އެކި ޒަމާނުގައި ދިވެހި ފައިސާ

 
ނަސީމާ މުޙައްމަދު
ދުނިޔޭގައި އުފެދިދިޔަ ވަރަށް ގިނަ އެހެނިހެން ޙަޟާރަތްތަކާ އެއްގޮތަށް، ދިވެހިރާއްޖޭގައި ވެސް އެންމެ ފުރަތަމަ ވިޔަފާރިކޮށް އުޅުނީ މުދަލަށް މުދާ ދޭ އުޞޫލުން، ނުވަތަ "ބާޓަރު" ކޮށްގެންނެވެ. ފައިސާގެ ބޭނުން ނުކޮށް ތަކެއްޗަށް ތަކެތި ދީގެން ނުވަތަ ތަކެއްޗަށް މަސައްކަތެއް ކޮށްދީގެން ވިޔަފާރި ކުރާ އުޞޫލުންނެވެ.
ޒަމާންތައް ވޭތުވަމުން ދިޔުމާ އެކު، ކޮންމެވެސް ދުވަސްވަރެއްގައި ފައިސާގެ ގޮތުގައި ދިވެހި ބޮލި (ސިޕްރިއާ މޮނޭޓާ) ބޭނުންކުރަން ފަށައިފި އެވެ. މި ކަން ފެށުނީ ދިވެހިރާއްޖޭގައި ކަމެއް، ނުވަތަ ދުނިޔޭގެ އެހެން ހިސާބެއްގައި ކަމެއް ވެސް އެނގޭކަށް ނެތެވެ. ތާރީޚު ލިޔުއްވާ އެކި ލިޔުންތެރިން ވިދާޅުވެފައިވާ ގޮތުގައި، އެވޭލާ ޒަމާނުގައި މިވައްތަރުގެ ބޮލި ލިބެނީ ހަމައެކަނި އިންޑިޔާ ކަނޑުގައި އޮންނަ މި ޖަޒީރާތަކުންނެވެ. ލަކްޝަދީބުން ވެސް އިހުޒަމާނުގައި މިފަދަ ބޮލި ހޮވާފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. ދިވެހިރާއްޖެ އާއި ލަކްޝަދީބާއި، މިއީ އުފެދިފައިވާ ގޮތުން، ކަނޑުގެ އަޑީގައި ދެމިފައިވާ އެއް ފަރުބަދަފައްޗެއްގެ މަތީގައި ގާތުގައި އުފެދިފައިވާ ޖަޒީރާތަކެއްގެ ދެ ބައެކެވެ. އެހެންކަމާ އެކު، ލަކްޝަދީބުން ވެސް މިފަދަ ބޮލި އިހުގެ އިންޑިޔާ މީހުން ހޯދާއުޅުނުކަމަށް ވެދާނެ އެވެ. ރާއްޖޭގެ ބައެއް އާސާރީ ސަރަޙައްދުގައި، އިހުގެ ދީނީ ބިނާތަކުގެ ތެރޭގައި، އެހެން ޤައުމުތަކުގައި ރަނާއި ރިހީން ހަދާފައި ހުންނަ ތަކެތި ވަޅުލާފައި ހުންނަ ފަދައިން ބޮލި ވަޅުލާފައި ހުރުމުން، ބޮއްޔަކީ ހަމަ އެފަދަ އަގުހުރި ތަކެތި ކަމަށް އެޒަމާނުގެ މީހުން ޤަބޫލުކުރިކަން ދޭހަވެ އެވެ.
ބޭރު ދުނިޔޭގެ އެކި ޤައުމުތަކުގެ ފައިސާ ވެސް ދިވެހިރާއްޖޭގައި އިހުގައި ބޭނުންކޮށް އުޅުނެވެ. މީގެ ތެރޭގައި، ދެކުނު އިންޑިޔާގެ ބައެއް ފައިސާ ފޮއްޗާއި، އަދި ވަރަށް ކުރީގެ ރޫމީންގެ ފައިސާ ހިމެނުނެވެ. މިކަމުގެ ހެކީގެ ގޮތުގައި، ތޮއްޑޫ ދާގަބާގެ ތެރެއިން ފެނުނު "ރޯމަން ޑެނޭރިއަސް" ކިޔާ ވައްތަރުގެ ފައިސާ ފޮއްޗަކާއި، މީގެ ފަހުގެ ދުވަސްވަރެއްގެ ރޫމީންގެ ފައިސާ ވެސް ރާއްޖެ އިން ފެނިފައި އެބަ ހުއްޓެވެ.
ބޮލީގެ ވިޔަފާރީގެ ފައިދާ ދިވެހިރާއްޖެ އަށް ވަރަށް ބޮޑަށް ކުރި އެވެ. މީލާދީން ނުވަ ވަނަ ޤަރުނުން ފެށިގެން 19 ވަނަ ޤަރުނާ ހަމައަށް، ރާއްޖެއިން ދިވެހިބޮލި އެހެން ޤައުމުތަކަށް އެކްސްޕޯޓު ކުރި އެވެ. މިރާއްޖެ އިން ބޭރުކުރި ބޮލީގެ ސަބަބުން، މިހިސާބުގެ އެހެން ޤައުމުތަކުގެ އިޤްތިޞާދާ ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވި އެވެ. އަދި ފައިސާގެ ޢަދަދު "މަދުކުރުމާއި ގިނަކުރުން ވެސް" އެއިރު އޮތީ ދިވެހިންގެ އަތްމަތީގައި ކަމަށް ބެލިދާނެ އެވެ. ހުޅަނގު އެފްރިކާ އިން އަޅުން ގަނެގެން އަލަށް ހޯދުނު އެމެރިކާގެ ބައްރަށް ގެންގޮސް އުޅުނުއިރު، އަޅުން ގަންނަނީ ބޮއްޔަށެވެ. އަޅުންގެ ވިޔަފާރި މީލާދީން 18 ވަނަ ޤަރުނުގައި ހުއްޓާލުމާ އެކު، ބޮއްޔަށް އޮތް ޑިމާންޑް ކުޑަވެގެންދިޔަ އެވެ. އަދި ކުރިން ފައިސާގެ ގޮތުގައި ބޮލި ބޭނުންކޮށް އުޅުނު ޤައުމުތަކުގައި، މަޢުދަނުން ފައިސާ ޖަހަން ފެށުމުން ވެސް ބޮލީގެ ބޭނުން ކުޑަވެގެން ދިޔަ އެވެ. ފައިސާގެ ގޮތުގައި ދިވެހިރާއްޖެ އާއި އެހެން ޤައުމުތަކުގައި، ބޮލި ބޭނުންކުރުން ނިމުމަކަށް އައީ، މީލާދީން 19 ވަނަ ޤަރުނުގައި ކަމަށް ބެލެވެ އެވެ. އެހާތަނާ ޖެހެންދެން، ބޮއްޔާ އެކުގައި، ރާއްޖޭގައި އެހެނިހެން ފައިސާ ވެސް ބޭނުންކުރަމުންދިޔަ އެވެ.
