ރީތި ކަތުރުފަނި


 

މޫސާ ލަތީފް
 
ކޮޓަރީގެ ތިން ތަނުގައި ތިން ފޮޓޯ ހުއްޓެވެ. އެއް ފޮޓޯގަނޑު ހުރީ ޓީވީ މަތީގަ އެވެ. އަނެއް ފޮޓޯގަނޑު ހަރުކޮށްފައި ވަނީ، ހައިވަކަރު އެނދުގެ ބޯލާކޮޅުގަ އެވެ. ތިން ވަނަ ފޮޓޯ ހުރީ ކޮޓަރީގެ އެއް ފަރާތު ފާރުގަ އެވެ. ތިން ފޮޓޯ ވެސް ނަގާފައި ވަނީ ވަކި ތިން ތަނެއްގަ އެވެ. އަދި ތިން ފޮޓޯގައި ވެސް ވަނީ އެކެކެވެ. އެއީ އުމުރުން ބާވީހަކަށް އަހަރުގެ ރީތި އަންހެން ކުއްޖެކެވެ. ދޮނެވެ. ފޮޓޯއިން ފަންނަ އިރު ވެސް މޫނުގެ ހަންގަނޑު ވަރަށް އޮމާންކަން އެނގެ އެވެ. ތުންފަތުގެ ކަނާތް ފަރާތުގައި ހުރި ކަޅު ތިލައިން އޭނާގެ ރީތިކަން އިތުރުކޮށްދެ އެވެ. ނުވަތަ ފިރިމީހާ ދެކެނީ އެހެންނެވެ.

ފިރިމީހާ ހުރީ ކޮޓަރީގެ ފާރާ ތިން ފޫޓެއްހާ ދުރުމިނުގައި، މައްޗަށް ބަލަހައްޓައިގެންނެވެ. ހަމައެކަނި އެ ފޮޓ ޯއަށް އަލި އެޅޭ ގޮތަށް، ސީލިންގައި ހަރުކޮށްފައި ހުރި ކުޑަކުޑަ ބޮކިން މަޑުމަޑު އައްޔެއް ފަތުރާލާފައިވެ އެވެ. އެ އަލި ގޮސް ޖެހިފައި ވަނީ، ފާރުގައި ހުރި ފޮޓޯގަނޑަށެވެ.

އަންހެނުންގެ އެ ފޮޓޯ އޭނާ ނެގީ ތުޅާގިރި ރިސޯޓްގެ ދޮން ފަސްގަނޑު މަތީގަ އެވެ. ވައިގަދަ ދުވަހެއް ކަމުން އޭނާ ބޭނުންވީ އަންހެނުންގެ ފަން އިސްތަށިގަނޑު، ވައިގެ ތެރޭގައި ނަށަމުންދާ މަންޒަރުން ހިތްހަމަޖެހުމެއް ގެންނާށެވެ. ފޮޓޯ ނެގުމަށް އޭނާ ދޭ ސަމާލުކަމާއި، ފޮޓޯ ނެގުމުގެ ހުނަރުގެ ތެރެއަށް ވަދެވިފައި ހުރިލެއް ބޮޑުކަމުން އެ ދުވަހު އޭނާ ނެގި ފޮޓޯ އިންތިހާ އަށް ރީއްޗެވެ. ކުޑަ ބޮކީގެ އަލި އެ ފޮޓޯގަނޑަށް އެޅިފައި ހުރި އިރު އަންހެނުން ހިނިތުންވަމުން އެ ދަނީ ހަނދުވަރުގެ ތެރޭގައިހެން އޭނާ އަށް ހީވެ އެވެ.

ފިރިމީހާގެ ލޮލުގައި ވަނީ ކަރުނަ އެވެ. އެކަމަކު އަންހެނުންގެ އެ ހިނިތުންވުން ފެނިފައި އޭނާގެ މޫނު މައްޗަށް ވެރިވީ މާޔޫސްކަމުގެ އަސަރުތަކެވެ. އަދި އެހާ އަވަހަށް އެ ހިނިތުންވުން، ކޮޓަރީގެ މަޑު އަލީގެ ތެރެއަށް ނެތިގެން ދިޔަ އެވެ.

ހޭން ޖެހޭނެ އެއްވެސް ކަމެއް ނެތެވެ. ހިނިތުންވުން ގެނެސްދޭ އުފަލެއް ވެސް ނެތެވެ.

