ފުރަތަމަ ސަފުހާ » ހުރިހާ ލިޔުންތައް
އިރާދައިގައި
ބަހާއި އަދަބު,
މޫސީޤީ
Thursday, March 27, 2014
ހަސަން ޒާހިރު ޢަބްދުއްރަޝީދު
އިންތިޒާމުގެ މަތިން ދުނިޔެ ހިނގަމުންދަނީ
މިންތަކުން ތަރިތަކާއި ހަނދު
ދައުރުވެސް ވަނީ
ވިދުވަރަށްފަހު ބައެއްފަހަރު
ގުގުރާލައޭ
ވިދުމަކާވެސް ނުލައި ހޮނުގުގުރި އާދެއޭ
ދޫނިތައް ރޯދިނެތި އާދެ ވަރުބަލިވެފައި
ފޫނި ދެއްވާނެތީ ދޭ އެހެން އުދުހިފައި
ފެންނަނީ ބިންގަނޑުން އުސްގަނޑާ އަޑިގަނޑޭ
ފެންކެތީ ގަދަވިޔަސް މަޑުވަނީ ގަދަ ކަނޑޭ
ނޫރުފުޅު ހިތުތެރޭ ލެއްވުމަށް
އުފުލިއަސް
ނޫނެކޭ ނުލިބެޔޭ މުޅި އުމުރު އެދުނަކަސް
މާނުކުމެ ރިޒުޤު ގިތި ފޯއްދުމަށް
އުތުރެއޭ
ވާނުވާ ނޭނގިބަލަ ވާދުވެގެން ވެއްޓެއޭ
އެންމެފުރިހަމަ އެމިންވަރު އިރާދައިންވަނީ
ދެންނެވޭތޯ ޝުކުރު އަޅުތަކުން އިސްވަނީ
ހިޓްލަރ : 20 ވަނަ ޤަރުނުގެ އަނިޔާވެރިޔާ
މަޢުލޫމާތު
Wednesday, March 26, 2014
ޢަލީ އަޙްމަދު
20 އޭޕްރީލް 1889
ގައި އެޑޯލްފް އެލުއިސް ހިޓްލަރ އުފަންވީ އޮސްޓްރިއާގެ ބްރަނާއު ކިޔާ އަވަށެއްގެ
ފަޤީރު ޢާއިލާ އަކަށެވެ. އޭނާގެ ބައްޕަ އެލުއިސް ހިޓްލަރއަކީ، ކަސްޓަމް ދާއިރާގެ
މަސްއޫލުވެރިއެކެވެ. މަންމަ ޝިކްލްގްރޫބަރ ނުވަތަ ކްލާރާ އަކީ ރަށްފުށުގެ
ނިކަމެއްޗެކެވެ.
ހިޓްލަރގެ ޢުމުރުގެ ކުރީކޮޅު ހޭދަކުރަންޖެހުނީ ރަށްފުށުގެ ދަތި އުނދަގޫ
ދިރިއުޅުމުގެ ތެރޭގައެވެ. އޭނާގެ ޢުމުރުން 13 އަހަރުގައި، އޭނާގެ ބައްޕަ މިދުނިޔެ
ދޫކުރީ އާދަޔާއި ޚިލާފު ކުއްލި މަރެއްގައެވެ. ހިޓްލަރގެ ޢުމުރުން 18 އަހަރުގައި،
ކެންސަރު ބަލީގައި، މަންމަވެސް ނިޔާވިއެވެ.
ޖަރުމަނަށް ހިޓްލަރ ހިޖުރަކޮށްފައިވަނީ 1913 ވަނަ އަހަރުގެ ތެރޭގައެވެ.
އެއަށްފަހު، އެތާގެ ޚާރިޖީ ސިޔާސަތާއިމެދު، ފާޑުކިޔަން ފެށިއެވެ. ޖަރުމަނާއި
އިޓަލީއާއި، ހަންގޭރިއާއި، އޮސްޓްރިއާގެ ކޯލިޝަންއަކީ ނިކަމެތި، ދެމިނޯންނާނެ
ގުޅުމެއްކަމަށް އޭނާ ހާމަކުރިއެވެ. އޭގެ ބަދަލުގައި، ރަޝިޔާއާއި އިނގިރޭސިންނާއި
ގުޅުން ބަދަހި ކުރުމަށް، ޖަރުމަނުގެ އިސްވެރިންނަށް އޭނާ ނަޞޭޙަތްތެރިވިއެވެ.
1914 ވަނައަހަރުން
1918 އަށް ކުރެވުނު، ފުރަތަމަ ބޮޑު ހަނގުރާމަ ވެގެންދިޔައީ، ހިޓްލަރ ގެ ޙަޔާތް
ބަދަލުކޮށްލި އެންމެ ބޮޑު ސަބަބުކަމުގައެވެ. މިހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ
ސިފައިންގެތެރެއިން އޭނާއަށް ޖާގަލިބުނެވެ. އަދި 1914 ވަނަ އަހަރު، ފުރަތަމަ
ފަހަރަށް ޝަރަފުވެރިކަމުގެ މެޑެއްޔެއް އޭނާގެ ކަރުގައި އެޅުވުނެވެ. ސިފައިންގެ
ޚިދުމަތްވީ ހިޓްލަރަށް ހިތްހަމަޖެހުން ލިއްބައިދިން ޚިދުމަތެއްކަމުގައެވެ.