ފައިސާގެ ގޮތުގައި ބޮލި ބޭނުންކުރި ޒަމާނަށް ފަހު، ދެން އައީ ދިގު ލާރީގެ ޒަމާނެވެ. "ލާރި" މިލަފުޒު އައިސްފައިވަނީ، ލާރި އެންމެ ފުރަތަމަ އުފެއްދި، ފާރިސްކަރައިގެ ރަށް ކަމުގައިވާ "ލާރް"ގެ ނަމުންނެވެ. ރާއްޖޭގައި ދިގު ލާރި ޖަހައިފައިވަނީ ރިހިންނެވެ. މިއީ ބޮލުގައި ޖަހާ ދައްޗެއްގެ ސިފައިގައި، ލަނބާލާފައި އޮންނަ ފަލަ ރިހި ނަރުކޮޅެކެވެ. މީގައި ރަދުންގެ ތައްގަނޑެއް ޖަހާފައި ހުރެ އެވެ. މީލާދީން 17 ވަނަ ޤަރުނުގައި ރާއްޖެ އައި ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑްގެ ލިޔުމުން އެނގޭ ގޮތުގައި، އައްސުލްޠާން އިބްރާހީމް 3 ވަނަ، ކަލާފާނުގެ ރަސްކަމުގައި ދިގުލާރި ޖެއްސެވި އެވެ. ނަމަވެސް މިކަން ފެށުނީ އެރަދުންގެ ބައްޕާފުޅު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ރަސްކަމުގައި (1573-1585) ކަމަށް ވެސް ވެދާނެ އެވެ. ދެކުނު އޭޝިއާ ސަރަޙައްދުގެ އެހެން ޤައުމުތައް ފަދައިން، ދިވެހިރާއްޖޭގައި ވެސް ފައިސާގެ ގޮތުގައި ބޭނުންކުރުމަށް މަޢުދަނުން އެންމެ ފުރަތަމަ އުފެއްދީ "ދިގު ލާރި" އެވެ. ކަލާފާނުގެ ރަސްކަމުގައި ދިގު ލާރި ޖެއްސެވީ ސާފު ރިހީންނެވެ. ލާރިއެއްގެ ދިގުމިނަކީ ގާތްގަނޑަކަށް ހަތަރު އިންޗި އެވެ. ބަރުދަނަކީ ގާތްގަނޑަކަށް 69.5 ގްރޭނުން 71.5 ގްރޭންއާ ދެމެދުގެ ބަރުމިނެކެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1648-1687) ގެ ރަސްކަމާ ހަމައަށް ރާއްޖޭގައި ދިގު ލާރި ގެންގުޅުނެވެ. ސޯޅަ ވަނަ ޤަރުނުގެ ތެރޭގައި ދިގުލާރިއެއްގެ އަގަކީ، 5.5 ދިގުލާރި = ސްޕެނިޝް ޑޮލަރެއް ނުވަތަ "ޕީސް އޮފް އެއިޓް" ގެ އަގެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ވަށް ލާރި ޖެއްސެވީ، 1664-1665 ވަނަ އަހަރު، އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 އެވެ. އެއިރުގެ ލާރި ވެސް ހުންނަނީ ރިހިންނެވެ. މި ލާރީގައި ޖައްސަވާފައިވާ ތައްގަނޑުގައި، "އައްސުލްޠާން އިސްކަންދަރު ބިމާއި ކަނޑުގެ ރަސްގެފާނު" މިފަދައިން ޢަރަބި ބަހުން ލިޔެފައިވެ އެވެ. އަދި އެރަދުން ޙައްޖުވެވަޑައިގަތުމަށް ފަހުގައި 1676 ވަނަ އަހަރު، (1086ހ) ޖެއްސެވި ވަށް ލާރީގެ ތައްގަނޑަށް "ޙާޖީ" އިތުރުކުރައްވާފައިވެ އެވެ. އިސްކަންދަރު ރަދުން ޙައްޖުގެ ފަރުޟު ފުރަތަމަ ފަހަރު އަދާކުރެއްވީ 1668 ވަނަ އަހަރު (1079ހ) އެވެ. ވަށް ލާރި ޖައްސަވަން ފެއްޓެވުމާ އެކު ދިގުލާރި ޖެއްސެވުން ނިމުމަކަށް އަ އެވެ.
އިސްކަންދަރު ރަސްގެފާނުގެ ފަހުން، ވަރަށް ގިނަ ރަސްރަސްކަލުން ވަށް ލާރި ޖައްސަވަފައިވެ އެވެ. ކުރީކޮޅުގައި ލާރި ޖައްސަވާފައި ވަނީ ރިހިންނެވެ. ނަމަވެސް ފަހުން، ލޮޔާއި، ޓިނާއި، ޒިންކު އެކުލެވިފައިވާ މަޢުދަނުން ލާރި ޖައްސަވާފައިވެ އެވެ. "ކުޑަލާރި" ނުވަތަ "ބައިލާރި"، ކިޔުނު ލާރިއެއް، ފުރަތަމަ ޖެއްސެވީ އައްސުލްޠާން މުޙައްމަދު ދެއްވަދޫ ރަސްގެފާނު، 1694 ވަނަ އަހަރު ( 1105ހ) އެވެ. މިއީ އާދައިގެ ލާރީގެ ދެބައިކުޅަ އެއްބައިގެ އަގެއް ހުރި، ރިއްސާއި ލޮއިން ޖެއްސެވި ލާރިއެކެވެ. އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން، ދިޔަމިނގިލި ބަންޑާރައިންގެ ޒަމާނުގައި ޖައްސަވާފައިވާ ލާރިއެއްގައި، ބޭރުގެ ތައްގަނޑެއް އޮބިފައި ހުއްޓެވެ. ލާރީގެ ތައްގަނޑު މަތީގައި، ހަ މިލިމީޓަރުގެ ބޮޑުމިނުގައި ވަށްކޮށް "ޖާވާ" މިފަދައިން އޮބިފައިވެ އެވެ. އެހެންކަމާ އެކު، މިއީ ދިވެހި ފައިސާ ޖާވާގައި ބޭނުންކުރެވުނު ކަމަށް ދައްކާ ދަލީލެކެވެ.
"ބޮޑުލާރި" ގެ ނަން ދީފައިވާ، ހަތަރު ލާރީގެ އަގު ހިމެނޭ ލާރިއެއް 1735 ވަނަ އަހަރު ( 1147ހ) ތެރޭގައި ފުރަތަމަ ޖެއްސެވީ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު ،2 އެވެ. މީގެ ބަރުދަނަކީ 146.5 ގްރޭން އެވެ. އަދި، މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަދުންގެ ރަސްކަމުގައި، ތިން ލާރީގެ އަގު ހިމެނޭ ފައިސާފޮއްޗެއް ޖެއްސެވިކަން ވެސް ފާހަގަކޮށްލެވެ އެވެ.
ދިވެހި ފައިސާގެ އެންމެ ރީތި މިސާލު ހުރީ އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން 1 ގެ ރަސްކަމުގަ އެވެ. މޮހޮރީގެ ނަމުގައި، ސާފު ރަނުން ފައިސާއެއް ޖެއްސެވީ މި ރަދުންނެވެ. އެގޮތުން ހިޖުރީ ގޮތުން 1207 ގައި މިރަދުން ޖެއްސެވި ފައިސާގައި، ލިޔުމާއި ޑިޒައިން ހުރީ އެޒަމާނުގެ އިންޑިޔާގެ މޯގަލް ރަސްރަސްކަލުންގެ ފައިސާއާ އެއްގޮތަށް އެހައިމެ ރީތިކޮށް ފުރިހަމަ ކޮށްނެވެ. މޮހޮރީއެއްގެ ބަރުދަނަކީ 192.3 ގްރޭން އެވެ. މިއާ އެކުގައި ބައި މޮހޮރީއެއް ވެސް ޖެއްސެވި އެވެ. މި ފައިސާ ޖެއްސެވީ އެ ދުވަސްވަރު، ރާއްޖެ އަށް އުރުނު، ފަރަންސޭސީން އަތުލައިގަންފައިވާ، އިންޑިޔާ ނަވެއްގައި ހުރި ރަނުންނެވެ. މި ދެ މޮހޮރީ އިން އެއްވެސް ފައިސާއެއް ޢާއްމު ގޮތަކަށް ނުހިންގަވަ އެވެ. މުޅިން ވެސް ބޭނުންފުޅުކުރެއްވީ ގަނޑުވަރުތެރޭގެ އަންހެން ބޭފުޅުންނަށް ފަށްޓަރުބައިކޮޅާއި އެހެނިހެން ގަހަނާ ހެއްދެވުމަށެވެ.
އެންމެފަހުން ރާއްޖޭގައި ލާރި ޖެއްސެވީ އައްސުލްޠާން ޙާޖީ ޢިމާދުއްދީން 6 ވަނައިގެ ރަސްކަމުގަ އެވެ. މިހާތަނަށް ރާއްޖޭގައި ލާރި ޖައްސަވާފައި ވަނީ "ސިއްކަގެ" ކިޔާ ތަނެއްގައި، "ސިއްކަގެ ކަލޭގެފާނު"ގެ ބެއްލެވުމުގެ ދަށުގަ އެވެ. މިތަނުން އެންމެ ފަހުން މާލޭގައި ލާރި ޖެއްސެވީ ހިޖުރީ ގޮތުން 1320 ވަނަ އަހަރު އެވެ. ނަމަވެސް، މީލާދީން 1902 ވަނަ އަހަރުން ފެށިގެން ސަރުކާރުން ލާރި ޖެއްސެވީ، އިނގިރޭސިވިލާތުގެ ބާމިންގްހަމް މިންޓްގަ އެވެ.
އެންމެ ފުރަތަމަ ބޭރުގައި ޖަހާފައިވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި އެއް ލާރި އާއި ބޮޑު ލާރި އެވެ. މިރަދުންގެ ރަސްކަމުގައި ޖަހާފައިވާ ލާރި ނޫން އެހެން ހުރިހާ ލާރި ބެހެއްޓެވުން ސަރުކާރުން ހުއްޓަވާލެއްވީ، 1961 ވަނަ އަހަރުގެ ތެރޭގަ އެވެ. ޝަމްސުއްދީން ލާރި އުވާލެވުނީ، 1966 ވަނަ އަހަރު އެވެ.
ދިވެހިރާއްޖޭގައި ނޫޓު ގެންގުޅުމުގެ ތާރީޚަށް ބަލައިލާއިރު، ބޭރު ބައެއް ޤައުމުތަކުގެ ނޫޓު ރާއްޖޭގައި ގެންގުޅުނުކަން ފާހަގަކުރެވެ އެވެ. އެގޮތުން ހިޖުރީ ސަނަތުން 1361 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުން ފެށިގެން ހަ މަސްދުވަސް ވަންދެން އިންޑިޔާ ނޫޓާއި ސިލޯނު ނޫޓު ރާއްޖޭގައި ހިންގި އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ ދަތިތަކެއް ޙައްލުކުރެއްވުމަށް އެޅުއްވި ފިޔަވަޅެކެވެ. އޭގެ ކުރިން ވެސް އިންޑިޔާގެ ނުވަތަ ސިލޯނުގެ ރިހި ރުފިޔާ ރާއްޖޭގައި ގެންގުޅުނެވެ.