އޭނާ މަޑުމަޑުން އަތް މައްޗަށް ނެގި އެވެ. ކޮރާލި އެވެ. ފޮޓޮގަނޑުގައި ހިފި އެވެ. ނައްޓާލި އެވެ. ދެން މަޑުމަޑުން ތިރިކޮށްލާފައި މޫނު ޖެހޭ ހިސާބަށް ކައިރިކޮށްލި އެވެ. ފުންކޮށް ބަލަން ފެށި އެވެ. ކަނާތުން، ފޮޓޯގަނޑުގައި އަތްކާއްތާލި އެވެ. އަންހެނުންގެ ރީތި ކަޅުތިލަ މަތީގައި ޝަހާދަތް އިނގިލި ޖައްސާލި އެވެ. ހީވީ އަންހެނުންގެ ހަށިގަނޑުގެ ހޫނުކަން އޭނާގެ ވިންދާ އެކުވެގެން ދިޔަހެންނެވެ. އޭނާއަށް ލޯ މަރާލެވުނެވެ.

ލޯ މަރާލައިގެން ހުއްޓެވެ.

އޭނާ ދޫކޮށްލާފައި އަންހެނުން އެ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟ ކޮންމެ ފަހަރަކު ވެސް އޭނާއަށް ދޮގު ހަދަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ފަހަރަކު ވެސް އަންހެނުން މައާފުކުރާށޭ ބުނުމުން އޭނާއަށް އެ ވާހަކަ ގަބޫލުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އަންހެނުން ދޮގުހަދާކަމާ ދޭތެރޭ އޭނާގެ ހިތުގައި ޝައްކު އުފެދެނީ ކީއްވެގެން ހެއްޔެވެ؟

އެންމެ ފަހުން އޭނާއަށް އަންހެނުން ފެނުނީ މީގެ ތިން ދުވަސް ކުރިންނެވެ. އޭނާ ކޮޓަރި އަށް ވަތް އިރު އަންހެނުން ރީތި ވަނީ އެވެ. ފޮށި ފެނިފައި އަންހެނުންގެ މަގުސަދު އޭނާ އަށް ވިސްނުނެވެ.

"ތަނަކަށް ދާންތަ ތި އުޅެނީ؟" އޭނާ އެހި އެވެ.

"އާނ، އަންނާނަން ހަފުތާއެއްހާ ދުވަސްކޮށްލާފައި. މަރީމެން ބުނީ ހިނގާށޭ،" ލޯގަނޑުން ފަރިބަލަމުން، ހިނިތުންވެފައި އަންހެނުން ޖަވާބު ދިނެވެ. ފިރިމީހާ އޭނާއާ ކައިރިއަށް ޖެހިލި އެވެ. ލޯގަނޑުން އަންހެނުންގެ މޫނަށް ބަލައިލި އެވެ. އެ ކަޅުތިލަ އެވެ. އެ ތުންފަތެވެ. އެ ލޮލެވެ.

ފިރިމީހާގެ ހިތް ލޯބިން ފުރުނެވެ.

"މަރީމެން އެކަނިތަ ދަނީ؟" ފިރިމީހާ އެހި އެވެ.

"އާނ. މަރީ އާއި ފާތުން އާއި އަހަރެން،" ފަން އިސްތަށިގަނޑު ދެ ފަރާތު ކޮނޑަށް ފަތުރާލަމުން އަންހެނުން ބުންޏެވެ.

"އަހަރެންގެ މައްސަލައެއް ނެތް. އެކަމަކު މަންމަ...." ފިރިމީހާގެ ދުލުން ވާގި ދިޔައީ އެވެ. ލޯގަނޑުން އޭނާ އަށް ފެނުނީ އަންހެނުންގެ ދެ ލޮލެވެ. ލޮލުގެ ރީތިކަން ރުޅިވެރިކަމުގެ ވިލާގަނޑުން ފޮރުވާލި އެވެ. މޫނު މައްޗަށް އަނދިރިކަން ވެރިވި އެވެ. ހިތްގައިމު ތުންފަތުގައި ދުވަހަކު ވެސް ހިނިތުންވުމެއް ނެތް ފަދަ އެވެ.

