯއެވެ؟ ދިވެހިބަހުގެ ފުރިހަމަ ގަވާއިދެއް ވޭތޯއެވެ. ދިވެހިބަސް ބަހަކަށް ހެދީ، ކޮން ބައެއްތޯއެވެ؟ ދިވެހިބަހަށް، އައުވިދުވަރެއް ލިބުމަށްޓަކައި، މެދުވެރިވީ ކޮން ސަބަބުތަކެއްތޯއެވެ؟ ދިވެހިބަހަށް، ސިލޯނު ސަރުކާރުން އެދިނީ، ޙައްޤުވެގެންވާ ދަރަޖައެއްތޯއެވެ؟ ................................
 
ޝައްކެއް ވަސްވާހެއް ނެތެވެ. ބަޙުޘެއްކުރާނެ ތަނެއް ނެތެވެ. ތަޙުލީލީ ދުރުމީތަކެއް އަޅާނޭކަ ބޭނުމެއް ނެތެވެ. އަޅުގަނޑުމެންގެ ޝަރަފާއި ފަޚުރެއްކަމުގައިވާ، ދިވެހި ބަހަކީ، އެތެރެވަރީގެ ބަސްތަކުގެތެރެއިން، ތިޔާގި، އަސަރުގަދަ، ތަނަވަސް ބަހެކެވެ. ބަހުގެ އަސްލަކީ ސާންސްކުރިތުބަހާއި ޕާލީބަހެވެ. ބަހުގެ [އުޚުތު] އަކީ ސިންގަޅަބަހެވެ. ބަހުގެ ފޮނިކަމާއި، ތަނަވަސްކަން، ގަވާއިދުތަކާއި އަސަރުތައް ދިވެހިބަހުގެ ޙައްޤެއްކަމުގައި ހަދަނީ ..................... އާދެ! މަތިވެރި މަގާމެކެވެ. ދިވެހިބަކީ ޢަރަބިބަހާއި ފާރިސީބަސް، ލެޓިންބަހާއި ގުރީކުބަސް ................ އާދެ! މިއިން ބަހަކާއެކު އެއްތިލަފަތުގައި ކީރާލެވޭނޭ  ބަހެއްކަމަށް، އަޅުގަނޑު، ދަޢުވާއެއް ނުކުރަމެވެ. އެއިން ކޮންމެ ބަހަކީ، ޢިލްމުވެރީންގެ، ލޯބިވެރި އަތްތަކުގެ މަތީން، ފަރުވާކުރެވެމުން ތަޖުޖުރިބާކާރުންގެ، އެހީތެރިކަމާއެކު، އެއްހާސް އަހަރަށްވުރެ ގިނަ މުއްދަތެއްގެ ތެރޭގައި، ފުރިހަމަވަމުން އައިސްފައިވާ، ބަހެކެވެ. ޒަމާނީ ބަދަލުތަކާއި ޢިލްމީ ފެނުގެ އަސަރުން، ޒީނާތްތެރި ވެފައިވާ ބަހެކެވެ. ދުނިޔޭގެ ބަސްތަކުގެ ތެރެއިން އެންމެ ފުރިހަމަ، އެންމެ ތަނަވަސް ބަހެކެވެ. އެހެންކަމުން، ދިވެހިބަހާއެކު، އަޅާލުމަށް، ދިވެހިބަހާއެކު ކިރާލުމަށް، މިދެންނެވި ބަސްތަކުގެ ތެރެއިން ބަހެއް، އަޅުގަނޑު ޚިޔާރެއް ނުކުރާނަމެވެ. .................... މިދެންނެވި ތިންހަތަރުބަސް، އިސްތިސްނާ ކުޅައުމަށްފަހު، ދެންހުރި، ދުނިޔޭގެ އެހެންބަސްބަހުގެ ލިސްޓެއްގައި، ދިވެހިބަހަށް ދޭންޖެހޭނީ، މަތިވެރި މަގާމެކެވެ. ފަޚުރުވެރި ދަރަޖައެކެވެ. ..................... އާދެ! ނިސްބަތުން ބަލައިގެނެވެ. އަދި ކީއްތޯއެވެ؟ އެއް ނަޒަރަކުން ބަލާއިރު، ދިވެހި ބަހަކީ، އެހެންހުރިހާ ބަހަކަށްވުރެ މުއްސަނދި ބަހެކެވެ. ލާމަސީލު ބަހެކެވެ. އާދައިގެ ގޮތަށް ވާހަކަދެއްކުމުގައާއި މާތްކޮން، ވާހަކަދެއްކުމުގައި، ދިވެހިބަހުގައިވާ، ފަސޭހަ، ތަފާތުވަނީ ދުނިޔޭގެ ކޮން އެހެން ބަހެއްގައިތޯއެވެ؟
 