ދިވެހިރާއްޖޭގެ އަމިއްލަ ނޫޓެއް ފުރަތަމަ ޖެހުނީ 24 ރަމަޟާން 1366 މިތާރީޚުގައި ދިވެހިރާއްޖޭގެ ނޫޓުގެ ބިލް ފާސްވުމުންނެވެ. އޭގައިވާ ގޮތުން އެއިރު ހުއްދަ ކުރެވުނީ 60 ލާރި، އެއް ރުފިޔާ، ދެ ރުފިޔާ، ފަސް ރުފިޔާ، 10 ރުފިޔާ މިއަގުތަކުގެ ނޫޓެވެ. ދިވެހިރާއްޖޭގެ ނޫޓު ޗާޕުކުރެވުނީ، އިނގިރޭސިވިލާތުގަ އެވެ.
ރާއްޖޭގެ ފައިސާ އަށް "ރުފިޔާ" ކިޔުނު ގޮތެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ބައެއް ބޭފުޅުން ލަފާކުރައްވާ ގޮތުގައި، މިރާއްޖޭގައި ވިޔަފާރިކޮށް އުޅުނު ވޯރާވ ވިޔަފާރިވެރިން ގެންގުޅުނު "ރުޕިޔާ" މި ލަފްޒު ދިވެހިވެގެން ދިޔައިރު، އެހެން ދިވެހި ލަފުޒުތަކަށް ވެފައިވާ ފަދައިން، "ޕަވިޔަނި" "ފާފަ" ކަށް ބަދަލުވީ އެވެ. އެޒަމާނުގައި ގެންގުޅުނު ރުފިޔާއެއްގައި ލާރީގެ އިތުރަށް، ރުފިޔާއެއްގެ ސޯޅަ ބައިކުޅަ އެއްބައި ކަމަށްވާ "އަނާ" އެއްވެސް އެކުލެވިފައިވެ އެވެ. މިއީ އިންޑިޔާގައި ގެންގުޅުނު ސިއްކައެއް ކަމަށްވުމާ އެކު އެނގެނީ، އެޒަމާނުގައި އިންޑިޔާގެ ފައިސާ އަށް ދީފައިވާ ނަންތައް އެ ފައިސާއާ އެކު ރާއްޖެ އަށް ގެނެވިފައިވާ ކަމެވެ. އެ ޒަމާނުގައި ދިވެހި ރުފިޔާ އަކީ 120 ލާރި އެވެ. ކުރީގައި ރާއްޖޭގައި ފައިސާގެ ޢަދަދުގެ ގޮތުގައި ބޭނުންކޮށް އުޅުނު، ރުފިޔާ، އަނާ، ލާރި، މި ތިން ވައްތަރުގެ ތެރެއިން އަނާ ދޫކޮށްލާފައި، ހަމައެކަނި ރުފިޔާ އާއި ލާރި ބޭނުންކުރާ ގޮތަށް ވަޒީރުންގެ މަޖްލިސުން ފާސްވީ 26 ޖުމާދަލްއައްވަލް 1352 މި ދުވަހު އެވެ. އެއިރު ރުފިޔާއެއްގެ އަގަކީ 120 ލާރި އެވެ. ރުފިޔާގެ އަގު ތަފާތުވެ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ރުފިޔާއެއްގެ އަގަކީ 100 ލާރި ކަމަށް ހަމަޖެހުނީ، 10 ޝަޢުބާން 1367 މި ތާރީޚުގައި ރައްޔިތުންގެ ޚާއްޞަ މަޖްލިސުން ފާސްކުރެއްވި، ބިލް ނަމްބަރު 67/ 4 އިންނެވެ.
އެންމެ ފުރަތަމަ ރަސްމީ ގޮތެއްގައި ރާއްޖެގެ ފައިސާ ބޭރުގެ ފައިސާއާ އަގު ހަމަކުރެއްވީ، ޖަނަވަރީ ،10 1965 ( 17 ރަމަޟާން 1384) މި ދުވަހު ވުޒާރަތުލްމާލިއްޔާ އިން ނެރުއްވި އިޢުލާނަކުންނެވެ. އޭގައިވާ ގޮތުން:
ސިލޯނު އެއް ރުފިޔާއަކީ ދިވެހި އެއް ރުފިޔާ އެވެ. އިންޑިޔާގެ އެއް ރުފިޔާއަކީ ދިވެހި އެއް ރުފިޔާ އެވެ. އެމެރިކާ އެއް ޑޮލަރަކީ ދިވެހި 4.79 ރުފިޔާ އެވެ. ސްޓާލިންގް ޕައުންޑަކީ ދިވެހި 13.33 ރުފިޔާ އެވެ.
މިގޮތަށް ހަމަޖެހުނީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަވަސް ދުވެއްޔެއްގައި އަންނަމުންދިޔަ ދުވަސްވަރެއްގަ އެވެ. ރާއްޖޭގައި ޓޫރިޒަމް ފެށިގެން ހިނގައިގަތް ދުވަސްވަރެވެ. ވުމާ އެކު، އެއީ އުޞޫލެއްގެ ގޮތުން މިކަހަލަ ގޮތެއް ހަމަޖެހިފައި އޮންނަން ކޮންމެހެން ބޭނުންވެފައިވާ ދަނޑިވަޅެކެވެ.
ނޯޓް: މައުލޫމާތު ހޯދާފައިވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ލިޔުނު "ޒަމާނުގެ ތެރެއިން ދިވެހި ފައިސާ" މިލިޔުމުންނާއި، އެޗް.ސީ.ޕީ. ބެލްގެ "މޮނޮގްރާފް" އާއި، ޓިމް ބްރައުޑަރު ލިޔުއްވި "މޯލްޑިވް އައިލަންޑްސް މަނީ" މި ފޮތްތަކުންނެވެ.
 