"އަހަރެން ތަނަކަށް ދަންޏާ މަންމައާ ކޮން ބެހޭ ކަމެއް؟" އަންހެނުން އެނބުރުނެވެ. ފިރިމީހާގެ ހިތްވަރު މުޅިން އެލުނެވެ. މަންމަގެ ނަން ނުގެނެވުނު ނަމަ އެވެ. އޭނާ ބިރުގަތެވެ. އަންހެނުންނާ ވަކިވާކަށް ބޭނުމެއް ނުވި އެވެ. އެ ރީތިކަމުގެ އުފާ އޭނާ އަށް ވަރަށް މުހިންމެވެ. އެއީ އޭނާގެ ދިރިއުޅުމުގެ ވަޔެވެ. އެ ވައި ނުޖެހެންޏާ އޭނާއަކަށް ނޭވައެއް ނުލެވޭނެ އެވެ. ހާސްވާނެ އެވެ. މަރުވެދާނެ އެވެ.

"ދެން ރުޅި ނާދޭ. އެއީ އެއްވެސް ވާހަކައެއް ނޫން. ދޭ، އަވަހަށް ދޭ، އެމީހުންނަށް ލަސްވެދާނެ،" ފިރިމީހާ ބުންޏެވެ. ދެން ފޮށީގައި ހިފައިގެން ކޮޓަރިން ނުކުތެވެ. އަންހެނުން ލޯގަނޑާ ދިމާއަށް އެނބުރުނެވެ. ހިނިތުންވެފައި، އެންމެ ފަހު ފަހަރު ފަރިބަލަން ފެށި އެވެ.

އަންހެނުން ދިޔައީ އިންޑިއާގެ ބެންގަލޫރަށެވެ. ގެއިން އަންހެނުން ނުކުމެ، ޓެކްސީ އަށް އެރުމާ އެކު ފިރިމީހާ ވެސް ނުކުތެވެ. އޭނާ ބޭނުންވީ އަންހެނުންނާ އެކު ދަނީ ކޮން ބައެއްތޯ ބަލާށެވެ. ހުޅުލެއަށް މީހުން ފުރާ ހިސާބަށް ދިޔަ އިރު އަންހެނުންގެ ގްރޫޕެއް ނެތެވެ. ދެން އޭނާ ދިޔައީ ރަސްމީ ފާލަން ކައިރިއަށެވެ. ޖުމްހޫރީ މައިދާނާ އަރާހަމަވުމުގެ ކުރިން އޭނާއަށް އަންހެނުންގެ ގްރޫޕް ފެނުނެވެ. އަންހެނުންނާއި އަންހެނުންގެ ރައްޓެހި މަރީ ހުއްޓެވެ. އެ ދެ މީހުންނާ އެކު ލޯންޗަށް އެރީ ފިރިހެނެކެވެ. އެއީ ކާކުން ފިރިމީހާއަށް އެނގެ އެވެ.

އަންހެނުން އަބަދުވެސް ދަތުރުކުރަނީ މުއްސަނދިންނާ އެކުގައޭ، ފިރިމީހާގެ މަންމަ ބުނެ އެވެ. އެކަމަކު ފިރިމީހާ ގަބޫލުކުރަނީ އެގޮތަކަށް ނޫނެވެ. ފިރިމީހާ ބުނަނީ އަންހެނުން ދަނީ އަބަދުވެސް މަރީއާ އެކުގައި ކަމަށެވެ. މުއްސަނދިންނަކީ މަރީގެ ރައްޓެހިންނެވެ. އެހެންނަމަވެސް މި ދަތުރަށް އަންހެނުން ނުކުތުމުގެ ކުރިން މަންމަގެ ވާހަކަ ފިރިމީހާގެ ހިތަށް ވަނީ ހަމަ ކުއްލިއަކަށެވެ. ދެން މަންމަގެ ނަން ގެނެވުނީ ވެސް ކުއްލިއަކަށެވެ. އޭނާއަށް ހީވީ އޭނާގެ ބާރުގައި ކުރެވުނު ކަމެއް ނޫން ހެންނެވެ. އެއީ މައިވަންތަކަމުގެ ބާރަށް ވެދާނެ އެވެ.