1919 ވަނަ އަހަރު،
ޖަރުމަނުގެ ލޭބަރ ޕާރޓީގެ މެންބަރަކަށް ވުމުގެ ނަޞީބު ހިޓްލަރަށް ލިބުނެވެ. މާގިނަ
ދުވަހެއްނުވެ، ޕާރޓީގެ ވެރިއަކަށް އޭނާ އިސްކުރެވުނެވެ. އެންމެ ދެ އަހަރުގެ
ތެރޭގައި މިކުޑަކުޑަ ޕާރޓީ، ނަން މަޝްހޫރު ޕާރޓީއަކަށް ބަދަލުކޮށްލިއެވެ. އަދި
ޕާރޓީގެ ނަމަށް ނެޝަނަލް ސޯޝަލިސްޓު އިތުރުކުރެވުނެވެ. މިގޮތުން މިޕާރޓީއަށް
ކިޔުނު ފުރިހަމަ ނަމަކީ، ނެޝަނަލް ސޯޝަލިސްޓް ޖަރމަން ވޯރކާރސް ޕާރޓީއެވެ.
މިޕާރޓީއަށް ގެ ނަން ކުރުކޮށް މަޝްހޫރުވެފައިވަނީ ނާޒީގެ ނަމުންނެވެ. ހިޓްލަރގެ
ޒަޢާމަތުގެ ދަށުގައި ޕާރޓީއަށް ވަންނަން ބޭނުންވާ މީހުންގެ ޢަދަދު، ދުވަހެއް
ދުވަހަކަށް އިތުރުވަމުންދިޔައެވެ.
ބިއަރ ހޯލްގައި ގެންނަން މަސައްކަތްކުރި، ޢަސްކަރީ އިންޤިލާބު ނާކާމިޔާބުވެ
ޚިޔާނާތުގެ ތުހުމަތުގައި، ހިޓްލަރ ޖަލަށްލެވުނެވެ.1924 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ހިޓްލަރާއި
އޭނާއާއިއެކު އިންޤިލާބުގައި ބައިވެރިވި ކޮމާންޑަރުންގެ ޝަރީޢަތް އޮތެވެ. ޝަރީޢަތް
ނިމުނީ 5 އަހަރަށް ހިޓްލަރ ޖަލަށްލުމަށް ޙުކުމްކުރެވިގެންނެވެ. ނަމަވެސް 8 މަހާއި ކުޑަދުވަސްކޮޅަކަށްފަހު،
އޭނާ ޖަލުން މިނިވަންކުރެވުނެވެ.
ޖަލުން މިނިވަންވުމަށްފަހު، ޖަރުމަނުގައި އޭރު އޮތް ވެރިކަމާއި ދެކޮޅަށް،
އޭނާގެ ބަސްތައް ގަދަފަދަ ވަމުންދިޔައެވެ. އޭރުގެ ޖަރުމަނަކީ ޖުމްހޫރިއްޔަތެއް
ނުވަތަ ޑިމޮކްރެސީއެއް ނޫންކަމަށާއި، '' ޔަހޫދީ އޫރުންގެ'' ބާރުގެ ދަށުގައިވާ
ދައުލަތެއް ކަމަށް އޭނާ ބުނެފައިވެއެވެ. 1920ވަނަ އަހަރުގެ ތެރޭގައި، ނާޒީންނާއި
ކޮމިއުނިސްޓުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި، ދެފަރާތުގެ އެތައް
ބަޔަކު ނެތި ފަނާވެދިޔައެވެ. 1930 ވަނަ އަހަރުގެ ޢާއްމު އިންތިޚާބަށްފަހު،
ހިޓްލަރގެ ޕާރޓީގެ ކާމިޔާބީތަކުގެ މަރުޙަލާތައް ފެށުނެވެ. އޭގެ ދެއަހަރު ފަހުން،
ޖަރުމަނުގެ އެންމެ ކާމިޔާބު ޕާރޓީއަކަށް، މިޕާރޓީ ވެގެންދިޔައެވެ.
ހިޓްލަރ ވެގެންދިޔައީ، ޔަހޫދީންނަށް ވަރަށް ބޮޑަށް ނަފުރަތު ކުރާ މީހަކަށެވެ.
އޭނާގެ ނަޒަރުގައި ޖަރުމަނަށް ކުރިމަތިވި ހުރިހާ ނިކަމެތިކަމަކާއި މުޞީބާތްތަކުގެ
އަޞްލަކީ ޔަހޫދީންނެވެ.އަދި ޔަހޫދީންނަކީ ޚިޔާނާތްތެރި، ތެދުވެރިކަމެއް ނެތް
ބައެއް ކަމުގައިވެސް އޭނާ ސިފަކުރަމުންދިޔައެވެ. އެމީހުންނަކީ ގޮތްކުޑަ، ދަށް
ފަންތީގެ ބައެއްކަމަށާއި، އިންސާނީ ދަރިފަސްކޮޅުގެ ދުޝްމިނުންތަކެއް ކަމަށްވެސް،
އޭނާ ހާމަކޮށްފައިވެއެވެ. ''ޔަހޫދީއެއްގެ ލޭއޮހޮރުވާލައިފިނަމަ، ކަންތައްތައް
ކުރިއަށްވުރެ ދެގުނައަށް އިޞްލާޙުވާނެ'' ހިޓްލަރު ބުނެފައިވެއެވެ.