ދައްޗޭ ދައްޗޭ

 
 ޙުސައިން ޞަލާޙުއްދީން

 
މީހުންނާ އެކުވެ އުޅުން މިޒަމާނުގައި  ދައްޗޭ  ދައްޗޭ

ހީލަތާއި މަކަރުވަނީ   ހައްތާ   އަދަށް  މައްޗޭ މައްޗޭ

ދީނުގައި ހުރި  މޮޅުގޮތާ އަޚުލާޤު  ދޫކޮށް  ތިބެގެން

ބީވެ   ހެޔޮކަންކަމާ    ކިޔަނީ    ނުބައި  ގީފައްޗޭ

ރުޅިވުމާ ކުޅިވުމަކަށް ސަބަބެއް ހިލާ އެނގޭ  ނޯވެޔޭ

މުޅި ދުނިޔެ  ދެކޮޅުވުމަށް   ހައްތަހާ  ވަނީ  ފާގައްޗޭ

ބާރުލިބިގެން    ތިބިހާމީހުން   އެކީ   އެއްވެގެން

ކާރުޚާނާކުރަނީ    އަދުގައި    މޮޅަށް    ކަންފައްޗޭ

ޢަދުލްއިންސާފާ  ތެދާ  ރީތިހައި  ގޮތްތައް  ހޯދަން

މަދުނުކޮށް  އިއްވާ    ބަހަނާ   މިވަނީ   ކަންފައްޗޭ

ތަދުކަމާ ހައިހޫނުކަން އެންމެންތެރަށް އައިސްޖެހުމުން

ލަދުނެތިވެ މިސްކީނުވެގެން   އެންމެންވަނީ  ހުވަފައްޗޭ

ކަނިއެވެރިކަން މޮޅުކަމަށް ހީކޮށް  އޮތަސް ތާކުގައި

ދަނިވި ބިރުތައް  ނެތިގެން ގޮތަކާ  މަގެއްވާ   ދައްޗޭ

މީހުނާމީހުން   މިހާދުޝްމިނުވެ   ތެޅިފޮޅިގަތުމުން

ހީވެޔޭ ފެންނަ   ގޮތުން   ދުނިޔޭގެ  މީ  ކޮޅުމައްޗޭ

ފިކުރަކުން ބުއްދިޔަކުން އެއްވެސް ނެތޭ ހޯދޭ ގޮތެއް

ޙިކުމަތުން  ޤުދުރަތުގެމީ   ހުއްޓުންނުވާ   ބުރަފައްޗޭ

ގަރްބަޞޫރަތު އާދަމީ އިންސާންތަކުން ގިނައިންގިނަޔަސް

ހަރުހަވެތި  ޚުލްޤުތަކުން  އެންމެންނިކަން  ކަންކަންޗޭ

މަގޭ ޔާގޫތު


ބިންމާ އިބްރާހިމް ވަހީދު
 
ގަސްކަރަ ފެހި، ފަސްގަނޑު ކަޅު އަދި ފެންމީރު ފުރަމާލޭގެ ފެނުން އިރު ތޮޅިލިއިރު، އަނދެގެން ހުރި މުންޑުން ބަޑިތަޅުވަމުން ގޭގެ ފުޅައްޔާ ދިމާލަށް އަލިހޮއްކޮ ހަރުކޮށް ހިނގާފައި އަ އެވެ. ލަސްވެއްޖެއްޔާ ދެން އެ ދުވަހު ނުފެންނާނެ ނަޔާ ޗާލު ޔާގޫތު ދުށުމަށެވެ. އިރުގެ ރަން އަލިން ބިމުގައި ދޫލަ ފެތުރުމުގެ ކުރިން، ކުނިކޮޅު ގޮނޑަށް އުކާލާފައި ގެ އަށް އަންނަން ސިއްތި ބޭނުންވެ އެވެ. މަންމަ ބުނެފައި އޮންނަ ގޮތަކީ އެއީ އެވެ. ވީމާ އަނދެގެން ހުންނަ ފޭއްޔަށް ނުކުޅަދާނަ ވާހާ ދުރުގައި ފައި އަޅަމުން، ހަލުވިކަމާ އެކުގައި ސިއްތި ހިނގި އެވެ. އަލިހޮއްކޮ އިންތިޒާރުކުރާ ދަނޑިވަޅަކީ އެއީ އެވެ. އަލިހޮއްކޮގެ ގެ ހުރަސްކޮށްފައި ސިއްތި ދާ ވަގުތެވެ. ސިއްރުން ބަލާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކުރާކަށް އަލިހޮއްކޮއަކަށް ނުކެރެ އެވެ. ސިއްތި ނުވެސް ދެނަހުއްޓެވެ.

ހެދިހުރި ހަށިގަނޑު ޒުވާން، އުމުރުން ސަތާރަ އަހަރުގެ އަލިހޮއްކޮގެ ލޮލުގައި، ސިއްތި އަޅައިގަތީ، އަލިހޮއްކޮގެ އުމުރުން އެންމެ އެގާރަ އަހަރުގަ އެވެ. އަލިހޮއްކޮގެ މަންމަ ދިން އޮޑިހަނެއް ހިފައިގެން ސިއްތިގެ ގެ އަށް ދިޔަ ދިޔުމެއްގަ އެވެ. އެ ގެ އަކީ، ރަށުގެ އެހެން ގެތަކާ ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ، ބޮޑު ގެއެކެވެ. ގޭގައި ހުރި ބިޔަ ދޮރުތަކާއި، ބޮޑެތި ތަނބުތައް ފެނިފައި އަލިހޮއްކޮގެ ތަލިން ކުޅު ހިކުނެވެ. އެ ދުވަހު އެ ގެ އަށް ދިޔަ ދިޔުމުގައި، އަންހެނުންތަކަކާ އެކުގައި ސިއްތި ވެސް، އެ ގޭގައި ހުރި ގާފޮޅެއް މަތީގައި ހުއްޓިލައިގެން ހުއްޓައި އަލިހޮއްކޮ ދުށްޓެވެ. އަދި އެ ދުވަހު ސިއްތި ކުއްލިއަކަށް އަލިހޮއްކޮ އަށް ފުރަގަސްދިނުމުގައި، ފުން މާނައެއް އޮތްހެން އަލިހޮއްކޮ އަށް އޮތީ ހީވެފަ އެވެ.

ސިއްތިގެ ބުރުސޫރަރިވެތި މޫނާއި، ކުލަފަތިކަން ވެފައިވަނީ، ސިއްތިގެ މަންމަ ދަލޭކަ ނިދިން މަޙްރޫމު ކުރުވި ކަމަކަށެވެ. ސިއްތިގެ އުމުރަށް އިތުރުވި ކޮންމެ އަހަރަކާ އެކު، ޝާއްބަކަމަށް އިތުރު ފުރިހަމަކަމެއް އައި ސިއްތިއާ އިންނަން މީހުން ތެޅިފޮޅެނީ އެވެ. ދަލޭކަ ކިތަންމެ ބޮޑު ބޮކުސާއަކަށް ސިއްތި ލައިގެން ބަނދެގެން ހުއްޓަސް، ހަނދުވަރުކުރަފިތަކަށް އެކަން ސިއްރެއް ނުކުރެވުނެވެ. ހަނދެއް ފަދަ ސިއްތީގެ ހަނދުވަރު ދުށުމަށްޓަކައި، ގިނަ އަދަދެއްގެ ލާނެތް ޒުވާނުން ބިސްމަޅިދުއްވައިގެން ތިބެއެވެ. އެންބޭރުން މަތިއަނގޮޅި އަށް، އަދި ގަލުއޮޅިން ފަންނާ ހަމަ އަށް ވެސް، ސިއްތިގެ ޖާދޫ އޮތީ ފެތުރިފަ އެވެ. ވަގުތު ކުޑަތަންވަމުން އަންނަ ކަމާއި، ކަށިން މަދުނަގައިގެން ނޫނީ ސިއްތިގެ ހިތް ފަތަހަ ނުކުރެވޭނެކަން، އަލިހޮއްކޮ އަށް ގައިމުވި އެވެ.

ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ވަރުގެކޮޅަށް ނަލަހެދިގެން، ވަރުގަދަ އުންމީދަކާ އެކުގައި އަލިހޮއްކޮ ގެއިން ނުކުތެވެ. ސިއްތި ދެކެ ލޯބިވާ ވާހަކަ ބުނުމަށްޓަކަ އެވެ. ގަސްތަކުގެ ސަބަބުން މަތި ބެދިފައިވާ މަގުގެ ތެތްކަމާއި، ހިތުވިންދު އަވަސްވެފައި ހުރުމުން، އަލިހޮއްކޮގެ އަތްފައި ހުރީ ފިނިވެފަ އެވެ. ނަސީބު ރަނގަޅުކަމުން، އުވަދޮންބެ އަންނަތަން އަލިހޮއްކޮ އަށް ފެނުނެވެ. އަލިހޮއްކޮގެ ނަޒަރު ހުރީ، އުވަދޮންބެގެ ބޯމަތީގައި ބަހައްޓާފައި ހުރި ފޮށިގަނޑަށެވެ. އަލިހޮއްކޮ ހުއްޓިފައި އަންބޮނޑި ހާވަން ފެށުމުން، ވާން މި އުޅޭ ގޮތް އުވަދޮންބެ އަށް ރޭކާލި އެވެ. ވުމާއެކު، އަލިހޮއްކޮ ކައިރި އަށް ހުއްޓިފައި، ބޯމަތިން ފޮށިގަނޑު ބޭލި އެވެ.
"ކިހާވަރެއް؟" އަލިހޮއްކޮ އެހި އެވެ.

"ހަމަ އެންމެ ފަންސަވީސް ލާރި އަށް ބައިލާހި،" އުވަދޮންބެ ބުންޏެވެ.

އަލިހޮއްކޮ ފަންސަވީސް ލާރި ދިނުމުން، ރޯބަކަރި ކިރު ފުޅިއެއް އުވަދޮންބެ ދިނެވެ. އެ ފޮށިގަނޑުގައި ގިނައީ ހުސް ފުޅި އެވެ.

"އައްދެއްޔޭ! އެންމެ ފުޅިއެއް މި އޮތީ ވެސް ދޯ؟" އަލިހޮއްކޮ އެހި އެވެ. "ހާދަހާވާ ތަދު ދުވަހެކޭ."

"އާނ!" އުވަދޮންބެ ފުން ނޭވައެއް ބޭރުކޮށްލަމުން ބުންޏެވެ. "މިއަދު ދަލޭކަ ހުރީ އަތްއަނބުރާލާފަ. ހީވަނީ އެ ގޭގަ ބޮޑުކަމެއް އޮތް ދުވަހެއްހެން."

"އެއީ ކޮން ކަމެއްބާ؟" އަލިހޮއްކޮ އެހި އެވެ.

"އުވަދޮންބެއަކަށް ތިއެއް ނޭނގެ،" ހިނގައިގަންނަމުން ދޮންބެ ބުންޏެވެ. "ހުސް ފުޅި ގެ އަށް ލައިދޭތި."

"އާނ! އެހެންވިއްޔާ މަޑުކުރޭ!" ފުޅީގައި ތުންޖަހަމުން އަލިހޮއްކޮ ބުންޏެވެ.