އާދެ! ދެން ދިވެހި ބަހުގެ ގަވާއިދުތަކެވެ! ދިވެހިބހަކީ ވަރަށް ހަރުދަނާ، ތަނަވަސް ގަވާއިދުތަކެއްގެ މައްޗަށް ބިނައުވެފައިވާ ބަހެކެވެ. އަޅުގަނޑުގެ މިބަހުގެ ދަލީލަކީ، ހެއްކަކީ ދިވެހިބަހުގެ އިހުޒަމާނުގެ ލިޔުންތެރީންގެ މަތިވެރި ލިޔުންތަކެވެ. ޚާއްޞަކޮށް ރައިވަރުތަކެވެ. ޝައްކެއް ނެތެވެ. ދިވެހިބަސް އެކުލެވިގެންވަނީ ހަރުދަނާ މުއްސަނދި ގަވާއިދުތަކެއްގެ މައްޗަށެވެ. ދިވެހިބަސް ބަހަކަށް ހެދި މީހުންނަށް ޝުކުރުގެ ގުލްދަސްތާއަކުން ހަދިޔާ ކުރުމުގައި ......................... އާދެ! އެންމެ ފުރަތަމައިން، އަޅުގަނޑުމެންނަށް ބަލާލަންޖެހެނީ ޚިޔާލީ ޖައްވެއްގެ ތެރެއަށެވެ. ހެކިތަކުން މަޙުރޫމުވެފައިވާ، އަދިރި، ޒަމާނެއްގެ މައްޗަށެވެ. އެއްހާސް އަހަރަށްވުރެ ގިނައަހަރުގެ ކުރީން ލަންކާއިން އައިސް، އަޅުގަނޑުމެންގެ ވަޠަނުގައި ވަޒަންވެރި ކާބަފައިންގެ މައްޗަށެވެ. ޝައްކެއް ނެތެވެ. އެބައިމީހުން، ފުރަތަމަ، މޮށެއުޅުނު ބަހަކީ ޞަރީޙު ސިންގަޅަ ބަހެވެ. އާދެ! އޭލޫބަހެވެ. ނަމަވެސް ....................... މުވާސަލާތުގެ ނުތަނަވަސްކަމުން، އަދި އައި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ބަދަލުތަކެއް ގެންނާން ފަށައިފިއެވެ. ޒަމާނުގެ ދޫ ދިވެހިރާއްޖޭގެ ދޮންވެލިގަނޑުގައި އައުބަހެއްގެ، އަކުރުތަކާއި ލަފުޒުތައް ކުރަހާން ފަށައިގެންފިއެވެ. އެވަނީ ކީއްކަންވެސް ނޭނގޭފަދަ ހާލެއްގައި، ބޭއިޚުތިޔާރީ ގޮތެއްގައި އައުބަހެއް އުހެދުނީ އެވެ. .......................... ދިވެހިބަހަށް ދުނިޔޭގެ އަލިކަން ފެނުނީ އެވެ. އެއްދުވަހަކުން ދެދުވަހަކުން ނޫނެވެ. އެއްއަހަރަކުން ދެއަހަރަކުން  ނުމެނޫންމެއެވެ. ޞަރީޙު ބަހެއްގެ ޙަޤީޤަތްތައް ގެއްލެމުންގޮސް  އައުބަހެއްގެ އަޞްލުކަމުގައި އެނބުރިގެން ދިޔައީއެވެ.
 