މަސީޙީންނަކީވެސް، އޭނާގެ ގާތުގައި މާމަޤުބޫލު ބަޔަކަށް ނުވިއެވެ. އޭނާ ދުށް
ގޮތުގައި، ކްރިސްޓިއަނިޓީއަކީ، ޔަހޫދީންގެ މެދުން އުފެދިފައިވާ، ނިކަމެތި
ތާކުންތާކު ނުޖެހޭ ދީނެކެވެ. އަދި އެދީން ބިނާވެފައިވަނީ އެއްވެސް އަސާސެއްގެ
މައްޗަށް ނޫންކަމަށްވެސް އޭނާ ދެކެފައިވެއެވެ.
1 ސެޕްޓެމްބަރ
1939 ގައި،ހިޓްލަރ މުޅި ދުނިޔެއާއި ދެކޮޅަށް ހަނގުރާމަ އިޢްލާނުކުރިއެވެ. 1941ގެ
ޖޫންގައި ރަޝިޔާއަށް އޭނާ ޙަމަލާދިނެވެ. އަދި ހަމަ އެއަހަރުގެ ޑިސެމްބަރުގައި،
އެމެރިކާއަށް ވެސް އޭނާ ޙަމަލާދީފައިވެއެވެ.
ހިޓްލަރގެ ހަނގުރާމަތަކާއި، މީހުންނާއި މެދު މުޢާމަލާތްކޮށްފައިވާގޮތަށް
ބަލާއިރު، 20 ވަނަ ޤަރުނުގައި ދުނިޔެ ދުށް އެންމެ ހަރުކަށި އިންސާނާގެ ގޮތުގައި،
އޭނާ ސިފަކުރެވެއެވެ. އޭނާގެ ކޭމްޕު ތަކުގައި ގާތްގަނޑަކަށް 12 މިލިއަނަށްވުރެ
ގިނަ މީހުން މަރާލާފައިވާކަމަށް ބެލެވެއެވެ. އަދި މީސްމީހުންނަށް
އަނިޔާދިނުމަށްޓަކައި، އެންމެ އަނިޔާވެރި ގޮތްގޮތަށް މީހުންމަރާނެ ލަފާދޭ ޑޮކްޓަރުންވެސް
އޭނާ ގެންގުޅެފައިވެއެވެ. ހިޓްލަރގެ އަނިޔާވެރިކަމުގެ ތެރެއިން، އެންމެ
އަނިޔާވެރިގޮތެއްގައި މީހުން މެރުމުގެ ޢަމަލުކަމުގައި ބެލެވެނީ، މަޢްދަން ޗެމްބަރ
ތަކަށް މީހުން އަޅައި އަންދާލުމެވެ. މިކަމަށް ކިޔައިއުޅެނީ ހޮލޯކާސްޓުއެވެ.
ހިޓްލަރގެ އަނިޔާވެރިކަމާއި ހަރުކަށިކަން، ގުޅިފައިވަނީ، އޭނާގެ ޅަފުރައިގެ
ދުވަސްތަކުގައި، ތަޙައްމަލުކުރަން ޖެހުނު، އަނިޔާވެރިކަމުން އޭނާއަށް އައިސްފައިވާ
ނަފުސާނީ ބަދަލުތަކާއި ކަމަށް ބައެއް މީހުންދެކެއެވެ.
1945 ވަނަ އަހަރުގެ
އޭޕްރީލްމަހުގެ 30 ވަނަ ދުވަހު، ހިޓްލަރ ދުނިޔެދޫކޮށްފައިވަނީ، އޭނާގެ ބޮލަށް ބަޑިޖަހައި،
އަމިއްލައަށް މަރުވެގެންކަމަށް، ގިނަ މުއައްރިޚުން ހާމަކުރެއެވެ.