ތުންޖެހިގޮތަށް ފުޅި ހުސްކޮށްލުމަށް ފަހު ހުސް ފުޅި ދޮންބެ އަށް ދިނެވެ. އެ އަށް ފަހު، ބޭނުންވި މިސްރާބަށް ދަތުރު ފެށި އެވެ. އާ ހިތްވަރަކާ ފޯރިއަކާ އެކުގަ އެވެ. އެ ގެއާ ހަމަ އަށް ދެވުނުއިރު، އިރުއޮއްސިއްޖެ އެވެ. އަލިހޮއްކޮ ސިއްރުސިއްރުން ގެ އަށް ވަނެވެ. މުޅި ގެ އަށް ފެތުރިފައިވަނީ، އާދަޔާ ޚިލާފު މީރު ވަހެކެވެ. އަލިހޮއްކޮ ލަފާކުރި ގޮތުގައި، އެއީ ހުވަނދުމަލާއި ކަނީރުމަލުގެ ތެރެއަށް ޗަންޕާޕޫލުމާ އެކުވުމުން ދުވާ ކަހަލަ ވަހެކެވެ. އޭގެ އިތުރަށް، ލަންސިމުލާއި، މޫނިމަލާއި، އުނިމަލުގެ ވަސް ވެސް، ބައެއް ފަހަރު އަލިހޮއްކޮ އަށް އިހުސާސްކުރެވުނެވެ. އެ ގެއާ ދޭތެރޭގައި އަލިހޮއްކޮ އަށް ވިސްނާލެވުނީ އެ ވަގުތު އެވެ. ހައިވަކަރާއި، ބުރުދާ ވަކަރުގެ ބެރިތަކުން، ކޮންމެވެސް ސިއްރެއް ކިޔައިދޭން އުޅޭ ކަހަލަ އެވެ. ސައްކެޔޮ ލަކުޑިން ހަދާފައިވާ ދޮރުފަތްތަކާއި، އަލަމާރިތަކުގައި ލާފައިވާ ވަރުނީހުން، ދަޅަގަދަ އޮފެއް އަރަމުންދިޔަ އެވެ. ހީވަނީ، ކުޑަ އިރުކޮޅެއް ކުރިން ގެ އަލުން ޒީނަތްތެރިކޮށްފައިވާހެންނެވެ. އެފަދަ ކަމެއް އެ ގޭގައި ކުރާނީ ކާކު ބާއޭ އަލިހޮއްކޮ ހިތަށްއެރި އެވެ. ފެށުނީއްސުރެ ވެސް އެ ގޭގައި ދިރިއުޅެނީ ދަލޭކަ އާއި ސިއްތި އެވެ. ގޭގެ މެދުގޭތެރޭގައި، ހުރި ބޮޑު ހައިވަކަރު މޭޒުގެ ވަށައިގެން ގޮނޑިޖަހާފައި ހުއްޓެވެ. މޭޒުމަތި އޮތީ ހުހަށެވެ. މީހެއްގެ ފިޔަވަޅުގެ އަޑަށް އަލިހޮއްކޮ ދޮރުފަތާ ނިވާވި އެވެ. އެކަމަކު މީހަކު ނުފެނުނެވެ. ދޮރުގެ ނިވަލުން ނުކުމެފައި ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ކުރިން ހުހަށް ހުރި ބޮޑު މޭޒުގެ ސުފުރާމަތި އޮތީ ފުރިފަ އެވެ. އަލިހޮއްކޮއަކަށް ގަބޫލެއް ނުކުރެވުނެވެ. އެންމެ ދެތިން މިނެޓު ތެރޭގައި އެހެނެއް ނުވާނެ އެވެ.

"ދަރިފުޅާ؟" ދަލޭކަގެ އަޑު އިވުނެވެ.

"މި ނުކުންނަނީ." ސިއްތި ޖަވާބުދިން އަޑު އިވުނެވެ.

ސިއްތިގެ އަޑު އިވުނު ދިމާލަށް އަލިހޮއްކޮ ދިޔަ އެވެ. އަދި ފެންނަން ހުރި ބާކޮޅަކުން ކޮޓަރި އަށް ނަޒަރު ހިންގާލި އެވެ. ސިއްތި އިނީ އެނދުގައި އިށީނދެލައިގެންނެވެ. އެނދުމަތީގައި، ލާޖެހި ކުރަނޑި އާއި ދަޅުތައް ހުއްޓެވެ. އޭގެ ތެރޭގައި، ރަން އުޅާބަޔާއި، ރަން ތަކަހޮޅި އާއި ކަންފަތުލާ މުދިބަޔާއި އަދި ރަން ފައްޓަރުބައި ހުއްޓެވެ. ހަމަ އެހެންމެ، ރަން ކެވެއްޔާއި، ތަނޑި ވެސް ހުއްޓެވެ. ސިއްތި ލައިގެން ހުރީ ޕޫލްރަސަމް ނުވަތަ އަދާރަސަމް ފޮތީގެ ލިބާހެކެވެ. ފޭލީގައި، ރަނާއި ރިހިން ކަސަބުޖަހާފައިވެ އެވެ. ބޮލުގައި، ރަން ކިނާރީ އެޅި، މަޑު ނޫ ކުލައިގެ ތުނި ބުރުގާއެއް އޮތެވެ. ކުރިން ސިއްތި އަކީ ބުރުގާއަޅާ ކުއްޖެއް ނޫނެވެ.

"މަގޭ ޔާގޫތު!" މަޑުމަޑުން އަލިހޮއްކޮ އަށް ބުނެވުނެވެ.

ދިއްލާފައިވާ ބައްތީގެ އަލީގައި، ސިއްތިގެ މަޑު ފިޔާތޮށި ކުލައިގެ މޫނު، ޔާގޫތެއް ފަދައިން ވިދަމުންދިޔަ އެވެ. އެކަމަކު، ހިތުގައި އުތުރިއަރަމުންދިޔަ ސުވާލުތަކުގެ ސަބަބުން، އަލިހޮއްކޮގެ ހިތް އަވަސް ވާން ފެށި އެވެ. ވާން އުޅެނީ ކީއްހެއްޔެވެ؟ ގޭގައި ތައްޔާރުކުރެވިފައިވަނީ ކޮން ޖާފަތެއް ހެއްޔެވެ؟ ސިއްތި ޒީނަތްތެރިވަނީ ކީއްކުރަން ހެއްޔެވެ؟ ކުއްލިއަކަށް، މުޅި ގޭތެރެ އަށް އަލިގަނޑެއް އެރި އެވެ. ވަރަށް ވަރުގަދަ މީރު ވަހެއް ދުވި އެވެ. އެއާއެކު، ދަލޭކަ އައިސް، ސިއްތިގެ ކޮޓަރީގެ ދޮރުމައްޗަށް އެރި އެވެ. ސިއްތި ބަލައިލި އެވެ. އުންމީދުން ފުރިގެންވާ ބެލުމަކުންނެވެ.

"އަތުވެއްޖެ!" ދަލޭކަ ހިނިތުންވެފައި ބުންޏެވެ.

