ތާރީޚުގެ ތެރެއިން ގުޅަކުޅޭ ފަސްގަނޑު

ލިޔުނީ: ނަސީމާ މުޙައްމަދު
 
ތަޢާރަފު
 ބައެއް ޤައުމުތަކުގައި ހުންނަ ތާރީޚީ ތަންތަނަކީ، އެ ޤައުމެއްގެ ހަނދާނާއި، ތާރީޚާއި، ސަޤާފަތާ ގުޅިފައިވާ ތަންތަނެވެ. މިކަމުގެ ވަރަށް ފުރިހަމަ އެއް މިސާލަކީ މާލޭގައި އިހުގައި އޮތް "ގުޅަކުޅޭފަސްގަނޑެ" ވެ. މިތަނަކީ އިހުގެ ބޮޑުގަނޑުވަރު (މިހާރު ސަލްޓަން ޕާކު އޮތް ތަން) ކުރިމަތީގައި، އެކިއެކި ރަސްމީ ބޭނުންތަކަށް ބާއްވައިފައި އޮންނަ ހުސް ބިމެކެވެ. ގުޅަކުޅޭފަސްގަނޑަކީ ގަނޑުވަރާ ގުޅިފައިވާ މައިދާނެކޭވެސް ދެންނެވިދާނެއެވެ. އެތަނަކީ ދިވެހި ތާރީޚާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ތަނެކެވެ.
ގުޅަކުޅޭ ފަސްގަނޑަކީ ރަސްމީ ގޮތުން އިހުގައި ކުޅިޖަހާ ތަނެވެ. "ގުޅަކުޅޭފަސްގަނޑު" މި ނަމަށް ބަލައިލާއިރު، "ގުޅަކުޅޭ" މި ލަފުޒުގެ މާނައަކީ ގުޅަމަތިހިފުން ނުވަތަ، އިނގިރޭސި ބަހުން ދަންނަވާނަމަ، ރެސްޓްލިންގް އެވެ. މިއީ ހިފުމުގެ ހެވިކަން ދައްކައިދޭ، ފިރިހެނުންގެ ކުޅިވަރެކެވެ. މީގެ އިތުރަށް، ހެވިކަމުގެ އެހެނިހެން ފަންނުތައް ތަމްސީލުކުރުންވެސް މިތާގައި އޮތެވެ. މިފަދަ ކުޅިވަރުތަކުގައި ވަރަށް މޮޅު މީހުން ރާއްޖޭގައި އިހުގައި ތިބިކަމަށް ވެއެވެ. ބުނެވޭގޮތުގައި، މި ކުޅިވަރުތަކުގައި ރަސްރަސްކަލުންނާއި އަމީރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ކުޅިވަރު ބައްލަވައިލެއްވުމަށް، އެއިރަކު ތަޚުތުގައި އިންނެވި ރަސްކަލަކާއި ގަނޑުވަރުތެރޭގެ ބޭފުޅުންވެސް ވަޑައިގަންނަވާނެއެވެ.
ހަވަރު އެއްވާނީ ގުޅަކުޅޭ ފަސްގަނޑަށެވެ. ހަވަރަކީ، ހަނގުބޭކަލުން ބައްސަވައިފައި އޮންނަ 6 ވަރު ނުވަތަ 6 ބަޔެވެ. މިއީ ރަސްގެފާނުގެ ލަޝްކަރު ކަމަށް ވުމާއެކު، ވަރަށް ޚާއްޞަ ބައެކެވެ.

ކޮތަރު

على أحمد
ގޭގައި ކޮތަރު ގެންގުޅުމަކީ، ނަސީބުވެރިކަމެއް ކަމުގައި ބަޔެއް މީހުން ހީކުރެއެވެ. ކޮތަރުގެ تاريخ ގެ މައްޗަށް އަލިކަން އަޅުވާލާއިރު، އެގެނީ، ވަރަށް އިހުޒަމާނުން ފެށިގެން ކޮތަރާއި، އިންސާނާއާއި ދެމެދުގައި ގުޅުން ހިގަމުން އައިސްފައިވާ ކަމެވެ.

ކޮތަރަކީ، އެކުވެރިކަމާއި،إجتماعىދިރިއުޅުމުގައި، ދޫނިސޫފާސޫފީގެތެރެއިން 1 ވަނަ ދޫންޏެވެ. އަދި، ޖިންސީ ލޯބީގައިވެސް، އޭގެ އެހެން މިސާލެއް، ދޫނީގެތެރެއިން ނުފެންނަ ނަމޫނާއެކެވެ.

ދަރިން ތަރުބިއްޔަތުކުރުމުގައި ޒަމާނީ ގޮތްތައް ބޭނުންކުރުން މުހިންމު

މުޙައްމަދު ފިރާޟް - ފެންތަށި، ފުރައްދަގެ، ހއ. އިހަވަންދޫ
 

މިނިވަންކަމާއި ޙައްޤުތައް ގޮވާލާ މިއަދުގެ މުޖުތަމަޢުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ސަބަބަކީ ހައްޤާއި މިނިވަންކަމުގެ "ފޮނި" ވާހަކަތަކަށްވުރެން އަޅުގަނޑުމެން އުފުލަންޖެހޭ ޒިންމާތަކުގެ ވާހަކަތައް ދައްކާލެއް މަދު ކަމެވެ. ނުވަތަ ޒިންމާތަކުގެ ވާހަކަތައް ދައްކަން ބޭނުން ނުވާކަމެވެ. "ދަރިންތަރުބިއްޔަތު ކުރުމުގައި ޒަމާނީގޮތްތަކޭ ބުނީމާ" އެއީ ހޮޅަނގުގެ ތަހުޒީބީ ނަމަވެސް އިސްލާމްދީނާ ފުށު އަރާ ކަންތައްތަކެއްގެ ވާހަކަ ދައްކަން އުޅޭ ކަމަށް ބައެއް ކިޔުންތެރިންނަށް ހީވެދާނެއެވެ. ތި ހީކުރެއްވީ ރަނގަޅަކަށް ނޫނެވެ. ލިޔެލަން މި އުޅެނީ މިއަދުގެ ތަރައްޤީވެފައިވާ މުޖުތަމަޢުގައި ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ކޮށްގެން ދަރިންނަށް ތަރުބިއްޔަތު ދެވިދާނެ ގޮތްތަކެކެވެ. މިދިވެހިރާއްޖެއަކީވެސް ޤުދުރަތީ ވަޞީލަތްތައް ގިނަ ޤައުމެއްކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހެއެވެ.

ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކުރެވިދާނެ ގޮތްތައް

އަންވަރު އިބްރާހިމް
 
ދެވަނަ ބޮޑުހިނގުރާމައަށްފަހު ބައި ގަރުނުގެ ރާސްތާއެއް ކަޑައްތުކުރެވުނު އިރު، މިއަދު މިފެންނަ ދުނިޔޭގެ ޓެކްނޮލޮޖީގެ ބާރަކީ މީގެ 50 އަހަރު ކުރިން ގޮތް ހުސްވެ، އަނދަޖެހިފައި ތިބި އަހަރެމެންނެވެ. އަހަރަމެންނަށް ކުރެވުނު ކަމަކީ ތާރީޚުން ޢިބުރަތް ޙާޞިލުކުރުމެވެ. ލޯމަތިން ފެންނަމުންދިޔަ ކަންކަމާއި، ލޯމަތިން ގެއްލުނުހާ ކަމެއްގެ މަތިން ހަނދާންކޮށް، އެންމެން އަތުގުޅާލައިގެން އާ ރޫޙެއްގައި މަސައްކަތް ފެށުމެވެ. މިއީ އިއްޔެ ވީރާނާވެފައި އޮތް ޤައުމެއްގެ ގޮތުގައި އޮތް ޖަޕާނުގެ ދުލުން ފަޚުރުވެރިކަމާއެކު މިއަދު ބުނާ ވާހަކައެވެ. ދުނިޔެ ދުށް އެންމެ ބޮޑު އަނދަވަޅަށް ވެއްޓުނު ޖަޕާނަށް އެވަޅުގަނޑުން ތެދުވެ، ބޯހިއްލާލެވުނީ ޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދުނު ވަރުގަދަ ޤައުމީ ރޫޙުގެ ސަބަބުންނެވެ. ބައިބައިވެ، ވިއްސިވިހާލިވެފައިވާ ނަފުސުތައް، އެރޫޙުން އެކަތިގަނޑަކަށް ހަދައިދިނީތީއެވެ. ގޮތްހުސްވެ މާޔޫސްވެފައިވާ ރައްޔިތުންގެ ސަޤާފަތްތައް އެރޫޙު އެދި ގޮވީތީއެވެ. އަދިވެސް ދުނިޔޭގެ ބާރަކަށް ވެވިދާނެކަމުގެ ސިގްނަލް އެމީހުންގެ ޤައުމީ ބަސް ދެމުން ދިޔައީތީއެވެ. މިދެންނެވި ހުރިހާ ކަމެއްގޮސް ގުޅެނީ ޤައުމީ ލޯތްބާއެވެ. ޤައުމީ ރޫޙާއެވެ.

ސަލާމަތްކަން ލިބިގަތުމަށް ބޭނުން މީހާގެ ފަރުވާ: އަލްޙިޖާމާ ނުވަތަ ކަޕިން ތެރަޕީ

އައްޝައިޚް ޢަލީ ރިޟާ އަޙްމަދު
ޙިޖާމާ މިނަން ނެގިފައިވާ ކަމަށް ބަލާއިރު އޭގެ މާނައަކީ ދެމުމެވެ.  ކަޕިން ތެރަޕީ އަށް އެނަން ދެވުނީ ބަލިމީހާގެ ހަށިގަނޑުގައިވާ ގޯސް ލޭތައް ޙިޖާމާކުރާ މީހާ އެމަސައްކަތުގެ އާލާތް ބޭނުންކޮށްގެން ދަމައިގަންނާތީ އެވެ. މިހެންކަމުން ޙިޖާމާ އަކީ ނުވަތަ ކަޕިން ތެރަޕީ އަކީ، ގައިގެ ހަމުގައި ވަރަށް ކުޑަ ކުޑަކޮށް އަނިއަޅާލުމަށްފަހު މިޢުޖަމުގެ ޛަރީޢާއިން ހަށިގަނޑުގައިވާ ގޯސް ލޭތައް ދަމައިގަތުމެވެ. މިހެންވެ ފިޤުހުވެރިން އަލްޙިޖާމާގެ ތަޢުރީފުގައި ވިދާޅުވަނީ އެއީ ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި، މިޙުޖަމުން ހަންގަޑުގައި (ތުނިތުނިކޮށް) އަނިއަޅުވާލުމަށްފަހު ވަކިކަހަލަ ލެއެއް (ހަށިގަނޑުގެ) ޚާއްޞަ ތަނަކުން (ނޫނީ ތަންތަނުން) ނެރުމެވެ.

އަސަރަކާ އަދި ފޮނިކަމެއް، އެކިބަސްބަހުން ހަމަ ފެނުނަކަސް، އަސަރުގަދަ އަދި އެންމެ ފޮނިބަހަކީ، މަށަށް މި ދިވެހިބަހޭ

މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު (އޯކިޑް)
 
[ބިންނާކަށެއް އެހެން މަލެއް ބޭނުން މިއަދު ނެތޭ        ފެންދީގެނެއް  އެހެން ގަހެއް، ހައްދާ ހިތެއް ނެތޭ
ލޯގޮސް މަގޭ އެކަރުގަނޑަށް ހިންގާލި  ވޭލައިން،        ލޯބިން  ފުރާކަށެއް  ހިތެއްގައި  ތަންފުކެއް ނެތޭ
ފުރިހަމަކަމާއެކީ  އެހައި   ފަރިވާއިރުން  އެމާ،        ވެރިޔާކަމަށް ޙުކުމް  ކުރާ، ވާހިތް  ވަކިން ނެތޭ]
 
ހިތުންނާއި ދުލުން، އަޅުގަނޑު ޢިއުތިރާފުވަމެވެ. ޢަމަލާއި ބަސް، އަޅުގަނޑު އެއްގޮތް ކުރަމެވެ. އަޅުގަނޑު ވަކީން ބޮޑަށް [ގެއްލޭ] ހިތްވާ ދެވަނަ ޤުލްޝަނެއް ނެތެވެ. އެންމެ ބޮޑަށް، ހެއްދޭތޯ މަސައްކަތްކުރާ ހިތްވަނީ އެނަލަ ރީތި ގަހެވެ. އަޅުގަނޑު އަޅުގަނޑުގެ ހިތަށް ޞަރީޙަ އުފަލެއް ލިއްބައިދެނީ އެ މަލުގެ އަސަރުންނެވެ. ސަބަބަކީ، ސިއްރަކީ، [ލޯގޮސް މަގޭ، އެކަރުގަނޑަށް، ހިންގާލި ވޭލައިން] އަޅުގަނޑުގެ ހިތަށް ކުޅަ އަސަރެއްގެ، މަތިވެރިކަމެވެ. އެމަލަށްޓަކައި އަޅުގަނޑުގެ ހިތުގައި އުހެދުނު ލޯތްބެއްގެ ވަރުގަދަކަމެވެ. ތެދުވެރިކަމެވެ. .............އާދޭހެވެ. ލޯބިން ފުރާނެ އިތުރު ތަންކޮޅެއް، އަޅުގަނޑުގެ ހިތުގައި ނެތިއްޖެވެ.