ކަލާގެ ދުނިޔެ - އަޅާގެ ޙަޔާތް
ބަހާއި އަދަބު,
މޫސީޤީ
Wednesday, March 26, 2014
ހަސަން ޒާހިރު ޢަބްދުއްރަޝީދު
މަލާ
ގުލްޝަންގެ ރަނިކަން
ލިބިފަވާ ފަރި ރީތި
މަލަކީތީ
މަލާ
މިކޮކާ
ވުޖޫދަށް
އައުމުގައިވާ ސަބަބަކީވެސްތީ
މަހެއް
ގޮތުގައިވިނަމަ
އެދެނީ ތިފެންކޯރުގެ ތެރޭލެއްވުން
ލަހެއްނެތި
ހޯދުމަށް ގެދޮރެއް ދުވުނު ހިނދު
ފެނުނު ގަލަކީތީ
ފަލަކުގައި ފިޔަ
ޖަހާތިބިތިބި އެތައް ޗާލޫވި ތަރިތަކަކުން
ނަޒަރު ހުއްޓާލެވުނު ބެބުޅުންވި
އަލިގަދަ
ތަރިއަކީވެސްތީ
ޒަމާން
އެތަކެއް ވެ ދިޔައިރުވެސް ކަލާ ދުރުކޮށްލެވެން ނެތުމުން
ދަމާބާރެއް
އުފެދިފައިވާ
ދަގަތްފާނެއް ކަލާހަމަތީ
ދުވާލު ގަޑީ މިނޫއުޑުގައި ލެވޭ ފޭރާމަކީ ބަލަތީ
ދުވާ
އެކިއެކި
ކުލައިން ޒީނަތްކުރާ
[ކުލައުޑް] އަކީވެސްތީ
ހިތަށް
ފިނިކަން ލިބޭ ހިތްގައިމު ފޮނި އެކި މިއުޒިކީ ރާގުން
މިތަންވަލުވެސް ގޮވާލާތޯ އެދޭ ފަރި
ޢަންދަލީބޭތީ
ދެވޭނުދެވޭ
މިނޭނގޭ އަނދިރި
ރޭތައްވެސް އަމާންކޮށް
ދެވޭ
ރިހިއަލިތަކުން މަގުވެސް ކޮށަން ފަހިކޮށްލި ހަނދަކީތީ
އަމާޒުގެ މަންޒިލަށް ދިއުމަށް ހަޔާތުގެ ފުންމިކަނޑުގައި އޮޑި
އާމާން
ދަތުރެއް ލިބެންފަހިކޮށް ޖެހޭ ފައްސިޔަ
ވައޭ ބަލަތީ
އަޅާގެ
ޙަޔާތް ވަނީ ތިޔަ ލޯބިވެތި
ޔާރާގެ ދުނިޔޭގައި
ފަޅާލިޔަކަސް
އަތުން ބީވުން
އެނޭދޭ މާތް ޖާހިރުތީ
އެކި ޒަމާނުގައި ދިވެހި ފައިސާ
މަޢުލޫމާތު
Tuesday, March 25, 2014
ނަސީމާ މުޙައްމަދު
ދުނިޔޭގައި އުފެދިދިޔަ
ވަރަށް ގިނަ އެހެނިހެން ޙަޟާރަތްތަކާ އެއްގޮތަށް، ދިވެހިރާއްޖޭގައި ވެސް އެންމެ
ފުރަތަމަ ވިޔަފާރިކޮށް އުޅުނީ މުދަލަށް މުދާ ދޭ އުޞޫލުން، ނުވަތަ
"ބާޓަރު" ކޮށްގެންނެވެ. ފައިސާގެ ބޭނުން ނުކޮށް ތަކެއްޗަށް ތަކެތި
ދީގެން ނުވަތަ ތަކެއްޗަށް މަސައްކަތެއް ކޮށްދީގެން ވިޔަފާރި ކުރާ އުޞޫލުންނެވެ.
ޒަމާންތައް ވޭތުވަމުން
ދިޔުމާ އެކު، ކޮންމެވެސް ދުވަސްވަރެއްގައި ފައިސާގެ ގޮތުގައި ދިވެހި ބޮލި
(ސިޕްރިއާ މޮނޭޓާ) ބޭނުންކުރަން ފަށައިފި އެވެ. މި ކަން ފެށުނީ ދިވެހިރާއްޖޭގައި
ކަމެއް، ނުވަތަ ދުނިޔޭގެ އެހެން ހިސާބެއްގައި ކަމެއް ވެސް އެނގޭކަށް ނެތެވެ.
ތާރީޚު ލިޔުއްވާ އެކި ލިޔުންތެރިން ވިދާޅުވެފައިވާ ގޮތުގައި، އެވޭލާ ޒަމާނުގައި
މިވައްތަރުގެ ބޮލި ލިބެނީ ހަމައެކަނި އިންޑިޔާ ކަނޑުގައި އޮންނަ މި
ޖަޒީރާތަކުންނެވެ. ލަކްޝަދީބުން ވެސް އިހުޒަމާނުގައި މިފަދަ ބޮލި ހޮވާފައިވާ ކަމަށް
ބައެއް މީހުން ބުނެ އެވެ. ދިވެހިރާއްޖެ އާއި ލަކްޝަދީބާއި، މިއީ އުފެދިފައިވާ
ގޮތުން، ކަނޑުގެ އަޑީގައި ދެމިފައިވާ އެއް ފަރުބަދަފައްޗެއްގެ މަތީގައި ގާތުގައި
އުފެދިފައިވާ ޖަޒީރާތަކެއްގެ ދެ ބައެކެވެ. އެހެންކަމާ އެކު، ލަކްޝަދީބުން ވެސް
މިފަދަ ބޮލި އިހުގެ އިންޑިޔާ މީހުން ހޯދާއުޅުނުކަމަށް ވެދާނެ އެވެ. ރާއްޖޭގެ
ބައެއް އާސާރީ ސަރަޙައްދުގައި، އިހުގެ ދީނީ ބިނާތަކުގެ ތެރޭގައި، އެހެން
ޤައުމުތަކުގައި ރަނާއި ރިހީން ހަދާފައި ހުންނަ ތަކެތި ވަޅުލާފައި ހުންނަ ފަދައިން
ބޮލި ވަޅުލާފައި ހުރުމުން، ބޮއްޔަކީ ހަމަ އެފަދަ އަގުހުރި ތަކެތި ކަމަށް
އެޒަމާނުގެ މީހުން ޤަބޫލުކުރިކަން ދޭހަވެ އެވެ.