ދިވެހިބަސް ފުރަތަމަ އުފެދުނު ދުވަސްވަރުގެ ތާރީޚީ ޞަފުޙާއެއް ލިޔުމަށް އަޅުގަނޑުގެ ޚިޔާލުގެ ވައުފަށަށް ދުލެއް ދޭހިތެއް ނުވެއެވެ. އެ ޞަފުޙާ ޢިބާރާތްކުޅައުމުގެ ތަނަވަސްކަން، އަޅުގަނޑު ދޫކުރާނީ މި މަޒުމޫނު ވިދާޅުވާ ބޭފުޅުންގެ ޚިޔާލުފުޅަށެވެ. ޢިބާރަތްކުރައްވާނެ ގޮތަކަށް އެ ޞަފުޙާ ޢިބާރާތްކުރައްވާށެވެ.
 
އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން، ދިވެހިބަހުގެ ފުރަތަމަ ގަވާއިދެއް އެކުލެއްވެވި، ބޭކަލުންނަކީ، ދިވެހިބަހުގެ ފުރަތަމަ އުސްތާޛުންނަކީ، އިހުޒަމާނުގައި ރައިވަރުތައް އެކުލެއްވެވި ބޭކަލުންނެވެ. ޚާއްޞަވެ، އެދުރު ޢުމަރު މާފަތްކަލޭފާނާއި، ބަނޑޭރި ހަސަންމަނިކުފާނާ ދެކަލުންނެވެ. އާދޭހެވެ! އެދުރު ޢުމަރު މާފަތްކަލޭފާނުންގެ ތައުޙީދުތަކާއި ދިވެހި ޅެންވެރިކަމުގެ [ފަތިހުގެ ތަރި] ކަމުގައިވާ ބަނޑޭރި ހަސަންމަނިކުފާނުންގެ ދިޔޯގެ ރައިވަރުތަކަކީ އަޅުގަނޑުމެންނަށް އެނގިފައިވާ ދިވެހި ގަވާއިދުތަކުގެ އަޞްލެވެ. ދިވެހިބަހުގެ ޚަޒާނާތަކެވެ. މިދެބޭކަލުންގެ ލިޔުންތައް ލިޔުއްވާފައިވަނީ، ވަރުގަދަ ހަމަތަކެއްގެ މަތީންނެވެ. ފުރިހަމަ ގަވާއިދުތަކެއްގެ މާއްދާތަކަކާ އެއްގޮތްވާ ގޮތުގެ މަތީންންނެވެ.
 
ނަމަވެސް އެބޭކަލުންގެ ޒަމާނަކީ ޗާޕުކުޅައުމުގެ ޒަމާނެއްނޫނެވެ. ފޮތްފޮތް ނަކަލުކުޅައުމުގެ ޒަމާނެއް ނުމެނޫންމެއެވެ. އެހެންކަމުން އެބޭކަލުން އެގަވާއިދުތަކަށް ތަބާވެގެން ލިޔުއްވެވި ގަވާއިދުތަކުން އާމުންނަށް ފައިދާކުޅައީ ވަރަށްވެސް ކުޑަކޮންނެވެ. ނަތީޖާއެއްގެ ގޮތުން  އެބޭކަލުން ދިވެހިބަހަށް ކުރެއްވި އަގުނުކުރެވޭ ޚިދުމަތްތައް ދިޔައީ ވަޅުޖެހެމުންނެވެ. އެމީހަކު އާދަކުރަމުން ގެންދިޔައީ އެމީހަކު ހިތަށް އައި ގޮތަކަށް ލިޔުމެވެ. ސުކުންޖެހުމުގެ އުސޫލުތަކާއި އައިބައިފިލީގެ ހަމަތައް ދިޔައީ ވިއްސިވިހާލި ވެގެންނެވެ. މިގޮތުގެ މަތީން އެތައް ދުވަސްތަކެއް ވެއަތުވެ ހިނގައްޖެއެވެ.
 
އެއަށްފަހު ދިވެހިބަހުގެ މަރުވެފައިވާ ބަގީޗާގެ ތެރެއިން އަނެއްކާވެސް ފެންނަންފެށީ، އާރޯކަމެވެ. މިލައިފައިވާ ގަސްތަކުން ފަޅާންފެށީ، އައުކުރިތަކެވެ. [ގުލްޒާރުގައިވާ ހިރަފުހާއި، ހަނަފަސްކަމާއި ތެމި، ދިރި އަލުން އާރޯ]ވާން އުޅޭކަމުގެ އެދެވޭ ނިޝާންތަކެވެ.
     (ނުނިމޭ)