އަދަބީއްޔާތަކީ ކޮބައިތޯއެވެ؟

ކުރޮޅި އާދަމް ޒާހިރު
 
 [އަދަބޭ] ދުލުން ލުއިކޮށް ކިޔަސް ރަންވަންނި ހިލިދާ ލަފުޒެކޭ
މަދަދާ  އެހީ  ލިބިދާ   އެއީ   ވޭނުން    ނިވާވާ   ލަފުޒެކޭ
ބަހަކީ ހިތާ މޭ  ޗިސްކުރާ   ބުނެވޭގޮތުން   ރުޅި އިސްކުރާ
ސަހަނާ ފުރަން  ރޮއްވައި ކަރުނަ  ގަބަރާ ކުރާ  ބާރެއް މެއޭ
ބަހަކުން އަސަރު ލިބިދޭނެނީ  ބަހުގައި ހިނގާ [ޚިޖަމާއު]ނޭ
ފަހަކުން އަސަރު  ނުފިލާގޮތީ [ވަހުގައި] ލަފުޒު  ގެތުނީމައޭ

ދިވެހިރާއްޖޭގެ ތާރީޚުގެ ފެށުން

 އިޔާޒު ނަސީމް
ދިވެހިރާއްޖޭގެ ތާރީހުގެ އެންމެ ފުރަތަމަ ބާބު ފެށޭނީ އެ ރަށްތަކެއްގެ މައްޗަށް ދިވެހިރާއްޖެ ބިނާވެގެން ވާ ޖަޒީރާތައް އުފެދުމާ ހިސާބުންނެވެ. އިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖެ އުފެދުމާ ގުޅޭ ތާރީހު ފެށިފައި ވަނީ މީގެ 225 މިލިޔަން އަހަރު ކުރީންނެވެ. އޭރު ދުނިޔޭގައި ކަނޑާއި ބިން އޮތް ކަމުގައި ވިޔަސް، ދުނިޔޭގެ ޗާޓު އޮތީ މިއަދު މިއޮތް ގޮތަކަށް ނޫނެވެ. ދުނިޔޭގެ ހިކިފަސްތަން އޮތީ އެކީ އެކަތިގަނޑެއްގެ ގޮތުގައެވެ. ނުވަތަ "މާސިންގާ ޤާއްރާއެއްގެ ސިފައިގައެވެ. ދުނިޔޭގެ ދެބައިކުޅަ އެއްބައިގައި އޮތް މި ޤާއްރާއަށް މި ޒަމާނުގެ ސައިންސްވެރިން ދީފައިވާ ނަމަކީ 'ޕޭންޖިއާ'އެވެ. މި ޤާއްރާގެ ވަށައިގެންވަނީ 'ޕޭންތެލެއްސާ'ގެ ނަމުން ނަން ދީފައިވާ އެހައިމެ ބޮޑު ކަނޑެކެވެ." (ނަސީމާ މުޙައްމަދު، 1998).