ބޭރު ދުނިޔޭގެ އެކި
ޤައުމުތަކުގެ ފައިސާ ވެސް ދިވެހިރާއްޖޭގައި އިހުގައި ބޭނުންކޮށް އުޅުނެވެ. މީގެ
ތެރޭގައި، ދެކުނު އިންޑިޔާގެ ބައެއް ފައިސާ ފޮއްޗާއި، އަދި ވަރަށް ކުރީގެ ރޫމީންގެ
ފައިސާ ހިމެނުނެވެ. މިކަމުގެ ހެކީގެ ގޮތުގައި، ތޮއްޑޫ ދާގަބާގެ ތެރެއިން ފެނުނު
"ރޯމަން ޑެނޭރިއަސް" ކިޔާ ވައްތަރުގެ ފައިސާ ފޮއްޗަކާއި، މީގެ ފަހުގެ
ދުވަސްވަރެއްގެ ރޫމީންގެ ފައިސާ ވެސް ރާއްޖެ އިން ފެނިފައި އެބަ ހުއްޓެވެ.
ބޮލީގެ ވިޔަފާރީގެ
ފައިދާ ދިވެހިރާއްޖެ އަށް ވަރަށް ބޮޑަށް ކުރި އެވެ. މީލާދީން ނުވަ ވަނަ ޤަރުނުން
ފެށިގެން 19 ވަނަ
ޤަރުނާ ހަމައަށް، ރާއްޖެއިން ދިވެހިބޮލި އެހެން ޤައުމުތަކަށް އެކްސްޕޯޓު ކުރި
އެވެ. މިރާއްޖެ އިން ބޭރުކުރި ބޮލީގެ ސަބަބުން، މިހިސާބުގެ އެހެން ޤައުމުތަކުގެ
އިޤްތިޞާދާ ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވި އެވެ. އަދި ފައިސާގެ ޢަދަދު
"މަދުކުރުމާއި ގިނަކުރުން ވެސް" އެއިރު އޮތީ ދިވެހިންގެ އަތްމަތީގައި
ކަމަށް ބެލިދާނެ އެވެ. ހުޅަނގު އެފްރިކާ އިން އަޅުން ގަނެގެން އަލަށް ހޯދުނު
އެމެރިކާގެ ބައްރަށް ގެންގޮސް އުޅުނުއިރު، އަޅުން ގަންނަނީ ބޮއްޔަށެވެ. އަޅުންގެ
ވިޔަފާރި މީލާދީން 18 ވަނަ ޤަރުނުގައި ހުއްޓާލުމާ އެކު، ބޮއްޔަށް އޮތް ޑިމާންޑް
ކުޑަވެގެންދިޔަ އެވެ. އަދި ކުރިން ފައިސާގެ ގޮތުގައި ބޮލި ބޭނުންކޮށް އުޅުނު
ޤައުމުތަކުގައި، މަޢުދަނުން ފައިސާ ޖަހަން ފެށުމުން ވެސް ބޮލީގެ ބޭނުން ކުޑަވެގެން
ދިޔަ އެވެ. ފައިސާގެ ގޮތުގައި ދިވެހިރާއްޖެ އާއި އެހެން ޤައުމުތަކުގައި، ބޮލި
ބޭނުންކުރުން ނިމުމަކަށް އައީ، މީލާދީން 19 ވަނަ ޤަރުނުގައި ކަމަށް ބެލެވެ އެވެ. އެހާތަނާ
ޖެހެންދެން، ބޮއްޔާ އެކުގައި، ރާއްޖޭގައި އެހެނިހެން ފައިސާ ވެސް
ބޭނުންކުރަމުންދިޔަ އެވެ.
ފައިސާގެ ގޮތުގައި
ބޮލި ބޭނުންކުރި
ޒަމާނަށް ފަހު، ދެން އައީ ދިގު ލާރީގެ ޒަމާނެވެ. "ލާރި" މިލަފުޒު
އައިސްފައިވަނީ، ލާރި އެންމެ ފުރަތަމަ އުފެއްދި، ފާރިސްކަރައިގެ ރަށް ކަމުގައިވާ
"ލާރް"ގެ ނަމުންނެވެ. ރާއްޖޭގައި ދިގު ލާރި ޖަހައިފައިވަނީ ރިހިންނެވެ.
މިއީ ބޮލުގައި ޖަހާ ދައްޗެއްގެ ސިފައިގައި، ލަނބާލާފައި އޮންނަ ފަލަ ރިހި
ނަރުކޮޅެކެވެ. މީގައި ރަދުންގެ ތައްގަނޑެއް ޖަހާފައި ހުރެ އެވެ. މީލާދީން 17 ވަނަ ޤަރުނުގައި
ރާއްޖެ އައި ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑްގެ ލިޔުމުން އެނގޭ ގޮތުގައި،
އައްސުލްޠާން އިބްރާހީމް 3 ވަނަ، ކަލާފާނުގެ ރަސްކަމުގައި ދިގުލާރި ޖެއްސެވި އެވެ.
ނަމަވެސް މިކަން ފެށުނީ އެރަދުންގެ ބައްޕާފުޅު އައްސުލްޠާން މުޙައްމަދު
ތަކުރުފާނުލް އަޢުޡަމްގެ ރަސްކަމުގައި (1573-1585) ކަމަށް ވެސް ވެދާނެ އެވެ.
ދެކުނު އޭޝިއާ ސަރަޙައްދުގެ އެހެން ޤައުމުތައް ފަދައިން، ދިވެހިރާއްޖޭގައި ވެސް
ފައިސާގެ ގޮތުގައި ބޭނުންކުރުމަށް މަޢުދަނުން އެންމެ ފުރަތަމަ އުފެއްދީ "ދިގު
ލާރި" އެވެ. ކަލާފާނުގެ ރަސްކަމުގައި ދިގު ލާރި ޖެއްސެވީ ސާފު ރިހީންނެވެ.