ދަލޭކަ އެއް ފަރާތަކަށް ޖެހިލުމާ އެކު، ހުދު ހެދުމެއްގައި ހުރި ބޮޑު މީހަކު ދޮރުމައްޗަށް ހުއްޓުނެވެ. އެ މީހާގެ ގައިގައި ހުރި ގަދަ އަލިކަމެއްގެ ސަބަބުން، އެއީ ޖިންނިއެއްކަން އަލިހޮއްކަ އަށް ގައިމުވި އެވެ. އެ ޖިންނި ފެނުމުން، އުފަލުން ފޮޅިފައި ސިއްތި ތެދުވި އެވެ. ޖިންނި އެތެރެ އަށް ވަނެވެ. އެހެންނަމަވެސް، ފިޔަވަޅެއް ނާޅަ އެވެ. ހީވީ، ފުރޮޅުލާފައި ހުރި އެއްޗެއްގެ މަތީގައި ހުރެފައި، އެ އެތި ދުއްވާފައި ވަތްހެނެވެ.

"ބައްޕާ!" ސިއްތި ބުންޏެވެ.

އެ ޖިންނި، އޯގާތެރިކަމާ އެކުގައި ސިއްތިގެ ބޮލުގައި ފިރުމާލި އެވެ. އަދި ސީދާ އަލިހޮއްކޮގެ ލޮލަށް ބަލައިލި އެވެ. އަލިހޮއްކޮގެ މޭގަނޑު އަތަށް ނައީ ކިރިޔާ އެވެ. އެހެންނަމަވެސް، އަލިހޮއްކޮއަކަށް އެ ޖިންނި އެއްވެސް ގޯނާއެއް ނުކުރެ އެވެ.

"އިންސާނެއްގެ އަތުގައި ދަރިފުޅު ޖެހުނަ ނުދީ މަންމަ ނިކަން ރަނގަޅަށް ބަލަހައްޓައިފި،" ޖިންނި ހަމަޖެހިލާފައި ބުންޏެވެ. "ބައްޕަ ބުނެފަ އޮންނާނީ، ދަރިފުޅު ހަކާވެ، މީހަކާ ދެވަން މަންމަ ބޭނުންވީމަ ބައްޕަ އަށް އަންގާށޭ. ދަރިފުޅަށް އެންމެ އެކަށީގެންވާ މީހުން އުޅެނީ އަހަރުމެންގެ ތެރޭގަ."

އިސާހިތަކު ގޭތެރެ ފުރުނެވެ. ސިއްތިގެ ކައިވެނި ޖިންނިއަކާ ކުރެވުނީ އަލިހޮއްކޮގެ ލޯކުރިމަތީގަ އެވެ. އަލިހޮއްކޮ އަށް ސިއްތި ނުލިބުނު ނަމަވެސް، ސިއްތި ލިބުނު މަޚުލޫގަކީ، އިންސާނަކާ އެއްވެސް ތަފާތެއް ނެތް، ކިތަންމެހާ ވެސް ރީތި، ހަރޮށި ފިރިހެނެއްކަމުގައި އަލިހޮއްކޮ ގަބޫލުކުރި އެވެ. އޭގެ ކުރިން ވެސް އަދި ފަހުން ވެސް، އެ ފަދަ ހައިރާންކުރަނިވި ހާދިސާއެއް އަލިހޮއްކޮ ނުދެކެ އެވެ.

ކައިވެންޏަށް ފަހު ސިއްތި ގެއްލުނީ އެވެ. ސިއްތި ގެއްލުނު ގޮތާ މެދު، ރަށުތެރޭގައި އެކި ގޮތްގޮތަށް ވާހަކަދެކެވުނެވެ. އެންމެން ހައިރާންވި އެއް ކަމަކީ، ސިއްތިގެ މަންމަ ހަމަޖެހިފައި ހުރީމަ އެވެ. ކިތަންމެ ބަޔަކަށް އަލިހޮއްކޮ އެ ވާހަކަ ކިޔައިދިނެވެ. އެކަކު ވެސް ގަބޫލެއްނުކުރި އެވެ. މީހުން ބުނި ގޮތުގައި، ސިއްތިގެ ޖާދޫގައި ޖެހިފައި އަލިހޮއްކޮގެ ހޭބުއްދި ފިލައިދިޔައީ އެވެ. ސިއްތި ކުއްލިއަކަށް ގެއްލުމުން، އިތުރު ތިން މީހުން އެކި ކަހަލަ މޮޔަ ވާހަކަދައްކަމުން ރަށުތެރޭގައި ހިނގި އެވެ.

"މަގޭ ޔާގޫތަކީ ޖިންނިއެއްގެ ދަރިއެއް!" އެކަނި އިނދެގެން އަލިހޮއްކޮ ކިޔަ އެވެ. "މަގޭ ޔާގޫތު އިނީ ޖިންނިއަކާ!"

)ނިމުނީ(

ލޭދައުރުކުރާ ނިޒާމް


ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު

ލޭދައުރުކުރާ ނިޒާމް ނުވަތަ ހިތާއި ލޭހޮޅިތަކުގެ ނިޒާމަކީ ހަށިގަނޑުގެ އެކި ހިސާބުގައިވާ ސެލްތަކާއި ޓިޝޫތަކަށް ލޭ ފޮނުވައި ދިނުމާއި، އަދި އެޓިޝޫ ތަކުން އަނބުރައި ލޭ ހިތާއި ދިމާލަށް ފޮނުވައި ދިނުމުގައި ޒިންމާވާ ނިޒާމެވެ. ހަށިގަނޑަށް ބޭނުންހުރި ކާނާގެ ބައިތައް ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޯރުކޮށްދެނީ ވެސް ލޭގެ ޒަރީޢާއިންނެވެ. ހަށިގަނޑުގެ ފިނިހޫނުމިން ސާބިތުކަންމަތީ ހިފަހައްޓައިދީ، އަދި ހަށިގަނޑުގައި ހިމެނޭ އެސިޑް-ބޭސްގެ މިންވަރު ވެސް ހަމަހަމަކަންމަތީ ބަހައްޓައި ދިނުމުގައި ލޭދައުރުކުރާ ނިޒާމް އެހީތެރި ވެދެއެވެ.