ހިޓްލަރ : 20 ވަނަ ޤަރުނުގެ އަނިޔާވެރިޔާ

 
            ޢަލީ އަޙްމަދު
 
20 އޭޕްރީލް 1889 ގައި އެޑޯލްފް އެލުއިސް ހިޓްލަރ އުފަންވީ އޮސްޓްރިއާގެ ބްރަނާއު ކިޔާ އަވަށެއްގެ ފަޤީރު ޢާއިލާ އަކަށެވެ. އޭނާގެ ބައްޕަ އެލުއިސް ހިޓްލަރއަކީ، ކަސްޓަމް ދާއިރާގެ މަސްއޫލުވެރިއެކެވެ. މަންމަ ޝިކްލްގްރޫބަރ ނުވަތަ ކްލާރާ އަކީ ރަށްފުށުގެ ނިކަމެއްޗެކެވެ.
ހިޓްލަރގެ ޢުމުރުގެ ކުރީކޮޅު ހޭދަކުރަންޖެހުނީ ރަށްފުށުގެ ދަތި އުނދަގޫ ދިރިއުޅުމުގެ ތެރޭގައެވެ. އޭނާގެ ޢުމުރުން 13 އަހަރުގައި، އޭނާގެ ބައްޕަ މިދުނިޔެ ދޫކުރީ އާދަޔާއި ޚިލާފު ކުއްލި މަރެއްގައެވެ. ހިޓްލަރގެ ޢުމުރުން 18 އަހަރުގައި، ކެންސަރު ބަލީގައި، މަންމަވެސް ނިޔާވިއެވެ.
ޖަރުމަނަށް ހިޓްލަރ ހިޖުރަކޮށްފައިވަނީ 1913 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު، އެތާގެ ޚާރިޖީ ސިޔާސަތާއިމެދު، ފާޑުކިޔަން ފެށިއެވެ. ޖަރުމަނާއި އިޓަލީއާއި، ހަންގޭރިއާއި، އޮސްޓްރިއާގެ ކޯލިޝަންއަކީ ނިކަމެތި، ދެމިނޯންނާނެ ގުޅުމެއްކަމަށް އޭނާ ހާމަކުރިއެވެ. އޭގެ ބަދަލުގައި، ރަޝިޔާއާއި އިނގިރޭސިންނާއި ގުޅުން ބަދަހި ކުރުމަށް، ޖަރުމަނުގެ އިސްވެރިންނަށް އޭނާ ނަޞޭޙަތްތެރިވިއެވެ.
1914 ވަނައަހަރުން 1918 އަށް ކުރެވުނު، ފުރަތަމަ ބޮޑު ހަނގުރާމަ ވެގެންދިޔައީ، ހިޓްލަރ ގެ ޙަޔާތް ބަދަލުކޮށްލި އެންމެ ބޮޑު ސަބަބުކަމުގައެވެ. މިހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ ސިފައިންގެތެރެއިން އޭނާއަށް ޖާގަލިބުނެވެ. އަދި 1914 ވަނަ އަހަރު، ފުރަތަމަ ފަހަރަށް ޝަރަފުވެރިކަމުގެ މެޑެއްޔެއް އޭނާގެ ކަރުގައި އެޅުވުނެވެ. ސިފައިންގެ ޚިދުމަތްވީ ހިޓްލަރަށް ހިތްހަމަޖެހުން ލިއްބައިދިން ޚިދުމަތެއްކަމުގައެވެ.
1919 ވަނަ އަހަރު، ޖަރުމަނުގެ ލޭބަރ ޕާރޓީގެ މެންބަރަކަށް ވުމުގެ ނަޞީބު ހިޓްލަރަށް ލިބުނެވެ. މާގިނަ ދުވަހެއްނުވެ، ޕާރޓީގެ ވެރިއަކަށް އޭނާ އިސްކުރެވުނެވެ. އެންމެ ދެ އަހަރުގެ ތެރޭގައި މިކުޑަކުޑަ ޕާރޓީ، ނަން މަޝްހޫރު ޕާރޓީއަކަށް ބަދަލުކޮށްލިއެވެ. އަދި ޕާރޓީގެ ނަމަށް ނެޝަނަލް ސޯޝަލިސްޓު އިތުރުކުރެވުނެވެ. މިގޮތުން މިޕާރޓީއަށް ކިޔުނު ފުރިހަމަ ނަމަކީ، ނެޝަނަލް ސޯޝަލިސްޓް ޖަރމަން ވޯރކާރސް ޕާރޓީއެވެ. މިޕާރޓީއަށް ގެ ނަން ކުރުކޮށް މަޝްހޫރުވެފައިވަނީ ނާޒީގެ ނަމުންނެވެ. ހިޓްލަރގެ ޒަޢާމަތުގެ ދަށުގައި ޕާރޓީއަށް ވަންނަން ބޭނުންވާ މީހުންގެ ޢަދަދު، ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔައެވެ.
ބިއަރ ހޯލްގައި ގެންނަން މަސައްކަތްކުރި، ޢަސްކަރީ އިންޤިލާބު ނާކާމިޔާބުވެ ޚިޔާނާތުގެ ތުހުމަތުގައި، ހިޓްލަރ ޖަލަށްލެވުނެވެ.1924  ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ހިޓްލަރާއި އޭނާއާއިއެކު އިންޤިލާބުގައި ބައިވެރިވި ކޮމާންޑަރުންގެ ޝަރީޢަތް އޮތެވެ. ޝަރީޢަތް ނިމުނީ 5 އަހަރަށް ހިޓްލަރ ޖަލަށްލުމަށް ޙުކުމްކުރެވިގެންނެވެ. ނަމަވެސް 8 މަހާއި ކުޑަދުވަސްކޮޅަކަށްފަހު، އޭނާ ޖަލުން މިނިވަންކުރެވުނެވެ.