ލާރިއެއްގެ ދިގުމިނަކީ ގާތްގަނޑަކަށް ހަތަރު އިންޗި އެވެ. ބަރުދަނަކީ
ގާތްގަނޑަކަށް 69.5
ގްރޭނުން 71.5
ގްރޭންއާ ދެމެދުގެ ބަރުމިނެކެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1648-1687)
ގެ ރަސްކަމާ ހަމައަށް ރާއްޖޭގައި ދިގު ލާރި ގެންގުޅުނެވެ. ސޯޅަ ވަނަ ޤަރުނުގެ
ތެރޭގައި ދިގުލާރިއެއްގެ އަގަކީ، 5.5 ދިގުލާރި = ސްޕެނިޝް ޑޮލަރެއް ނުވަތަ "ޕީސް އޮފް
އެއިޓް" ގެ އަގެވެ.
ރާއްޖޭގައި އެންމެ
ފުރަތަމަ ވަށް ލާރި ޖެއްސެވީ، 1664-1665 ވަނަ އަހަރު، އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 އެވެ. އެއިރުގެ ލާރި
ވެސް ހުންނަނީ ރިހިންނެވެ. މި ލާރީގައި ޖައްސަވާފައިވާ ތައްގަނޑުގައި،
"އައްސުލްޠާން އިސްކަންދަރު ބިމާއި ކަނޑުގެ ރަސްގެފާނު" މިފަދައިން
ޢަރަބި ބަހުން ލިޔެފައިވެ އެވެ. އަދި އެރަދުން ޙައްޖުވެވަޑައިގަތުމަށް ފަހުގައި 1676 ވަނަ އަހަރު، (1086ހ)
ޖެއްސެވި ވަށް ލާރީގެ ތައްގަނޑަށް "ޙާޖީ" އިތުރުކުރައްވާފައިވެ އެވެ.
އިސްކަންދަރު ރަދުން ޙައްޖުގެ ފަރުޟު ފުރަތަމަ ފަހަރު އަދާކުރެއްވީ 1668 ވަނަ އަހަރު (1079ހ)
އެވެ. ވަށް ލާރި ޖައްސަވަން ފެއްޓެވުމާ އެކު ދިގުލާރި ޖެއްސެވުން ނިމުމަކަށް އަ
އެވެ.
އިސްކަންދަރު
ރަސްގެފާނުގެ ފަހުން، ވަރަށް ގިނަ ރަސްރަސްކަލުން ވަށް ލާރި ޖައްސަވަފައިވެ އެވެ.
ކުރީކޮޅުގައި ލާރި ޖައްސަވާފައި ވަނީ ރިހިންނެވެ. ނަމަވެސް ފަހުން، ލޮޔާއި،
ޓިނާއި، ޒިންކު އެކުލެވިފައިވާ މަޢުދަނުން ލާރި ޖައްސަވާފައިވެ އެވެ.
"ކުޑަލާރި" ނުވަތަ "ބައިލާރި"، ކިޔުނު ލާރިއެއް، ފުރަތަމަ
ޖެއްސެވީ އައްސުލްޠާން މުޙައްމަދު ދެއްވަދޫ ރަސްގެފާނު، 1694 ވަނަ އަހަރު ( 1105ހ)
އެވެ. މިއީ އާދައިގެ ލާރީގެ ދެބައިކުޅަ އެއްބައިގެ އަގެއް ހުރި، ރިއްސާއި ލޮއިން
ޖެއްސެވި ލާރިއެކެވެ. އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން،
ދިޔަމިނގިލި ބަންޑާރައިންގެ ޒަމާނުގައި ޖައްސަވާފައިވާ ލާރިއެއްގައި، ބޭރުގެ
ތައްގަނޑެއް އޮބިފައި ހުއްޓެވެ. ލާރީގެ ތައްގަނޑު މަތީގައި، ހަ މިލިމީޓަރުގެ
ބޮޑުމިނުގައި ވަށްކޮށް "ޖާވާ" މިފަދައިން އޮބިފައިވެ އެވެ. އެހެންކަމާ
އެކު، މިއީ ދިވެހި ފައިސާ ޖާވާގައި ބޭނުންކުރެވުނު ކަމަށް ދައްކާ ދަލީލެކެވެ.
"ބޮޑުލާރި" ގެ
ނަން ދީފައިވާ، ހަތަރު ލާރީގެ އަގު ހިމެނޭ ލާރިއެއް 1735 ވަނަ އަހަރު ( 1147ހ)
ތެރޭގައި ފުރަތަމަ ޖެއްސެވީ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު ،2 އެވެ. މީގެ
ބަރުދަނަކީ 146.5 ގްރޭން
އެވެ. އަދި، މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަދުންގެ ރަސްކަމުގައި، ތިން
ލާރީގެ އަގު ހިމެނޭ ފައިސާފޮއްޗެއް ޖެއްސެވިކަން ވެސް ފާހަގަކޮށްލެވެ އެވެ.
ދިވެހި ފައިސާގެ
އެންމެ ރީތި މިސާލު ހުރީ އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން 1 ގެ ރަސްކަމުގަ އެވެ.