މަންމަ ދެކެ އަންހެނުން ރުޅިއާދެ އެވެ. އިނީންސުރެ ވެސް މަންމައާ ދޭތެރޭ ހިތްހަމައެއް ނުޖެހެ އެވެ. އޭގެ ސަބަބަކީ، ފިރިމީހާގެ މަންމަ އަކީ ތެދު މަގުގައި ހުރި މީހަކަށް ވުމެވެ. ދަނބިދަރިފުޅުގެ ކޮންމެ ފިޔަވަޅަކުން އޭނާއަށް ފެންނަނީ ފާފައިގެ ނިޝާނެވެ. އޭނާގެ ހަށިގަނޑުން ދުވަނީ ވެސް ކޮންމެވެސް ފާފައެއްގެ ވަހެވެ. އެކަމަކު އެއްވެސް އަމަލެއްގައި ވަހެއް ނުހުންނަން ފިރިމީހާ އަށް ވެސް އެނގެ އެވެ.

މަންމަ އަށް އެއަށް ވުރެ ގިނަ ކަންތައްތައް އެނގުނެވެ. އެހެންކަމުން ހުރިހާ ކަމެއް އަބަދު ނުދެކެންވެގެން މަންމަ އެގެއިން ނުކުތީ އެވެ. މަންމަގެ ވާހަކަތަކުން ގޭތެރެ ހިމޭންވުމުން ފިރިމީހާއަށް ހަމަޖެހުމެއް ލިބޭނެކަމަށް އޭނާއަށް ހީވި އެވެ. އެކަމަކު އެ ހަމަޖެހުން އޮންނަނީ އަންހެނުން ކައިރީގައި ހުންނަ އިރު އެވެ. އަންހެނުން ބޭރަށް ދިއުމުން މަންމަ ނެތުމުގެ އުނިކަން އޭނާގެ ދިރިއުޅުމަށް ވަދެ ގޯނާކުރަން ފަށަ އެވެ.

އޭނާގެ ދިރިއުޅުން އެންމެ ފަހުން ބަދަލުވީ ހިމޭންކަމަކަށެވެ. އެ ހިމޭންކަމުގައި ވަނީ އެންމެ އުފަލެކެވެ؛ އަންހެނުންގެ ރީތި ސޫރަ އެވެ. އެ ލޮލެވެ. އެ އިސްތަށިގަނޑެވެ. އެ ތުންފަތެވެ. އެ ކަޅުތިލަ އެވެ.

އެރީތިކަމުން އޭނާގެ ހިތް ވަނީ ބަލިކަށިވެފަ އެވެ. އޭނާ އަށް ބާރަށް އެއްޗެކޭ ބުނާކަށް ނުކެރެ އެވެ. ދަރިއަކު ބޭނުމޭ ބުނާކަށް ނުކެރެ އެވެ. ކަންތައްތައް ސާފުކުރަން ސުވާލުކުރާކަށް ނުކެރެ އެވެ. އޭނާއަށް ރުޅިއެއް ނާދެވެ އެވެ.

އަންހެނުންގެ ހިނިތުންވުމުން އޭނާގެ އެކަނިވެރިކަން ފިލުވައިލަ އެވެ. އޭނާގެ ހުރިހާ އިހުސާސްތަކެއް އެއް ކަމަކަށް އެދެން ފަށަ އެވެ. އަންހެނުންނަށް އޭނާގެ އެ ބަލިކަށިކަމުގެ ފައިދާ ނަގަން ރަނގަޅަށް އެނގެ އެވެ. އެހެންކަމުން އެ ފައިދާ އަބަދުވެސް އޮންނަނީ އަންހެނުންނަށެވެ. އޭނާ އަށް ޖެހިފައި ވަނީ އަންހެނުންގެ ދަތުރުތަކަށް ތަން ދޭށެވެ. އަންހެނުންގެ މަޖާކުރުމަށް ހުރަސްނާޅާށެވެ.

މަންމަ ވީ މަންމަގެ ގޭގަ އެވެ. އޭނާ އެހެރީ އޭނާގެ ގޭގަ އެވެ. އަންހެނުންގެ ފޮޓޯގަނޑު ހިފައިގެންނެވެ. އެ ފޮޓޯގަނޑު ނަގާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމަކު މިދިއަ ތިން ދުވަހުގެ ތެރޭ އޭނާގެ ސިއްހަތު ބަދަލުވެއްޖެ އެވެ. އޭނާގެ އިހުސާސްތައް ބަދަލުވެއްޖެ އެވެ. އޭނާގެ ވިސްނުން ބަދަލުވެއްޖެ އެވެ.