ޖަލުން މިނިވަންވުމަށްފަހު، ޖަރުމަނުގައި އޭރު އޮތް ވެރިކަމާއި ދެކޮޅަށް، އޭނާގެ ބަސްތައް ގަދަފަދަ ވަމުންދިޔައެވެ. އޭރުގެ ޖަރުމަނަކީ ޖުމްހޫރިއްޔަތެއް ނުވަތަ ޑިމޮކްރެސީއެއް ނޫންކަމަށާއި، '' ޔަހޫދީ އޫރުންގެ'' ބާރުގެ ދަށުގައިވާ ދައުލަތެއް ކަމަށް އޭނާ ބުނެފައިވެއެވެ. 1920ވަނަ އަހަރުގެ ތެރޭގައި، ނާޒީންނާއި ކޮމިއުނިސްޓުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި، ދެފަރާތުގެ އެތައް ބަޔަކު ނެތި ފަނާވެދިޔައެވެ. 1930 ވަނަ އަހަރުގެ ޢާއްމު އިންތިޚާބަށްފަހު، ހިޓްލަރގެ ޕާރޓީގެ ކާމިޔާބީތަކުގެ މަރުޙަލާތައް ފެށުނެވެ. އޭގެ ދެއަހަރު ފަހުން، ޖަރުމަނުގެ އެންމެ ކާމިޔާބު ޕާރޓީއަކަށް، މިޕާރޓީ ވެގެންދިޔައެވެ.
ހިޓްލަރ ވެގެންދިޔައީ، ޔަހޫދީންނަށް ވަރަށް ބޮޑަށް ނަފުރަތު ކުރާ މީހަކަށެވެ. އޭނާގެ ނަޒަރުގައި ޖަރުމަނަށް ކުރިމަތިވި ހުރިހާ ނިކަމެތިކަމަކާއި މުޞީބާތްތަކުގެ އަޞްލަކީ ޔަހޫދީންނެވެ.އަދި ޔަހޫދީންނަކީ ޚިޔާނާތްތެރި، ތެދުވެރިކަމެއް ނެތް ބައެއް ކަމުގައިވެސް އޭނާ ސިފަކުރަމުންދިޔައެވެ. އެމީހުންނަކީ ގޮތްކުޑަ، ދަށް ފަންތީގެ ބައެއްކަމަށާއި، އިންސާނީ ދަރިފަސްކޮޅުގެ ދުޝްމިނުންތަކެއް ކަމަށްވެސް، އޭނާ ހާމަކޮށްފައިވެއެވެ. ''ޔަހޫދީއެއްގެ ލޭއޮހޮރުވާލައިފިނަމަ، ކަންތައްތައް ކުރިއަށްވުރެ ދެގުނައަށް އިޞްލާޙުވާނެ'' ހިޓްލަރު ބުނެފައިވެއެވެ.
މަސީޙީންނަކީވެސް، އޭނާގެ ގާތުގައި މާމަޤުބޫލު ބަޔަކަށް ނުވިއެވެ. އޭނާ ދުށް ގޮތުގައި، ކްރިސްޓިއަނިޓީއަކީ، ޔަހޫދީންގެ މެދުން އުފެދިފައިވާ، ނިކަމެތި ތާކުންތާކު ނުޖެހޭ ދީނެކެވެ. އަދި އެދީން ބިނާވެފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫންކަމަށްވެސް އޭނާ ދެކެފައިވެއެވެ.
1 ސެޕްޓެމްބަރ 1939 ގައި،ހިޓްލަރ މުޅި ދުނިޔެއާއި ދެކޮޅަށް ހަނގުރާމަ އިޢްލާނުކުރިއެވެ. 1941ގެ ޖޫންގައި ރަޝިޔާއަށް އޭނާ ޙަމަލާދިނެވެ. އަދި ހަމަ އެއަހަރުގެ ޑިސެމްބަރުގައި، އެމެރިކާއަށް ވެސް އޭނާ ޙަމަލާދީފައިވެއެވެ.
ހިޓްލަރގެ ހަނގުރާމަތަކާއި، މީހުންނާއި މެދު މުޢާމަލާތްކޮށްފައިވާގޮތަށް ބަލާއިރު، 20 ވަނަ ޤަރުނުގައި ދުނިޔެ ދުށް އެންމެ ހަރުކަށި އިންސާނާގެ ގޮތުގައި، އޭނާ ސިފަކުރެވެއެވެ. އޭނާގެ ކޭމްޕު ތަކުގައި ގާތްގަނޑަކަށް 12 މިލިއަނަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ބެލެވެއެވެ. އަދި މީސްމީހުންނަށް އަނިޔާދިނުމަށްޓަކައި، އެންމެ އަނިޔާވެރި ގޮތްގޮތަށް މީހުންމަރާނެ ލަފާދޭ ޑޮކްޓަރުންވެސް އޭނާ ގެންގުޅެފައިވެއެވެ. ހިޓްލަރގެ އަނިޔާވެރިކަމުގެ ތެރެއިން، އެންމެ އަނިޔާވެރިގޮތެއްގައި މީހުން މެރުމުގެ ޢަމަލުކަމުގައި ބެލެވެނީ، މަޢްދަން ޗެމްބަރ ތަކަށް މީހުން އަޅައި އަންދާލުމެވެ. މިކަމަށް ކިޔައިއުޅެނީ ހޮލޯކާސްޓުއެވެ.
ހިޓްލަރގެ އަނިޔާވެރިކަމާއި ހަރުކަށިކަން، ގުޅިފައިވަނީ، އޭނާގެ ޅަފުރައިގެ ދުވަސްތަކުގައި، ތަޙައްމަލުކުރަން ޖެހުނު، އަނިޔާވެރިކަމުން އޭނާއަށް އައިސްފައިވާ ނަފުސާނީ ބަދަލުތަކާއި ކަމަށް ބައެއް މީހުންދެކެއެވެ.
1945 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 30 ވަނަ ދުވަހު، ހިޓްލަރ ދުނިޔެދޫކޮށްފައިވަނީ، އޭނާގެ ބޮލަށް ބަޑިޖަހައި، އަމިއްލައަށް މަރުވެގެންކަމަށް، ގިނަ މުއައްރިޚުން ހާމަކުރެއެވެ.