މޮހޮރީގެ ނަމުގައި، ސާފު ރަނުން ފައިސާއެއް ޖެއްސެވީ މި ރަދުންނެވެ. އެގޮތުން
ހިޖުރީ ގޮތުން 1207 ގައި
މިރަދުން ޖެއްސެވި ފައިސާގައި، ލިޔުމާއި ޑިޒައިން ހުރީ އެޒަމާނުގެ އިންޑިޔާގެ
މޯގަލް ރަސްރަސްކަލުންގެ ފައިސާއާ އެއްގޮތަށް އެހައިމެ ރީތިކޮށް ފުރިހަމަ
ކޮށްނެވެ. މޮހޮރީއެއްގެ ބަރުދަނަކީ 192.3 ގްރޭން އެވެ. މިއާ އެކުގައި ބައި މޮހޮރީއެއް ވެސް
ޖެއްސެވި އެވެ. މި ފައިސާ ޖެއްސެވީ އެ ދުވަސްވަރު، ރާއްޖެ އަށް އުރުނު،
ފަރަންސޭސީން އަތުލައިގަންފައިވާ، އިންޑިޔާ ނަވެއްގައި ހުރި ރަނުންނެވެ. މި ދެ މޮހޮރީ
އިން އެއްވެސް ފައިސާއެއް ޢާއްމު ގޮތަކަށް ނުހިންގަވަ އެވެ. މުޅިން ވެސް
ބޭނުންފުޅުކުރެއްވީ ގަނޑުވަރުތެރޭގެ އަންހެން ބޭފުޅުންނަށް ފަށްޓަރުބައިކޮޅާއި
އެހެނިހެން ގަހަނާ ހެއްދެވުމަށެވެ.
އެންމެފަހުން
ރާއްޖޭގައި ލާރި ޖެއްސެވީ އައްސުލްޠާން ޙާޖީ ޢިމާދުއްދީން 6 ވަނައިގެ ރަސްކަމުގަ
އެވެ. މިހާތަނަށް ރާއްޖޭގައި ލާރި ޖައްސަވާފައި ވަނީ "ސިއްކަގެ" ކިޔާ
ތަނެއްގައި، "ސިއްކަގެ ކަލޭގެފާނު"ގެ ބެއްލެވުމުގެ ދަށުގަ އެވެ.
މިތަނުން އެންމެ ފަހުން މާލޭގައި ލާރި ޖެއްސެވީ ހިޖުރީ ގޮތުން 1320 ވަނަ އަހަރު އެވެ.
ނަމަވެސް، މީލާދީން 1902 ވަނަ އަހަރުން ފެށިގެން ސަރުކާރުން ލާރި ޖެއްސެވީ،
އިނގިރޭސިވިލާތުގެ ބާމިންގްހަމް މިންޓްގަ އެވެ.
އެންމެ ފުރަތަމަ
ބޭރުގައި ޖަހާފައިވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި އެއް
ލާރި އާއި ބޮޑު ލާރި އެވެ. މިރަދުންގެ ރަސްކަމުގައި ޖަހާފައިވާ ލާރި ނޫން އެހެން
ހުރިހާ ލާރި ބެހެއްޓެވުން ސަރުކާރުން ހުއްޓަވާލެއްވީ، 1961 ވަނަ އަހަރުގެ ތެރޭގަ
އެވެ. ޝަމްސުއްދީން ލާރި އުވާލެވުނީ، 1966 ވަނަ އަހަރު އެވެ.
ދިވެހިރާއްޖޭގައި ނޫޓު
ގެންގުޅުމުގެ ތާރީޚަށް ބަލައިލާއިރު، ބޭރު ބައެއް ޤައުމުތަކުގެ ނޫޓު ރާއްޖޭގައި ގެންގުޅުނުކަން
ފާހަގަކުރެވެ އެވެ. އެގޮތުން ހިޖުރީ ސަނަތުން 1361 ވަނަ އަހަރުގެ
ރަބީޢުލްއައްވަލު މަހުން ފެށިގެން ހަ މަސްދުވަސް ވަންދެން އިންޑިޔާ ނޫޓާއި ސިލޯނު
ނޫޓު ރާއްޖޭގައި ހިންގި އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން
ދިމާވެފައިވާ ދަތިތަކެއް ޙައްލުކުރެއްވުމަށް އެޅުއްވި ފިޔަވަޅެކެވެ. އޭގެ ކުރިން
ވެސް އިންޑިޔާގެ ނުވަތަ ސިލޯނުގެ ރިހި ރުފިޔާ ރާއްޖޭގައި ގެންގުޅުނެވެ.
ދިވެހިރާއްޖޭގެ
އަމިއްލަ ނޫޓެއް ފުރަތަމަ ޖެހުނީ 24 ރަމަޟާން 1366 މިތާރީޚުގައި ދިވެހިރާއްޖޭގެ ނޫޓުގެ ބިލް ފާސްވުމުންނެވެ.
އޭގައިވާ ގޮތުން އެއިރު ހުއްދަ ކުރެވުނީ 60 ލާރި، އެއް ރުފިޔާ، ދެ ރުފިޔާ، ފަސް ރުފިޔާ، 10 ރުފިޔާ މިއަގުތަކުގެ
ނޫޓެވެ. ދިވެހިރާއްޖޭގެ ނޫޓު ޗާޕުކުރެވުނީ، އިނގިރޭސިވިލާތުގަ އެވެ.