އޭނާ އަށް ހީވަނީ އަންހެނުންގެ ރީތިކަމާ ދުރަށް ދާން ޖެހިދާނެ ހެންނެވެ. ފޮޓޯގަނޑު ނެގީ އޭގެ ފުރަތަމަ ފިޔަވަޅުގެ ގޮތުންނެވެ. ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ގޮސް އެނދުގައި އޮށޯތެވެ. އަނެއް ދެ ފޮޓޯގަނޑު ނަގަން ބޭނުންވީ އިރުކޮޅެއް ފަހުންނެވެ. އެހެންކަމުން، ވައިގެ ތެރޭގައި އިސްތަށިގަނޑު އުދުހެމުން ދިޔަ މަންޒަރު ފެންނަ ފޮޓޯ މޭ މަތީގައި ބާއްވާލައިގެން އޮތެވެ. ދެން ލޯ މަރާލި އެވެ.

ފެންނަނީ އަންހެނުން އެހެން މީހެއްގެ އަތު ތެރޭގައި އޮތް ތަނެވެ. ބެންގަލޫރުގެ ހޮޓަލެއްގެ ރެސްޓޯރެންޓް ތެރޭގައި މަޖާކުރަމުންދާ ތަނެވެ. ހެނީ އެވެ. އޭނާއާ ދޭތެރޭ ކުޑަކޮށް ވެސް ނުވިސްނަ އެވެ. އޭނާގެ ހިތަށް ވާނެ ތަދަކާ ދޭތެރޭ ކުޑަ ވެސް ހިޔާލެއް ނުކުރެ އެވެ. އޭނާގެ މޭ ތެޅޭވަރެއް އަންހެނުންނަކަށް ނޭނގެ އެވެ.

އަންހެނުން ފުރި ދުވަހުގެ ރޭ އޭނާ ޑޮކްޓަރަށް ދެއްކުމުން ހޮސްޕިޓަލުގައި ބޭއްވީ އެވެ. ދޫކޮށްލީ ދެ ދުވަސް ފަހުންނެވެ. ކޮޓަރީގެ އެނދުގައި އޮށޯވެ އެ އޮތީ ހޮސްޕިޓަލުން އައި ހެވެ. ޑޮކްޓަރު ބުނީ ކަންތައްތަކާ ފިކުރު ނުކުރުމަށެވެ. ނުވިސްނުމަށެވެ. އެކަމަކު އަންހެނުންގެ ރީތިކަމުގެ ތެރެއިން އޭނާގެ ހިޔާލުތައް ދުރަށް ޖެއްސޭނެ އެންމެ ސިކުންތެއް ވެސް ނުލިބެ އެވެ.

ހިތް މާ ބާރަށް ތެޅެނީ އެވެ. އޭނާ ލޯ ހުޅުވާލަން އުޅުނެވެ. އެކަމަކު ސިއްހަތު އެކަމަކަށް ތަނެއް ނުދިނެވެ. އޭނާ އަށް ފެނުނީ އަންހެނުންނެވެ.

އޭނާގެ ރީތި އަންހެނުންނެވެ. ނަލަ ހިނިތުންވުމެވެ. އެ ކަޅުތިލަ އެވެ. އެ ތުންފަތެވެ. ލޮލެވެ. އިސްތަށިގަނޑެވެ. އެއިން އެއްވެސް ތަނެއްގައި އޭނާ އަށް އަތްޖައްސާލެވޭނެ ގޮތެއް ނެތެވެ.

މަރުވަމުން ދިޔަ އިރު ދުނިޔެ އިން އޭނާ އަށް ލިބުނު އެއްވެސް އެއްޗެއް ނެތްކަން ވިސްނުނީ ވަރަށް ކުޑަކޮށެވެ. އޭނާ އަށް ދުނިޔެ އިން ފެނުނީ ހަމައެކަނި އަންހެނެއްގެ ރީތިކަމެވެ. އެނޫން އެއްވެސް ކަމަކާ ދޭތެރޭ އޭނާ ފިކުރެއް ނުކުރެ އެވެ. އެކަމަކު އެ ރީތިކަން މަޑުމަޑުން އޭނާގެ ދިރިއުޅުން ކަމުން ދިޔައީ އެވެ. އޭނާ އަށް ނޭނގޭ ވަރަށް، އޭނާ އަށް ރޭކާނުލާ ވަރަށެވެ.
(ނިމުނީ)