އެކި ޒަމާނުގައި ދިވެހި ފައިސާ

 
ނަސީމާ މުޙައްމަދު
ދުނިޔޭގައި އުފެދިދިޔަ ވަރަށް ގިނަ އެހެނިހެން ޙަޟާރަތްތަކާ އެއްގޮތަށް، ދިވެހިރާއްޖޭގައި ވެސް އެންމެ ފުރަތަމަ ވިޔަފާރިކޮށް އުޅުނީ މުދަލަށް މުދާ ދޭ އުޞޫލުން، ނުވަތަ "ބާޓަރު" ކޮށްގެންނެވެ. ފައިސާގެ ބޭނުން ނުކޮށް ތަކެއްޗަށް ތަކެތި ދީގެން ނުވަތަ ތަކެއްޗަށް މަސައްކަތެއް ކޮށްދީގެން ވިޔަފާރި ކުރާ އުޞޫލުންނެވެ.
ޒަމާންތައް ވޭތުވަމުން ދިޔުމާ އެކު، ކޮންމެވެސް ދުވަސްވަރެއްގައި ފައިސާގެ ގޮތުގައި ދިވެހި ބޮލި (ސިޕްރިއާ މޮނޭޓާ) ބޭނުންކުރަން ފަށައިފި އެވެ. މި ކަން ފެށުނީ ދިވެހިރާއްޖޭގައި ކަމެއް، ނުވަތަ ދުނިޔޭގެ އެހެން ހިސާބެއްގައި ކަމެއް ވެސް އެނގޭކަށް ނެތެވެ. ތާރީޚު ލިޔުއްވާ އެކި ލިޔުންތެރިން ވިދާޅުވެފައިވާ ގޮތުގައި، އެވޭލާ ޒަމާނުގައި މިވައްތަރުގެ ބޮލި ލިބެނީ ހަމައެކަނި އިންޑިޔާ ކަނޑުގައި އޮންނަ މި ޖަޒީރާތަކުންނެވެ. ލަކްޝަދީބުން ވެސް އިހުޒަމާނުގައި މިފަދަ ބޮލި ހޮވާފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. ދިވެހިރާއްޖެ އާއި ލަކްޝަދީބާއި، މިއީ އުފެދިފައިވާ ގޮތުން، ކަނޑުގެ އަޑީގައި ދެމިފައިވާ އެއް ފަރުބަދަފައްޗެއްގެ މަތީގައި ގާތުގައި އުފެދިފައިވާ ޖަޒީރާތަކެއްގެ ދެ ބައެކެވެ. އެހެންކަމާ އެކު، ލަކްޝަދީބުން ވެސް މިފަދަ ބޮލި އިހުގެ އިންޑިޔާ މީހުން ހޯދާއުޅުނުކަމަށް ވެދާނެ އެވެ. ރާއްޖޭގެ ބައެއް އާސާރީ ސަރަޙައްދުގައި، އިހުގެ ދީނީ ބިނާތަކުގެ ތެރޭގައި، އެހެން ޤައުމުތަކުގައި ރަނާއި ރިހީން ހަދާފައި ހުންނަ ތަކެތި ވަޅުލާފައި ހުންނަ ފަދައިން ބޮލި ވަޅުލާފައި ހުރުމުން، ބޮއްޔަކީ ހަމަ އެފަދަ އަގުހުރި ތަކެތި ކަމަށް އެޒަމާނުގެ މީހުން ޤަބޫލުކުރިކަން ދޭހަވެ އެވެ.
ބޭރު ދުނިޔޭގެ އެކި ޤައުމުތަކުގެ ފައިސާ ވެސް ދިވެހިރާއްޖޭގައި އިހުގައި ބޭނުންކޮށް އުޅުނެވެ. މީގެ ތެރޭގައި، ދެކުނު އިންޑިޔާގެ ބައެއް ފައިސާ ފޮއްޗާއި، އަދި ވަރަށް ކުރީގެ ރޫމީންގެ ފައިސާ ހިމެނުނެވެ. މިކަމުގެ ހެކީގެ ގޮތުގައި، ތޮއްޑޫ ދާގަބާގެ ތެރެއިން ފެނުނު "ރޯމަން ޑެނޭރިއަސް" ކިޔާ ވައްތަރުގެ ފައިސާ ފޮއްޗަކާއި، މީގެ ފަހުގެ ދުވަސްވަރެއްގެ ރޫމީންގެ ފައިސާ ވެސް ރާއްޖެ އިން ފެނިފައި އެބަ ހުއްޓެވެ.
ބޮލީގެ ވިޔަފާރީގެ ފައިދާ ދިވެހިރާއްޖެ އަށް ވަރަށް ބޮޑަށް ކުރި އެވެ. މީލާދީން ނުވަ ވަނަ ޤަރުނުން ފެށިގެން 19 ވަނަ ޤަރުނާ ހަމައަށް، ރާއްޖެއިން ދިވެހިބޮލި އެހެން ޤައުމުތަކަށް އެކްސްޕޯޓު ކުރި އެވެ. މިރާއްޖެ އިން ބޭރުކުރި ބޮލީގެ ސަބަބުން، މިހިސާބުގެ އެހެން ޤައުމުތަކުގެ އިޤްތިޞާދާ ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވި އެވެ. އަދި ފައިސާގެ ޢަދަދު "މަދުކުރުމާއި ގިނަކުރުން ވެސް" އެއިރު އޮތީ ދިވެހިންގެ އަތްމަތީގައި ކަމަށް ބެލިދާނެ އެވެ. ހުޅަނގު އެފްރިކާ އިން އަޅުން ގަނެގެން އަލަށް ހޯދުނު އެމެރިކާގެ ބައްރަށް ގެންގޮސް އުޅުނުއިރު، އަޅުން ގަންނަނީ ބޮއްޔަށެވެ. އަޅުންގެ ވިޔަފާރި މީލާދީން 18 ވަނަ ޤަރުނުގައި ހުއްޓާލުމާ އެކު، ބޮއްޔަށް އޮތް ޑިމާންޑް ކުޑަވެގެންދިޔަ އެވެ. އަދި ކުރިން ފައިސާގެ ގޮތުގައި ބޮލި ބޭނުންކޮށް އުޅުނު ޤައުމުތަކުގައި، މަޢުދަނުން ފައިސާ ޖަހަން ފެށުމުން ވެސް ބޮލީގެ ބޭނުން ކުޑަވެގެން ދިޔަ އެވެ. ފައިސާގެ ގޮތުގައި ދިވެހިރާއްޖެ އާއި އެހެން ޤައުމުތަކުގައި، ބޮލި ބޭނުންކުރުން ނިމުމަކަށް އައީ، މީލާދީން 19 ވަނަ ޤަރުނުގައި ކަމަށް ބެލެވެ އެވެ. އެހާތަނާ ޖެހެންދެން، ބޮއްޔާ އެކުގައި، ރާއްޖޭގައި އެހެނިހެން ފައިސާ ވެސް ބޭނުންކުރަމުންދިޔަ އެވެ.
ފައިސާގެ ގޮތުގައި ބޮލި ބޭނުންކުރި ޒަމާނަށް ފަހު، ދެން އައީ ދިގު ލާރީގެ ޒަމާނެވެ. "ލާރި" މިލަފުޒު އައިސްފައިވަނީ، ލާރި އެންމެ ފުރަތަމަ އުފެއްދި، ފާރިސްކަރައިގެ ރަށް ކަމުގައިވާ "ލާރް"ގެ ނަމުންނެވެ. ރާއްޖޭގައި ދިގު ލާރި ޖަހައިފައިވަނީ ރިހިންނެވެ. މިއީ ބޮލުގައި ޖަހާ ދައްޗެއްގެ ސިފައިގައި، ލަނބާލާފައި އޮންނަ ފަލަ ރިހި ނަރުކޮޅެކެވެ. މީގައި ރަދުންގެ ތައްގަނޑެއް ޖަހާފައި ހުރެ އެވެ. މީލާދީން 17 ވަނަ ޤަރުނުގައި ރާއްޖެ އައި ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑްގެ ލިޔުމުން އެނގޭ ގޮތުގައި، އައްސުލްޠާން އިބްރާހީމް 3 ވަނަ، ކަލާފާނުގެ ރަސްކަމުގައި ދިގުލާރި ޖެއްސެވި އެވެ. ނަމަވެސް މިކަން ފެށުނީ އެރަދުންގެ ބައްޕާފުޅު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ރަސްކަމުގައި (1573-1585) ކަމަށް ވެސް ވެދާނެ އެވެ. ދެކުނު އޭޝިއާ ސަރަޙައްދުގެ އެހެން ޤައުމުތައް ފަދައިން، ދިވެހިރާއްޖޭގައި ވެސް ފައިސާގެ ގޮތުގައި ބޭނުންކުރުމަށް މަޢުދަނުން އެންމެ ފުރަތަމަ އުފެއްދީ "ދިގު ލާރި" އެވެ. ކަލާފާނުގެ ރަސްކަމުގައި ދިގު ލާރި ޖެއްސެވީ ސާފު ރިހީންނެވެ. ލާރިއެއްގެ ދިގުމިނަކީ ގާތްގަނޑަކަށް ހަތަރު އިންޗި އެވެ. ބަރުދަނަކީ ގާތްގަނޑަކަށް 69.5 ގްރޭނުން 71.5 ގްރޭންއާ ދެމެދުގެ ބަރުމިނެކެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1648-1687) ގެ ރަސްކަމާ ހަމައަށް ރާއްޖޭގައި ދިގު ލާރި ގެންގުޅުނެވެ. ސޯޅަ ވަނަ ޤަރުނުގެ ތެރޭގައި ދިގުލާރިއެއްގެ އަގަކީ، 5.5 ދިގުލާރި = ސްޕެނިޝް ޑޮލަރެއް ނުވަތަ "ޕީސް އޮފް އެއިޓް" ގެ އަގެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ވަށް ލާރި ޖެއްސެވީ، 1664-1665 ވަނަ އަހަރު، އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 އެވެ. އެއިރުގެ ލާރި ވެސް ހުންނަނީ ރިހިންނެވެ. މި ލާރީގައި ޖައްސަވާފައިވާ ތައްގަނޑުގައި، "އައްސުލްޠާން އިސްކަންދަރު ބިމާއި ކަނޑުގެ ރަސްގެފާނު" މިފަދައިން ޢަރަބި ބަހުން ލިޔެފައިވެ އެވެ. އަދި އެރަދުން ޙައްޖުވެވަޑައިގަތުމަށް ފަހުގައި 1676 ވަނަ އަހަރު، (1086ހ) ޖެއްސެވި ވަށް ލާރީގެ ތައްގަނޑަށް "ޙާޖީ" އިތުރުކުރައްވާފައިވެ އެވެ. އިސްކަންދަރު ރަދުން ޙައްޖުގެ ފަރުޟު ފުރަތަމަ ފަހަރު އަދާކުރެއްވީ 1668 ވަނަ އަހަރު (1079ހ) އެވެ. ވަށް ލާރި ޖައްސަވަން ފެއްޓެވުމާ އެކު ދިގުލާރި ޖެއްސެވުން ނިމުމަކަށް އަ އެވެ.
އިސްކަންދަރު ރަސްގެފާނުގެ ފަހުން، ވަރަށް ގިނަ ރަސްރަސްކަލުން ވަށް ލާރި ޖައްސަވަފައިވެ އެވެ. ކުރީކޮޅުގައި ލާރި ޖައްސަވާފައި ވަނީ ރިހިންނެވެ. ނަމަވެސް ފަހުން، ލޮޔާއި، ޓިނާއި، ޒިންކު އެކުލެވިފައިވާ މަޢުދަނުން ލާރި ޖައްސަވާފައިވެ އެވެ. "ކުޑަލާރި" ނުވަތަ "ބައިލާރި"، ކިޔުނު ލާރިއެއް، ފުރަތަމަ ޖެއްސެވީ އައްސުލްޠާން މުޙައްމަދު ދެއްވަދޫ ރަސްގެފާނު، 1694 ވަނަ އަހަރު ( 1105ހ) އެވެ. މިއީ އާދައިގެ ލާރީގެ ދެބައިކުޅަ އެއްބައިގެ އަގެއް ހުރި، ރިއްސާއި ލޮއިން ޖެއްސެވި ލާރިއެކެވެ. އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން، ދިޔަމިނގިލި ބަންޑާރައިންގެ ޒަމާނުގައި ޖައްސަވާފައިވާ ލާރިއެއްގައި، ބޭރުގެ ތައްގަނޑެއް އޮބިފައި ހުއްޓެވެ. ލާރީގެ ތައްގަނޑު މަތީގައި، ހަ މިލިމީޓަރުގެ ބޮޑުމިނުގައި ވަށްކޮށް "ޖާވާ" މިފަދައިން އޮބިފައިވެ އެވެ. އެހެންކަމާ އެކު، މިއީ ދިވެހި ފައިސާ ޖާވާގައި ބޭނުންކުރެވުނު ކަމަށް ދައްކާ ދަލީލެކެވެ.
"ބޮޑުލާރި" ގެ ނަން ދީފައިވާ، ހަތަރު ލާރީގެ އަގު ހިމެނޭ ލާރިއެއް 1735 ވަނަ އަހަރު ( 1147ހ) ތެރޭގައި ފުރަތަމަ ޖެއްސެވީ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު ،2 އެވެ. މީގެ ބަރުދަނަކީ 146.5 ގްރޭން އެވެ. އަދި، މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަދުންގެ ރަސްކަމުގައި، ތިން ލާރީގެ އަގު ހިމެނޭ ފައިސާފޮއްޗެއް ޖެއްސެވިކަން ވެސް ފާހަގަކޮށްލެވެ އެވެ.
ދިވެހި ފައިސާގެ އެންމެ ރީތި މިސާލު ހުރީ އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން 1 ގެ ރަސްކަމުގަ އެވެ. މޮހޮރީގެ ނަމުގައި، ސާފު ރަނުން ފައިސާއެއް ޖެއްސެވީ މި ރަދުންނެވެ. އެގޮތުން ހިޖުރީ ގޮތުން 1207 ގައި މިރަދުން ޖެއްސެވި ފައިސާގައި، ލިޔުމާއި ޑިޒައިން ހުރީ އެޒަމާނުގެ އިންޑިޔާގެ މޯގަލް ރަސްރަސްކަލުންގެ ފައިސާއާ އެއްގޮތަށް އެހައިމެ ރީތިކޮށް ފުރިހަމަ ކޮށްނެވެ. މޮހޮރީއެއްގެ ބަރުދަނަކީ 192.3 ގްރޭން އެވެ. މިއާ އެކުގައި ބައި މޮހޮރީއެއް ވެސް ޖެއްސެވި އެވެ. މި ފައިސާ ޖެއްސެވީ އެ ދުވަސްވަރު، ރާއްޖެ އަށް އުރުނު، ފަރަންސޭސީން އަތުލައިގަންފައިވާ، އިންޑިޔާ ނަވެއްގައި ހުރި ރަނުންނެވެ. މި ދެ މޮހޮރީ އިން އެއްވެސް ފައިސާއެއް ޢާއްމު ގޮތަކަށް ނުހިންގަވަ އެވެ. މުޅިން ވެސް ބޭނުންފުޅުކުރެއްވީ ގަނޑުވަރުތެރޭގެ އަންހެން ބޭފުޅުންނަށް ފަށްޓަރުބައިކޮޅާއި އެހެނިހެން ގަހަނާ ހެއްދެވުމަށެވެ.
