އައްޝައިޚް ޢަލީ ރިޟާ އަޙްމަދު
ޙިޖާމާ މިނަން ނެގިފައިވާ
ކަމަށް ބަލާއިރު އޭގެ މާނައަކީ ދެމުމެވެ. ކަޕިން ތެރަޕީ އަށް އެނަން
ދެވުނީ ބަލިމީހާގެ ހަށިގަނޑުގައިވާ ގޯސް ލޭތައް ޙިޖާމާކުރާ މީހާ އެމަސައްކަތުގެ އާލާތް
ބޭނުންކޮށްގެން ދަމައިގަންނާތީ އެވެ. މިހެންކަމުން ޙިޖާމާ އަކީ ނުވަތަ ކަޕިން ތެރަޕީ
އަކީ، ގައިގެ ހަމުގައި ވަރަށް ކުޑަ ކުޑަކޮށް އަނިއަޅާލުމަށްފަހު މިޢުޖަމުގެ
ޛަރީޢާއިން ހަށިގަނޑުގައިވާ ގޯސް ލޭތައް ދަމައިގަތުމެވެ. މިހެންވެ ފިޤުހުވެރިން
އަލްޙިޖާމާގެ ތަޢުރީފުގައި ވިދާޅުވަނީ އެއީ ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި،
މިޙުޖަމުން ހަންގަޑުގައި (ތުނިތުނިކޮށް) އަނިއަޅުވާލުމަށްފަހު ވަކިކަހަލަ ލެއެއް
(ހަށިގަނޑުގެ) ޚާއްޞަ ތަނަކުން (ނޫނީ ތަންތަނުން) ނެރުމެވެ.
ފިޤުވެރިންގެ
ތަޢުރީފުގައި “ވަކި ވަގުތެއްގައި، މުއްދަތެއްގައި” ކަނޑައަޅުއްވާފައި ވަނީ
ޞަޙީޙުލް ޖާމިޢިގައި އިބްނުޢުމަރުގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެއްގައި
ބުރާސްފަތި ދުވަހާއި ހޯމަ ދުވަހާއި އަންގާރަ ދުވަހު ޙިޖާމާކުރުމަށް އިރުޝާދު
އައިސްފައިވާތީ ކަމަށް ވެދާނެއެވެ. އޭގެ ސަބަބެއް ކަމުގައި އެ ޙަދީޘްފުޅުގައި ވަނީ
އެއީ އައްޔޫބު ޢަލައިހިއްސަލާމަށް ކުރިމަތިވި ބަލާވެރިކަމުން އެކަލޭގެފާނަށް ﷲ
ޢާފިޔަތު ދެއްވި ދުވަސްތައް ކަމުގައެވެ. އަދި ބުދަ ދުވަހު ނުކުރަންވީ އެއީ
އައްޔޫބުގެފާނަށް އެކަން ޖެހުނު ދުވަސް ކަމުގައި ވާތީއެވެ.
ހުކުރު ދުވަހާއި ހޮނިހިރު
ދުވަހާއި އަދި އާދީއްތަ ދުވަހުގައިވެސް ޙިޖާމަތު ނުކުރުމަށް އައިސްފައި ވެއެވެ.
އަދި ހަމަ މިދެންނެވި މަރްޖަޢުގައި އަބޫހުރައިރާގެ އަރިހުން ހަނދުމަހުގެ 17، 19،
އަދި 21 ގައި ހިޖާމަތުކުރުމަށް ބާރުއަޅުއްވާފައި ވެއެވެ. މިކަމުގެ ފަންނީ ބޭފުޅުން
ގާތްގަނޑަކަށް އިއްތިފާޤުވެލައްވާ ގޮތުގައި ހަނދުމަހުގެ ފަހު ފަނަރައިގައި ކުރުން
ފައިދާބޮޑުވެގެންވެއެވެ.
މިޞިނާޢަތުގެ ޙަކީމުން މި
މަސައްކަތް ތަޢުރީފު ކުރައްވާއިރު ވިދާޅުވެއެވެ. އެއީ ޙައްޖާމް (ކަޕިންގެ ފަރުވާދޭ
ޙަކީމް ނުވަތަ ޑޮކްޓަރ) ލޭނަގަން ބޭނުންވާ ތަނުގެ ހަންގަނޑު މަތީ އަނިއަޅުވާލުމަށްފަހު
އިންސާނާގެ ހަށިގަނޑުން ވަކި މިންވަރަކަށް ލޭނެގުމުގެ މަސައްކަތެވެ.