ރާއްޖޭގެ ފައިސާ އަށް
"ރުފިޔާ" ކިޔުނު ގޮތެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ބައެއް
ބޭފުޅުން ލަފާކުރައްވާ ގޮތުގައި، މިރާއްޖޭގައި ވިޔަފާރިކޮށް އުޅުނު ވޯރާވ ވިޔަފާރިވެރިން
ގެންގުޅުނު "ރުޕިޔާ" މި ލަފްޒު ދިވެހިވެގެން ދިޔައިރު، އެހެން ދިވެހި
ލަފުޒުތަކަށް ވެފައިވާ ފަދައިން، "ޕަވިޔަނި" "ފާފަ" ކަށް
ބަދަލުވީ އެވެ. އެޒަމާނުގައި ގެންގުޅުނު ރުފިޔާއެއްގައި ލާރީގެ އިތުރަށް،
ރުފިޔާއެއްގެ ސޯޅަ ބައިކުޅަ އެއްބައި ކަމަށްވާ "އަނާ" އެއްވެސް
އެކުލެވިފައިވެ އެވެ. މިއީ އިންޑިޔާގައި ގެންގުޅުނު ސިއްކައެއް ކަމަށްވުމާ އެކު
އެނގެނީ، އެޒަމާނުގައި އިންޑިޔާގެ ފައިސާ އަށް ދީފައިވާ ނަންތައް އެ ފައިސާއާ އެކު
ރާއްޖެ އަށް ގެނެވިފައިވާ ކަމެވެ. އެ ޒަމާނުގައި ދިވެހި ރުފިޔާ އަކީ 120 ލާރި އެވެ. ކުރީގައި
ރާއްޖޭގައި ފައިސާގެ ޢަދަދުގެ ގޮތުގައި ބޭނުންކޮށް އުޅުނު، ރުފިޔާ، އަނާ، ލާރި، މި
ތިން ވައްތަރުގެ ތެރެއިން އަނާ ދޫކޮށްލާފައި، ހަމައެކަނި ރުފިޔާ އާއި ލާރި
ބޭނުންކުރާ ގޮތަށް ވަޒީރުންގެ މަޖްލިސުން ފާސްވީ 26 ޖުމާދަލްއައްވަލް 1352 މި ދުވަހު އެވެ.
އެއިރު ރުފިޔާއެއްގެ އަގަކީ 120 ލާރި އެވެ. ރުފިޔާގެ އަގު ތަފާތުވެ، ދިވެހިރާއްޖޭގެ
ސަރަޙައްދުގެ ތެރޭގައި ރުފިޔާއެއްގެ އަގަކީ 100 ލާރި ކަމަށް
ހަމަޖެހުނީ، 10
ޝަޢުބާން 1367 މި
ތާރީޚުގައި ރައްޔިތުންގެ ޚާއްޞަ މަޖްލިސުން ފާސްކުރެއްވި، ބިލް ނަމްބަރު 67/ 4 އިންނެވެ.
އެންމެ ފުރަތަމަ
ރަސްމީ ގޮތެއްގައި ރާއްޖެގެ ފައިސާ ބޭރުގެ ފައިސާއާ އަގު ހަމަކުރެއްވީ، ޖަނަވަރީ ،10 1965 ( 17 ރަމަޟާން 1384) މި ދުވަހު
ވުޒާރަތުލްމާލިއްޔާ އިން ނެރުއްވި އިޢުލާނަކުންނެވެ. އޭގައިވާ ގޮތުން:
ސިލޯނު އެއް ރުފިޔާއަކީ
ދިވެހި އެއް ރުފިޔާ އެވެ. އިންޑިޔާގެ އެއް ރުފިޔާއަކީ ދިވެހި އެއް ރުފިޔާ އެވެ.
އެމެރިކާ އެއް ޑޮލަރަކީ ދިވެހި 4.79 ރުފިޔާ އެވެ. ސްޓާލިންގް ޕައުންޑަކީ ދިވެހި 13.33 ރުފިޔާ އެވެ.
މިގޮތަށް ހަމަޖެހުނީ
ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަވަސް ދުވެއްޔެއްގައި
އަންނަމުންދިޔަ ދުވަސްވަރެއްގަ އެވެ. ރާއްޖޭގައި ޓޫރިޒަމް ފެށިގެން ހިނގައިގަތް
ދުވަސްވަރެވެ. ވުމާ އެކު، އެއީ އުޞޫލެއްގެ ގޮތުން މިކަހަލަ ގޮތެއް ހަމަޖެހިފައި
އޮންނަން ކޮންމެހެން ބޭނުންވެފައިވާ ދަނޑިވަޅެކެވެ.
ނޯޓް: މައުލޫމާތު ހޯދާފައިވަނީ، ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ލިޔުނު "ޒަމާނުގެ ތެރެއިން ދިވެހި
ފައިސާ" މިލިޔުމުންނާއި، އެޗް.ސީ.ޕީ. ބެލްގެ "މޮނޮގްރާފް" އާއި،
ޓިމް ބްރައުޑަރު ލިޔުއްވި "މޯލްޑިވް އައިލަންޑްސް މަނީ" މި ފޮތްތަކުންނެވެ.




.jpg)