އެންމެފަހުން ރާއްޖޭގައި ލާރި ޖެއްސެވީ އައްސުލްޠާން ޙާޖީ ޢިމާދުއްދީން 6 ވަނައިގެ ރަސްކަމުގަ އެވެ. މިހާތަނަށް ރާއްޖޭގައި ލާރި ޖައްސަވާފައި ވަނީ "ސިއްކަގެ" ކިޔާ ތަނެއްގައި، "ސިއްކަގެ ކަލޭގެފާނު"ގެ ބެއްލެވުމުގެ ދަށުގަ އެވެ. މިތަނުން އެންމެ ފަހުން މާލޭގައި ލާރި ޖެއްސެވީ ހިޖުރީ ގޮތުން 1320 ވަނަ އަހަރު އެވެ. ނަމަވެސް، މީލާދީން 1902 ވަނަ އަހަރުން ފެށިގެން ސަރުކާރުން ލާރި ޖެއްސެވީ، އިނގިރޭސިވިލާތުގެ ބާމިންގްހަމް މިންޓްގަ އެވެ.
އެންމެ ފުރަތަމަ ބޭރުގައި ޖަހާފައިވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި އެއް ލާރި އާއި ބޮޑު ލާރި އެވެ. މިރަދުންގެ ރަސްކަމުގައި ޖަހާފައިވާ ލާރި ނޫން އެހެން ހުރިހާ ލާރި ބެހެއްޓެވުން ސަރުކާރުން ހުއްޓަވާލެއްވީ، 1961 ވަނަ އަހަރުގެ ތެރޭގަ އެވެ. ޝަމްސުއްދީން ލާރި އުވާލެވުނީ، 1966 ވަނަ އަހަރު އެވެ.
ދިވެހިރާއްޖޭގައި ނޫޓު ގެންގުޅުމުގެ ތާރީޚަށް ބަލައިލާއިރު، ބޭރު ބައެއް ޤައުމުތަކުގެ ނޫޓު ރާއްޖޭގައި ގެންގުޅުނުކަން ފާހަގަކުރެވެ އެވެ. އެގޮތުން ހިޖުރީ ސަނަތުން 1361 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުން ފެށިގެން ހަ މަސްދުވަސް ވަންދެން އިންޑިޔާ ނޫޓާއި ސިލޯނު ނޫޓު ރާއްޖޭގައި ހިންގި އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ ދަތިތަކެއް ޙައްލުކުރެއްވުމަށް އެޅުއްވި ފިޔަވަޅެކެވެ. އޭގެ ކުރިން ވެސް އިންޑިޔާގެ ނުވަތަ ސިލޯނުގެ ރިހި ރުފިޔާ ރާއްޖޭގައި ގެންގުޅުނެވެ.
ދިވެހިރާއްޖޭގެ އަމިއްލަ ނޫޓެއް ފުރަތަމަ ޖެހުނީ 24 ރަމަޟާން 1366 މިތާރީޚުގައި ދިވެހިރާއްޖޭގެ ނޫޓުގެ ބިލް ފާސްވުމުންނެވެ. އޭގައިވާ ގޮތުން އެއިރު ހުއްދަ ކުރެވުނީ 60 ލާރި، އެއް ރުފިޔާ، ދެ ރުފިޔާ، ފަސް ރުފިޔާ، 10 ރުފިޔާ މިއަގުތަކުގެ ނޫޓެވެ. ދިވެހިރާއްޖޭގެ ނޫޓު ޗާޕުކުރެވުނީ، އިނގިރޭސިވިލާތުގަ އެވެ.
ރާއްޖޭގެ ފައިސާ އަށް "ރުފިޔާ" ކިޔުނު ގޮތެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ބައެއް ބޭފުޅުން ލަފާކުރައްވާ ގޮތުގައި، މިރާއްޖޭގައި ވިޔަފާރިކޮށް އުޅުނު ވޯރާވ ވިޔަފާރިވެރިން ގެންގުޅުނު "ރުޕިޔާ" މި ލަފްޒު ދިވެހިވެގެން ދިޔައިރު، އެހެން ދިވެހި ލަފުޒުތަކަށް ވެފައިވާ ފަދައިން، "ޕަވިޔަނި" "ފާފަ" ކަށް ބަދަލުވީ އެވެ. އެޒަމާނުގައި ގެންގުޅުނު ރުފިޔާއެއްގައި ލާރީގެ އިތުރަށް، ރުފިޔާއެއްގެ ސޯޅަ ބައިކުޅަ އެއްބައި ކަމަށްވާ "އަނާ" އެއްވެސް އެކުލެވިފައިވެ އެވެ. މިއީ އިންޑިޔާގައި ގެންގުޅުނު ސިއްކައެއް ކަމަށްވުމާ އެކު އެނގެނީ، އެޒަމާނުގައި އިންޑިޔާގެ ފައިސާ އަށް ދީފައިވާ ނަންތައް އެ ފައިސާއާ އެކު ރާއްޖެ އަށް ގެނެވިފައިވާ ކަމެވެ. އެ ޒަމާނުގައި ދިވެހި ރުފިޔާ އަކީ 120 ލާރި އެވެ. ކުރީގައި ރާއްޖޭގައި ފައިސާގެ ޢަދަދުގެ ގޮތުގައި ބޭނުންކޮށް އުޅުނު، ރުފިޔާ، އަނާ، ލާރި، މި ތިން ވައްތަރުގެ ތެރެއިން އަނާ ދޫކޮށްލާފައި، ހަމައެކަނި ރުފިޔާ އާއި ލާރި ބޭނުންކުރާ ގޮތަށް ވަޒީރުންގެ މަޖްލިސުން ފާސްވީ 26 ޖުމާދަލްއައްވަލް 1352 މި ދުވަހު އެވެ. އެއިރު ރުފިޔާއެއްގެ އަގަކީ 120 ލާރި އެވެ. ރުފިޔާގެ އަގު ތަފާތުވެ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ރުފިޔާއެއްގެ އަގަކީ 100 ލާރި ކަމަށް ހަމަޖެހުނީ، 10 ޝަޢުބާން 1367 މި ތާރީޚުގައި ރައްޔިތުންގެ ޚާއްޞަ މަޖްލިސުން ފާސްކުރެއްވި، ބިލް ނަމްބަރު 67/ 4 އިންނެވެ.
އެންމެ ފުރަތަމަ ރަސްމީ ގޮތެއްގައި ރާއްޖެގެ ފައިސާ ބޭރުގެ ފައިސާއާ އަގު ހަމަކުރެއްވީ، ޖަނަވަރީ ،10 1965 ( 17 ރަމަޟާން 1384) މި ދުވަހު ވުޒާރަތުލްމާލިއްޔާ އިން ނެރުއްވި އިޢުލާނަކުންނެވެ. އޭގައިވާ ގޮތުން:
ސިލޯނު އެއް ރުފިޔާއަކީ ދިވެހި އެއް ރުފިޔާ އެވެ. އިންޑިޔާގެ އެއް ރުފިޔާއަކީ ދިވެހި އެއް ރުފިޔާ އެވެ. އެމެރިކާ އެއް ޑޮލަރަކީ ދިވެހި 4.79 ރުފިޔާ އެވެ. ސްޓާލިންގް ޕައުންޑަކީ ދިވެހި 13.33 ރުފިޔާ އެވެ.
މިގޮތަށް ހަމަޖެހުނީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަވަސް ދުވެއްޔެއްގައި އަންނަމުންދިޔަ ދުވަސްވަރެއްގަ އެވެ. ރާއްޖޭގައި ޓޫރިޒަމް ފެށިގެން ހިނގައިގަތް ދުވަސްވަރެވެ. ވުމާ އެކު، އެއީ އުޞޫލެއްގެ ގޮތުން މިކަހަލަ ގޮތެއް ހަމަޖެހިފައި އޮންނަން ކޮންމެހެން ބޭނުންވެފައިވާ ދަނޑިވަޅެކެވެ.
ނޯޓް: މައުލޫމާތު ހޯދާފައިވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ލިޔުނު "ޒަމާނުގެ ތެރެއިން ދިވެހި ފައިސާ" މިލިޔުމުންނާއި، އެޗް.ސީ.ޕީ. ބެލްގެ "މޮނޮގްރާފް" އާއި، ޓިމް ބްރައުޑަރު ލިޔުއްވި "މޯލްޑިވް އައިލަންޑްސް މަނީ" މި ފޮތްތަކުންނެވެ.