ދެވައްތަރެއްގެ ޙިޖާމާއެއް ވެއެވެ. ކެފުމަކާއި ނޫނީ އަޑިއެޅުވުމަކާއި ނުލައި (ފޮޓޯ
އިން ފެނިވަޑައިގަންނަ ވާފަދައިން) ހަށިގަނޑުން ޙިޖާމާކުރަންވީ ތަނުގައި މިޙުޖަމް
ހަރުކޮށްލުމެވެ. އޭރުން އެތަނަށް ލޭޖަމާވެ އެތަން އުފުލިފައި
ހުންނާނެވެ. ޙައްޖާމަށް ފެނިލައްވާ މުއްދަތެއްގައި އެ ތަށިބަހަށްޓާފައި ނެގުމުން
ނިމުނީއެވެ. މިއަށް ހިކި ޙިޖާމާ (ޑްރައި ކަޕިން) މިހެން ކިޔައެވެ. އަނެއް
ވައްތަރަކީ ޙިޖާމާކުރަން ޖެހޭ ތަންތަން ޑޮކްޓަރ ފާހަގަކުރައްވާ އެތާނގައި މިޙްޖަމް
ހަރުކޮށްފައި އެފާހަގަކުރެއްވި ތަނުގެ ހަން ކަފާލައި
އެތަނުން ފާސިދު ލޭތައް ނެރުމެވެ. މިޒަމާނުގެ ޢިލްމުވެރިން، އަލްޙިޖާމާ
ތަދްލީކިއްޔާ (މަސާޖް މޫވިން ކަޕިން) އަލްޙިޖާމާ އައްދަމަވިއްޔާ (ބްލަޑް ލެޓިންގ)
ގެ ނަމުންވެސް ފާހަގަކުރައްވާފައި ވެއެވެ.
ޙިޖާމާކުރެވޭ ބައެއް
ބަލިތައް
އެކި ވަގުތާއި ޒަމާނާއި
ގުޅިފައިވާ ބޮލުރިހުމަށް ކަވާޖަހައެވެ. ނުވަތަ ޙިޖާމަތު ކުރެއެވެ. އަދި ކަރާއި
ބުރަކަށީގެ މައިބަދަ އަދި ދެފައިގެ ހުންނަ ރިހުމާއި ހުޅުދުޅަވުމާއި ހަކުރުބަލީގެ
ތަފާތު ޙާލަތްތަކަށާއި ނަފްސާނީ ޙާލަތްތަކާއި ވާގިނެތުމާއި ބަނޑުގެ ބަލިތަކާއި
ހަޖަމްކުރުމާއި ގުޅިފައިވާ ކަންކަމާއި އަންހެނުންނަށް ޚާއްޞަ ތަފާތު ބަލިތަކަށާއި
މިނޫންވެސް ވަރަށްގިނަ ބަލިތަކަށް މި ބާވަތުގެ ފަރުވާދެވެއެވެ.
ޙިޖާމާގެ ތާރީޚް
މިއީ ވަރަށް ޒަމާންވީ
ފަރުވާކުރުމެކެވެ. ޗައިނާގެ ޤަދީމީ ޙަޟާރަތުގައްޔާއި އަދި ބާބިލީންނާއި ފިރުޢަވްނީ
ޙަޟާރަތުގައި މިވައްތަރުގެ ފަރުވާދިނުން އޮތްކަމުގައި ވެއެވެ. ހަމައެހެންމެ
ހިންދީންނާއި އަދި ޢަރަބިންގެ ތެރޭގައިވެސް ޙިޖާމަތުކުރުން އާލާވެފައި ވިއެވެ.
މިޒަމާނުގައި ޙިޖާމަތުގެ
ނުވަތަ ކަޕިން ތެރަޕީގެ ފައިދާ ޑޮކްޓަރީ ޢިލްމުން ދެނެގަތުމާއެކު ބައިނަލްއަޤްވާމީ
ކުންފުނިތަކާއި ކާރުޚާނާތަކުން މި ޞިނާޢަތުގެ ސާމާނު ތަރައްޤީކޮށް
ކުރިއެރުވުމުގެ ޓެކްނޮލެޖީ އުފައްދާ މަސައްކަތްކުރަމުން ދެއެވެ. މިހާރު ކަޕިން ތެރަޕީގެ
ތަރައްޤީވެފައިވާ އެކިވައްތަރުގެ ސާމާނުތަކާއި އާލާތްތައް ހުންނަކަމުގައި ވެއެވެ.
ތިޔަ ފެނިވަޑައިގަންނަވާ ކަޕްތަކަކާއި ކަޕް ހަށިގަނޑުގައި ބަހައްޓައި، ބެހެއްޓި ތައްޓާއި
ހަށިގަނޑާ މެދުގައިވާ ވައި ދަމައިލުމަށް (ވެކިއުމްކުރުމަށް) ބޭނުންކުރާ އާލަތެކެވެ.
އިތުރަށް ބެއްލެވުމަށް
1. މުޢުޖިޒާތުއްތަދާވީ
ބިލްޙިޖާމަތި ލިމަންއަރާދައްސަލާމަ : ދާރުލްޙަޟާރާ ލިއްނަޝްރި ވައްތަވްޒީޢި
2. www.emaratalyoum.com